މޮޅު ކުރެހުން
ޕިކާސޯ އަކީ ދުނިޔެއަށް އައި އެންމެ މޮޅު ކުރެހުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެއް ދުވަހަކު މީހަކު ޕިކާސޯގެ ކުރެހުމެއް ބަލަން ހުރެފައި ބުނެފިއެވެ.
"މި ކުރެހުމުން ދޭހަވާ އެއްޗެއް އަހަންނަކަށް އެއް ގޮތަކަށްވެސް ނުވިސްނޭ-"
ޕިކާސޯ ހިނިތުން ވެލާފައި ބުނެލިއެވެ.
"އަހަރެމެންނަކަށް ޗައިނާ ބަހެއްވެސް ނޭނގޭ- އެކަމަކު އެ ބަހުން ފަންސާސް ކުރޯޑު މީހުން މިހާރުވެސް ވާހަކަ ދައްކާ-"
އެއީ ކާކު؟
ނަފްސާނީ ބަލީގެ ޑަކްޓަރަކު އެކި ކަހަލަ ނަފްސާނީ މައްސަލަތަކާ މެދު ވާހަކަ ދައްކަނީ އެވެ. އޭނާ ވާހަކަ ދައްކަމުން ގޮސް ބުނެލިއެވެ.
"ވަރަށް ބާރަށް ހަޅޭއް ލަވަމުން ދެކޮޅަށް ހިނގަ ހިނގާފައި ދާ ގޮތަށް ގޮސް ގޮނޑިއެއްގައި އިށީނދެ މީހަކު ރޯތަން ތިޔަ ބޭފުޅުން ދެކެވަޑައިގަތިންތޯ-؟ އެއީ ކޮނަ ކަހަލަ ބައެއްހެން ހީފުޅުވޭތޯ-؟
އަޑުއަހަން ތިބި މީހުންގެ ތެރެއިން މީހަކު ތެދުވެ ބުނެލިއެވެ.
"އެއީ ފުޓްބޯޅަ ކޯޗުން-!"
އަވަހަށް ތެދުވޭ
ދެމަފިރިން ކޮންމެވެސް ކަމަކާ ރުޅި އައިސްގެން ވާހަކަ ނުދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކަމެއް ޖެހުނަސް ވާހަކަ ދައްކަނީ ލިޔެގެންނެވެ. އެއް ދުވަހަކު ރޭގަނޑު ކައިގެން އޮށޯންނަމުން ފިރިމީހާ ނޯޓެއް ލިޔެފައި އަނބިމީހާ އަށް ފެންނަ ތަނެއްގައި ބާއްވައިފިއެވެ. އެ ނޯޓުގައި އޮތެވެ.
"މާދަމާ ހެނދުނު ހަތެއް ޖަހާ އިރު ވަރަށް މުހިއްމު ޖަލްސާ އަކަށް ދާން އެބައޮތް- އެހެންވީމާ ހައެއް ޖަހާ އިރު އަހަންނަށް ގޮވާތި-"
ފިރިމީހާ އަށް އަނެއް ދުވަހު ހޭލެވުނު އިރު ގަޑިން ދިހައެއް ޖަހައިފިއެވެ. އައި ރުޅީގައި އަނބިމީހާގެ ގައިގައި ތަޅައިގެންފާނަމޭ ހިތަށް އެރިއެވެ. އެ ވަގުތު ކުއްލިއަކަށް ފެނުނީ އެނދުމަތީގައި އޮތް ނޯޓެކެވެ. އެ ނޯޓުގައި ލިޔެފައި އޮތެވެ.
"ހައެއް ޖަހައިފި- އަވަހަށް ތެދުވޭ-!"