ބާރުގަދަ ޠޫފާން 'އަމްޕަން' އަރައި އިންޑިޔާއާއި ބަންގްލާދޭޝްއަށް ބޮޑެތި ގެއްލުންތަކެއް

މިއީ ފާއިތުވި 20 އަަހަރުގެ ތެރޭގައި ބޭ އޮފް ބެންގޯލްއިން އެރި އެންމެ ބާރުގަދަ ޠޫފާން

ޠޫފާން 'އަމްޕަން' ގެ ސަބަބުން ލިބިފައިވާ ބައެއް ގެއްލުން

ބޭ އޮފް ބެންގޯލްގައި އުފެދުނު ބާރުގަދަ ޠޫފާން 'އަމްޕަން' އިންޑިޔާގެ ވެސްޓް ބެންގޯލް އަދި އޮޑީޝާއަށާއި، ބަންގްލާދޭޝްއަށް އަރާފައި ވާއިރު، ޠާފާނުގެ ސަބަބުން އެ ދެ ގައުމުން 20 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ގަޑިއަކު 185 ކިލޯމީޓަރު ބާރުމިނުގައި ޖެހެމުން ދިޔަ ވަޔާއެކު ވެސްޓް ބެންގޯލްގެ އައްސޭރިފަށުގެ އަވަށްތަކުން ފެށިގެން ވެރިރަށް ކޮލްކަތާގެ ރަށްބޭރާ ހަމައަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެ ސްޓޭޓުގެ އެއް އަަވަަށެއްގައި 5500 ގެ ހަލާކުވި ކަމަށް ވެއެވެ.

"އައްސޭރިފަށުގެ ރަށްތަކުގެ ގާތްގަނޑަކަށް ހުރިހާ އެެއްޗެއްހެން ވަނީ ސުންނާފަތިވެފައި." ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމްތާ ބެނަރްޖީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސްޓޭޓުން 12 ވަރަކަށް މީހުން މަރުވެވެފައި ވެއެވެ.

"ކޮރޯނާވައިރަސްގެ ވަބާއަށްވުރެ ހާލަތު ގޯސް. އަހަރުމެން މިތިބީ ހަދާނެގޮތެއް ނޭނގިފައި." ބެނަރްޖީ ވިދާޅުވިއެެވެ.

އަވަށްޓެރި އޮޑީޝާ ސްޓޭޓުވެސް އޮތީ އެފަދަ ހާލަތެއްގައެވެ. އެ ސްޓޭޓުގައި ޠޫފާނުގެ ސަބަބުން ދެ މީހަކު މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ދެ މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެެވެ.

މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ޠޫފާން އަމްޕަންގެ ސަބަބުން 300 މިލިމީޓަރަށްވުރެ ގިނަ ވާރޭ ވެހޭނެއެވެ. އެހެންކަމުން ބޮޑު ސަރަހައްދެެއްގައި ފެންބޮޑުވާނެއެވެ. ބުދަ ދުވަހު އެކަނިވެސް ވެސްޓް ބެންގޯލަށް 224 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަައެވެ.

އަވަށްޓެރި ބަންގްލާދޭޝްގައި ޠޫފާނުގެ ސަބަބުން 6 މީހަކު މަރުވެފައި ވާއިރު، އެމީހުންގެ ތެރޭގައި އުމުރުން 5 އަަހަރުގެ ކުޑަކުއްޖަކާއި، 75 އަހަރުގެ ފިރިހެނަކު ހިމެނެއެެވެ. އަދި 5 މިލިއަން މީހުން ވަނީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައެވެ. ހުޅަނގު ދެކުނު ބަންގްލާދޭޝްގެ ބިންގަނޑު އަޑި ހިސާބުތަކުގައި 5 ފޫޓަށް ވަނީ ފެންބޮޑުވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.