ބުދަ ދުވަހުގެ ދަންވަރުގެ ވަގުތުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އައްޑޫ ރައްޔިތުން ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ. މެދުނުކެނޑި ގިނަ އިރުތަކަކަށް ނުހުއްޓައި ވާރޭވެހުމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ގިނަ ގޭގެއަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. ވާރޭވެހުމާއި ގުޅިގެން ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވީ ފޭދުއަށެވެ. ފޭދޫގެ 93 ގެއަކަށް ފެން ވަނުމާއި ގުޅިގެން ރިޕޯޓުކުރެވުނުވެ. ފޭދޫއަށް ފިޔަވައި ދެން އެންމެ ބޮޑަށް ގެއްލުންވީ މަރަދޫފޭދުއަށާއި ހިތަދުއަށެވެ. މަރަދޫފޭދޫގެ 19 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވެއެވެ. ހިތަދޫގެ 28 ގެއަކަށް އަދި މަރަދޫގެ 11 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ. މަރަދޫގައި ވެސް ކުރިން ފެން ނުވަންނަ ގެތަކަށް ފެން ވަނީ ވަދެފައެވެ. މީދުއާއި ހުޅުދުއަށް ވާރޭ ވެހުނު ނަމަވެސް އެއްވެސް ގެއަކަށް ފެން ވަދެގެން މައްސަލަ ހުށަހަޅާފައި ނުވެއެވެ.
ބޯކޮށް ވާރޭވެހުމާއި ގުޅިގެން އައްޑޫގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނެވެ. މިގޮތުން މަގުމަތީގައި ފެން ބޮޑުވުމުން ހިނގައި ބިގައިވެ އުޅުމުގައްޔާއި ދުއްވާތަކެތި ދުއްވުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވިއެވެ. މިހެންދިމާވުމުން ފެން ހިއްކަން ބޭނުންވާނެ އާލާތްތައް ހޯދުމަށް ފެންބޮޑުވި ގޭގޭގެ ރައްޔިތުންނަށް އުނދަގޫވިއެވެ. އިއްޔެއަކީ ރޯދަމަހުގެ ދުވަހަކަށްވީ ނަމަވެސް ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގައި ރޯދަވިއްލަން ނުވެސް ކައްކައެވެ. "ވާރޭވެހި ގެއަށް ފެންވަދެފައިވާތީ ފެން ބޭރުކުރުމުގައި އުޅެނިކޮށް ކަރަންޓު ދިޔައީ. އެހެންވެ ރޯދަ ވިއްލާ ގަޑިއަށް ކާއެއްޗެއް ވެސް ތައްޔާރު ނުކުރެވުނު." ފޭދޫގެ ރައްޔިތަކު އޭނާއަށް ކުރިމަތިވި ދަތިތައް ޙިއްސާ ކުރަމުން ބުންޏެވެ. ހަމަމިއާއެކު ފެން ވަނުމުގެ ސަބަބުން ގޭގޭގައި ހުރި ހިފައި ގެންގުޅޭ ސާމާނާއި ، ފަރުނީޗަރުތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ. ބައެއް ގޭގޭގެ ފަރުނީޗަރު ހަލާކުވެ އުކާލަންވެސް ޖެހުނުވެ. ހިފައި ގެންގުޅޭ ބައެއް ތަކެތި ބޭނުންނުކުރެވޭ ވަރަށް ހަލާކުވިއެވެ.
ވާރޭވެހުމާއި ގުޅިގެން ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމުގައި މުއައްސަސާތަކުންނާއި އާއްމު ފަރާތްތަކުން ބައިވެރިވިއެވެ. މިގޮތުން އެމްއެންޑީއެފް އިން ޕަމްޕް ބޭނުންކޮށްގެން ފެން ވަން ގޭގެއިން ފެން ބޭރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައިރު ފުލުހުންވަނީ ގޭތެރެއަށް ފެން ނުވަންނާގޮތަށް ވެލި ބަސްތާ ޖަހައިދީފައެވެ. އަދި ކައުންސިލާއި، ވޮލަންޓިއަރ ގްރޫޕްތަކާއި ހެޔޮއެދޭ ފަރާތްތަކުން ވަނީ ގޭގޭގެ ފަރުނީޗަރު ސަލާމަތްކޮށްދިނުމުގައި އަދި އެހެނިހެން ކަންކަމުގައި އެހީ ފޯރުކޮށްދީފައެވެ. މީގެއިތުރުން ސިޓީ ކައުންސިލްގެ ފޭދޫ އޮފީހުން ވަނީ ފޭދޫގެ 420 ފަރާތަކަށް ރޯދަވީއްލޭނޭ ގޮތް ހަދައި ދީފައެވެ. އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވިގޮތުގައި އެއްވެސް ގެއެއްގެ މީހުން ރީލޮކޭޓް ކުރާ ވަރަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. އާއިލާތަކުގެ އެހީތެރިކަމާއެކު މާ ބޮޑު އުނދަގުލަކާ ނުލައި ކަންތައްތައް ހަމައަކަށް އަޅުވައިލެވުނެވެ. މޭޔަރު އިތުރަށް ވިދާޅުވި ގޮތުގައި މި ކަމާއި ގުޅިގެން ކުރިމަތިވި ގެއްލުންތަކުގެ އަންދާޒީ ހިސާބުތައް މިހާރު ސިޓީ ކައުންސިލުން ގެންދަނީ ބަލަމުންނެވެ.
މޫސުން ގޯސްވެ ވިއްސާރަވާ ދުވަސްވަރު ފެން ބޮޑުވެ ގެތަކަށް ގެއްލުން ވުމަކީ އައްޑޫ ރައްޔިތުންނަށް އާ ތަޖުރިބާއެއް ނޫނެވެ. މިއީ އައްޑުއަށް އަބަދުވެސް ދިމާވާ މައްސަލައެކެވެ. އައްޑޫގެ ރައްޔިތުން އަބަދުވެސް ތަހައްމަލް ކުރާ ވޭނެކެވެ. އައްޑޫ ސިޓީގެ މޭޔަރު މީގެކުރިން ވިދާޅުވެފައިވަނީ މި މައްސަލަ ހައްލުކުރެވޭނީ މަގުތަކަށްވުރެ ގެތައް އުސްކޮށްގެން ކަމުގައެވެ. ނުވަތަ ގެތަކަށް ވުރެ މަގުތައް ތިރިކޮށްގެން ކަމުގައެވެ. ވިއްސާރަވުމާ ގުޅިގެން އެންމެ ބޮޑަށް ފެން ބޮޑުވެ ގެއްލުން ވަނީ ފޭދޫއަށެވެ. މިކަން ހައްލުކުރުމަށްޓަކައި ފޭދޫގެ ފެން ހިއްކާ ނިޒާމެއް ވަނީ މީގެ 3 އަހަރުކުރިން ފަރުމާކޮށްފައެވެ. ނަމަވެސް އެ ފަރުމާގައި ފޭދޫގެ ދެ ސަރަހައްދެއް ނުހިމެނޭތީ އެ މަޝްރޫޢު ވަނީ އަލުން ފަރުމާކޮށްފައެވެ. އަލުން ފަރުމާ ކުރަން ޖެހުމުން މަސައްކަތް ލަސްވި ނަމަވެސް މިހާރު ސިސްޓަމް އަޅައި ނިންމައި ޕަމްޕް ގުޅާފައި ވާކަމަށާއި ދެން ބާކީ އޮތީ ކަރަންޓް ދިނުމުގެ މަސައްކަތް އެކަނިކަމަށް ފޭދޫ ކައުންސިލަރު ޢަލީ ފަހްމީ އަޙްމަދު ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި އެ ނިޒާމު މުޅިން ނިމި ހިނގަން ފެށީމާ ފޭދޫގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ވެގެން ދާނެއެވެ. ޕރޮޖެކްޓްތަކަށް މިހާރު ދިމާވެފައި ވަނީ މުޅި ރާއްޖެއެަށް އަދި މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ މައްސަލަ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު ވަނީ ބައެއް ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލައިފައެވެ. އަދި ހިނގަމުންދާ ބައެއް ޕްރޮޖެކްޓްތައް ހިންގުމުގައިވެސް ދަތިތައް ދިމާވަމުންދެއެވެ. އެކަމަކު އައްޓު އަތޮޅުގެ ފެން ހިންދާ ނިޒާމު މަޑު ނުޖެހި ކުރިއަށް އެބަގެންދެއެވެ.ސަރުކާރުން ޕްރޮޖެކްޓް ހިންގަވަނީ އެމްޓީސީސީއާ ހަވާލު ކުރައްވައިގެންނެވެ.
ފޮޓޯތައް: އައްޑޫ ސިޓީ ކައުންސިލް