މުޞީބާތަކީ ކޮބާ؟

1441 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ މުސްލިމުން ކުރިމަތި މި ލަނީ މި ގަރުނުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާގެ ތެރޭގައެވެ. ކާރިސާތަކާއި މުޞީބާތްތަކަކީ ކައުނުގައި ﷲ ކަންކަން ތަދުބީރުކުރައްވާފައިވާ އުޞޫލާއި އެއްގޮތަށް މެދުވެރިވާ ކަންކަމެވެ. މުސްލިމުންގެ ގޮތަކީ މިފަދަ ކާރިސާތަކާއި މުޞީބާތްތަކުގައި މާތް ﷲ ހަނދުމަކޮށް އެކަން ފިއްލެވުމަށް އެދި އެކަލާނގެ ޙަޟްރަތުގައި ދެންނެވުމެވެ.

މި ރަމަޟާން މަހު ގެނެސްދޭ ދީނީ ވާހަކަކޮޅު ބިނާކޮށްފައި ވަނީ މުޞީބާތްތަކާއި، އެފަދަ ކަންކަން ދިމާވާ  ސަބަބުތަކާއި، އެކަންކަން މެދުވެރިވުމުން މުސްލިމުން އަމަލުކުރަންވީ ގޮތުގެ މައްޗަށެވެ. މަގުސަދަކީ ލޮބުވެތި އަޚުންނާއި އުޚުތުން މިފަދަ މުޞީބާތްތަކުގައި އިސްލާމީ މަތިވެރި އިރުޝާދުތަކުން ފިލާވަޅު ލިބިގަނެ، އެންމެހާ މުސްލިމުން މިކަމުން މިންޖުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތަށް ރުޖޫޢަވުމަށް ހިތްވަރުދިނުމެވެ.  

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުޞީބާތަކީ އިންސާނާއަށް ކުރިމަތިވާ ބޮޑެތި ހިތާމައާއި، ވޭނާއި، ގެއްލުމާއި، ބަރުދާސްތުކުރަން އުނދަގޫ ކަންކަމެވެ. މިފަދަ ކޮންމެ ކަމަކީވެސް އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން އެބައިމީހުންނަށް ދިމާވާ ކަންކަމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ (ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.) (އައްޝޫރާ: 30) އަދި މީސްތަކުން އިމްތިހާނުކުރެއްވުމުގެ ގޮތުންވެސް މާތް ﷲ މިފަދަ މުސީބާތްތައް ޖައްސަވައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَ‌ٰلِ وَٱلْأَنفُسِ وَٱلثَّمَرَ‌ٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ (ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!) (އަލްބަޤަރާ: 155)

ކީރިތި ޤުރްއާނުގައި އައިސްފައި މުޞީބާތްތަކަށް ބަލާއިރު، މުސީބާތް ތިން ބަޔަކަށް ބެހިގެން ވެއެވެ.

ފުރަތަމަ ބަޔަކީ ގައުމުތަކުގެ މީސްތަކުންނާއި ތަންތަނަށް އަންނަ އާއްމު މުސީބާތް. މިފަދަ މުޞީބާތްތަކުގެ ތެރޭގައި ގައުމުތަކަށް ދިމާވާ ފެންބޮޑުވުމާއި، ދަނޑުތައް ހަލާކުވުމާއި، ބިންހެލުން ފަދަ ކާރިސާތައް ހިމެނެއެވެ. މިފަދަ މުޞީބާތްތަކުގެ ގެއްލުން އިންސާނުންނާއި، އެބައިމީހުން ދިރިއުޅޭ  ވެށްޓަށްވެސް ވެއެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ މިފަދަ މުޞީބާތްތަކުގެ ތެރޭގައި، ނޫޙުގެފާނުގެ ދުވަސްވަރު އައި ޠޫފާނާއި، ލޫޠުގެފާނުގެ ގައުމު ބަންޑުން ޖެއްސެވުން ހިމެނެއެވެ. ކީރިތި ﷲގެ ވަޙީބަސްފުޅުގައި ވެއެވެ. ﴿فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ (ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ.) (ހޫދު: 82)

ދެވަނަ ބަޔަކީ، ތަންތަނަށް ނައިސް ހަމައެކަނި މީސްތަކުންނަށް އަންނަ މުޞީބާތް. މިފަދަ މުޞީބާތްތަކުން ގެއްލުން ލިބެނީ އިންސާނުންނަށް އެކަންޏެވެ. މި މުޞީބާތްތަކުގެ ތެރޭގައި އިންސާނުންގެ ތެރޭގައި ފެތުރޭ ބަލިމަޑުކަމާއި، މާތް ﷲއަށް އުރެދުނު ބައެއް ގައުމުތަކަށް އެކަލާނގެ ފޮނުއްވި ކޯފާ ހިފެނެއެވެ. ޝުޢައިބުގެފާނުގެ ގައުމުގެ ވާހަކަ ބަޔާންކުރައްވަމުން މާތްﷲ ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْبًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ (އަދި ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، شعيب ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބި މީހުން، ތިމަންރަސްކަލާނގެ رحمة ފުޅުން ސަލާމަތްކުރެއްވީމެވެ. އަދި (ބިރުވެރި) އަޑުއައިސް، އަނިޔާވެރިވީ މީހުން ހަލާކު ކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތި ގެދޮރުގައި އެއުރެންތިބީ، ކަކޫމައްޗަށް ތިރިވެ، މަރުވެފައެވެ.) (ހޫދު 94)

ތިންވަނަ ބަޔަކީ، އިންސާނުންގެ ތެރެއިން ވަކި މީހަކަށް ނުވަތަ ބަޔަކަށް ކުރިމަތިވާ މުޞީބާތް. މިފަދަ މުޞީބާތްތަކުގެ ތެރޭގައި އުރެދުމާއި ކާފަރުކަމުގައި ހައްދު ފަހަނައަޅައި ދާ މީހުންނަށް މާތް ﷲ ދެއްވާ އުގޫބާތް ހިމެނެއެވެ. މީގެ އެއް މިސާލަކީ ޤާރޫނަށް މާތް ﷲ ދެއްވި އުގޫބާތެވެ. ﴿فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ (ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (خزانة ތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، اللَّه އާ ދެކޮޅަށް އޭނާޔަށް نصر ދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި نصر ލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ.) (ޤަޞަޞު: 81) ގާތްތިމާގެ މީހަކު ކުއްލި ގޮތަކަށް މަރުވުމާއި، މުދަލާއި ގެދޮރު އަނދައިގެން ނުވަތަ ހަލާކުވެގެން ދިއުން ފަދަ، އާއްމު ދިއުޅުމުގައި އިންސާނުންނަށް ދިމާވާ އެކިއެކި މުޞީބާތްތަކަކީވެސް މި ބާވަތުގެ މުޞީބާތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.