ބާރުގަދަ ޠޫފާން 'ބުލްބުލް' ބަންގްލާދޭޝްއަށް އަރައިފި

ބަންގްލާދޭޝްގެ ކުލްނާގައި ޠޫފާން 'ބުލްބުލް'ގެ ސަބަބުން ފެންބޮޑުވެ، ގަސްތައް ވެއްޓިފައި

ބޭ އޮފް ބޭންގޯލް ގައި އުފެދުނު ބާރުގަދަ ޠޫފާން 'ބުލްބުލް' ބަންގްލާދޭޝްއަށް އަރައިފިއެވެ. ބާރު ވަޔާއި ބޯ ވާރެއާކު ބަންގްލާދޭޝްގެ ހުޅަނގެ ދެކުނު ޕްރޮވިންސު ކުލްނާ ޕްރޮވިންސަށް އެރި ޠޫފާނުގެ ސަބަބުން 7 މީހަކު މަރުވެ 36 މަސްވެރިއަކު ވަނީ ގެއްލިފައެވެ.

ޠޫފާން ބަންގްލާދޭޝްއާ ދިމާއަށް ދަތުރުކުރަމުން ދާތީ އެގައުމަށް އެރުމުގެ ކުރިން ޠޫފާނުގެ ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ މަގުގައި ދިރިއުޅޭ މީހުން ވަނީ ސަލާމަތްތެރި ހިސާބުތަކަށް ބަދަލުކުރެވިފައެވެ. ޑިޒާސްޓާ މެނޭޖްމަންޓާ ބެހޭ މިނިސްޓްރީގެ ޖޫނިއާ މިނިސްޓަރު އިނާމުއް ރަޙްމާން ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 1.8 މިލިއަން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައެވެ. އަދި 5000 ވަގުތީ ހިޔާ ވަނީ ތައްޔާރުކުރެވިފައެވެ.

ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހެމުން ދިޔަ ވަޔާއެކު 'ބުލްބުލް'ގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު، އައްސޭރި ފަށުގައި ހުރި 5 ހާހަށްވުރެ ގިނަ ގެ ދިރިނުއުޅެވޭ ވަރަށް ހަލާކުވުމާއި، 2 ލައްކަ ހެކްޓަރުގެ ދަނޑުބިން ހަލާކުވުން ހިމެނެއެވެ.

ކަނޑު ގަދަވުމުގެ ސަބަބުން ބަންގްލާދޭޝްގެ އެންމެ ބޮޑު ދެ ބަނދަރު ކަމުގައިވާ މޮންގްލާ އާއި ޗިޓަގޮންގްގެ ބަނދަރު ބަންދުކުރެވިފައިވާއިރު، ޗިޓަގޮންގްގެ އެއާޕޯޓުވެސް ވަނީ ބަންދުކުރެވިފައެވެ.

160 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލާދޭޝްއަކީ އާއްމުކޮށް ބާރުގަދަ ޠޫފާންތައް އަރާ ގައުމެކެވެ. މީގެ އަހަރުތަކެއް އެ ގައުމަށް އަރާ މިފަދަ ޠޫފާންތަކުގައި ލައްކައިން މީހުން މަރުވިނަމަވެސް، ފަހަކަށް އައިސް ކާރިސާތަކަށް ތައްޔާރުވުމުގައި އެގައުމުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން މީހުން މަރުވާ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.

ޠޫފާން 'ބުލްބުލް' ބަންގްލާދޭޝްއަށް އެރީ އިންޑިޔާގެ ވެސްޓް ބެންގޯލް ސްޓޭޓާއި އޮޑީޝާ ސްޓޭޓްގެ އައްސޭރިފަށަށް އެރުމަށް ފަހުއެވެ. ވެސްޓް ބެންގޯލްގެ އިރު ދެކުނު ސަރަހައްދުތަކަށް 24 ގަޑިއިރުގެ ތެރޭގައި 202 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު، އޮޑީޝާ ސްޓޭޓްގެ ދެކުނު ހިސާބުތަކަށް ވަނީ 24 ގަޑިއިރުގެ ތެރޭގައި 172 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ވެސްޓް ބެންގާލް ސްޓޭޓަށް ޠޫފާން އެރުމުގެ ސަބަބުން 10 މީހަކު މަރުވެފައި ވާއިރު 2 ލައްކަ 73 ހާސް އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. 1 ލައްކަ 78 ހާސް މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންދެވިފައި ވެއެވެ. އެ ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓާ ބެހޭ މިނިސްޓަރު ޖާވޭދް ޚާން ވިދާޅުވިގޮތުގައި އެ ސްޓޭޓުގެ 2700 އަށް ވުރެ ގިނަ ގެ ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައި ވާއިރު، 26 ހާސް ގެއަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

ވެސްޓް ބެންގޯލްގެ ވެރިރަށް ކޮލްކަތާގެ ވައިގެ ބަނދަރުވެސް ޠޫފާންގެ ސަބަބުން ވަނީ 12 ގަޑިއިރަށް ބަންދުކުރަން ޖެހިފައެވެ.

ޠޫފާން 'ބުލްބުލް' ބަންގްލާދޭޝްއަށް އެރުމަށް ފަހު ޠޫފާނު ބާރު މިހާރު ވަނީ ދެރަވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.