މުޞީބާތް ޖައްސަވައި އިމްތިޙާނުކުރެއްވި ނަބީބޭކަަލުންގެ ތެރެއިން: (3) އިބްރާހީމުގެފާނު

މާތް ﷲގެ މިތުރު، ސަލާމްލެއްވި އިބްރާހީމުގެފާނަކީ ނަބީބޭކަލުންގެ ތެރެއިން އެކަލާނގެ އެންމެ ގިނަ މުޞީބާތް ޖައްސަވައި އިމްތިޙާނުކުރެއްވި ނަބިއްޔާއެވެ. އެކަލާނގެ އެކަލޭގެފާނަށް ކުރިމަތިކުރެއްވި ބޮޑެތި އިމްތިޙާނުތަކާއި، އެ އިމްތިޙާނުތަކުގައި އެކަލޭގެފާނު ދެއްކެވި ނުގުޑާ ސާބިތުކަަމުގެ ސަބަބުން އެކަލޭގެފާނަށް ވަނީ މާތް ﷲގެ މިތުރުގެ ދަަރަޖަ ލިބިވަޑައިގެންފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَٱتَّخَذَ ٱللَّهُ إِبْرَ‌ٰهِيمَ خَلِيلًا﴾ (اللَّه، މިތުރަކު ކަމުގައި إبراهيم ގެފާނު ހިއްޕެވިއެވެ.) (އައްނިސާއު: 125) އިބްރާހީމުގެފާނު ފިޔަވައި މާތް ﷲ މިތުރުގެ ދަރަޖަދެއްވާފައި ވަނީ މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު އަށެވެ. ޙަދީޘުގައި އައިސްފައިވާ ފަދައިންނެވެ. عَنْ جُنْدَبٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏إِنَّ اللَّهَ تَعَالَى قَدِ اتَّخَذَنِي خَلِيلاً كَمَا اتَّخَذَ إِبْرَاهِيمَ خَلِيلاً‏"‏‏.‏ (ހަމަކަށަވަރުން މާތް ﷲ ވަނީ އިބްރާހީމުގެފާނު މިތުރަކު ކަމުގައި ހިއްޕެވި ފަދައިން، ތިމަންކަލޭގެފާނު މިތުރަކު ކަމުގައި ހިއްޕަވާފައެވެ. (ޞަޙީޙު މުސްލިމް، ޙަދީޘު: 532)

މާތް ﷲ އިބްރާހީމުގެފާނާ ކުރިމަތިކުރެއްވި މުޞީބާތްތަކުގެ ތެރެއިން ފުރަތަމަ މުޞީބާތަކީ އެެކަލޭގެފާނަށް އެއްލައިލުމެވެ. އިންސާނަކަށް ދުނިޔެ މަތީގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް މުޞީބާތަކީ އޭނާ ދިރިހުއްޓާ އަލިފާނަށް ލުމެވެ. އިބްރާހީމުގެފާނު އެއްލާލެވުނީ ކުޑަ އަލިފާންގަނޑަކަށް ނޫނެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުން ވަނީ އެއަލިފާންގަނޑު ހޫނުގަދަ ކަމުން އެ ފެންނަ ހިސާބުގައި ނުތިބެވޭ ވަރުގެ ބޮޑު އަލިފާންގަނޑެއް ރޯކޮށް، މަންޖަނީޤެއް (ހަނގުރާމައިގައި ބޮޑެތި ހިލަ ދުރަށް ފޮނުވުމަށް ބޭނުންކުރެވޭ ބޮޑު ސާޅަނގައެެއް ފަދަ އެއްޗެއް) ބޭނުންކޮށްގެން އެކަލޭގެފާނު އެއަލިފާންގަނޑަށް އެއްލައިލާފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَـٰعِلِينَ﴾ (އެއުރެން ބުނޫއެވެ. ތިޔަބައިމީހުން ކަމެއްކުރަނީ ކަމުގައިވާނަމަ، އެކަލޭގެފާނު އަންދައިލާށެވެ! އަދި ތިޔަބައިމީހުންގެ إله ންތަކަށް نصر ދޭށެވެ!) (އަލްއަންބިޔާއު: 68)

އަލިފާންގަނޑަށް އެއްލައިލި ހިނދުވެސް އިބްރާހީމްގެފާނު ހުންނެވީ ސާބިތުކަމާއެކީ މާތް ﷲއަށް ތަސްބީޙަ ދަންނަވައި، އެކަލާނގެއަށް ޙަމްދުކުރެއްވުން މަތީގައެވެ. ކުޑަ ހިނދުކޮޅަކަށްވެސް އެކަލާނގެއާމެދު އޮތް ޔަގީންކަން އެކަލޭގެފާނުގެ ހިތްޕުޅުން ފިލައި ނުދެއެވެ. އެހެންކަމުން މާތް ﷲގެ މިއިމްތިޙާނު އެކަލޭގެފާނު ކާމިޔާބުކުރެއްވީތީ، އެކަލާނގެ އެކަލޭގެފާނަށް ދެއްވީ ވަރަށް ފުރިހަމަ ޖަޒާއެކެވެ. އެ ބިޔަ، ހޫނުގަދަ އަލިފާންގަނޑު އެކަލޭގެފާނަށްޓަކައި ފިނިއެއްޗަކަށް ބަދަލުކުރެއްވީއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قُلْنَا يَـٰنَارُ كُونِى بَرْدًا وَسَلَـٰمًا عَلَىٰٓ إِبْرَ‌ٰهِيمَ﴾ ((ދެން އެއުރެން އެކަލޭގެފާނު އަލިފާނަށް އެއްލިހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ އަލިފާނާއެވެ! إبراهيم ގެފާނުގެ މައްޗަށް ފިނިކަމެއް ކަމުގައްޔާއި، أمان ކަމެއްކަމުގައި ވާށެވެ!) (އަލްއަންބިޔާއު: 69)

ދެން، މާތް ﷲ އެކަލާނގެ މިތުރު އިބްރާހީމުގެފާނަށް ކުރިމަތިކުރެއްވި އެންމެ ބޮޑު މުޞީބާތަކީ، ދިގު އިންތިޒާރަކަށް ފަހު އެކަލޭގެފާނަށް ލިބިވަޑައިގެންނެެވި ހަމައެކަނި ދަރިކަލުން، ސަލާމްލެއްވި އިސްމާޢީލުގެފާނު (އޭރު އިބްރާހީމްގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލަކީ އިސްމާއީލުގެފާެނެެވެ. ފަހުން، އެކަލޭގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގަތެެވެ.) ޤުރްބާންކުރެއްވުމަށް އެންގެވުމެވެ. މި އިމްތިޙާނުގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްްވާފައި ވެއެެެވެ. ﴿فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ﴾ (ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން (އިސްމާޢީލުގެފާނު) މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. (އައްޞާއްފާތު: 102)

އިބްރާހީމުގެފާނާ އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނާ ދެބަފައިކަލުންވެސް ވަނީ މާތް ﷲގެ މިވަރުގަދަ އިމްތިޙާނާ އެއްވެސް ފަސްޖެހިވަޑައިގަތުމެއް ނެތި ކުރިމަލި ލައްވައި އެކަމަށް ޢަމަލީ ސިފަގެންނަވާފައެވެ. އެހެންނަމަވެސް، އެވަގުތު ސުވަރުގޭގެ ކަންބަޅި ބަކަރިއެއް އެވަޅީގެ ދަށަށް ލައްވައި މާތް ﷲ ވަނީ އިސްމާޢީލުގެފާނު ސަލާމަތްކުރައްވާފައެވެ. އަދި މި ބޮޑު އިމްތިޙާނުގައި ދެއްކެވި ސާބިތުކަމަށްޓަކައި އިބްރާހީމުގެފާނަށް ފުރިހަމަ ޖަޒާދެއްވާފައެވެ. އަންނަނިވި އާޔަތްތަކުގައި މާތް ﷲ ވަނީ މިކަން ބަޔާންކުރައްވާފައެެވެ. ﴿فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ * وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَ‌ٰهِيمُ * قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَ‌ٰلِكَ نَجْزِى ٱلْمُحْسِنِينَ * إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ * وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍ * وَتَرَكْنَا عَلَيْهِ فِى ٱلْءَاخِرِينَ * سَلَـٰمٌ عَلَىٰٓ إِبْرَ‌ٰهِيمَ * كَذَ‌ٰلِكَ نَجْزِى ٱلْمُحْسِنِينَ * إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِين﴾ (ފަހެ، އެ ދެބަފައިކަލުން (اللَّه އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيم ގެފާނެވެ! * ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. * ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ امتحان ކަން ކަށަވަރެވެ. * އަދި قدر ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. * އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. * إبراهيم ގެފާނުގެ މައްޗަށް سلام ހުށްޓެވެ. * إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (110) ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ.) (އައްޞާއްފާތު: 103-111)

އިސްވެ ދެންނެވުނީ މާތް ﷲ އެކަލާނގެ މިތުރު އިބްރާހީމުގެފާނަށް ކުރިމަތިކުރެއްވި އެންމެ ބޮޑު ދެ އިމްތިޙާނެވެ. މީގެ އިތުރަށްވެސް އެކަލާނގެ ވަނީ އެކަލޭގެފާނު އެތައް ކަމަކުން އިމްތިޙާނުކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.