ރޯދަމަޖާ: ކަޅުބުޅާ

ޓިކެޓް ގަތުން

އޮލިމްޕަހަށް ބައިސްކޯފަށް ދިޔަ މީހަކު ޓިކެޓް ގަނެގެން ގޮސް ދޮރުމައްޗަށް އެރީމާ ދޮރުވާނު ޓިކެޓް ބުރި ކޮށްފައި އެއް ބުރި އޭނާގެ އަތަށް ދީފިއެވެ. އެ މީހާ ޓިކެޓް ވިއްކާ ކޮށިގަނޑަށް ގޮސް އަނެއްކާވެސް ޓިކެޓެއް ގަނެގެން އަތުވެއްޖެ އެވެ. މި ފަހަރުވެސް ދޮރުވާނު ޓިކެޓް ބުރި ކޮށްފައި އެއް ބުރި އޭނާގެ އަތަށް ދީފިއެވެ.

މި ގޮތަށް ތިން ފަހަރު ހެދީމާ އެ މީހާ ރުޅި އައިސްފައި ބުންޏެވެ. "ކަލޭ ތިޔަ ހަދަނީ ކިހިނެއް-؟ އަހަރެން ފައިސާ ދީފައި ގަނެގެން ގެންނަ ޓިކެޓް ކޮންމެ ފަހަރަކު ތިޔަ ވީދާލަނީ-"

ދޮރުވާނު ބުންޏެވެ. "އަހަރެން ޓިކެޓް ވީދާލަނީއެއް ނޫން- މިއީ މިކަން އޮންނަ ގޮތް- ކަލެއަށް މި ދެނީ ވަންނަން އޮންނަ ބުރި- އަހަރެންގެ އަތުގައި މިއޮތީ މި ތަނަށް ނަގާ ބުރި-"

އެ މީހާ ބުންޏެވެ. "ތިޔަ ވާހަކަ ކުރިން ބުނި ނަމަ އަހަރެންގެ އަތުން ބޭކާރު އެތައް ފައިސާއެއް ޚަރަދެއް ނުވީހެއްނު-؟"

ނުބައި މީހެއް

މުސްކުޅި ފިރިހެނަކާއި ކުޑަ ފިރިހެން ކުއްޖަކާ ދެ މީހުން ވެގެން ބޮޑު ކީހަކުން ވަކަރުގަނޑެއް ކީހަނީއެވެ. މިތަން ބަލަން ތަންކޮޅެއް ދުރުގައި މީހަކު ހުއްޓެވެ.

ބަލަން ހުރި މީހާ ފަނަރަ ވަރަކަށް މިނިޓް ވާންދެން ހުރެފައި އެ އައި ގޮތަށް އައިސް މުސްކުޅި މީހާގެ ކަންކަށިމަތީގައި ވަރަށް ބާރަށް ޖަހައިފިއެވެ.

މުސްކުޅިޔާ ރޮއިގެންފައި އަހައިފިއެވެ. "އެއްވެސް ކަމަކާ ނުލައި އަހަރެންގެ ގައިގައި ޖެހީ ކީއްވެގެން-؟"

އެ މީހާ ބުންޏެވެ. "އެއްވެސް ކަމަކާ ނުލައޭ-؟ ކަލޭ ތިޔަ ކުރާ ކަންތައް ބަލަން އަހަރެން ހުންނަތާ މިހާރު ކިތަންމެ އިރެއް ވެއްޖެ- އެންމެ ފަހުން ކެތް ނުކުރެވިގެން އައިސް މި ޖެހީ- އެހެންޏާ ފަހެ- ޙައިރާނެއް ނުވާނެތަ-؟ މިހިރަ ކުޑަ ކުއްޖާފުޅުގެ އަތުން މި ކީސް އަތުލައިގަންނަން ކަލޭ މަސައްކަތް ކުރާތާ މިހާރު ކިހާ އިރެއް-؟"

ކަޅު ބުޅާ

ބުޅަލެއް ވަގަށް ނަގައިގެން މައްސަލަ ޖެހިގެން ޝަރީޢަތަށް ދިޔަ ބައެކެވެ.

ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ގޭގައި ކަޅު ބުޅަލުގެ ދިހަ ބުޅާ އޮވެއެވެ. ދަޢުވާ ކުރާ މީހާ ބުނާ ގޮތުގައި އެތަނުން އެއް ބުޅަލަކީ އޭނާގެ ބުޅަލެވެ.

ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. "ދިހަ ބުޅަލަކީވެސް ކަޅު ބުޅާ ކަމަށް ވާއިރު ކަލޭގެ ބުޅާ ވަކި ކުރަން އެނގުނީ ކިހިނެއް-؟"

އެ މީހާ ބުނެލިއެވެ. "ހުރިހައި ޤާޒީންނާއި، ފަނޑިޔާރުންނާއި، ވަކީލުން ކަޅު ކޯޓު ލައްވައިގެން ތިއްބެވި އިރުވެސް އަޅުގަނޑަށް މަނިކުފާނު ވަކި ކުރަން އެބަ އެނގެއެއް ނޫންތޯ-؟"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.