ރޯދަމަޖާ: ޓެސްޓު ހެއްދުން

ޓެސްޓު ހެއްދުން

އާދަނު ކުލިނިކަށް ދިޔައިރު އެ ތަނުގައި ޑޮކްޓަރަށް ދައްކަން ގޮސް ތިބި ދެމީހުން ތެރެއިން އެކަކު ހަމަ ރޮނީއެވެ. "ކީއްވެތަ ތިޔަ ރޮނީ؟" އާދަނު އަހާލިއެވެ. "އަހަރެން މިއައީ ލޭ ގެ ޓެސްޓެއް ހަދަން." ރޯން ހުރި މީހާ ބުންޏެވެ. "އެކަމާ ބިރުންތަ ތިޔަ ރޮނީ؟" އާދަނު އެހިއެވެ. "އާނ. ލޭ ނަގަން އިނގިލި ބުރިކޮށްލަފާނެތީ ބިރުން މިހުރީ." އެމީހާ ބުންޏެވެ. މި އަޑުއިވުމާއެކު ދެން ހުރި މީހާ ރޯން ފަށައިފިއެވެ. އޭނާ އެ ރޮނީ ކީއްވެތޯ އާދަނު އެހިއެވެ. "އަހަރެން މިއައީ ކުޑަކަމުދާ ތަކެތީގެ ޓެސްޓެއް ހަދަން.] ބާރަށް ރޮމުން އޭނާ ޖަވާބު ދިނެވެ.

މިއީވެސް ރައްދެއް

ޝިރާނީ އަކީ އަވަށު އެންމެން ކުރާހާ ކަމެއް ބަލަމުން، އެކެއްގެ ވާހަކަ އަނެކެއްގެ ގާތު ދައްކަމުން ހިނގާ މީހެކެވެ. ޝިރާނީ ހިތުން އޭނާ ނޫން އެހެން އެންމެންނަކީ ގޯސް މީހުންނެވެ. އެހެންކަމުން އަވަށުގެ އެންމެންވެސް އޭނާގެ އަނގައިގައި ނުޖެހި ވޭތޯ ބަލައެވެ. ހާރިސް އަކީ މި އަވަށަށް އަލަށް އައި މީހެކެވެ. ހާރިސް އަވަށަށް އައިސް އުޅެންފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި ހާރިސް އުޅޭނޫޅޭގޮތް ޝިރާނީ ބަލަން ފަށައިފިއެވެ.

އެއްރޭ ހާރިސް ދުއްވާ ސައިކަލު އެ އަވަށުގައި އެންމެ ވިޔާނުދާކޮށް އުޅޭކަމަށް މަޝްހޫރު އަންހެންކުއްޖެއްގެ ގޭ ދޮރުމަތީގައި ޕާކުކޮށްފައި ހުއްޓާ ޝިރާނީއަށް ފެނިއްޖެއެވެ. އަދި އެ ވާހަކަ އަވަށު ތެރޭގައި ދައްކައިފިއެވެ. އިސާހިތަކު އަވަށު ތެރޭގައި އެ ވާހަކަ ފެތުރިއްޖެއެވެ. އަދި ހާރިސް އާ މަގުމަތިން ދިމާވުމުންވެސް އެންމެންގެ ކުރިމަތީގައި އޭނާއަށް ފުރައްސާރަކޮށް އޭނާއަކީ އަވަށުގެ ވިޔާނުދާ އަންހެން ކުދިން ގާތަށް ދާމީހެއްކަމަށް ބުންޏެވެ. ހާރިސް އަނގައިން ނުބުނެ ހުރީއެވެ. ހާރިސްއަކީ މިޒާޖުގައިވެސް މަޑުމައިތިރި މީހެކެވެ. ހާރިސް ޝިރާނީ އަށް އެއްވެސް ރައްދެއް ނުދެއެވެ. ދިފާޢުގައި އެއްޗެއްވެސް ނުބުނެއެވެ. އަދި އެކަން ވީގޮތް ކިޔައިދޭކަށްވެސް ނޫޅުނެވެ. އޭނާ އެނބުރި ދިޔައީއެވެ.

އެހެންނަމަވެސް ހާރިސް ކުރިކަމެއް އޮތެވެ. އެ ރޭ ތަންކޮޅެއް ދަންކޮށްފައި ހާރިސް އޭނާގެ ސައިކަލުގައި ގޮސް ޝިރާނީގެ ގޭ ދޮށުގައި ސައިކަލް ޕާކުކުރިއެވެ. އަދި ސައިކަލު އެތަނުގައި ބަހައްޓާފައި ހިނގާފައި އެނބުރި އޭނާގެ ގެއަށް ދިޔައީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.