މަޖިލިހުން ކަނޑައަޅާ ދައުލަތުގެ މަޤާމުތަކުގެ މުސާރަ އިތުރު ތިން މަސް ދުވަހަށް ކުޑަކުރުމަށް ފާސްކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލިހުން މުސާރަ ކަނޑައަޅާ ދައުލަތުގެ މަޤާމުތަކުގެ މުސާރަ އިތުރު ތިން މަސް ދުވަހަށް ކުޑަކުރުމަށް ފާސްކޮށްފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިތުރު ތިން މަސް ދުވަހަށް ކުޑަކުރުމަށް ފާސްކޮށްފައިވަނީ ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރައެވެ. މުސާރަތަކަށް ގެނައިބަދަލާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން އެއެކުލަވާލި ރިޕޯޓު ފާސްކުރީ 64 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މަޖިލީހުން މުސާރަ ކަނޑައަޅާ މަޤާމުތަކުގެ މުސާރާއަށް ގެނައި ބަދަލާއެކު މެއި މަހާއި ޖޫން މަހާއި އަދި ޖުލައި މަހަށް މި މަޤާމުތަކުގެ މުސާރަތައް ކުޑަ ކުރެވޭނެއެވެ. ކުރިން މަޖިލީހުން ނިންމީ މާޗު މަހާއި އޭޕްރީލް މަހަށް އެކަނި އަސާސި މުސާރައިން 20 އިންސައްތަ އުނިކުރުމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި، ފަޑިޔާރުންނާއި މެޖިސްޓްރޭޓުންގެ މުސާރަ ފިޔަވައި އެހެން މުސާރަތަކަށް ބަދަލު ގެނެސްފައިވަނީ ސަރުކާރުން ކަނޑައަޅާ މަޤާމްތަކުގެ މުސާރަތައް ބަދަލުކުރުމަށް ނިމައިފައިވާ އުޞޫލާ އެއް ގޮތަށެވެ. ނަމަވެސް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި، ފަޑިޔާރުންނާއި މެޖިސްޓްރޭޓުންގެ މުސާރަ ތަންފީޒުކޮށްފިނަމަ ވަޒީފާގެ އޮނިގަނޑުގައި އެފަރާތްތަކުގެ މަޤާމާއި މަސްޢޫލިއްޔަތުތައް އަތުރާލެވިފައިވާ ގޮތާ ޙިލާފުވާނެތީ، އެގޮތާ ތަޢާރުޟު ނުވާނޭހެން އެފަރާތްތަކުގެ މުސާރަ ކަނޑައަޅުއްވުމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމައިފައެވެ. މިގޮތުން ފަނޑިޔާރުންގެ މުސާރަ ކަނޑައަޅައިފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވާލާފައިވާ ކަރުދާހުގައިވާ ގޮތަށް ކަމަށް ކޮމެޓީގެ ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ.

މިގޮތުން ސުޕީރިއަރ ފަސްކޯޓުގެ ތެރެއިން ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓުގެ އިސް ޤާޟީގެ މުސާރައާއި ޢިނާޔަތްތައް 43،200 ރުފިޔާގައި އަދި އެކޯޓުތަކުގެ އެހެން ޤާޟީންގެ މުސާރައާއި ޢިނާޔަތްތައް 43،000 ރުފިޔާއަށް ކެޕްކުރުމަށް ކޮމިޓީން ނިންމެވިއެވެ. އަދި އަނެއް ތިން ކޯޓުގެ އިސް ޤާޟީގެ މުސާރައާއި ޢިނާޔަތްތައް 41،700 ރުފިޔާގައި އަދި އެކޯޓުތަކުގެ އެހެން ޤާޟީންގެ މުސާރައާއި ޢިނާޔަތްތައް 41،500 ރުފިޔާގައި ކެޕްކުރުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، މެޖިސްޓްރޭޓުންގެ މުސާރައާއި ޢިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި، އެންމެ ދަށް މުސާރަ ލިބޭ މެޖިސްޓްރޭޓުންގެ މުސާރައާއި ޢިނާޔަތްކަމަށްވާ 23،450 ރުފިޔާގައި އެހެން ގިންތިތަކުގެ މެޖިސްޓްރޭޓުންގެ މުސާރައާއި ޢިނާޔަތްތައް ހިފެހެއްޓުމަށް ކޮމިޓީން ނިންމެވިއެވެ.

މީގެ އިތުރުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާގެ މުސާރަ އެ ޓްރައިބިއުނަލްގެ ނައިބް ރައީސްގެ މުސާރައަށްވުރެ ކުޑަވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މުސާރަ 32،000 ރުފިޔާއަށް ކެޕްކުރުމަށް ކޮމިޓީން ނިންމެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.