ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި ރަޝިޔާގެ އަމިއްލަ ކުލީ ސިފައިންގެ ގުރޫޕެއްގެ 1200 މީހުން ހަރަކާތްތެރިވަމުން ދާކަން އދ. ގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.
އެ ރިޕޯޓުގައި ވާގޮތުން ރަޝިޔާގެ ވެގްނާ ގްރޫޕްގެ ކުލީ ސިފައިން ދަނީ ލީބިޔާ ސަރުކާރާ ހަނގުރާމަކުރަމުންދާ ޚަލީފާ ޙަފްތަރަށް ފަންނީ ގޮތުންނާއި، ހަނގުރާމައިގައި ބައިވެރިވެގެން 2018 ވަނަ އަހަރުން ފެށިގެން އެހީތެރިވަމުންނެވެ. ވެގްނާ ގްރޫޕަކީ ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާ ގާތް މީހަކު ހިންގާ ގްރޫޕެކެެވެ. ލީބިޔާ ހާލަތު ބަލައި ދިރާސާކުރުމަށް އުފައްދާފައިވާ ތަޖުރިބާކާރުން ޓީމުން އެކުލަވާލައި ހުށަހެޅި ފުރަތަމަ ރިޕޯޓު ބުނާގޮތުން، ރަޝިޔާ ކުލީ ސިފައިންގެ އަމާޒަށް ބަޑިޖަަހައި މީހުން މެރުމަށް ޚާއްސަ 39 މީހަކު ދަނީ ހަފްތަރުގެ ހަނގުރާމަވެރިންގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރަމުންނެވެ.
ރަޝިޔާގެ ކުލީ ސިފައިން ލީބިޔާގައި ހަރަކާތްތެރިވާކަން ކުރިން އެނގިފައި އޮތަސް، ތަޖުރިބާކާރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި 57 ސަފުހާގެ ރިޕޯޓުން ހާމަވީ މިންވަރަށް އެމީހުން ލީބިޔާގައި ހަރަކާތްތެރިވާކަން ކުރިން އެނގިފައި ނެތެވެ.
"އެމީހުން ހަނގުރާމައިގައި ބައިވެރި ވުމަކީ ޙަފްތަރުގެ އަސްކަރީ ބާރު އިތުރުކުރުމަށް ލިބުނު ބޮޑު ބާރެއް." ތަޖުރިބާކާރުންގެ ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ލިބިޔާގެ ގާނޫނީ ސަރުކާރުކަމަށް އދ. ން އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ސަރުކާރު، ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ގެ ސިފައިން ހައްޔަރުކުރި ވެގްނާ ގްރޫޕުގެ ކުލީ ސިފައިންގެ އަތުން ފެނިފައިވަނީ ޔުކްރޭނާއި ސީރިޔާ (ސޫރިޔާ) ގައި ހަރަކާތްތެރިވި ކުލީ ސިފައިން އަތުންވެސް ފެނުނު ކަހަލަ ހަތިޔާރެވެ.
ރަޝިޔާއިން ޔުކްރޭނުގައި ކުރި ހަނގުރާމައާއި، ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ކޮންޓްރެކްޓަށް އަމިއްލަ ސިފައިން ބޭނުންކޮށްފައިވާކަން ބައިނަލް އަގުވާމީ ޚަަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް، ރަޝިޔާ ސަރުކާރުން އެކަން ދޮގުކުރެއެވެ.
ތަޖުރިބާކާރުންގެ ރިޕޯޓުގައި ބުނެފައި ވާގޮތުގައި ކުލީ ސިފައިންގެ ކޮންޓްރެކްޓުގެ ދަށުން ހަފްތަރު އެ ގްރޫޕަށް 173 މިލިއަން އެމެރިކާ ޑޮލަރު ދޭން ޖެހޭއިރު، މިހާތަނަށް ދީފައި ވަނީ އެ އަދަދުގެ ދެބައިކުޅަ އެއްބައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފާޅުގައި މާލީ ގޮތުންނާއި އަސްކަރީ ގޮތުން ޚަލީފާ ޙަފްތަރުއަށް އެހީތެރިވަމުން ދާއިރު، ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި، ޔޫއޭއީން މިހާރު ވެސް ދަނީ ސޫދާނުން ކުލީ ސިފައިން ހޯދައި ޙަފްތަރުގެ ލަޝްކަރުގައި ހިމެނުމަށް މަސައްކަތްކުރަމުންނެވެ.
ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ފާއިތުވި ދެތިން ހަފުތާ ތެރޭގައި ޙަފްތަރުގެ ހަނގުރާމަވެރިން ވަނީ ވަރަށް ގިނަ ސަރަހައްދުތަކުން ފަހަތަށް ޖެހިފައެވެ.