ލޯބި

ކުޑަ ކުއްޖާ ދުއްވައިގެންފިއެވެ. މަންމަ ބަތްތަށި ހިފައިގެން އެ ކުއްޖާގެ ފަހަތުން ދިގު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގެންފިއެވެ. ތަންކޮޅަކަށް ގޮސްފައި އެ ކުއްޖާ ހުއްޓިއްޖެއެވެ. ބިންމަތީގައި އޮތް ރަބަރު ފަށެއް ނަގައިގެން އެޔާ ކުޅެން ފަށައިފިއެވެ. މަންމަ ކައިރިއަށް އައިސް އަނެއްކާވެސް ބަތް ސުވަލެއް އަނގަޔަށް ލެއްވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. މި ފަހަރު އަނގަޔަށް އެތިކޮޅެއް ލެއްވިއްޖެއެވެ. އެކަމަކު އެއްބައި ހޭކުނީ ނޭފަތުގައެވެ.

"ދަރިފުޅާ- އިހަށް ކާލަބަލަ- ފަހުން ކުޅެވިދާނެއެއްނު-؟" މަންމަ ލޯތްބާއެކު ބުނެލިއެވެ.

ކުޑަ ކުއްޖާ ބިންމަތީގައި އިށީނދެއްޖެއެވެ. އެކަމަކު އޭރުވެސް އެއްކަލަ ރަބަރު ފަށުން ޚިޔާލީ އެއްޗެއް ހަދަނީ އަނގައިން އަޑެއްވެސް އެބަ ނެރެއެވެ. މަންމަވެސް ބިންމަތީގައި އިށިނދެއްޖެއެވެ.

އަނެއްކާވެސް ބަތް ސުވަލެއް ލައްވައިފިއެވެ. މި ފަހަރު ވީ އެހެން ގޮތެކެވެ. އަނގައިން ލެއްވި އަޑާއެކު ކާއެތިކޮޅު ބުރައިގެން އެ ދިޔައީ މަންމަގެ ގަޔަށެވެ.

ބައްޕަ އޮފީހަށް ދާން ނުކުމެއްޖެއެވެ.

"އަމީނާ- ތިޔަ ކަމެއް އެބަ ކުރެވޭތަ-؟" އޭނާ ދަރިފުޅާ ދިމާއަށް ބަލައިލާފައި ހިނިތުންވެލިއެވެ.

މަންމަ ހީނލިއެވެ. "މިއީ އާ ކަމެއް ނޫނެއްނު-؟ ދުވާލަކު ދެތިން ފަހަރު ކުރާ ކަމެއް- މެންދުރު ވާންވާއިރަށް ނިންމައިލެވޭނެ-"
މަންމަގެ މޫނުމަތީން ފެންނަނީ ލޯތްބާއި ހިތްހެޔޮކަމެވެ. ދަރިފުޅަށް ކާން ދެވޭތީ ލިބޭ އުފަލެއްގެ އަސަރެވެ.

* * *

މުސްކުޅި މަންމަ އޮތީ އެނދުގައެވެ. ވާ ވެފައެވެ. އެހެން އޮންނަތާ ދެތިން މަހެއް ވެއްޖެއެވެ. ދަރިފުޅު މަންމައަށް ކާން ދެވޭތޯ މަސައްކަތް ކުރަނީއެވެ. މަންމަގެ އަތަކުވެސް އަދި އަނގަޔަކުވެސް ވާތްގެއް ނެތެވެ. އެހެންވީމާ އަނގަޔަށް ލައްވާ ކާއެތިކޮޅުން ބޮޑު ބައެއް ދަނީ ބޭރަށެވެ.

ދަރިފުޅު ރުޅި އައިސްފައި ބުންޏެވެ. "މަންމާ- ދުވާލު ހަތަރު ދަމު މިހެން މަންމައަށް ކާންދޭން ހުރެވޭނީ ކިހިނެއް-؟ އަހަރެން ކުރަން ޖެހޭ ކަންތައް ބައިވަރު- ބޮޑާ ނުހާކާ ރަނގަޅަށް ކެވޭތޯ އުޅެބަލަ-"

\މަންމަގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.

ދަރިފުޅުގެ މޫނުމަތީން ފެންނަނީ ފޫހިކަމާއި ނުރުހުމުގެ އަސަރެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.