ޢީދުހަދިޔާ: ޚިޒާން

ބޭރުގައި  އޮތީ އޭނާގެ ނަމެވެ. "މިސިޒް ރާބިޢާ ޢަދީލް."

އޭނާ އަށް ކުއްލި ސިހުމެއް ލިބުނެވެ.

މިއީ ކޮން ސިޓީއެއް ބާވައެވެ؟ ކާކު ފޮނުވި ސިޓީއެއް ބާވައެވެ؟ އޭނާ ވިސްނަމުން ދިޔައެވެ.

އަހަރެން މި ގޭގައި އެކަނި އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަހަރެން މިއީ އުޅޭ މީހެއް ކަން ދަންނަ އެކަކުވެސް ނޫޅެއެވެ.

އަހަންނަށް ސިޓީ ފޮނުވާނީ ކާކު ހެއްޔެވެ؟

އަހަރެންގެ ހިކެން ފަށައިފައިވާ ފާރުގަނޑު އަލުން ކޮންނާން އުޅެނީ ކާކު ހެއްޔެވެ؟

އޭނާ ސިޓީ ހިފައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ. ސިޓީބަހާމީހާ އެނބުރި ހިނގައްޖެ އެވެ.

ސިޓީ އޮތީ ޓައިޕް ކޮށްފައެވެ. ސިޓީގައި ހުރި ޢިބާރާތް ތަކަކީ އޭނާއަކަށް އައު ޢިބާރާތްތަކެއް ނޫނެވެ. އެއީ އެއް ދުވަސްވަރެއްގައި އޭނާ އަށް ހާދަހައި ބޮޑު އުފާވެރިކަމެއް ގެނެސްދިން ޢިބާރާތް ތަކެކެވެ. އޭނާގެ ހިތުގެ ހިނގުން ކަމުގައި ވެގެން ދިޔަ ޢިބާރާތް ތަކެކެވެ. އޭނާގެ ތެދުވެރި ޖަޒުބާތުގެ ރައްކާތެރިކަމުގެ ނިޝާނެއް ކަމުގައި ހިމެނިގެން ދިޔަ ޢިބާރާތް ތަކެކެވެ.

 "ހޫނ..." އޭނާ ފުން ނޭވައެއް ލިއެވެ. އޭނާ ސިޓީ އުރަ އެއް ފަރާތަކަށް އެއްލައިލިއެވެ. ސިޓީގައި ހުރި ޢިބާރާތް ތަކަކީ މިހާރު އެއްވެސް މާނައެއް ހުރި ޢިބާރާތްތަކެއް ކަމަކަށް އޭނާއަކަށް ނުފެނެއެވެ.

ޖަޒުބާތުގައި ތެދުވެރިކަމެއް ނެތިފައި ނިޔަތުގައި އިޚްލާޞްތެރިކަމެއް ނެތަމަ، ލިޔެފައި ހުުންނަ އަކުރުތަކެއްގައި ހުންނާނީ ކޮން ދިރުމެއް ހެއްޔެވެ؟

އޭނާގެ މޫނުމަތީން ފެންނަނީ ނުރުހުމުގެ އަސަރެވެ. އޭނާގެ ހިތުގައި ހިނގަނީ މައިތިރި ވުމުގެ އެއްވެސް ނިޝާނެއް ނެތް ޠޫފާނެކެވެ.

ޢަދީލެވެ. މަލަކީ އެންމެ ފަހަރަކު ފޮޅޭ އެއްޗެއް ކަމެއް ޢަދީލަކަށް އެނގިފައެއް ނެތް ހެއްޔެވެ؟ އެއް މަލެއް ދެ ފަހަރަކު ނުފޮޅޭނެއެވެ. އާނއެކެވެ. ވަސް ގިނަ ދުވަހަށް ދެމި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ދިހަ އަހަރު ފަހުން ޢަދީލް ތިޔަ މަސައްކަތް ކުރަނީ މި ޙަޤީޤަތުގެ އަޖުމަ ބަލާށެވެ. ނޫނެކެވެ. އެއީ އެއް ގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އެ ކަމެއް ދެނެއް ނުވާނެއެވެ.

ޢަދީލެވެ. ގަސްގަހާ ގެއްސަށް ފެނާ ނުލައި ދިރި ތިބެވޭނީ ވަކި މުއްދަތެއް ވާންދެން ކަމެއް ޢަދީލަކަށް ނޭނގޭ ހެއްޔެވެ؟ އެއް ގޮތަކަށްވެސް ފެން ނުދީ މާ ގިނަ ދުވަސް ވެއްޖެ ނަމަ ގަސް ހިކިދާނެއެވެ. މަރު ވެދާނެއެވެ. މަރުވެފައިވާ ގަހެއްގައި ފެހި ކުލައެއް ނުހުންނާނެއެވެ. ދިރުމެއް ނުހުންނާނެއެވެ. މާ ސިންގާ ކަނޑެއްގެ ފެން އެޅި ކަމުގައި ވިޔަސް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ.

އަނިޔާވެރިންނޭވެ! ކަލޭމެން ފިރިހެނުންނަކީ އަބަދުވެސް ބޭވަފާތެރި ބައެކެވެ. މީހެއްގެ ކައިރިއަށް ގޮސް ބޭނުން ފުދުނީމާ ހަނދާން ނައްތައިލުމަކީ ފިރިހެނުންގެ އާދައެކެވެ. މީހަކު ފިރިހެނަކަށް ބޭވަފާތެރި ވެއްޖެ ނަމަ ދުވެފައި އަންނަނީވެސް އަހަރެމެންނާ ދިމާއަށެވެ. އޭނާ މަކަރު ހަދައިފިއެވެ. އެހެންވީމާ އޭނާ ދޫކޮށްލީއެވެ. ކަލޭ މާ ރަނގަޅެވެ. މިއީ އާދަވެގެން ކޮންމެ އަންހެނަކުހެން އަޑު އަހާ ވާހަކައެކެވެ. ދޮގުވެރިކަމުގެ ޙައްދެއް ނެތެވެ.

އެނބުރި އަންނާން ބޭނުން ނަމަ ކުރީން ނައީ ކީއް ވެގެން ހެއްޔެވެ؟ މި ގަސް މަރުވުމުގެ ކުރީން ނައީ ކީއްވެގެން ހެއްޔެވެ؟ ފެހި ކުލައިގެ ދެތިން ފަތް ހުއްޓާ ނައީ ކީއްވެގެން ހެއްޔެވެ؟ މިހާރު މާ ލަސް ވެއްޖެއެވެ. މާ ބޮޑަށް ލަސް ވެއްޖެއެވެ.

ރާބިޢާ އޭނާގެ ފިރިމީހާ ޢަދީލް ފޮނުވި ސިޓީ ކިޔާފައި ފަށް ޖަހައިލިއެވެ. އޭނާގެ ދަރިފުޅު ޒައިން އަދި އިސްކޫލަކުން ނާދެއެވެ.

އެއީ މޫސުން ރަނގަޅު އުޑުމަތި ސާފު ދުވަހެކެވެ. ވިއްސާރަ ކުރާތާ އެތައް ދުވަހެއް ވެފައި މޫސުން ރަނގަޅުވީތާ އަދި ދެތިން ދުވަސް ވެސް ނުވެއެވެ. ރާބިޢާ ކޮޓަރީގައި އެކަނި އޮވެގެން ވިސްނަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައި މާޒީގެ އެކި އެކި ޙާދިސާތައް ފިލްމެއްގެ ރީލެއްހެން ނިއުޅެމުން ދަނީއެވެ. އެއީ އޭނާގެ އުފާވެރި މާޒީގެ ފިލްމެވެ.

އެއީ ހަމަ މިކަހަލަ ދުވަހެކެވެ. މޫސުން ރަނގަޅު، އުފާވެރި ދުވަހެއްގެ ހެނދުނެވެ.

"ދައްތަ ދެވާން އުޅެނީ ކާކާކަން އެނގިއްޖެތަ؟"

"ނޭނގޭ." އޭނާ ޖަވާބު ދިނެވެ.

އެކަމަކު ނަޖްމާ އޭނާގެ ވާހަކައެއް ޤަބޫލެއް ނުކުރެއެވެ. "އަހަންނަށް އޮޅުވައިލާން އުޅޭނޭ ކަމެއް ނެތް. ކާވެނީގެ ހުރިހައި ކަމެއް ހަމަ ޖެހުނީމާވެސް ތިޔަ ހުންނަނީ އަހަންނަށް ނާންގާ."

"ކީކޭ؟ ކޮން ކައިވެންޏެއް؟ ތިޔައީ ކާކު ދައްކައިގެން އުޅޭ ވާހަކައެއް؟" ރާބިޢާ ޙައިރާން ވިއެވެ.

"މިއީ މީހަކު ދައްކައިގެން އުޅޭ ފުލޯކު ވާހަކައެއް ނޫން. މިއީ ތެދެއް. ސިއްރު ކުރާން އުޅޭނޭ ކަމެއް ނެތް."

"ނަޖްމާ. އަހަަރެން ސިއްރެއް ނުކުރަން. ތިޔައިން އެއްވެސް ކަމެއް އަހަންނަކަށް އެނގިފައެއް ނެތް."

"އެންމެ ރަނގަޅު. ނޭގެންޏާ އަޑު އަހާ. ކަމަނާ ކާވެނި ކުރައްވާ ބޭފުޅަކީ ޢަދީލް ޝާހިދު. މިހާރު އެނގިއްޖެތަ؟" ނަޖްމާ ބުންޏެވެ. "ދެން ނިކަން ބުނެބަލަ. ހަމަ އެއްވެސް ކަމެއް ނޭނގޭތަ؟"

"ތިޔައީ ތެދު ވާހަކައެއްތަ؟" ރާބިޢާ އަހައިލިއެވެ.

"އާނ. މިއީ ތެދެއް. އަހަރެންގެ ވާހަކަ ޤަބޫލު ނުކުރަންޏާ ގޮސް މަންމަ ކުރެން އަހާ."

"އެކަމަކު..."

"ކޮން އެކަމަކުއެއް؟ އަވަހަށް ސައި ދޭން ހިނގާ. ދައްތަގެ ނަސީބު ވަރަށް ގަދަ." ނަޖްމާ އޭނާޔާ ދިމާ ކުރުމެއް ހުއްޓައެއް ނުލިއެވެ.

އެކަމަކު ރާބިޢާގެ ހިތުގައި އޭރު ހިނގަނީ މުޅީން އެހެން ޚިޔާލެކެވެ. އޭނާގެ ހިތަށް އަރައެވެ. މިއީ އަނެއްކާ ހުވަފެނެއް ނޫން ބާވައެވެ؟ އެހައި ރީތި، ރަނގަޅު ފިރިހެނަކު އަހަރެންނާ އިންނާނެ ބާވައެވެ؟

ޢަދީލަކީ ރާބިޢާގެ ބޮޑު ބޭބެގެ ދަރިއެކެވެ. އެއީ މުޅި ޢާއިލާގައި ހުރި އެންމެ ރީތި މީހާއެވެ. އޭނާ ހުރީ ވިލާތުން ކިޔަވައިގެންނެވެ. ކިޔެވީ އިންޖިނިއަރިންގ އެވެ. އެއީ އެންމެންގެވެސް އާދައެވެ. މާ މޮޅަށް ކިޔެވުނީމާ ބޮޑު މީހަކަށް ވީއެވެ. އެކަމަކު ޢަދީލަކީ އެހެން މީހުންނާ މުޅީން ތަފާތު މީހެކެވެ. މޮޅަށް ކިޔެވުމަކުން އޭނާގެ ކިބައިގައި ހުރި ރީތި އަޚްލާގަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެންމެންނާވެސް ހިތްހެޔޮ ކަމާއެކު ވާހަކަ ދެއްކުމަކީ އޭނާގެ އާދައެކެވެ.

ޢަދީލް ބޭނުން ވަނީ އަދިވެސް މޮޅަށް ކިޔަވާން ބޭރަށް ދާށެވެ. އެމެެރިކާ އަށް ގޮސް ކިޔަވައިގެން އައިސް ޤައުމަށް ޚިދުމަތް ކުރުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ. އޭނާގެ މިޒާޖާއި އުޅުމުގައި ހުންނަ އަބުރުވެރި މާތް ގޮތެއްގެ ސަބަބުން އޭނާޔާ އިންނަ ހިތުން އުޅޭ ޒުވާން އަންހެން ކުދިން ވަރަށް ގިނައެވެ. އެކަމަކު އެ ނަސީބު ދިމާވެފައި މި އޮތީ ރާބިޢާ އަށެވެ. އޭގެ ސަބަބުން ޢާއިލާގެ އެހެން އަންހެން ކުދީންގެ ހިތުގައި އޭނާގެ މައްޗަށް ޙަސަދަވެރިކަން އުފެދިގެން ދިޔައެވެ. އޭނާޔާ ހެޔޮ ހިތުން ވާހަކަ ދައްކާ ކުއްޖަކަށް އުޅެނީ ނަޖްމާ އެކަންޏެވެ. އޭނާއަކީ ރުޅި އަންނާން ދަންނަ ކުއްޖެއް ނޫނެވެ. އެއީވެސް އޭނާގެ ބޮޑު ބޭބެއެއްގެ ދަރިއެކެވެ. އަދި އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާވެސް މެއެވެ. ނަޖްމާ އަކީ ރާބިޢާ އަށް ވުރެ ހަގު ކުއްޖެކެވެ.

"އޭތް. ތިޔަ ގެއްލުނީ ކޮން ދުނިޔެއަކަށް." ރާބިޢާ ހިމޭނުން ހުންނާތީ ކަމު ނުގޮސްގެން ނަޖުމާ އަހައިލިއެވެ.

"ކީކޭ؟" ރާބިޢާ ސިހުނެވެ.

ނަޖުމާ ތެދުވެގެން ހިނގައިގެންފިއެވެ. ރާބިޢާ އޭނާ ދިޔަ ނުދީ ހިފަހައްޓައިފިއެވެ.

ރާބިޢާ މި ދުވަސްވަރު ހުންނަނީ ވަރަށް އުފަލުންނެވެ. ހޭލާ ހުރެގެން އުފާވެރި ހުވަފެން ދެެކެނީ މަދުންނެއް ނޫނެވެ. އެކަނި މާއެކަނި ހުރެގެން ލަވަވެސް ކިޔަނީއެވެ.

އިންސާނާގެ އަޚްލާޤު ރަނގަޅު ވެފައި އަބުރުވެރި އުޅުމެއް ހުންނަ ނަމަ އެ މީހަކަށް ނުކުރެވޭ ކަމެއް ވަރަށް މަދު ވާނެއެވެ. އޭނާގެ ވާން އުޅޭ ފިރިމީހާ އެކީ މި ސިފަތައް ލިބިފައި ހުރި މީހެކެވެ.

ކާވެނީގެ ދުވަސް ކައިރި ވަމުން އަންނަނީއެވެ. ޢަދީލްގެ ބައްޕަ  ޢާމިރު ބޭނުން ވަނީ ކުރިއަށް އޮތް ފަސް މަހެއްހައި ދުވަހުގެ ތެރޭގައި ކާވެނީގެ ކަންތައްތައް މުޅީން ނިންމައިލާށެވެ. ޢަދީލް އެމެރިކާ އަށް ފުރަނީ ހަ މަސް ދުވަސް ފަހުންނެވެ.

މި ކަންތައްތައް ފެށިގެން އައި އިރު ޢަދީލްގެ ލަފައެއް ހޯދި ކަމެއް އެނގިފައެއް ނެތެވެ. އެކަމަކު ހުރިހައި ކަމެއް ނިމުނުތާ ދެ މަހެއްހައި ދުވަސް ފަހުން އޭނާ ގެ ޚިޔާލު ހުރި ގޮތެއް ބަލައިލާން ސުވާލު ކޮށްލީމާ އޭނާ ދެކޮޅެއް ނުހަދައެވެ. މައިންބަފައިންގެ ނިންމުމަށް ކިޔަމަންތެރި ކަމާއެކު ބޯ ލެނބީއެވެ.

އެއް ދުވަހަކު ނަޖްމާ ދުވެފައި އައިސް ކިޔައިފިއެވެ. "ދައްތާ. މާދަމާ އަރްޝަދްބޭބެ އެބަ އާދޭ." ނަޖްމާ ހުރީ ބިރުންނެވެ. އަރްޝަދަކީ އެ މީހުންގެ ބޮޑުބޭބެއެކެވެ. ނަޖްމާ އޭނާ ދެކެ ވަރަށް ބޮޑަށް ބިރު ގަނެއެވެ. "އަރްޝަދް ބޭބެ އަންނަނީ ދައްތަގެ ކާވެންޏަށޯ."

"އެހެންތަ؟"

"އާނ. މަންމަ ބުނީ އަންނަ މަހުގެ ސައުވީސްވަނަ ދުވަހު ކާވެނި ކުރާ ގޮތަށް ހަމަ ޖެހިއްޖެއޭ."

"އެހައި އަވަސް ކުރާން އެ އުޅެނީ ކީއްކުރަންބާ؟" ރާބިޢާ އަހައިލިއެވެ.

"އަހަންނަކަށް ނޭނގޭ. އަވަސް ކުރަން ޖެހުނު ކަމެއް އެނގޭނީ ބޮޑެތި މީހުންނަށް."

ކާވެނި އެހައި އަވަސް ކުރާން ޖެހުނު ސަބަބެއް އެނގުނީ ފަހުންނެވެ. ޢަދީލްގެ ވިސާ ލިބެނީ ކުރިއަށް އޮތް މަހުގެ 25 ވަނަ ދުވަހުއެވެ.

ޢަދީލްގެ ގެ އެ ރެއަށް ޒީނަތްތެރި ކޮށްފައި އޮތީ އޭގެ ކުރިން ދުވަހަކުވެސް ނުކުރާހައި ބޮޑަށެވެ. އެއީ އެ ގެއަށް މިހައި ތަނަށް އައި އެންމެ އުފާވެރި މުނާސަބާ އެވެ. އެ ގޭ ތެރެއިން އިވެނީ މީހުންގެ ހުނުމުގެ އަޑާއި މިއުޒިކްގެ އަޑެވެ. ކާބޯ ތަކެތި ތައްޔާރު ކޮށްފައި ހުރީ ރަށު އެންމެންނަށް ވާ ވަރަށެވެ.

ކާވެނީގެ ކަންތައްތަކާއި ޕާޓީ ނިމުނު އިރު ހުރީ މެންދަން ވެފައެވެ. ކާވެނި ކުރި ޙަފްލާގައި ޢަދީލާ ދިމާއަށް މާ ގިނަ އިރު ބަލާން ހުންނާކަށް ރާބިޢާ އަކަށް ނުކެރުނެވެ. އެހެންވީމާ އޭނާއަށް ޢަދީލް ރަނގަޅަށް ފެނުނީ ޕާޓީގެ ތެރޭގައެވެ. ޕާޓީއަށް އަންނަ ގިނަ އަންހެން ކުދިން ޢަދީލާ ދިމާއަށް ބަލާ ކަމުގައި ރާބިޢާއަށް ފާހަގަ ކުރެވުނެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. ޢަދީލަކީ ރީތި ކަމުގެ ފުރިހަމަ ނަމޫނާ އެކެވެ. އެހެންވީމާ އެއްވެސް ކުއްޖަކަށް އޭނާ އާ ދިމާއަށް ބަލައި ނުލައެއް ނުހުރެވޭނެއެވެ.

ހުރިހައި ކަމެއް ނިމިގެން އައިސް އަލަތު ދެމަފިރިންނަށް ކަނޑައަޅާފައި ހުރި ކޮޓަރިއަށް ވަދެވުނީމާ ރާބިޢާގެ ހިތަށް ލަދުވެތިކަމުގެ ޝުޢޫރު ވަދެގެން ދިޔައެވެ.

ޢަދީލް އޭނާޔާ ދިމާއަށް ބަލައިލާފައި ބުނެލިއެވެ. "ރާބިޢާ. މިރޭ މިވީ ވަރަށް މޫސުން ރަނގަޅު ރެއަކަށް. އެއީ އަހަރެމެން ދެ މީހުންގެ ހެޔޮ ނަސީބު."

ރާބިޢާ އިސް އުފުލައި ބަލައިލިއެވެ. ޢަދީލް ވާހަކަ ދައްކަމުން ދިޔައެވެ. "އަހަރެމެން މިހައި ތަނަށް ތިބީ މުޅީން ވަކި ދެ ދަތުރުވެރިންގެ ގޮތުގައި. އެކަމަކު މިހާރު މިއީ އެއް މަންޒިލަކާ ދިމާއަށް ދަތުރު ކުރާ ދެ ބައިވެރިން. އަހަންނާ ދިމާއަށް ބަލާލަބަލަ. މިހާރު މިއީ ބީރައްޓެހިންނެއް ނޫން. އެހެން ނޫންތަ؟"

"ލައްބަ." ރާބިޢާގެ ޖަވާބު ވަރަށް ކުރެވެ.

"އެހެން ވެއްޖެއްޔާ އަހަންނާ ދިމާއަށް ބަލާލަބަލަ." ޢަދީލް ރާބިޢާގެ ދަތްދޮޅީގައި އިނގިލި ޖައްސައިލިއެވެ. "ދިރިއުޅުމަކީ ކޮޅެއް މެދެއް ނިމުމެއް ނޭނގޭ ހަނގުރާމައެއް. މިހާރު އަހަރެމެން ދެ މީހުންނަކީ ޙަޔާތުގެ ބައިވެރިން. ރާބިޢާ. ވަޢުދުވޭ. މީގެ ފަހުން އަހަރެމެން ދެ މީހުން ދިރިއުޅުން ވޭތުކުރާނީ އެކީގައި. ކޮންމެ ކަމެއްވެސް ކުރާނީ ދެ މީހުން ރުހޭ ގޮތަކަށް."

ރާބިޢާގެ ހިތަށް އެރިއެވެ. އަހަންނަށް މި ލިބުނީ ހާދަހާ ރަނގަޅު ފިރިއެކެވެ. މިއީ ވަރަށް ރަނގަޅު މީހެކެވެ.

ދެ މީހުން ވާހަކައިގައި ތިއްބާ ފަތިސް ނަމާދަށް ގޮވައިފިއެވެ.

އަނެއް ދުވަހަށް އިރު އެރުމާ އެކީ ގޭތެރޭގައި ހަލަބޮލިކަން އުފެދިގެން ހިނގައްޖެއެވެ. ހީވަނީ ދަތުރު ގޮސްގެން އުޅެނީ ހެންނެވެ. ދެ ދުވަސް ފަހުން ޢަދީލް އެމެރިކާ އަށް ފުރާތީ އޭނާއަށްޓަކައި ތައްޔާރު ކުރެވޭ ވަދާޢީ ޕާޓީގެ ކަންތައްތައް ފެށުނީއެވެ.

"ރާބިޢާ. ރީތި އެއްޗެހި މާ ގިނަ ދުވަހަކަށް ދެމިއެއް ނުހުންނާނެ."

ރާބިޢާ އެނބުރި ބަލައިލިއެވެ. ފުރަގަހުގައި ހުރީ ޢަދީލެވެ. އޭނާގެ ރީތިކަން ބޮޑަށް އެނގެނީ ކައިރިން ފެނުނީމައެވެ.

"ރާބިޢާ. އެހެރަ މާމެލާ މެއްޔަށް ނިކަން ބަލާބަލަ. ކިހައި ރީތި. އަދި އެހައިމެ ނާޒުކު. މިއަދު އެހެން ނޫނީ މާދަމާ އެ ހުރިހައި މަލެއް މިލައި މޯޅި ވެދާނެ. ދެން ދުވަހަކުވެސް ނުފޮޅޭނެ. އެކަހަލަަ އެހެން އެއްޗެތިވެސް ހުރޭ."

"ޢަދީލް. ތިޔަ ބުނުއްވާ ސިފައަކީ ހަމައެކަނި މަލަށް ލިބިފައިވާ ސިފައެއް. އެއީ މަލުގެ ޠަބީޢަތް."

ޢަދީލް އިތުރު ވާހަކަ ނުދައްކައި ރާބިޢާގެ ވާހަކައަށް ތާއީދު ކޮށްފިއެވެ.

އެއީ ކިހައި ރީތި ސިފައެއް ހެއްޔެވެ؟ އެހެން މީހުންގެ ޚިޔާލުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އެންމެންގެ ކިބައިގައި ހުންނަ ސިފައެއް ނޫނެވެ.

"ރާބިޢާ. އަހަރެން ފުރައިގެން ދިޔައީމާ އެކަނިވެރިއެއް ނުވާނެތަ؟"

"ތިޔަ ދައްކަވަނީ ކޮން ކަހަލަ ވާހަކައެއްތޯ؟ ތިޔަ ދުރުވަނީ ވަކި ކަމަކު. ނުލާހިކު ރަނގަޅު މަޤްޞަދެއްގައި. އަޅުގަނޑު މި ތާގައި އެކަނިވެރި ވެގެން އުޅެގެންފިއްޔާ ޢަދީލަށް ޖެހިލައްވާނީ ކިޔެވުން ދޫކުރައްވާފައި އެނބުރި ރަށަށް ދުރުވާކަށް ނޫންތޯ؟"

"އާނ. ރާބިޢާ. އެކަމަކު ބުނަންތަ؟ އެ ތާނގައި ހުންނަ އިރު ރާބިޢާގެ ހަނދާން ވަރަށް ބޮޑަށް ކުރެވޭނެ. މިއަދު އަހަރެމެން ދެ މީހުންނަށް ކުރެވޭ އުފަލަކީ އެންމެ ފަހުގެ އުފަލަށް ވުމަކީ އެކަށީގެންވާ ކަމެއް. މި ބަގީޗާތަކުގެ ތެރޭގައި އުޅެވޭ އެންމެ ފަހު ފަހަރު ކަމަށް ވުމަކީ ދުރު ކަމެއް ނޫން. އެކަމަކު  އިރާދަ ކުރެއްވިއްޔާ އަހަރެމެން ދެ މީހުން އަދި މި ތާނގައި ބައްދަލުވާނެ. ހިނގާ ރާބިޢާ. މި މާމެލާމެލީގެ ޖައްވުގައި ދެ މީހުން ވަޢުދު ވަމާ ހިނގާ. ތެދުވެރި ޖަޒުބާތުގެ ވަޢުދެއް ކުރަމާ ހިނގާ. މާތައް ފޮޅިފައި މިލައި މޯޅިވޭ. ގަސްގަހާ ގެހި ހެދި ބޮޑު ވުމަށް ފަހު އޭގެ މުއްދަތު ހަމަވީމާ މަރުވެދޭ. އެހެރަ ކުދިކުދި ގަސްތަކަށް ފެނާ ނުލައި ތިބެވެނީ ކުޑަ ދުވަސްކޮޅެއް ވާންދެން. އޭގެ ފަހުން މީހަކު އެއަށް ފެން ނުދީފިއްޔާ މަރު ވެދާނެ. ގަހެއް މަރު ވެއްޖެއްޔާ ދެނެއް ނުއެއް ދިރޭނެ. މިއިން އެއްވެސް ގަހެއް، އެއްވެސް މަލެއް މިލައި މޯޅިވެ، މަރުވިޔަ ނުދޭން ވަޢުދު ވަމާ ހިނގާ. އަހަރެމެންގެ ޖަޒުބާތަކީވެސް ދުވަހަކުވެސް މަރުވެގެން ނުދާނޭ އެއްޗަކަށް ހަދާން ހުވައި ކުރަމާ ހިނގާ."

"ޢަދީލް. ޢަދީލަކީ އަޅުގަނޑުގެ ފިރިއަކަށް ވީކަމީ އަޅުގަނޑުގެ ހެޔޮ ނަޞީބު. ޢަދީލަކީ ފުރިހަމަ އިންސާނެއް. އަޅުގަނޑުމެންގެ ލޯބި ދުވަހަކުވެސް މަރުވެގެންނެއް ނުދާނެ."

އޭގެ ދެ ދުވަސް ފަހުން އެ ފުރިހަމަ އިންސާނާ، އޭނާގެ ލޯބިވާ ފިރިމީހާ، ފުރައިގެން ދިޔައީއެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ އޮހުރުވާފައި ވަކިވެގެން ދިޔައީއެވެ. އެއީ ބޮޑު މީހަކަށް ވާށެވެ. މޮޅު މީހަކަށް ވާށެވެ.

ދުވަސްކޮޅެއް ވަންދެން ރާބިޢާއަށް ޢަދީލްގެ ސިޓީ ލިބެމުން ދިޔައެވެ. އީމެއިލް ލިބެމުން ދިޔައެވެ. ސިޓީ ތަކާއި އީމެއިލް ތަކުގައި ހުންނަނީ ރާބިޢާ އާ ވަކީން ބީރައްޓެހި ޤައުމެއްގައި އެކަނި ހުންނާން ޖެހުނީމާ ކުރާ ހިތާމައިގެ ވާހަކައެވެ. ދެ މީހުން ބައްދަލު ވާނޭ ދުވަހެއްގެ ފޮނި އުންމީދުގެ ވާހަކައެވެ.

ޢަދީލް ދިޔަތާ ހައެއްކަ މަސްވީފަހުން ލިބުނު ސިޓީއެއްގައި އާދައިގެ މަތީން ލިޔާ ލޯބީގެ ވާހަކަތަކުގެ އިތުރަށް ލިޔެފައި އޮތެވެ.

"ދެރަ ނުވާށެވެ. އަހަރެން ވަރަށް އަވަހަށް އެބަ އަންނަމެވެެ."

އެ ސިޓީގެ ޖަވާބުގައި ރާބިޢާ ވަރަށް ދިގު އީމެއިލެއް ފޮނުވިއެވެ. އެ އީމެއިލްގައި އެ ދެމީހުންނަށް ލިބެން އުޅޭ ދަރިފުޅުގެ ވާހަކަވެސް ވަރަށް ދިގުކޮށް ލިޔުނެވެ. ޢަދީލް ނެތީމާ ދިރިއުޅުމަށް ލިބިފައި އޮންނަ ފަޅުކަމުގެ ވާހަކަވެސް ލިޔުނެވެ. އޭގެ އިތުރުން އުފާވެރި ހަނދާންތަކާއި ފޮނި ހުވަފެންތަކުގެ ވާހަކަ ބަޔާން ކުރިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ޢަދީލްގެ ސިޓީއެއް ލިބުނެވެ. އެ ސިޓީގައި ލިޔެފައި އޮތެެވެެ.

"މައިމޫނާދައްތަގެ ދަރިފުޅު ޢާޠިފާ ވަރަށް ރަނގަޅެވެ. އަހަރެން މިއުޅެނީ ވަރަށް އުފަލުގައެވެ. ޢާޠިފާ އަކީ ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެކެވެ. އޭނާ ސަމާސާ ނުކުރާ ވަގުތެއް ނޯވެއެވެ. މައިމޫނާދައްތަގެ ގެއަށް ދެވުނީމާ އަހަރެންނަށް ލިބޭ އުފަލެއްގެ ބޮޑުކަން ބަޔާން ކުރާކަށް ފަސޭހައެއް ނޫނެވެ. ޢާޠިފާ އޭނާގެ އަތުން ސައި ހަދާފައި އަހަރެންނަށް ދެއެވެ. އަހަރެންނަށް ދިވެހި ކެއުން ކައްކައި ދެއެވެ. ރާބިޢާ ޞިއްޙަތަށް ބަލައިގެން އުޅޭށެވެ. އަހަރެން ވަރަށް އަވަހަށް ދެވޭތޯ މަސައްކަތް ކުރާނަމެވެ."

މައިމޫނާދައްތަ އަކީ ޢަދީލްގެ ބޮޑު ދައިތައެކެވެ. އޭނާ އިނދެގެން އުޅެނީ އެމެރިކާ މީހަކާއެވެ. އެ މީހާޔާ އިނދެގެން ގޮސް އެމެރިކާގައި އުޅޭތާ މިހާރު ވިއްސަކަށް އަހަރު ވެދާނެއެވެ.

ޢަދީލްގެ ސިޓީ ކިޔާފައި ރާބިޢާ ޙައިރާން ވިއެވެ. އެއީ އެ މީހުންނަށް ލިބޭން އުޅޭ ދަރިފުޅުގެ އެއްވެސް ވާހަކައެއް ނެތީމައެވެ. ޢަދީލްގެ ވިސްނުމާއި ޚިޔާލު އެހެން ގޮތަކަށް އެނބުރުނީ ބާވައެވެ؟ ނޫނެކެވެ. އެއީ ރާބިޢާ ޤަބޫލު ކުރާ ހިތްވާ ކަމެއް ނޫނެވެ. ޢަދީލަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ތިން ހަފްތާ ފަހުން އަނެއްކާވެސް ޢަދީލްގެ ސިޓީއެއް ލިބިއްޖެއެވެ. އެ ސިޓީގައި އޮތެވެ.

"މި ރަށުން ދުވަހަކުވެސް ނުދާނަމޭ ބައެއް ފަހަރު ހިތަށް އަރައެވެ. މިތާގެ މާޙަވްލާއި ރީތި ކަމުގެ އިތުރަށް ޢާޠިފާގެ މަޖާ ވާހަކައިގެ ސަބަބުން މި ތާނގައި ހުންނަ ހިތް ޖެހިފައި ވަނީ މާ ވަރަކަށެވެ. ޢާޠިފާގެ ރީތިކަން ބަޔާން ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ރާބިޢާ ބޭނުމިއްޔާ މި ރަށަށް އަންނާށެވެ. ތެދުތެދަށް ބުނަންޏާ އަހަންނަށް ޢާޠިފާ ދެކެ ލޯބި ވެވިއްޖެ އެވެ. ރާބިޢާގެ މައްސަލައެއް ނެތިއްޔާ އަހަރެން ބޭނުން ވަނީ ޢާޠިފާއާ ދެ..."

އެ ސިޓީގެ ޖަވާބުގައި ރާބިޢާ ލިޔުނެވެ. "އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަކަށް ދުވަހަކުވެސް އުފަލެއް ނުލިބޭނެއެވެ. އޭނާޔާ ކާވެނި ކުރައްވައިގެން ނުވާނެއެވެ. އެކަމަކަށް އަޅުގަނޑުގެ ރުހުމެއް ލިބިއެއް ނުލައްވާނެއެވެ. ޢަދީލްގެ ހުވާތަކާއި ވަޢުދުތަކަށް ވީ ކިހިނެއްތޯއެވެ؟ އެއީ ރީތި ކުލަވަރެއް ފެނިލެއްވުމާއެކު އުވިގެންދާ ފަދަ ބަލިކަށި ވަޢުދުތަކަކަށް ވެގެން ދިޔައީތޯއެވެ؟"

ސިޓީ ފޮނުވައިލުމަށްފަހު ރާބިޢާ ވަރަށް ރުޔެވެ.

އޭނާގެ މުޅި ދުނިޔެ ކަމަށް ހަދައިގެން އުޅުނު މީހާ ވެގެން މި ދިޔައީ ހާދަހާ ކުޑަކުޑަ މީހަކަށެވެ. އެއީ ދުވަހަކުވެސް ވަކި ނުވާން ހުވައި ކުރި މީހާ ހެއްޔެވެ؟ މާމެލާމެލި މިލައި މޯޅިވިޔަ ނުދޭން ބުނި މީހާ ހެއްޔެވެ؟ ޖަޒުބާތުގެ ގަސް މަރުވިޔަ ނުދޭން ބުނި މީހާ ހެއްޔެވެ؟

ރާބިޢާގެ ހިތަށް އެރިއެވެ. އާނއެކެވެ. މިއީ ހަމަ އެމީހާއެވެ. އިންސާނާގެ ހިތް ބަދަލުވާކަށް މާ ގިނަ ވަގުތެއް ހޭދައެއް ނުވާނެއެވެ.

އޭގެ ފަހުން ލިބުނީ ޢަދީލްގެ އެންމެ ސިޓީއެެކެވެ. އެއީ ވަރި ކުރިކަމުގެ ސިޓީއެކެެވެ. އޭގެ ފަހުން އެތައް އަހަރެއް ފާއިތު ވެގެން ދިޔަ އިރުވެސް އެއްވެސް ޚަބަރެއް ނުވެއެވެ. ރާބިޢާ މިހާރު އުޅެނީ އޭނާގެ އަމިއްލަ ގޭގައެވެ. އެއީ އޭނާގެ ބައްޕަގެ މުދަލުން އޭނާއަށް ލިބުނު ގެއެވެ. އޭނާގެ އަމިއްލަ ގެއެވެ.

ދިހަ އަހަރު ފާއިތު ވެގެން ދިޔަ ގޮތެއްވެސް ނޭނގެއެވެ. ރާބިޢާ މިހާރު ދިރިއުޅެނީ އޭނާގެ ލޯބިވާ ދަރިފުޅު ޒައިންގެ އެހީގައެވެ. އޭނާގެ ނޭވާ ހޮޅިއަކީ އެއީއެވެ. އެހެންވީމާ އެހެން ކަމަކާ މެދު ވިސްނައިލާނޭ ވަގުތެއް އޭނާއަކަށް ނުވެއެވެ. އެހެން ކަމަކާ މެދު ވިސްނާކަށް އޭނާ ބޭނުމެއްވެސް ނުވެއެވެ. އޭނާ ބޭނުން ވަނީ އެއްވެސް މީހެއްގެ އުނދަގުލެއް ނުފޯރާ ފަށުގައި ހިމޭން ދިރިއުޅުމެއް ވޭތު ކުރާށެވެ. ވޭތު ވެގެން ދިޔަތަން އޭނާ ހޭދަ ކުރީވެސް އެެހެންނެވެ. އެކަމަކު...

އެކަމަކު ޢަދީލް އަނެއްކާވެސް އެ ހިމޭންކަން ފޫދުއްވައިލީއެވެ. ދިހަ އަހަރު ފަހުން އޭނާ ފޮނުވި ސިޓީގައި ލިޔެފައި އޮތެވެ.

"އަހަރެން މި ހުންނަނީ ލަދުން ބުނާނޭ އެއްޗެއް ނޭނގިފައެވެ. ރާބިޢާ އަށް އަނިޔާވެރި ވެވިއްޖެ ކަމަށް އަހަރެން ޤަބޫލު ކުރަމެވެ. އޭގެ ބަދަލުގައި ރާބިޢާ ދިން ކޮންމެ އަދަބެއް އަހަރެން ހިތުން ރުހުމުން ޤަބޫލު ކުރާނަމެވެ. އެކަމަކު ކަންތައްތައް ހިނގައި ދިޔަ ގޮތް ކިޔައިދޭން އަހަރެން ބޭނުމެވެ. ޢާޠިފާ އަކީ މައިމޫނާދައްތަގެ އިން ހަމައެކަނި ދަރިފުޅުކަން ރާބިޢާ އަށް އެނގޭނެއެވެ. އަހަރެންނާ މައިމޫނާދައްތައާ ބައްދަލު ވަނީ މި ތަނަށް އައިސް ކިޔަވަން ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ދުވަހު އަހަރެން ގޮވައިގެން އެ ގެއަށް ގޮސް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އަދި އެ ގެ ނޫން އެހެން ތަނެއްގައި ހުރެގެން ނުވާނެއޭ ބުންޏެވެ. ދުވަސްކޮޅެއް ފަހުން އަހަރެން އެ ގެއަށް ބަދަލު ވެއްޖައީމެވެ. އެ މީހުން އަހަންނަށް ވަރަށް ހެވެވެ. އެ ގޭގައި އުޅޭތާ ދުވަސްކޮޅެއް ފަހުން އަހަންނާއި ޢާޠިފާގެ ކާވެނީގެ ވާހަކަ އެ މީހުން ދައްކައިފިއެވެ. އަހަރެން ހުރީ މީހަކާ އިނދެގެން ކަމަށާއި ކުއްޖަކުވެސް ވަރަށް އަވަހަށް ލިބިދާނެއޭ އަހަރެން ބުނީމެވެ. އެ ދުވަހު އެ ވާހަކަ އެ ހިސާބުން ނިމުނީއެވެ. އެކަމަކު އެއް ދުވަހަކު ކުއްލިއަކަށް މައިމޫނާދައްތަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އެ ދުވަހު އަހަރެންނަށް ގޮވައި ގެންގޮސްގެން އޭނާގެ ކުރިމަތީގައި ޢާޠިފާއާ އިންނާށޭ ބުންޏެވެ. އަދި އޭނާ މާ ގިނަ ދުވަހު ދުނިޔޭގައި އޮންނާނެ ކަމުގެ އުންމީދެއް ނެތޭވެސް ބުންޏެވެ. އަހަރެން އެހެން މީހަކާ އިނދެގެން އުޅުމަކީ މައްސަލައެއް ކަމަކަށް އެ މީހުންނެއް ނުބަލައެވެ. އަހަރެން ފުރަތަމަ ކަންތައްތައް ކުރާން އުޅުނު ގޮތަށް ކުރާން އުޅުނީ އެހެން ވެގެންނެވެ. އެކަމަކު ރާބިޢާ އެ ގޮތާ ނުރުހުނީއެވެ. އެންމެ ފަހުން އަހަރެންނަށް ޖެހުނީ ރާބިޢާ ވަރި ކޮށްފައި ޢާޠިފާއާ އިންނާށެވެ. އެއީ މައިމޫނާދައްތަގެ ފުރާނަ ސަލާމަތް ކުރާން ވެގެން އަހަރެންނަށް ކުރަން ޖެހުނު ކަމެކެވެ. ޢާޠިފާ އާ ބެހޭ ގޮތުން އަހަރެން ކުރިން ލިޔުނު ވާހަކަތައް ރަނގަޅެއް ނޫނެވެ. އެއީ ވަރަށް ގޮތް ދޫނުކުރާ ހަރުކަށި ބޯ ހަރު ކުއްޖެކެވެ. އެއްވެސް މީހަކަށް ބެލުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. މީހެއްގެ ހިތުގައި ޖެހިދާނެތޯ، މީހަކަށް ގެއްލުމެއް ލިބިދާނެތޯ ބެލުމަކީ އޭނާގެ ކިބައިގައި ހުންނަ ކަމެއް ނޫނެވެ. ނައިޓް ކްލަބްތަކަށް ދިއުމާއި ޕާޓީ ތަކަށް ދިއުމާއި މި ނޫނަސް މި ކަހަލަ ކަންތައްތަކުގައި ރެޔާއި ދުވާލު އުޅުމަކީ އޭނާގެ އެންމެ ބޮޑު އުފަލެވެ. ގޭތެރޭގައި އެއްވެސް ކަމެއް ކުރުމަކީ އޭނާ ކުރާ ހިތްވާ ކަމަކަށް ނުވެއެވެ. އޭނާޔާ އިނދެގެެން އުޅުނު ނުވަ އަހަރު އަހަރެން އުޅުނު ޙާލު ބަޔާން ކުރުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ނުވަ އަހަރު ވީ ފަހުން އެއް ދުވަހަކު ޢާޠިފާ ވަރަށް ބޮޑު ހުމެއްގައި ޖެެހިއްޖެ އެވެ. އޭނާ މަރުވީ އެ ބަލީގައި ގަދަ ނުވެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މައިމޫނާދައްތަ އަދިވެސް ދުނިޔޭގައި އެބަ އިނެވެ. އޭނާއަށް ޖެހުނު ބަލީން ފަސޭހަވެ އާދައިގެ ދިރިއުޅުމެއްގައި އެބަ އުޅެއެވެ. އަހަރެން ކުރި ކަމެއް ކުރީ މަޖުބޫރު ވެގެންނެވެ. މި ވާހަކަ މިހެން ލިޔެލެވުނީމާ ސިކުނޑީގައި އޮތް ވަރަށް ބޮޑު ބުރައެއް ލުއި ވެގެން ހިނގައްޖެ އެވެ. އަހަރެންނަށް މަޢާފް ކުރާށެވެ."

ރާބިޢާގެ ހިތަކަށް އެ ސިޓީގެ ސަބަބުން ކުރި އެއްވެސް އަސަރެއް ނެތެވެ. ދިހަ އަހަރުގެ އެކަނިވެރިކަމުން އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ފިލުވައިލުމުގެ ބާރެއް އެ ސިޓީއަކު ނެތެވެ.

އޭނާގެ ހިތަށް އެރިއެވެ. "މިހާރަކު ކުރާނޭ ކަމެއް ނެތެވެ. ހުރިހައި ކަމެއް ނިމިއްޖެއެވެ. ދިހަ އަހަރު ވާންދެން އަހަރެން ކުރި ހިތާމަ އެނގޭނީ އަހަރެންނަށެވެ. ޢަދީލެވެ. އަންހެނުންނަކީ ފިރިހެެނުން ބޭނުންހައި ގޮތަކަށް ހަދާން ހައްދަވާފައިވާ ބުދުތަކެއް ނޫނެވެ. ކުޅެކުޅެ ފޫހިވީމާ އެއްލައިލެވޭނީ އެހެންނަމަަ ނޫން ހެއްޔެވެ؟ އަންހެނުންނަކީވެސް ހަމަ އިންސާނުންނެވެ. އެއްވަރެއްގެ ޙައްޤުތަކެއް ދެއްވައިފައިވާ ހަމަހަމަ ބައެކެވެ. ޖިސްމާނީ ތަފާތު ތަކެއް ހުރުމަކީ ހިތާއި ސިކުނޑި ތަފާތުވުން ޝަރުު ކުރާ ކަމެއް ނޫނެވެ.

އިންތިޒާރުގެ ދިގުމިން ނޭނގޭނަމަ ހިތުގައި އަޅާ ވޭނަކީ ޢަދީލަކަށް އެނގޭނޭ އެއްޗެއް ނޫނެވެ. އިތުބާރުގެ ވާފަށް ކެނޑުނީމާ ނުކުންނަ ނަތީޖާވެސް ޢަދީލަކަށް ނޭނގޭނެއެވެ. ނުހަނު ލޯބިވާ އެއްޗެއް އަތުން ބީވެގެން ދިޔައީމާ ކުރާ އަސަރެއްވެސް ނޭނގޭނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ހިތާމަ އަކީ ކޮބައިކަން ޢަދީލަށްވެސް އެނގެން ވާނެއެވެެ. ހިތާމައާއި ވޭނަކީ ކޮބައިކަން ޢަދީލަށް އަންގައިދޭނީ އަހަރެންނެވެ. އެކަން އެނގޭނީ ގަސްތުކޮށްގެން ދަތުރު ކުރާ މަންޒިލް ފެންނާން އޮވެފައި އެ މަންޒިލާ ހަމައަށް ނުދެވުނީމައެވެ.

މަޖުބޫރު ވެގެން ކުރި ކަމެކޭ ތިޔަ ބުނީ ހާދަހާ ފަސޭހައިންނެވެ. މަޖުވޫރުވެގެން ކުރި ކަމެއްކަން އަހަރެންނަށް އަންގާން އަދި އަވަހެއް ނޫން ހެއްޔެވެ؟ ތިޔަ ނޫން ޙީލަތެއް ނެތީ ހެއްޔެވެ؟ އަންހެނުންނަކީ ބޭނުން ގޮތެއް ހަދާފައި ދޫކޮށްލާ އެއްޗެއް ކަމަށް ޤަބޫލު ކުރުމުގެ އިތުރަށް އެއްވެސް ކަހަލަ ބުއްދިއެއްވެސް ނެތް ބައެއް ކަމަށް ޤަބޫލު ކުރަނީ ހެއްޔެވެ؟"

ރާބިޢާގެ ޚިޔާލުގެ ސިލްސިލާ މެދުކެނޑުނީ އޭނާގެ ދަރިފުޅު ޒައިންގެ އަޑަށެވެ.

"ދަރިފުޅާ. މިއަދު އިސްކޫލުގައި މާ ލަސްވީ ކީއްވެގެން؟"

"މިއަދު ޖަލްސާއެއް އޮތީ. އެހެންވީމާ މަޑުކޮށްލަން ޖެހުނީ."

"ދަރިފުޅާ. މަންމަ ހުންނާނީ ކާން ހަދާފައި. އަވަހަށް ހެދުން ބަދަލު ކޮށްގެން ކާން އާދޭ."

ދަރިފުޅު ހެދުން ބަދަލު ކުރާން ދިޔައީމާ ރާބިޢާ އިށީނީ ޢަދީލަށް ސިޓީއެއް ލިޔާށެވެ. އޭނާ ލިޔުނެވެ.

"ދިރިއުޅުމަކީ އަނދަ އަނދައި ހުންނަ ދަރުފުންޏެއް ކަހަލަ އެއްޗެކެވެ. އަނދައި ނިމުނީމާ ހުންނަނީ އަޅި ފުންޏެކެވެ. ދިހަ އަހަރު ވާންދެން އަހަރެން އެނދީއެވެ. މިހާރު ހުރީ އަޅި ފުންޏެކެެވެ. ދިހަ އަހަރު ވާންދެން ކަލޭ އަހަރެން އެކަނި ދޫކޮށްލާފައި ގޮސް އުފާ ކުރީއެވެ. ޢާޠިފާ ގޮވައިގެން އުފަލުގައި ދިރިއުޅުން ވޭތު ކުރީއެވެ. ކަލެއަށް ހަމަ ޙަޤީޤަތުގައިވެސް މަޖުބޫރުވީ ހެއްޔެވެ؟ އެއީ މަޖުބޫރު ވެގެން ކުރި ކަމެއް ކަމަކަށް އަހަަރެން ޤަބޫލެއް ނުކުރަމެވެ. ކަލެއަކީ ހަމަ ދޮގުވެރިއެކެވެ. ޢާޠިފާގެ މަރުވީމާ އަނެއްކާވެސް އަހަރެން ރަޙުމް ކުރާނޭ ކަމަށް ހިތާ ލިޔުނީއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަހަރެން ކަލެއަކަށް ރަޙުމެއް ނުކުރާނަމެވެ. ހިތާމައާއި ވޭނުގައި އަހަރެން ހޭދަ ކުރި ދުވަސްތަކުގެ އަގު އެއަށްވުރެ މާ ބޮޑެވެ. ހަނދާން ނެތުނީ ހެއްޔެވެ؟ ޖަޒުބާތަކީ ނާޒުކު މަލެއް ފަދަ އެއްޗެކެވެ. މިލައި މޯޅި ވެއްޖެ ނަމަ ދެނެއް ނުފޮޅޭނެއެވެ. މި މަލަކީ ތާއަބަދު ފޮޅިފައި ހުންނާނޭ މަލެކޭ ޢަދީލްގެ ހިތަށް އެރީތީ ޙައިރާން ވެއްޖެއެވެ. މަލަކީ އެންމެ ފަހަރަކު ފޮޅޭ އެއްޗެކެވެ. ރީތި އެއްޗެއްސަކީ އަބަދަށް ދެމި ހުންނަ އެއްޗެއް ނޫނެވެ. ނާޒުކް ޖަޒުބާތަކީވެސް ރީތި އެއްޗެކެވެ. މިހާރު އެ ޖަޒުބާތު ވަނީ މަރު ވެފައެވެ. ޢަދީލެވެ. ދެނަހުރިން ހެއްޔެވެ؟ ގަސްގަހާ ގެއްސަށް ފެނާ ނުލައި ދިރި ތިބެވޭނީ ވަކި މުއްދަތަކަށެވެ. އޭގެ ފަހުން ފެން ނުދީފި ނަމަ މަރު ވާނީއެވެ. މަރު ވުމަށް ފަހު ދެނެއް ނުއެއް ދިރޭނެއެވެ. ފެހި ކުލައެއް ނާރާނެއެވެ."

ރާބިޢާ ތެދުވެރިކަމާއެކު ޢަދީލްގެ ބަސްތައް އަނބުރައި އޭނާއަށް ރައްދު ކުރިއެވެ. އޭނާ ހަމަ ނޭވައެއް ލީ ސިޓީ ލިޔެ ނިންމައިލުމަށް ފަހުގައެވެ. މާޒީގައި ދިރިއުޅުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުން ވަނީ މިހާރު އޮތް ދިރިއުޅުމާއިގެން ކުރިއަށް ދާށެވެ. ބަލަން ބޭނުން ވަނީ ކުރިއަށެވެ. ފަސް އެނބުރި ބަލާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ.

(ނިމުނީ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.