ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިއަހަރުގެ މިހާތަނަށް 570 ފަރާތަކަށް ޖުރިމަނާ މާފުކޮށްދީފައިވާކަމަށް މީރާގެ ފަރާތުން ހާމަކޮށްފިއެވެ. މިއަދު މީރާގެ ފަރާތުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ޖުރިމަނާ މާފްކުރުމަށް ޓެކްސް ތަކާއި ގުޅޭގޮތުން މީރާއިން އެކުލަވާފައިވާ އުސޫލަށް ފެތޭ ކޮންމެ ފަރާތަކަށްވެސް މީރާއަށް ފައިސާ ދެއްކުމުން ނުވަތަ ފައިސާ ދައްކާނެ ގޮތަކާއި މެދު މިރާއާއި އެއްބަސްވުމަކަށް އަތުވެއްޖެނަމަ ޖޫރީމައިނާ މާފުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ލޮކްޑައުން މުއްދަތުގައި ރިލީފް ޕެކޭޖްގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން، ޓެކްސް ކްލިއަރެންސް ނުވަތަ މީރާއަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ކަނޑައަޅާފައިވިޔަސް ބޭންކުތަކުން ފޯރުކޮށްދޭ ވޯކިންގް ކެޕިޓަލް ފެސިލިޓީސްތައް ނުވަތަ ބޭންކް ލޯނުތައް ހޯދުމަށް މީރާގެ ކްލިއަރެންސެއް ހޯދަންޖެހޭކަމަށެވެ. މިގޮތަށް ޓެކްސް ކްލިއަރެންސް ހޯދުމަށް ލޮކްޑައުންގެ ތެރޭގައި 182 ފަރާތަކުން މީރާއަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެތެރެއިން، 121 ފަރާތަކަށް މިހާރު އެކަން ހަމަޖައްސައިދީފައިވާ ކަމަށާއި އެހެން ފަރާތްތަކަށް ހަމަޖައްސަދިނުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. އެގޮތުން 182 ފަރާތުގެ ތެރެއިން 176 ފަރާތަކަށް މިހާރު ވަނީ އެޓެންޑުކުރެވިފައި ކަމަށާއި ބާކީ ހުރި ފަރާތްތަކަށް އެޓެންޑްކުރުމުގެ ނުވަތަ އެފަރާތްތަކުގެ ކްލިއަރެންސް ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ސީޖީ ފާހަގަކުރިގޮތުގައި މިކަމުގައި ބަލަނީ ޖޫރީމަނާ މާފުކޮށްދިނުމުގައިވެސް އަދި ޓެކްސް ކްލިއަރެންސް ދިނުމުގައިވެސް ބަލާކަމަކީ ފައިސާ ދެއްކުން ކަމަށެވެ. ކުރިޔަށް ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ ޖޫރީމައިނާ މާފުކޮށްދެވޭނެކަމަށާއި ކްލިއަރެންސް ލިބޭނެކަމަށެވެ. ނުވަތަ ފައިސާ ދައްކާނެގޮތަކަށް މީރާއާއިއެކު އެއްބަސްވުމަކަށް އާދެވި އެއާއި އެއްގޮތަށް ފައިސާ ދައްކާނަމަ ޓެކްސް ކްލިއަރެންސް ލިބި ޖޫރީމައިނާ މާފުކުރުމުގައި ފައިސާ ދައްކާ ފަރާތެކޭ އެއް އުސޫލަކުން އެފަރާތަކާއި ދޭތެރޭ އަމަލުކުރަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ