މުޞްޙަފް - 19

(18 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މެހެމަލް ދޮރުބުޑުގައި އިށީނދެގެން އިނދެ ކަރުނަ ބާލަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ ހަވީރުގެ ހާދިސާތަކެވެ. އޭނާ ފެނުނީމާ ސިހުނު ގޮތާއި ސައިތަށީގައި ހިފިއިރު އަތުގައި ބީހިލެވުނު ގޮތް ހަނދާނަށް އައެވެ.

"އާޣާ ބުނި ޅަ ކުއްޖެކޭ... ރީތި ކުއްޖެކޭ... އެއްވެސް މީހަކު އިނގިލި ކުރިވެސް ޖައްސައިނުލާ ކުއްޖެކޭ... އަޅުގަނޑުމެން ބޭނުންވާ ކަހަލަ ކުއްޖެކޭ..."

އައްޔާޝް މީހެއްގެ އެދުމަކަށް ފޮނުވައިލާން އެންމެ ރަނގަޅު ވާނީ ގޭގައި ގެންގުޅޭ ޔަތީމް ކުއްޖެއް ނޫން ހެއްޔެވެ؟ މި ވިޔާނުދާ މީހުންގެ ޝަރުތުތަކަށް އޭނާ ފުރިހަމައަށް ފެތެއެވެ.

"މެހެމަލް... ހާދަހާ ރީއްޗޭ. މިއޮތް ހުރިހައި ދުވަހު މެހެމަލްގެ ރީތިކަން ފާހަގައެއްވެސް ނުކުރެވުނު." އޭނާގެ ވާހައިގެ ފޮނިކަމުގެ ސިއްރަކީ އަދި ކުރަމުން ދިޔަ ކަންތައްތަކުގެ ސިއްރަކީވެސް މިއީތާއެވެ. މެހެމަލްގެ ބަލިފަޔަކީ ކޮބައިކަން އޭނާއަށް އެނގެއެވެ. އޭނާ އެދޭ ތަކެއްޗާއި ކަންކަމުގެ ދަޅަ ދެއްކީ އެހެން ވެގެންނެވެ. އޭނާގެ މަޅީގައި ރަނގަޅަށް ޖެހި ބެދުނީމާ މިގެއަށް ފޮނުވީއެވެ. މެހެމަލްގެ ހިތަށް އެރިއެވެ. އަހަރެންގެ މޮޔަކަންވެސް ވަކިން ކުޑައެއް ނޫނެވެ. މަޅިއެއްގައި ބެދެނީ ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ. އޮފީހަށް ގެންގޮސްގެން އޭނާޔާ އެއްވެސް މަސައްކަތެއް ހަވާލެއް ނުކުރެއެވެ. މީސްމީހުން ގާތަށް ފޮނުވައިގެން އެކި އެއްޗެހީގައި ސޮއި ކުރުވުން ނޫން ކަމެއް ނުކުރުވައެވެ. އެވަރަކުންވެސް އޭނާއަކަށް ވިސްނައެއް ނުގަނެވުނެވެ.

މިހާރު ކުރިމަތިލާން މި ޖެހުނީ އެހެން މީހަކާއެވެ. ހުމާޔޫން ދާވޫދެވެ. އެއީ ކާކު ކަމެއް މެހެމަލަކަށް ނޭނގެއެވެ. އޭނާ އެ ހުރިހައި ސުވާލެއް ކުރަނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. އޭނާގެ މަގުސަދަކީ ކޮބައި ކަމެއްވެސް ވިސްނައެއް ނުގަނެވެއެވެ. އޭނާއަށް އެނގޭހައިވެސް ކަމަކީ މިރޭ ފާއިތު ވެގެން ދިއުމާއެކު އޭނާގެ ދުވަސް ދާނޭ ކަމެވެ. އޭނާޔާ އިންނާނޭ މީހަކު ނުވާނެއެވެ. މިހާރަކުވެސް ވަކި އިންނާނޭ މީހަކު ހުރީއަކީއެއް ނޫނެވެ. ފަވާދާ ދެކޮޅަށް އޭނާ ދައްކާ ވާހަކަ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. އޭނާގެ ކުށެއް ނެތް ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. މެހެމަލް އޮފީހަށް ގެންދިޔަ ކަމާމެދުވެސް ފަވާދް ދެކޮޅު ހަދާނެއެވެ. ޔާ ﷲ... އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އިސް އުފުލައި ކޮޓަރި ތެރެއަށް ބަލައިލިއެވެ. ކަރުނައިގެ ތެރެއިން ކޮޓަރިތެރެ ފެންނަނީ ތަންކޮޅެއް ފުސްކޮށެވެ. އެސްފިޔަ ޖަހައިލުމާއެކު ލޮލުގައި ހަރުލައިފައި ހުރި ކަރުނަވެސް ފައިބާން ފަށައިފިއެވެ.

ކޮޓަރިތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ. އަގު ބޮޑު ފަރުނީޗަރާއި ދޫލައާއި ދޮރުފޮއްޗެވެ.

ދޮރުފޮތި..؟ އޭނާ ސިހުނެވެ. އެ ފޮތީގެ ފުރަގަހުގައި ކުޑަދޮރު ހުންނާނެ ހެއްޔެވެ؟ އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އަދި ދޮރުފޮތިގަނޑުގެ އެއްފަރާތުގައި ހިފައިފައި ކަހައިލިއެވެ. ބޭރުން ފަންނާން އޮތީ ޓެރަހެވެ. ބޮކިތައް ހުރީ ދިއްލައިފައެވެ. އެހެންވީމާ ޓެރަސް މަތީގައި ބަޑި ހިފައިގެން ތިބި ދެ މީހުން ވަރަށް ސާފުކޮށް ފެނެއެވެ.

އޭނާ ބިރުން އަވަސްއަވަހަށް ފޮތިގަނޑު ލައްޕައިލިއެވެ.

"ޔާﷲ... މި އަޅާއަށް އެހީތެރިވެވޮޑިގެންފާނދޭވެ!" އޭނާ ދުޢާ ކުރަމުން ގެންދިޔައެވެ. ވަރުބަލިވީމާ ރީތިވާ މޭޒުގައި ހަރުކޮށްފައި ހުރި މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ.

ރުއިމުގެ ސަބަބުން ލޮލުގައި ހުރި އަނދުން ހުރީ ދޮވެވިފައެވެ. މިހާރު އޭނާގެ ލޯ ފެންނަނީ ބިރުވެރި ސިފައަކަށެވެ.

މެހެމަލަކީ ހިތްވަރު ގަދަ ކުއްޖެކެވެ. އެކަމަކު ފަވާދްގެ ވިޔާނުދާ ސިފަ ފެނުނީމާ އޭނާއަށް ލިބުނު ކުއްލި ސިހުމުގެ ސަބަބުން ހިތްވަރު އެލޭ ގޮތް ވިއެވެ. އެކަމަކު މިހާރު ހަމަ ވިސްނުން އެނބުރި އަންނާން ފަށައިފިއެވެ. ފަވާދްގެ ގޮތްކުޑަ އަމަލުތަކުގެ ބަދަލު އޭނާ ފަހުން ހިފާނެއެވެ. މި ވަގުތު ކުރަން އޮތް ކަމަކީ މި އައްޔާޝީ އެސްޕީގެ ވަކިދަށުން މިންޖު ވެގަތުމެވެ.

އޭނާ ކޮޓަރީގެ އެކި ތަންތަން ހޯދައި ބަލާން ފަށައިފިއެވެ. ބޭނުންވާ ކަހަލަ އެއްވެސް އެއްޗެއް ނުފެނުނެވެ. ދެން އޭނާ ހުޅުވައިލީ އަންނައުނު އަލަމާރިއެވެ. އެ އަލަމާރީގައި ހުރީ ހައްތަހާވެސް ފިރިހެން ހެދުމެވެ. އޭނާ ހުރިހައި ކޮނޑެއް ރަނގަޅަށް ވަކިވަކީން ބަލައިލިއެވެ. އެއީ ލާނޭ ކުރުތާއެއް ކަހަލަ އެއްޗެއް އޮތްތޯއެވެ. ނަސީބަކުން މުށި ކުލައެއްގެ ކުރުތާއަކާއި ހުދު ކުލައިގެ ހަރުވާޅެއް ފެނިއްޖެއެވެ. އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ ސާޅިން ސަލާމަތްވެގަތުމެވެ. އެ ކުރުތާއާއި ހަރުވާޅު ލުމަށް ފަހު ފާޚާނާއަށް ވަދެ އަތްފަޔާއި މޫނު ދޮވެލިއެވެ. ފާޚާނާގައިވެސް ބޭރަށް ނުކުމެވޭނޭ އެއްވެސް ގޮތެއް ހުރިތޯ ބަލައިފިއެވެ. އެކަހަލަ އެއްވެސް ތަނެއް ފެންނާން ނެތީމާ މާޔޫސީއާއެކު ނުކުންނާން އެނބުރިލީ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ދަތްއުނގުޅާ ބޭހާއި ބުރުސްފަދަ ތަކެތި ބަހައްޓައިފައި ހުރި ހަރުގަނޑެވެ. އެ ހަރުގަނޑުގެ އެތެރޭގައި ހުރި ހުދު ކުލަ ފާރުގައި ހުރި ހުދު ކުލަޔަށްވުރެ ހުދުކަން ގަދައެވެ. ކީއްވެގެން ބާވައެވެ؟

އޭނާ ހަރުގަނޑުގައި ހުރި ސާމާނު ނަގައި ހުސްކޮށްލިއެވެ. އެތެރޭގެ ފާރުގައި އަތްލައި ފުއްޓަކި ޖަހައި ބަލައިލީމާ އެނގުނު ގޮތުގައި އެއީ ގައު ފާރެއް ނޫނެވެ. ލަކުޑި ފިލައެކެވެ. އަތް ޖައްސައިލީމާ މަޑުކަމުން ތުނި ފިލައެއްކަން އެނގުނެވެ.

ދެން އޮތީ ފަސޭހަ މަސައްކަތެކެވެ. އޭނާ ފެން އިސްކުރު ދޫކޮށްލިއެވެ. އެއީ ކުރާ މަސައްކަތުގެ އަޑު ބޭރަށް ނީވޭ ގޮތް ހެދުމަށްޓަކައެވެ. ކުޑަ ހިތްވަރާއެކު މާ ގިނަ އިރުތަކެއް ނުވެ އެ ފިލާ ނައްޓައިލެވިއްޖެއެވެ. ފިލައިގެ ފުރަގަހުގައި ހުރީ ކުޑަ ދޮރެކެވެ. އެއީ އޭނާއަށް ނުކުމެވޭ ވަރުގެ ކުޑަދޮރެކެވެ. ދޮރު ހުޅުވައިލުމަށް ފަހު ބޯދީ ބޭރު ބަލައިލުމާއެކު އޭނާ ކުޑަކޮށް އަނބުރައިގަންނަ ގޮތް ވިއެވެ. ކުޑަދޮރާ ގާތްގަނޑަކަށް ދެ ފޫޓެއްހައި ދުރުގައި ހުރީ ފާރުބުރިއެކެވެ. އެ ދޭތެރޭ މެދުގައި އޮތީ ހުސް ތަނެވެ. އޭނާ ބޭރު ބަލައިލީއިރު ފެންނަނީ ސީދާ ބިން މައްޗެވެ. އޭނާއަށް ހުރެވުނީ ގޭގެ ތިންވަނަ ބުރީގެ ކޮޓަރިއެއްގައެވެ. މިއީ ނުކުމެގެން ދެވޭން އޮތް މަގެއް ނޫންކަން އޭނާއަށް ޔަގީން ވެއްޖެއެވެ.

އޭނާގެ އުއްމީދުތައް އަނެއްކާވެސް ފެނަށް ވީއެވެ. ފެންނާން އޮތް އެންމެ ފަހުގެ މަގުވެސް ބަންދުވީއެވެ. ފެން އިސްކުރު ބަންދު ކުރުމަށް ފަހު ކުޑަދޮރު ލައްޕައިލާން އުޅުނު ވަގުތު އޭނާއަށް ބަޔަކު ވާހަކަ ދައްކާއަޑު އިވިއްޖެއެވެ.

"މިތާ ފެންޑާގައި ކީއް ކުރަނީ؟"

"ތަޖްވީދު ދަސް ކުރަނީ."

އެއީ އަންހެން ކުދިންތަކެއް ވާހަކަ ދައްކާ އަޑެވެ. އަޑު އިވެނީ އެހައި ކައިރިއަކުންނެއް ނޫނެވެ. އަދި އެހައި ދުރަކުންނެއްވެސް ނޫނެވެ. އޭނާ ފާޚާނާގެ ބޮކި ނިއްވައިލިއެވެ.

ބޭރުގެ މަންޒަރު އޭނާއަށް ސިފަވާން ފަށައިފިއެވެ. ކުޑަދޮރާ ޖެހިގެން ހުރި ފާރުބުރިއާ ދެމެދު ހުރީ ގާތްގަނޑަކަށް ދެ ފޫޓެވެ. އަޑު އިވެނީ ތިރިއަކުންނެއް ނޫނެވެ. ކުރިމަތިންނެވެ. މާނައަކީ ފާރުގެ އަނެއް ފަރާތުގައި އޮތީ ހާމަ ފެންޑާއެކެވެ. ނުވަތަ ހުސް ތަނެކެވެ.

އެ ފާރުބުރި މަތީން އަނެއް ފަރާތަށް ދެވިއްޖެއްޔާ އެ އޮތީ ނުކުމެވިފައެވެ.

މި އާދަޔާ ޚިލާފު ބުއްދި ކުރެވުމާއެކު އޭނާ އަރައިގެން ހުރި ފައިވާން ބާލައިފިއެވެ. އަނެއްކާވެސް ބޯދީ ތިރިއަށް ބަލާލައިފިއެވެ. ވެއްޓިއްޖެއްޔާ ސަލާމަތް ނުވާނޭކަން ގައިމެވެ. އެކަމަކު އޭނާއަށް އެ ލިބޭ އަދި ލިބޭން އުޅޭ ގެއްލުމަށް ވުރެ މަރުވެސް މާ ރަނގަޅެވެ.

އޭނާ ކުޑަދޮރުގެ އޮޅި މަތީގައި އަތް އަޅައިލީތަނާ ކޮޓަރީގެ ބޭރު ދޮރުގައި މީހަކު ޓަކި ޖެހި އަޑު އިވިއްޖެއެވެ. އޭނާ ފާޚާނާއަށް ވަނީ ދޮރު އެތެރެއިން ތަޅުލައި ތަނޑު އަޅުވައިފައެވެ. އެހެންވީމާ އޭނާ ނުހުޅުވަނީހެއް މީހަކަށް ނުއެއް ވަދެވޭނެއެވެ. ކުޑަދޮރުގެ ފިލާގަނޑު ނައްޓައިލީ އަޑު ކޮންމެވެސް މީހަކަށް އިވުނީކަން ޔަގީނެވެ. އޭނާ ބިރުގަތެވެ. އެކަމަކުވެސް އޮޅި މައްޗަށް އަރައި ފާރުބުރިއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

"الَّلــــهُمَّ ... ހައްދަވައި ބޮޑު ކުރެއްވި ކަލާނކޮ..." ފާރުބުރީގެ އަނެއް ފަރާތުން ދުޢާއެއްގެ އަޑު އިވުނެވެ.

"الَّلــــهُمَّ جَعَل فِى قَلـْبِى نُوْرًا" (ހައްދަވައި ބޮޑުކުރެއްވި ކަލާނކޮ. މިއަޅާގެ ހިތުގައި ނޫރެއް ލައްވައިފާނދޭވެ.)

މެހެމަލް ފާރުބުރިމަތީގައި ދެ އަތް އަޅުވައިލުމަށް ފަހު ތިރިއަށް ނުބަލައި ހުރެގެން އެއްފައި ފާރުބުރި މައްޗަށް އެއްލައިފިއެވެ.

"وَ فِى بَصَرِى نُوْرًا وَ فِى سَمْعِى نُوْرًا" (އަދި މި އަޅާގެ ފެނުމުގައްޔާއި އިވުމުގައި ނޫރެއް ލައްވައިފާނދޭވެ.)

އޭނާ ފާރުބުރިމައްޗަށް އަރައި ދެ ފަރާތަށް ދެފައި ބާލައިގެން އިށީނދެ ތިރިއަށް ބަލައިލިއެވެ. އެ ގޭގެ ޓެރަހާއި ފާރުބުރިއާ ދެމެދު ބިރުގަންނަހައި އުހެއް ނޫނެވެ.

"وَ عَنْ يَّمِينِى نُوْرًا وَ عَنْ يَّسَارِى نُوْرًا" (އަދި މިއަޅާގެ ކަނާތްފަރާތުގައްޔާއި ވައަތްފަރާތުގައި ނޫރެއް ލައްވައިފާނދޭވެ.)

އޭނާ މަޑުމަޑުން ތަޅުންގަނޑު މައްޗަށް ފައިބައިފައި އެނބުރި ފާރާ ދިމާއަށް ބަލައިލިއެވެ. ޚުދު އޭނާވެސް ހައިރާންވިއެވެ. އެ ފާރު މައްޗަށް އަރައި މި ފަރާތަށް ފުންމައިލީ އޭނާ އެކަނި ހެއްޔެވެ؟ އެ ފާރުބުރީގެ އަނެއް ފަރާތުގައި އެހެރީ ހުމާޔޫން ދާވޫދްގެ ގައިދުޚާނާއެވެ. މިހާރު އޭނާ އެހެރީ އެތަނުން ސަލާމަތް ވެގެން ނުކުމެއެވެ. އެވަގުތު ފާރުމަތީން އަލިވާ ތަން ފެނުނެވެ. ކޮންމެވެސް މީހަކު ފާޚާނާގެ ބޮކި ދިއްލީކަން ގައިމެވެ.

އެވަގުތު އަމިއްލަ މޮޔަކަމުގެ މައްޗަށް ހިތުގައި ނުރުހުން އުފެދުނެވެ. އޭނާ ނުކުންނާންވީ ފާޚާނާގެ ބޮކި ދިއްލާފައި ފެން އިސްކުރު ދޫކޮށްފައި ބަހައްޓައިފައެވެ. އެކަމަކު މި ގޮތަށް ތަނަކުން ފިލައިގެން ނުކުތުމަކީ އޭނާއަށް އާދަވެފައި ހުރި ކަމެއް ނޫނިއްޔާއެވެ. އަނެއް ކޮޅުން އޭނާ ހުރީ ދުޢާކުރަމުންދާ އަންހެން ކުއްޖާގެ އަޑުގެ އަވައިގައި ޖެހިފައެވެ. އެހެންވީމާ ހަނދާންވެސް ނެތުނީއެވެ.

"وَ فَوْقِى نُوْرًا وَ عَنْ تَحْتِى نُوْرًا" (އަދި މިއަޅާގެ މަތީގައްޔާއި ތިރީގައި ނޫރެއް ލައްވައިފާނދޭވެ.)

ކުރިމަތީން ފެންނާން ހުރީ ހާމަފެންޑާއެކެވެ. ފެންޑާގެ މެދަކާ ހަމައިގައި ދޮރެއް ހުއްޓެވެ. ދޮރު ހުރީ ހުޅުވައިފައެވެ. ދޮރުގެ ބޭރުގައި ޗެންޗޭނެއް ހުއްޓެވެ. އެ ޗެންޗޭނަށް ލެނގިލައިގެން އިށީނދެ ލޯ މަރައިލައިގެން ހުރި އަންހެން ކުއްޖަކު ދުޢާ ކުރަމުން ގެންދަނީއެވެ.

"وَ عَنْ اِمَامِى نُوْرًا وَ خَلْقِى نُوْرًا" (އަދި މިއަޅާގެ ކުރިމަތީގައްޔާއި ފުރަގަހުގައި ނޫރެއް ލައްވައިފާނދޭވެ.)

އޭނާ ފާރުކައިރިން ހަތަރެސްފައި ޖަހައިގެން އޮވެ މަޑުމަޑުން ޗެންޗޭނާ ހަމައަށް އަތުވެއްޖެއެވެ. އެ އަންހެން ކުއްޖާއަކަށް އެއްވެސް ޚަބަރެއް ނުވެއެވެ. އެ ކުއްޖާ އިނީ ދުނިޔޭގެ ހުރިހައި ކަމަކުން ހިތް އެކަހެރި ކޮށްގެން މުނާޖާގެ ތެރެއަށް ގެއްލިފައެވެ.

"وَ جْعَلْنِى نُوْرًا" (އަދި މިއަޅާއަށްޓަކައި ނޫރެއް ލައްވައިފާނދޭވެ.)

މެހެމަލް ހުޅުވިފައި ހުރި ދޮރުން އެތެރެއަށް ދެމިގެންފިއެވެ. އޭރުވެސް ދޮރުމަތީގައި ހުރި ކުއްޖާ ދުޢާ ކުރަމުން ގެންދަނީއެވެ.

"وَ فِى لِسَانِى نُوْرًا وَ فِى عَصَبِى نُوْرًا" (އަދި މިއަޅާގެ ދުލުގައްޔާއި ނާރުތަކުގައި ނޫރެއް ލައްވައިފާނދޭވެ.)

ތެޅިތެޅި އޮތް ހިތަކާއެކު އޭނާ ފަރާތްފަރާތަށް ނަޒަރު ހިންގައިލިއެވެ. އެތެރެއިން ފެންނަނީ ދިގު މަގެކެވެ. މުޅިތަން އޮތީ ހުހަށެވެ. މަގުގެ އެއް ފަރާތުގައި ދުރުދުރުގައި ދެތިން އައިސްއަލަމާރި ހުއްޓެވެ. އަދި ފޮތް ހަރުތަކެއްވެސް ހުއްޓެވެ. ތަން އޮތީ އަނދިރިކޮށެވެ. ހަނދުވަރުގެ އަލީގައި ފެންނަނީ ވަރަށް ފަނޑު ގޮތަކަށެވެ. އޭނާ މަޑު ފިޔަވަޅުތަކެއް އަޅަމުން އައިސްއަލަމާރިއަކާ ދިމާއަށް ހިނގައިގެންފިއެވެ.

"وَ لَحْمِى نُوْرًا وَ دَمِى نُوْرًا" (އަދި މިއަޅާގެ މަހުގައްޔާއި ލޭގައި ނޫރެއް ލައްވައިފާނދޭވެ.)

އައިސްލަމާރިއާއި ފޮތްހަރާ ދެމެދު ފިލައި އޮވެވޭނޭ ޖާގަ ހުއްޓެވެ. އޭނާ ގޮސް އެތަނަށް ވަދެ ބިންމަތީގައި އިށީނދެއްޖެއެވެ. ދިމާ ކުރިމަތީގައި އެހެރީ ވަދެގެން އައި ދޮރެވެ. ބޭރުގައި ހުރި ކުއްޖާ ވަދެގެން އަތުވެއްޖެއްޔާ ވަރަށް ރަނގަޅަށް އޭނާ ފެންނާނެއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.