މުޞީބާތުން ލިބިގަންނަންވީ ފިލާވަޅު: (1) ޝައިޠާނާއަށް ލިބިގެންވަނީ ﷲ ދެއްވި ބާރެއް

އާއްމުކޮށް ހުރިހާ ވަގުތެއްގައި، ވަކީން ޚާއްސަކޮށް މުޞީބާތުގެ ވަގުތުގައްޔާއި، ހިތާމައާއި ހިތްދަތިކަމުގެ ވަގުތު ޝައިޠާނާ އިންސާނާގެ މައްޗަަށް ބާރުފޯރުވައި، އެކަލޭގެ މަގަށް އިންސާނާ ލެންބުމުގައި ކާމިޔާބު ހޯދާކަމީ ހަގީގަތެކެވެ. އެހެންނަމަވެސް، އެއީ އެކަލޭގެ އޭނާގެ އަމިއްލަ ބާރުވެރިކަމުގައި ކުރާ ކަމެއް ހެއްޔެވެ؟ ނުވަތަ އެ ކަލޭގެއަށް ލިބިގެން ވަނީ މާތް ﷲ ދެއްވި ބާރެކެވެ.

މާތް ﷲ އާދަމުގެފާނު ހައްދަވައި، މަލާއިކަތުންނަށް އެކަލޭގެފާނަށް ސަޖިދަކުރުމަށް އަމުރުކުރެއްވި ހިނދު ޝައިޠާނާ އެކަމަށް ދެކޮޅު ހެދިއެވެ. އާދަމަގެފާނަށް ކުރުމަށް މާތް ﷲ އަމުރުކުރެއްވީ އިޙްތިރާމުގެ ސަޖިދައެކެވެ. އަދި ޝައިޠާނައަކީ މަލާއިކަތަކަށް ނުވިޔަސް އެ ކަލޭގެ އޭރު ހުރީ މަލާއިކަތުންނާއެކު ސުވަރުގޭގައެވެ. މާތް ﷲގެ އަަމުރުފުޅަށް ޝައިޠާނާ ނުކިޔަމަންތެރިވުމުން އެކަލާނގެ އެ ކަލޭގެއަށް ލަޢުނަތް ލައްވައި ސުވަރުގެއިން ބޭރުކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ * وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ﴾ (އެކަލާނގެ ވަޙީ ކުރެއްވިއެވެ. ފަހެ، ކަލޭގެ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، ރަޙަމަތުން ބޭރުކުރައްވާފައެވެ. * އަދި ހަމަކަށަވަރުން ޤިޔާމަތް  ދުވަހަށް ދާނދެން ކަލޭގެ މައްޗަށް ލަޢުނަތް ހުށްޓެވެ. (އަލްޙިޖްރު: 34، 35)

ސުވަރުގެއިން ޝައިޠާނާ ނެރުއްވައި ބިންމައްޗަށް އެކަލޭގެ ފޮނުއްވުމަކީ މާތް ﷲ އެކަލާނގެ ޤަދަރުގައި ކުރިިއްސުރެ ކަނޑަައަޅުއްވައި ނިންމަވާފައިވާ ކަމެކެވެ. މަޤްޞަދަކީ އިސްނާނުން އިމްތިޙާނުކުރެއްވުމެވެ. އެބައިމީހުންގެ ތެރެއިން އެކަލާނގެއަށް އިޚްލާޞްތެރިކަމާއެކު އީމާންވާ މީހުންނާއި މަގު ފުރެދޭ މީހުން ވަކިކުރެއްވުމެވެ. އިމްތިޙާނުކުރެއްވުމަކީ މިދުނިޔޭގައި އެކަލާނގެ ސުންނަތެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ * وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ﴾ (މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ * އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްތިޙާނު ކުރެއްވީމެވެ. ފަހެ (އީމާން ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ.) (އަލްޢަންކަބޫތު: 2، 3)

އެކަލާނގެ ކަނޑައަޅުއްވާފައިވާ މި އުޞޫލުދަށުން އިންސާނުންނަށް ކުރިމަތިކުރައްވާ އިމްތިޙާނެެއްގެ ގޮތުގައި ޝައިޠާނާ ދުނިޔެއަށް ފޮނުއްވުުުމުން އެކަލޭގެ މަސައްކަތް އެކަލޭގެ ފެށީ މާތްﷲ އެކަލޭގެއަށް މުހުލަތު ދެއްވުމުންނެވެ. މާތް ﷲ ވަޙީކުުރައްވާފައި ވެއެވެ. ﴿قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ * قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ * إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ﴾ (އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި މަޙްޝަރަށް) ފޮނުއްވާނޭ ދުވަހަށް ދާނދެން ތިމަން އަޅާޔަށް މުހުލަތު ދެއްވާނދޭވެ! * އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ މުހުލަތު ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ. * ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ. (އަލްޙިޖްރު: 36-38)

މާތް ﷲ ދެއްވި އިޚްތިޔާރާއެކު ޝައިޠާނާ ބިންމައްޗަށް އައިސް އެކަލޭގެ މަސައްކަތްފެށުމުން މާތް ﷲ އޭނާއަށް އެންގެވީ މިފަދައިންނެވެ. ﴿وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَ‌ٰلِ وَٱلْأَوْلَـٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا﴾ (އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ! އަދި ކަލޭގެ ސަވާރުންތަކާއި، ފައިމަގުގައިވާ މީހުންތައް މެދުވެރިކޮށް، އެއުރެންގެމައްޗަށް ބާރުހިންގާށެވެ! އަދި މުދާތަކާއި، ދަރިފަސްކޮޅުތަކުގައި އެއުރެން ބައިވެރިކުރާށެވެ! އަދި އެއުރެންނަށް وعد ކުރާށެވެ! ހެއްލުންތެރިކަމެއްމެނުވީ، شيطان އާ އެއުރެންނަކަށް وعد އެއް ނުކުރެތެވެ.) (އަލްއިސްރާއު: 64)

މަތީގައިިވާ އާޔަތުން ސާފުކޮށް އެނގޭ ފަދައިން ޝައިޠާނާއަށް މާތް ﷲ ވަނީ އޭނާއަށް ލިބުނު ހުރިހާ ވަސީލަތަކާއި ބާރެއް ބޭނުންކޮށްގެން އިންސާނުން މަގުފުރެއްދުމަށް އަންގަވާފައެވެ. އެހެންނަމަވެސް، މި އެންގެވުމާއެކު، އެކަލާނގެ އެކަލޭގެއަށް ކަމެއް ހަނދާކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. وكيل އަކު ކަމުގައި، ކަލޭގެ ވެރިރަސްކަލާނގެ ފުދެއެވެ.) (އަލްއިސްރާއު: 65)

އިސްވެދިޔަ އާޔަތުން އެނގިގެން ދިޔަ ގޮތުގައި، މާތް ﷲއަށް ޙައްޤު ގޮތުގައި އަޅުކަންކޮށް، އެކަލާނގެ އަށް ފުރިހަމަ ގޮތުގައި ވަކީލުކުރާ އަޅުންގެ ވަކީލަކީ އެކަލާނގެއެެވެ. އަދި އެކަލޭގެ ވަސްވާސްތަކުން އަޅުތަކުން ސަލާމަތްކުރައްވާ ފަަރާތެއްގެ ގޮތުގައި އެކަލާނގެ ފުދެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.