ދިރިއުޅުމުގެ ރަހަތައް - 9

(1 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ގައިމު."

އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި، ދެތަށި ފުރައި އަޅައިފައި އެ ބޯލީއެވެ. ކެޕްޓަނުގެ މޫނުން އޮއްދާހިއްލާގޮތް ވާން ފެއްޓެވެ. މޭމަތިން ގަމީހުގެ ގޮށްތައް ނައްޓައިލުމަށްފަހު، ސިގަރެޓް ރޯކޮށްލަމުން ކެޕްޓަން ބުންޏެވެ.

"އަހަރެންގެ ބައްޕައެއް މަންމައެއް ނެތް. އެމީހުންގެ ނަން ވެސް މަ ނުދަންނަން. ހަނދާން ހުންނަން ފެށިއިރު ހޮޓާހޮޓަލުގައި ތަށިދޮވެދެނީ. އަހަރެންގެ ދައްތައެއް ބޭބެއެއް ނެތް. ކޮށްކޮއެއް ނެތް. ފަރުވާލެއް ނެތް. އެއްވެސް ފަރުވާލެއް ނެތް."

މިހެން ބުނެފައި މޫނުގައި ދެއަތް އަޅައިގެން ރޯންފެށިއެވެ. ޢަލީގެ ހިތަށްއެރިއެވެ. ފަރުވާލެއް ނެތޭ ނުބުނާށެވެ. ކަލޭގެ އެކަނިވެރިކަމާހުރެ ކަލޭ ތިޔަވަނީ މުޅިދުނިޔެދެކެ ފޫހިވެފައެވެ. ކަލޭގެ ޙިމާޔަތަކީ ރަލެވެ. އެއިން ކަލޭގެ ހަށިގަނޑަށް ކުރާ ވަރު އަހަރެން ދެކެމެވެ.

ލޮލުން ކަރުނަތައް ފައިބަމުން ދަނިކޮށް، އޭނާގެ އެކުވެރިޔާ އިތުރު ތައްޓެއް އެޅިއެވެ. ޢަލީ ހިތަށއެރިއެވެ. ހުއްޓުވާނީއެވެ. އެކަމަކު ހިތަށްއެރިއެވެ. ކީއްކުރަން ހެއްޔެވެ؟އެއް ޤައުމުގެ މީހެއް ވެސް ނޫނެވެ. އެހެންނަމަވެސް ހިތަށްއެރިއެވެ. އެއީ އިންސާނެކެވެ. އޭނާ ވަނީ ކެކުޅުންތަކެއްގައެވެ. ވޭންތަކެއްގައެވެ. އޭނާއަކީ މި ދުނިޔޭގައި އެކަނިވެރިއެކެވެ. އޭނާ ފަދައިން އަހަރެންވެސް މިއީ އެކަނިވެރިއެކެވެ. ޢަލީ ކެޕްޓަނާ ދިމާއަށް ބަލަން އިނދެފައި ބުންޏެވެ.

"ބޭރަށް ހިނގާ. ފިނިވާނެ."

އޭރު ކެޕްޓަންގެ ލޯ ފުހެލަނީއެވެ. ޢަލީއާ ދިމާއަށް ބުންޏެވެ.

"ކަލެއަކީ ރަނގަޅު މީހެއް. މަސައްކަތް ވެސް ރަނގަޅު."

ޢަލީ ބޯޖަހައިލިއެވެ.

ދަލާއެކު ކެޕްޓަންގެ ގައިގައި ތަތްލައިފައިވާ ގަމީސް ބާލައި، ތަޅުންގަނޑަށް އެއްލައިލައިފައި ގޮނޑިއެއްގައި އަޅުވައިފައި ހުރި އެހެން ގަމީހެއް ލިޔެވެ. ބޯޓްގެ ގުޑުމާއެކު އަރިއަޅާލަން އުޅުނުކަހަލައެވެ. އެހެންމަވެސް ހަމަޖެހިލައި ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ބޭރުގެ ފިނިވައިޖެހުމުން ޢަލީއަށް ހީވީ ބަދިގެއަކުން ނުކުމެވުނުހެންނެވެ.

އުޑުގައި ވަނީ ފިޔަޖަހާ ތަރިތަކެވެ. ވަށައިގެން ވަނީ ކަޅުކުލައިގެ ކަނޑެވެ. ޖެހޭ ފިނިވައިގެ ސަބަބުން ހަށިގަނޑަށް ވެރިވަނީ ހީކެރުވުމުގެ އަސަރެވެ.

ޢަލީގެ ޚިޔާލުގައި ވަނީ ކަޅު އަނދިރި ރެއެކެވެ. ރަށެއްގެ ބޭރުގައި އަޅައިފައި އޮތް ބައްތެއްޔެއްގެ ހިޔާމަތީގައި އޮވެފައި ޖޯއްޔަށް ދާން ތެދުވި ރެއެކެވެ. އެއީ އެތައް އަހަރެއްވީ ހަނދާންތަކެކެވެ. އެއީ ސަތޭކަ އަހަރު ކުރީގެ ހަނދާންތަކެކެވެ. އެރޭ އޭނާ ހުރީ ހުމައެވެ. މިރޭ މިހުރީ ފިނިވެފައެވެ. ވަށައިގެންވާ ކަޅުކުލައިގެ ކަނޑު އޭނާއަށް ގެނެސްދިން ހަނދާންތައް ގުޅުވައިދެނީ އިސްލާޙިއްޔާއާއެވެ. އެ އިސްލާޙިއްޔާ ގޮސް ގުޅެނީ އޭނާގެ މަންމަގެ ހަނދާންތަކާއެވެ. މަންމަގެ މަރުގެ ވާހަކަ އިވިފައި ކުރި އަސަރުތަކުގެ ސަބަބުން ޚިޔާލު ނުކޮށް ހުރި ކަންތައްތަކާމެދު ޚިޔާލުކުރެވެން ފެށުނީއެވެ. މާޒީއަކީ އެއާ ތިމާ ދުވަހަކުވެސް ވަކިނުވެވޭނެ އެއްޗެވެ. އަދި އޭގެތެރެއަށް ނުވެސް ދެވޭނެ އެއްޗެކެވެ. މިއަދުގެ ވޭންތަކާއި ކެކުޅުންތަކުގެ ސަބަބުން މާޒީގެ ތެރެއަށް ދިއުމަށް އެދެވެއެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. އެއީ ޤުދުރަތީ ހަމަތަކާއި ގުޅޭކަމެއް ނޫނެވެ. ދިމާވެފައިވާ ދެރަކަންތައްތަކާ ގެއްލިފައިވާ އަބުރެއް އެއީ ނުވާ ކަމަކަށް ހެދޭތޯ ބަލަން އުޅެވެއެވެ. އެކަމަކު މާޒީއަކާ ދުރަކަށް ނުދެވެއެވެ. ވަތްކެއް ނުވެވެއެވެ. އަބަދުވެސް އެ ދުވަސްތައް އައިސް އައިސް ހުރެއެވެ. ކޮންމެ ނާޒުކު ދަނޑިވަޅެއްގައެވެ.

ޗެންޗޭނު ދަގަނޑުގައި ހިފަހައްޓައިގެން ތިބި ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ. ކެޕްޓަން ހީނލިއެވެ. އޭނާއަށް ކޮށްފައިވާ އުދާސްތައް ހަމަޖެހިއްޖެ ކަހަލައެވެ. އަދި ޢަލީގެ ހިތަށް ކުރި އަސަރާއި ވެރިވި ކުއްލި ހިތާމައަށް ވެސް ލުޔެއް ލިބުނު ކަހަލައެވެ. ކެޕްޓަނާއެކު ވާހަކަ ދައްކައިލެވުނުކަމުގެ މައްޗަށް އުފައުވިއެވެ. އަނެކުންގެ އެކަނިވެރިކަމާއި އަނެކުންގެ ހިތުގެ ވޭންތައް އެނގުމަކީ ތިމާއަށް ލިބޭ ޝިފާއަކަށް ވާކަހަލައެވެ. ސަބަބަކަށް ވަނީ، މި އުޅޭ ޙާލަށްވުރެ ނުވަތަ މިކުރާ ހިތާމައަށްވުރެ ބޮޑު ޙާލެއްގައި ނުވަތަ ބޮޑު ހިތާމައެއްގައި އުޅޭ އަނެކަކަކާ ދިމާވުމުން ލިބޭ ތަސައްލީއެވެ.

ޢަލީގެ ހިތަށްއެރިއެވެ. އަހަރެންގެ މައިބަފައިން ނެތެކޭ ބުނާކަށް ނުޖެހެއެވެ. އެކަމަކު ޙަޤީޤަތަކީ ޢަލީވެސް އަދި އޭނާ އުޅެމުން ގެންދާ ބޯޓްގެ ކެޕްޓަނަކީ ވެސް މާޒީއާ ދުރަށް ނުދެވިގެން އުޅޭ ދެމީހުންކަމަށް ވާކަމެވެ.

ޢަލީ ބުންޏެވެ.

"ނިދަން ދޭ."

"ކަލޭ ޑިއުޓީތަ؟"

"ނޫނޭ!"

"އާނ! ދަނީ އިނގޭ. ރަނގަޅު ރޭގަނޑަކަށް އެދެން."

"ރަނގަޅު ރޭގަނޑަކަށް އެދެން."

ކެޕްޓަން ސަލާމްކޮށްލުމަށް ޢަލީއަށް އަތްދިއްކޮށްލިއެވެ. ޢަލީ އެ އަތުގައި ހިފައި ސަލާމްކޮށްލިއެވެ. ކެޕްޓަނަކީ ރާބޮއިގެން އޭނާގެ މާޒީގެ ވާހަކަތައް ދައްކައި، ރޮއިހަދާ މީހެއްކަން ޢަލީއަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް މިރޭ ނޫނީ،އޭނާ އިންތަނެއްގައި އެކަހަލަ ކަމެއް ކޮށްފައެއް ނެތެވެ. އެގޮތަށް ޢަމަލުކުރުމަކުން ޢަލީގެ ހިތުގައި ކެޕްޓަންގެ މައްޗަށް ފޫހިކަމެއް އުފެދުނީއެއް ނޫނެވެ. އައު ގާތްކަމަކާއި ރަޙުމަތްތެރިކަމެއް އުފެދުނީއެވެ. ހިތުގައި ހަމްދަރުދީއެއް އުފެދުނީއެވެ.

ޢަލީގެ ހިތަށް އެރިއެވެ. އަހަރެންގެ މާޒީއަކީ ނެތް އެއްޗެއް ކަމަކަށް ނުހެދޭނެއެވެ. އެހެންނަމަވެސް އަހަރެންގެ މާޒީގެ ދަތިޙާލު، މުއްސަނދި މުސްތަޤުބަލަކުން ބަދަލު ދައްކުވައިދޭނަމެވެ. އަތުގައި ޖަމާވެފައިވާ ފައިސާއާއި އެ ފައިސާ އިތުރުކުމަށް ކުރެވެން ހުރި ކަންތައްތަކާމެދު ވިސްނައިނުލާ ދެނެއް ނުހުންނާނަމޭ ހިތަށްއެރިއެވެ.

މި ޚިޔާލުތަކަށް ދެތިންމަހެއް ނުވެއެވެ. ގިނަޢަދަދަކަށް ފައިސާ އޭނާ އަތަށް ޖަމާވާން ފެއްޓެވެ. މުދައު ލައި ތަޅުލައިފައި ހުންނަ ބިޔަ ކޮންޓެއިނަރުތައް ހުޅުވައިލައި އެއިން ބޭނުން އެއްޗެއް ނަގައި، ހުރިގޮތަށް ކޮންޓެއިނަރ ބަންދުކޮށް ސިލްޖެހުމަކީ ޖެހިލުމެއް ނެތި ކޮށްލާ ކަންތައްތަކަށް ވެއްޖެއެވެ. ގިނައިން ނަގަނީ ސެންޓްފަދަ، ފަސޭހައިން ރައްކާކުރެވޭ އެއްޗިއްސެވެ. މި ތަކެތި އެކިއެކި ބަނދަރަށް ވިއްކައިލަނީ، ކަސްޓަމްގެ އޮފިސަރުންނަށް ހިތްހަމަޖެހޭވަރަށް ތަކެތި ދީފައެވެ. އެހެންކަމުން ޢަލީ މަސައްކަތްކުރާ ބޯޓް އާދަވެގެން ޖައްސާ ބަނދަރުތަކުގެ ކަސްޓަމުގެ މީހުންގެ ރައްޓެއްސަކަށް އޭނާ ވިއެވެ.

ހަމަ އެފަދައިން ބޯޓްގެ ކެޕްޓަންގެ އެންމެ ގާތް ފަޅުވެރިއަކީ ވެސް ޢަލީ ކަމުގައި ވިއެވެ. އެހެންނަމަވެސް މި ދެ ރަޙުމަތްތެރީންގެ ދެމެދުގައި ވަރަށް ބޮޑު ކަމެއް ވަނީ ސިއްރުކުރެވިފައެވެ. މިކަމުގައި ނުބައިބައި ކުޅެނީ ޢަލީއެވެ. ވާނުވާއެއް ނޭނގި ހުރީ ކެޕްޓަނެވެ. އެ ސިއްރު ބޭޒާރުވާ ދުވަހަކީ މި ދެ ރަޙުމަތްތެރީންގެ ގާތްކަމަށް ކޮންފަދަ ބަދަލެއް އަންނާނެ ދުވަހެއްކަމެއް ދެމީހުންކުރެ އެކަކަށް ވެސް ނޭނގެއެވެ.

ޢަލީގެ ވައްކަމުގެ ޢަމަލުތަކުގައި ބައިވެރިވަނީ ފަޅުވެރީންގެ ތެރެއިން ދެތިން މީހެކެވެ. އެހެންކަމުން މިކަމުން ލިބޭ ފައިސާގެ ބައި ނޭޅޭ އެހެންނަމަވެސް އެކަން އެނގޭ މީހުންގެ ހިތުގައި ޙަސަދަވެރިކަން އުފެދުނެވެ. އިންސާނުންގެ ތަފާތު މިޒާޖުތަކަކީ، އަންތަރީސް ވާކަހަލަ ކަންތައްތަކެކެވެ. ބަޔަކު ކުރާ ކުށެއްގެ ސަބަބުން ރުޅިވެރިކަން އުފެދި، އެކަން ހުއްޓުވުމުގެ ބަދަލުގައި، އެ ކުށުން ފައިދާ ލިބޭ މީހުންގެ ތަނަވަސްކަމަށް ވިސްނައި، އެފައިދާ ނުލިބޭތީ ޙަސަދަވެރިވެވެނީއެވެ.

އެއީ، ފަހަރެއްގައި ވެސް ހެވެއް އެދޭތީ، ކަންކަން ރަނގަޅުކުރަން ބޭނުންވާތީ ވާގޮތެއް ނޫނެވެ. އެ ފައިދާ ތިމާއަށް ނުލިބޭތީ އުފެދޭ ޙަސަދަވެރިކަމެކެވެ. ޑުރަގު އެއީ ވަބާއެއް ކަމާއި އެ ޑުރަގަކީ ދީން މަނާކުރައްވާ ކަމެއްކަން އެނގެއެވެ. އެކަމަކު ޑުރަގްގެ ފައިސާ ބޭނުންކުރަން ހަމަ ރަނގަޅެވެ. ޢާއިލާގެ މީހުން އެ ފައިސާއިން ކައިބޮއިހަދައެވެ.

ދުނިޔަވީ ކަންކަމުގައި ހެއްލިގެން ގޮސް، ގެއްލޭފަދަ ގޮތެއްގައި އުފެދިފައިވާ ލެއާއި މަހުގެ މި ނިކަމެތި މަޚުލޫޤަކީ، އޭނާގެ އީމާންކަން އަމިއްލަ ފައިދާއަށްޓަކައި ބޭނުންކުރެވޭ މަޚުލޫޤެކެވެ. ތެދުވެރިކަމާއި ނުގުޑާފަދަ ޢަޒުމާއި އީމާން އޭގެ އަސްލު ގޮތުގައި އޮންނާނީ، އެހެން މީހުން އެ ސިފަތަކަށް ތާރީފުކުރާކަން އެނގޭ ތަންތަނުގައެވެ. އެނޫން ކޮންމެ ސިއްރު ދަނޑިވަޅެއްގައި، ބޭވަފާތެރި، ދޮގުވެރި، ޚިޔާނާތްތެރި މުނާފިޤަކަށް ބަދަލުވާކަން ލަހެއް ފަހެއް ނުވެއެވެ. މާކަ ގިނައިރުތަކެއް ނުވެއެވެ. އެއްވެސް ޖެހިލުމެއް ނުވެއެވެ.

އިންސާނާގެ ތަފާތު މޫނުތައް ތަފާތު ވައްތަރުތަކުގައި ބޭނުންކުރަނީ އަނެކުންނަށް ޙަޤީޤަތް ނޭންގުމަށްޓަކައެވެ. މުނާފިޤުކަމުގެ ހައްދުފަހަނަޅައިފައިވާ މީހާވެސް އަނެކުންނަށް ރަނގަޅު މަގު ދެއްކުމަށް ތެދުވެ، އީމާންތެރިއެއްގެ ގޮތް ދައްކައެވެ.

ޖާހިލުކަމުގައި، ހަމައެއް ނެތި އުޅުނު ޖަނަވާރެއް ފަދަ  މީހާގެ ހިތްވެސް އަނެކުންނަށް އޯގާތެރިވުމުގައި، ދެވަނަ މިސާލެއް ނެތްފަދަ މީހަކަށް ބަދަލުވެއެވެ.

ޢަލީއާއި ކެޕްޓަންގެ ގުޅުމަށް ވެގެން ދިޔައީ އެފަދަ ގޮތެކެވެ. މަސައްކަތަށް ރަނގަޅުކަމުންނާއި ބޭރުފުށުން ފެނުނު މާތް މީހެއްކަމަށް ދެއްކުވި ސިފަތަކެއްގެ ސަބަބުން ކެޕްޓަނާ ހަމައަށް އައި ޢަލީގެ ވާހަކަތައް ކެޕްޓަނަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންނަމަވެސް އަހައިނުލައި ހުންނަން ހިތްހަމައެއް ނުވެސް ޖެހުނެވެ. އެހެންކަމުން އެއްރޭގެ ހަމަހިމޭން މެންދަމުގައި ޢަލީ ނިދާފައި އޮއްވައި ކެޕްޓަން ގޮސް އޭނާއަށް ގޮވައިލިއެވެ. ޢަލީގެ ކުރިމަތީގައި ހުރެގެން ކެޕްޓަން ހިނގައިފައި ދިޔައިރު ޢަލީ ހިތަށްއެރިއެވެ. މިރޭ މާ ރަނގަޅެއް ނޫނެވެ. ވަރަށް ބޮޑުވަރު ނުވާނަމަ، އެގޮތަށް ހިނގައިފައެއް ނުދާނެއެވެ. ނަމަވެސް އަނގައިން ނުބުނެ، ކޮޓަރިއާ ދިމާއަށް ދާތީ ޙައިރާންވިއެވެ. ކުޑަކޮށް ވެސް ޢަލީގެ ކުށެއްގެ ވާހަކަދައްކަން އުޅޭކަމެއް ހީނއެއް ނުކުރެއެވެ.

ކެޕްޓަންގެ ކޮޓަރީގެ ގޮނޑިސެޓްގައި ދެމީހުން ހަމަޖެހިލުމަށްފަހު، ކެޕްޓަން އަހައިލިއެވެ.

"ނިދާފައި އޮއްވައި ގޮވީމައި ހިތްހަމަނުޖެހިފައިތަ؟"

ޢަލީ ޙައިރާންވީ، ކުރީން އޭނާ ހީކުރިގޮތާ ޚިލާފަށް ކެޕްޓަންގެ ވާހަކަދެއްކުމުގައި ހުރި ހަމަޖެހުން ފެނިފައެވެ.

"އަހަންނަށް މައްސަލައެއް ނެތް."

"ރަނގަޅު."

އެއްވެސް އެއްޗެއް ނުބުނެ ދެމީހުން ތިއްބެވެ. ޢަލީއަށް ނުތަނަވަސްކަމެއް އިޙްސާސްވާން ފެށިއެވެ. އެހެންވާންވީ ސަބަބެއް ނުވިސްނޭމެއެވެ. ކުއްލިއަކަށް ކެޕްޓަން ވާހަކަދައްކަން ފެށިއެވެ.

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.