އިސްލާމީ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު އެއް މުޞީބާތް: މުސްލިމުން އަތުން އަންދަލުސް ބީވެެގެން ދިއުން

ޣިރްނާޠާ (ގްރެނާޑާ) ގައި ހުންނަ އަލްޙަމްރާ ގަނޑުވަރު: މުސްލިމުންގެ ފަންނުވެރިކަން އަންދަލުސްގައި ކުރިއެރި މިންވަރު ދައްކައިދޭ ބިނާއެއް

މުސްލިމުން ވެރިކަން ކުރި އަންދަލުސްއަކީ މިއަދު ޔޫރަޕުގެ އައިބީރިޔާ ޕެނިންސިއުލާއެވެ. މިއަދު ސްޕޭނާއި ޕޯޗުގަލް އޮތް ސަރަހައްދެވެ. މުސްލިމުން އެ ސަރަހައްދުގައި 781 އަހަރު ވެރިކަން ކުރިއެވެ. ޔޫރަޕަށް ތައުލީމާއި ތަރައްޤީގެ ދޮރުތައް ހުޅުވައިދިން މަރުކަޒެއްގެ ގޮތުގައި ގާތްގަނޑަކަށް 8 ގަނުނު އަންދަލުސްގެ ދައުލަތް ދެމި އޮތެވެ. އެއަށް ފަހު އެ ދައުލަތް މުސްލިމުންނަށް ގެއްލިގެން ދިޔަ ދިއުމަކީ މުސްލިމުން އެއީ އިބްރަތްތަކެއް ހާސިލުކޮށް، ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ މުޞީބާތެކެވެ. އިސްލާމީ ތާރީޚުގައި މުސްލިމުންނަށް ކުރިމަތިވި އެންމެ ބޮޑު އެއް މުޞީބާތެވެ.

ޢައްބާސީ ދައުލަތުގެ ފަރާތުން އެފްރިކާގެ ވާލީއަކަށް ހުންނެވި މޫސާ ބިން ނުޞައިރު، ހިޖުރައިން 92 ވަނަ އަަހަރު (މީލާދީން 711) 12 ހާސް މީހުންގެ ލަޝްކަރެއްގެ މައްޗަށް ޠާރިޤު ބިން ޒިޔާދު ވެރިކުރައްވައި އައިބީރިޔާ ޕެނިންސިއުލާ (ފަހުން އަންދަލުސް) އަށް ފޮނުއްވިއެވެ. އެފްރިކާއާއި ޔޫރަޕާއި ދެމެދު އޮންނަ ކަނޑުއޮޅި ހުރަސްކޮށް ނާފަހަރުގައި އެ ލަޝްކަރު އެ ސަަރަހައްދުގެ އެންމެ ދެކުނުގައި އޮންނަ ޖަޒީރާއަށް އަރައި އެރަށް ހިފިއެވެ. އެ ރަށް ފަތަޙަކުރި މުސްލިމް ޤާއިދު ޠާރިޤުގެ ނަަމަށް ނިސްބަތްކޮށް މިއަދު އެރަށަށް ކިޔަނީ ޖަބަލު ޠާރިޤު (ޖިބްރޯލްޓާ) އެވެ.

ޖަބަލު ޠާރިޤަށް ފަހު ޠާެރިޤު ބިން ޒިޔާދުގެ ލަޝްކަރު ވަނީ ޤުރްޠުބާ (ކޮރްޑޯބާ)، ޣިރްނާޠާ (ގްރެނާޑާ) އަދި ޠުލައިޠިލާ (ޓޮލޭޑޯ) ފަދަ ރަށްރަށް ފަތަޙަކޮށްފައެެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އަންދަލުސްގައި މުސްލިމުންގެ ދައުލަތް ފުޅާވެ ފަރަންސޭސިވިލާތުގެ ދެކުނުގެ ރަށްތަކާ ހަމައަށް ފޯރިއެވެ.

ބަަޣުދާދުގައި އަދި ފަހުން ދިމިޝްޤުގައި އޮތް އިސްލާމީ ޚިލާފަތުގެ ބައެއްގެ ގޮތުގައި އޮންނަމަވެސް އަންދަލުސްގައި ހިނގަމުން އައިސްފައި ވަނީ އަމިއްލަ ވެރިކަމެކެެވެ. ތަފާތު ދަރިކޮޅުތަކުން ތަފާތު ނަން ނަމުގައި އަންދަލުސްގައި ވެރިކަން ކޮށްފައި ވެއެެވެ. އަންދަލުސްގައި މުސްލިމުން ބިނާކުރި ޙަޟާރަތަކީ ތާރީޚު ނުދެކޭ ފަދަ ވަރުގަދަ ޙަޟާރަތެކެވެ. ޢިލްމާއި، ތަފާތު ފަންނުތަކުގައި ކުރި އަރައި ދިޔައެވެ. ފަހުން ޔޫރަޕްގެ ޢިލްމީ ކުރިއެރުމުގެ ސަބަބަކަށް ވިއެވެ. މިއަދު ވެސް ފެންނާން ހުރި ޢިމާރާތްތައް އެ ޒަމާނުގައި މުސްލިމުން ޢިމާރާތް ކުރުމުގެ ފަންނުގައި ކުރިއަރައި ދިޔަ ވަރަށް ހެކިވެއެެވެ.

އަށް ގަރުނުގެ ދިގު މުއްދަތަށް ދުނިޔޭގެ އިލްމާއި ތަރައްގީގެ މަރުކަޒަކަށް އޮތުމަށް ފަހު އަންދަލުސްގައި މުސްލިމުންގެ ވެރިކަން އޮތް އެންމެ ފަހު ރަށް ޣިރްނާޠާ (ގްރެނާޑާ) ހިޖުރައިން 897 ވަނަ އަހަރު (މީލާދީން 1492) ނަޞާރާ ލަޝްކަރުތަކުން އަރައި ހިފުމާއެކު އިސްލާމީ ތާރީޚުގެ އެންމެ އުފާވެރި އެއް ބާބު ނިމުމަކަށް އައެވެ. އަންދަލުސް މުސްލިމުންގެ އަތުން ބީވެ ނަޞާރާއިންގެ ކިއްލާއަކަށް ބަދަލުވިއެވެ.

މުސްލިމުންނަަށް ކުރިމަތިވި މި ބޮޑު މުޞީބާތުގެ ފަަހަތުގައި ގިނަ ސަބަބުތަކެއް ވެއެެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ސަބަބަކީ އިސްލާމްދީނާ ދުރަށް ގޮސް ދުނިޔޭގެ މަޖަލާއި އަރާމުގެ ތެރެއަށް ގެއްލުމެވެ. ރާބުއިމާއި،ފާޙިޝް އަމަލުތައް އިތުރު ވުމެވެ. އެކަން އާއްމުވި ވަރު ބޮޑުކަމުން ރާ ބޯ މީހުންގެ ގައިގައި ހައްދު ނުޖެހާ ކަމަށް ވެއެވެ. މުސްލިމުންނަށް މާތް ﷲ ނަޞްރު ދެއްވައި މަތިވެރިކުރައްވަނީ ހެޔޮލަފާ މުއުމިނުންގެ ގޮތުގައި ތިބެގެންނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ﴾ (މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ.) (އާލު ޢިމްރާން: 139) އެހެންކަމުން، އީމާންކަމާ ދުރުވެ ފާޙިޝް އަމަލުތައް އާއްމުވާ ހިސާބުން މާތް ﷲ މުސްލިމުން ނިކަމެތިކުރައްވާނެއެވެ.

ދެވަނަ ސަބަބީ، ދުނިޔޭގެ އުފާތަކާއި އަރާމުގެ ތެރެއަށް ގެއްލި އަގު ބޮޑު މުދާ އެއްކޮށް، ބޮޑެތި ގަނޑުވަރުތައް ބިނާކޮށް، އާޚިރަތުގެ މަތިން ހަދާންނެތުމެވެ. މާތް ﷲގެ މި ވަޙީ ބަސްފުޅާމެދު ޣާފިލުވުމުވެ. ﴿وَمَا ٱلْحَيَو‌ٰةُ ٱلدُّنْيَآ إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ ٱلْءَاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ﴾ (ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. تقوى ވެރިވާ މީހުންނަށް آخرة ގެ ގޮވަތި ހެޔޮކަން މާބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟) (އަލްއަންޢާމު: 32)

ތިންވަނަ ސަބަބަކީ، ބައިބައިވެ، ވަކި ދައުލަތްތައް އުފައްދައި އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރަން ފެށުމެވެ. މިއީ، އަންދަލުސްގެ މުސްލިމުންނަށް ކުރިމަތިވި އެންމެ ބޮޑު އެއް މުޞީބާތެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ތަޅައިފޮޅުމެވެ. އެެއާއެކު މުސްލިމުން ބަލިކަށިވެ އެބައިމީހުންގެ ބާރު ކެނޑިގެން ދިޔައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ﴾ (އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ.) (އަލްއަންފާލު: 46)

ހަތަރުވަނަ ސަބަބަކީ މުސްލިމުން އަޚުންނާ ދެކޮޅަށް ދުޝްމަނު ކާފަރުންގެ އެހީތެރިކަން ހޯދުމެވެ. އަންދަލުސް ބައިބައިވެ، ކުދި ދައުލަތްތަކުގެ މެދުގައި ކުރި ހަނގުރާމަތަކުގައި ބައެއް މުސްލިމް ވެރިންވަނީ ނަޞާާރާއިންގެ އެހީތެރިކަން ހޯދާފައެވެ. އަދި މިފަދަ ނަޞާރާއިން ވަނީ މުސްލިމުންނަށް މަކަރުހަދައި ލަނޑު ދީފައެވެ. މިކަން ނަހީކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެެއެވެ. ﴿يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ﴾ (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ عدوّ ންނާއި، އަދި ތިޔަބައިމީހުންގެ عدوّ ންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި حق دين އަށް އެއުރެންވަނީ كافر ވެފައެވެ.) (އަލްމުމްތަޙިނާ: 1)

އަންދަލުސްގައި މުސްލިމުންނަށް ކުރިމަތިވި މުޞީބާތަކި އެބައިމީހުންގެ ދިގު ތާރީޚުގައި މާތް ﷲ އެބައިމީހުންނަށް ދެއްވި އެންމެ ވަރުގަދަ އެއްފިލާވަޅުކަން ކަށަވަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.