އިސް ސަފުގައި މަސައްކަތްކުރާ މީހުން ރައްކާތެރިވޭ: އައްޑޫ ސިޓީ މޭޔަރު

 އައްޑޫސިޓީގެ ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އިސް ސަފުގައި މަސައްކަތްކުރާ މީހުން ރައްކާތެރިވުމަށް އައްޑޫ ސިޓީގެ މޭޔަރު އެދިވަޑައިގެންފިއެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި  މޭޔާރ އަބްދުﷲ ސާދިޤް ވިދާޅުވި ގޮތުގައި މިވަގުތުން ފެށިގެން ހުރިހާ އިދާރާއަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މިކަމުގައި ހަރުކަށިވާން ޖެހޭނެކަމަށެވެ. 

މޭޔަރު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްދޭ ފިހާރަތަކުގެ ކައުންޓަރުން ފެށިގެން ޑެލިވަރީ ކުރުމުގައި އުޅޭ އެންމެންވެސް ތިބެންޖެހެނީ މާސްކް އަޅައި އަންގި ލައްވައިގެން ކަމަށެވެ.  އަދި ފައިސާ އަތުލައިގެން ނުވާނެކަމަށާއި ވިޔަފާރިކުރަންޖެހޭނީ ފައިސާ ޓްރާންސްފާރކޮށްގެން ކަމަށް ވިދާޅުވިއެވެ. ހޮސްޕިޓަލްތަކާއި އިންޖީނުގެ ތަކުގައި އަދި  އިސް ސަފުގައި އާންމުންނަށް ޚިދުމަތްދެއްވާ އެންމެހާ ފަރާތްތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް މޭޔަރު އެދިވަޑައިގެންނެވިއެވެ.

މޭޔަރު  މިގޮތަށް ވިދާޅުވީ އައްޑޫއިން ކޯވިޑުޖެހުނި މީހާގެ ކަންކަމުގައި އިހުމާލުވެފައިވާ  ދަނޑިވަޅެއްގައެވެ. މިގޮތުން ކޮވިޑް-19 ޖެހިފައި ހުރި ބަލިމީހާއަށް ފަރުވާދިންއިރު ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން މާސްކް ނާޅައި ތިބިކަން ހޮސްޕީޓަލުގެ މެނޭޖަރު ފަހާގަކުރެއްވިއެވެ. މިކަމާއި ގުޅިގެން ކުރިޔަށް އޮތްތަނުގައި ހޮސްޕިޓަލަށް އަންނަ ކޮންމެ ބަލިމީހަކަށް ފަރުވަ ދެއްވާނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށް މެނޭޖަރު ވިދާޅުވިއެވެ. އަދި މީގެފަހުން ބަލިމީހުން ހޮސްޕިޓަލަށް ގެންނަ އެމްބިއުލާންސް ޑިސްއިންފެކްޓުކުރުމަށް ނިންމާފައިވާކަމަށް ވެސް ވިދާޅުވިއެވެ.  ރޭ  ކޮވިޑް-19 އަށް ޕޮޒިޓިވްވވި މީހާ ގެންދެވުނު އެމްބިއުލާންސްގައި އިތުރު ބަލިމީހަކު ގެންދެވުނު ކަމަށާއި މިކަން އެހެން ދިމާވީ  އޭރު ބަލިމީހާއަށް ކޮވިޑް-19 ޖެހިފައި ހުރިކަން ނޭނގޭތީކަމަށެވެ.  ބަލިމީހާ މާލެގެންދިޔުމުގައި އެހީތެރިވި އެއާރޕޯޓުގެ ބައެއް މުވައްޒަފުން ތިބީ މާސްކް ނާޅައި ކަމަށް އެއާޕޯޓު މެނޭޖްމެންޓާއި ހަވާލަދީ މޭޔަރު ވިދާޅުވިއެވެ.

"ފުރަތަމަ އޭޕްރިލް 15 އިން ފެށިގެން ފިޔަވަޅުތައް ރަނގަޅަށް އަޅަމުން، ހަރުދަނާކުރަމުން، އެންމެން ވެސް މިކަމުގެ ބިރުވެރިކަމުގަ ތިބެފަ ކުޑަކޮށް ދުލެއް ދެވުނީ އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަ އެއޮތީ އެންމެ ފަހުގެ ޚިތާބުގައި، ރާއްޖެއަށް މި ދެ ހަފްތާއަކީ ވަރަށްމުހިއްމު  ވަރަށްނާޒުކު  ދެހަފްތާއޭ. ބަލި ފެތުރުމުގައި ބޮޑު ސާރޖްއެށް އަންނަނީ މި ދެ ހަފްތާގައި. މިއަދު އައްޑޫއިންވެސް މި ފެނުނީއައްޑޫގައި  ބަލީގެ އެއްވެސް ބަލިމަޑުކަމެއް ފެނިފަ ނެތި. އެހެންވީމާ  ވިލީ ފެތުރުން އޮތް ވަރު މި ފެންނަނީ. އެހެންކަމުން އަހަރުމެން އެންމެން މިކަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭ." މޭޔާރ ވިދާޅުވިއެވެ

 އައްޑޫ ސިޓީއިން މީހަކަށް ކޮވިޑް-19 ޖެހުމާ ގުޅިގެން އެ ސިޓީ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.