ޓްރިޕޮލީގެ ދެކުނުގައި ހަނގުރާމަ ވަރުގަދަވަމުން ދާއިރު، އެތައް ހާސް ބަޔަކު އެ ސަހަރައްދު ދޫކޮށް ދަނީ

ލީބިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ލީޑަރު ޚަލީފާ ޙަފްތަރު 27 މާރިޗު 2109 ގައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއެކު

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގެ ދެކުނުގައި ބައިނަލްއަގްވާމީ ގޮތުން ގަބޫލު ކުރާ ލީބިޔާގެ ނޭޝަނަލް ޔުނިޓީ ސަރުކާރުގެ ސިފައިންނާއި، ޓްރިޕޮލީއަށް ހަމަލާދޭ ފީލްޑް މާޝަލް ޚަލީފާ ޙަފްތަރުގެ ހަނގުރާމަވެރިންނާ ދެމެދު ހަނގުރާމަ ގަދަވެފައި ވާއިރު، އެތައް ހާސް ބަޔަކު ދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް މަސައްކަތްކުރަމުންނެވެ.

ޙަފްތަރު ޓޮރިޕޮލީ 'މިނިވަންކުރަން' ފެށި ހަމަލާއަށް ނުވަ ދުވަސް ވެފައިވާއިރު، އެ ހަމަލާމިހާރުވަނީ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެފައެވެ. ދެ ފަރާތުން ދަނީ ވައިގެ އަސްކަރިއްޔާވެސް ބޭނުންކުރަމުންނެވެ. ޙަފްތަރުގެ މަތިންދާބޯޓުތަކުން ޓްރިޕޮލީ ކައިރީގައި އޮންނަ މުޢައިތީޤާ ވައިގެ ބަނދަރަށް ހަމަލާދީފައި ވާއިރު، ނޭޝަނަލް ޔުނިޓީ ސަރުކާރުން ވަނީ ލީބިޔާގެ ހުޅަނގުގައި ޙަފްތަރުގެ ބާރުގެ ދަށުގައި އޮތް ވަޠިއްޔާ ވައިގެ މަރުކަޒަށް ހަމަލާދީފައެވެ.

ޓްރީޕޮލީ ސަރަހައްދުން މެދުނުކެނޑި ބަޑީގެ އަޑާއި ގޮވުންތަކުގެ އަޑުއިވުމުން ދާއިރު، ހަނގުރާމައިގެ ސަބަބުން 75 މަރުވެ، 323 މީހުން ޒަޚަމްވެފައި ވެއެވެ. މަރުވި މީހުންގެ ތެރެއިން 17 މީހުންނަކީ އާއްމުންނެވެ.

އދ. ން ހާމަކުރި ގޮތުގައި މިހާތަށް 9500 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ހަނގުރާމަ ނުހުއްޓި ކުރިޔަށްދާނަމަ އެ އަދަދު ދާނީ އިތުރުވަމުންނެވެ.

ޚަލީފާ ޙަފްތަރު ޓްރިޕޮލީ ހިފަން ހަނގުރާމަ ފަށާފައިވާއިރު، އޭނާ އެ ހަމަލާ ފެށުމުގެ ކުރިން އެކަމަށް ޚަރަދު ކުރުމަށް ސަޢޫދީން އެތައް މިލިއަން ޑޮލަރެއް އޭނާއަށް ދީފައިވާކަމަށް، ސައޫދީ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ އަރަބި ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. ފާއިތުވި މާރިޗު މަހުގެ ފަހުކޮޅު ޙަފްތަރު ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށް ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާ ބައްދަލުކޮށްފައިވުމީ މި ޚަބަރުތައް ޔަގީންކުރަން ބާރުލިބިދޭ ކަމެކެވެ.

ޚަބަރުތައް ބުނާގޮތުގައި ޙަފްތަރު މި ފައިސާ ހޯދާފައިވަނީ ޓްރިޕޮލީ ސަރަހައްދުގެ ގަބީލާތަކުގެ ވެރިންގެ ތާއީދު ހޯދުމަށާއި، އިތުރު ހަނގުރާމަވެރިން ހޯދުމަށާއި، އަސްކަރީ އާލާތްތައް އިތުރަށް ގަތުމަށެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމައިންވެސް ފެނިގެން ދަނީ، ޤަތަރު ހިސާރުކުރި އަރަބި ގައުމުތަކުން ލީބިޔާގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ތަނެވެ. ޤަޠަރު ހިސާރުކުރުމުގައި ބައިވެރިވި ސަޢޫދީ ޢަރަބިއްޔާއާއި، މިސްރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއި) އިން ދަނީ ޚަލީފާ ޙަފްތަރަށް ތާއީދުކޮށް އޭނާއަށް އެހީތެރިވަމުންނެވެ.

ޓްރިޕޮލީ ދިފާއުކުރަން ލީބިޔާގެ ސިފައިންގެ އިތުރަށް މިސްރާތާގެ ހަނގުރާމަވެރިންވެސް ހަނގުރާމަކުރަމުން ދާތީ، ޓްރިޕޮލީއަށް ވަދެގަތުމަކީ ޙަފްތަރަށް ފަސޭހަ ކަމަކަށް ނުވާނެކަމުގައި ތަޖުރިބާކާރުން ބުނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.