ހާލުގައިޖެހޭ މީހުންގެއަތަށް ފައިސާ ދޫކުރުމާ ގުޅޭގޮތުން ދަނީ މަޝަވަރާ ކުރަމުން: ފިނޭންސް މިނިސްޓަރ

ފިނޭންސް މިނިސްޓަރ އަމީރު: ފޮޓޯ ސަން

ކޮވިޑާ ގުޅިގެން ހާލުގައި ޖެހޭ މީހުންގެ އަތަށް ފައިސާ ދޫކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބަރާޙީމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީގައި، ރަޖިސްޓްރީ ނުވެ އާމްދަނި ހޯދުމަށް މަސައްކަތް ކުރަމުންދާ މީހުންނަށް ރިލީފް ޕެކޭޖަގައި އޮތީ ކޮންކަހަލަ އެހީތެރި ކަމެއްތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން އިޢްލާންކޮށްފައިވާ ރިލީފް ޕެކޭޖުން އެހީ ތެރިކަން ފޮރުކޮށް ދެވޭނީ ރަޖިސްޓްރީ ވެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދާ މީހުންނަށް ކަމަށެވެ. ނަމަވެސް ހާލަތު ގޯސްވަމުންދާނަމަ މީހުންގެ އަތަށް ވެސް ފައިސާގެ އެހީތެރިކަން  ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުން ދާކަމަށެވެ.

ފަރުމަހާއި ފާނަޔާއި އަދި ހުއިފިލަނޑާގެ މަސްވެރިކަން ކުރާ މީހުން ރަޖިސްޓްރީ ވެފައި ނުވާތީ އެމީހުންގެ ހާލަތު ދެނެ ގަނެ އެހތެރިކަން ފޯރިކޮށް ދެއްވުމަށް ދަތިތައް ކުރިމަތި ވެފައިވާ ކަމަށް ދާދި ފަހުހުން ފިޝަރީޒް މިނިސްޓަރ ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ކޮވިޑް 19 އާގުޅިގެން ސަރުކާރުން ތައާރަފުކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖްގެ ދަށުން 10 މިލިއަން ރުފިޔާއަށް ވުރެ މަތިން އަމްދަނީ ލިބޭ ރިސޯޓަކަށް ގިނަވެގެން ދޫކުރުމަށް ހަމަޖައްސަވައިފައި ވަނީ 7.71 މިލިއަން ރުފިޔާއެވެ. އަދި ވިޔަފާރިއަކަށް ގިނަވެގެން ދޫކުރުމަށް ހަމަޖައްސަވައިފައިވަނީ  އެއް މިލިއަން ރުފިޔާއެވެ. 10 މިލިއަން ރުފިޔާއަށްވުރެ މަތިން އާމަދަނި ލިބޭ ވިޔަފާރިތަކާއި ރިސޯރޓްތަކަށް ލޯނު ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. 10 ލިއަން ރުފިޔާއަށް ވުރެ ދަށުގެ އާމްދަނީ ލިބޭ ކުންފުނިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިންނެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ގިނަވެގެން ލިބޭނީ 18 ހާސް ރުފިޔާ ކަމަށް އެސްޑީއެފްސީން  ވަނީ ބުނެފައެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ފާއިތުވު އަހަރުގެ ތެރޭގައި ހަ މަސް ދުވަހު މަސައްކަތްކޮށް އާމްދަނީއެއް ލިބިފައިވާނަމައެވެ. ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން އަދާކުރަން ޖެހޭ ގޮތަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން ފަސް ލައްކަ ރުފިޔާ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.