ދިރިއުޅުމުގެ ރަހަތައް - 5

(27 އޭޕްރީލް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޢުމުރުން 8 އަހަރުގައި ކަތީބުގެ ޚަރަދުގައި ކިޔެވުމާއި ޔުނިފޯމްގެ ހުރިހައި ކަމެއް ބަލަހައްޓާގޮތަށް ޝަރީފާ ދީދީ ގެ ދަރިފުޅު މަދަރުސާއަށް ވެއްދިއެވެ. މަދަރުސާގައި 3 އަހަރުވީއިރު މާ ދޮށީކުދިންނަށްވުރެ ކިޔެވުމަށް މޮޅުވެފައި ހިތް އައްޔެވެ. މަދަރުސާގެ ހަތަރުވަނަ އަހަރު ފެށުނުތަނާ އޭނާއަށް އެހީވި މީހާ މައްސަލައެއްގައި އަރުވައިލައިފިއެވެ. އިންތިޚާބެއްގައި ވޯޓްދޭންވީ ފަރާތް އަންގައިފައިވަނިކޮށް އެފަރާތަކަށް މީހުންލައްވައި ވޯޓްނުލެއްވުމުގެ ސަބަބުން ވެރިކަމާ ދެކޮޅު މީހަކަށް ހަދައިފައެވެ. މި މަޢުސޫމް ކުއްޖާއަށް އެހީތެރިވާނެ މީހުން ތިއްބެވެ. އެހެންނަމަވެސް އެފަދަ ސިޔާސީ މައްސަލައެއްގައި ބެދިފައިވާ މީހަކު ބެލެހެއްޓި ކުއްޖަކާ ހަވާލުވުމަށް އެކަކަށްވެސް އިސްނަގާކަށެއް ނުކެރުނެވެ. އެއިން ކޮންމެ މީހަކުވެސް ޙިމާޔަތްކުރަންޖެހޭ ފަޅުރަށެއް، ވިޔަފާރިއެއް، ދުއްވާ ބޯޓެއް ނޫނީ ކޮންމެވެސް ޒިންމާއެއް އޮވެއެވެ. ދުނިޔެއަށް ބާކީވެފައިވާ ކުޑަކުޑަ ކުއްޖެއްގެ ޙައްޤުގައި އެމީހުންގެ އަމިއްލަ އަރާމާއި ލިބޭ ޢާމްދަނީއަށް ހުއްޓުމެއް އަރައިފާނެ ކަމަށް ހީވާކަހަލަ ޢަމަލެއް އެއްވެސް މީހަކު ކުރާހިތެއް ނުވިއެވެ. ސަތޭކައިން ސަތޭކަ އިސްލާމީ ޤައުމެއްގެ ކެރޭ، ހިއްވަރުގަދަ، ކުޅަދާނަ ބަޔަކު މި ކުޑަކުޑަ ކުއްޖާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށްވުރެ ކުރާނެ މާ ރަނގަޅު ކަންތައްތައް އެމީހުންނަށް ފެނެއެވެ. މިއީ، އިންޑިއާ ކަނޑުގައިވާ އިސްލާމްދީނުގެ އަބުރާއިޝަރަފު ހިފަހައްޓާ ކިއްލާއެވެ.

ޝަރީފާ ދީދީގެ ދަރިފުޅަށް ސްކޫލެއްގެ ތަޢުލީމް ނުލިބި 2 އަހަރު ފާއިތުވެ ހިނގައްޖެއެވެ. އެ ދެއަހަރުގެތެރޭތައި އެ ކުއްޖާއަކީ ރަނގަޅު އަޚުލާޤެއްގެ ވެރި ކުއްޖެއްކަމުން ކިޔެވުމުގެ ކަންތައްތައް ވެވުނު ވަރަކުން އަމިއްލައަށް ކުރިޔަށް ގެންދިޔައެވެ. އެއީ އޭނާ ބަލަހައްޓާ ބޮޑުދައިތައަށް އެހީވަމުން ވެސްމެއެވެ. ބޮޑުދައިތަގެ ޚިޔާލަކީ މުސްކުޅިވާ ދުވަހު ކައިރީގައި އެހީވުމަށް ހުންނާނެ ކުއްޖަކަށް މި ކުއްޖާ ހެދުމެވެ. ބޮޑުދައިތައަކީ އޭނާ ކުރި ޢަދަދު ނޭނގޭ ކައިވެނިންވެސް ދަރިޔަކު ނުލިބި ހުރި، މިހާރު ދުވަސްވެފައިވާ އަންހެކެވެ. މި ކުޑަކުޑަ ކުއްޖާއާ ޙަވާލުވުމުގެ ކުރިން ކުޑަކުދީން ދެކެ އޭނާ ފޫހިވިއެވެ. ސަބަބަކީ ކުއްޖަކު ނުލިބުމުން ވީ ފޫއްސާއި ކުއްޖަކު ލިބުމަކީ، އެ ކުއްޖާގެ ތަޢުލީމާއި އެ ކުއްޖާގެ ބަލިތަކަށް ބޭސްކުރުމުގެ ޒިންމާ ބޮލުގައި އެޅޭނެ ކަމެއްކަން އެނގުމާއި ކުއްޖަކު ނުލިބި ހުރުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ޤަބޫލުކުރެވުމުން ވާންފެށި ފޫއްސެކެވެ.

ބޮޑުދައިތައަށް ކުއްޖަކު ބަލަން ޙަވާލުވުމުން އަރައިގެންފައިވާ ރުޅި މަޑުމަޑުން ފުހެވެމުން ދިޔައީ އެކުއްޖާއަށް މީހުންގެ ފުށުން ލިބޭ އެހީގައި، މަސައްކަތެއް ނުކޮށް، ޚުދު އޭނާއަށް ވެސް ދިރިއުޅެވޭނެ މަގު ތަނަވަސްވީތީއެވެ. އެ ކުއްޖާ ބޮޑުވަމުން ދިޔަދިޔަހެން އޭނާގެ ތޫނުފިލިކަން އިތުރުވިއެވެ. މީހުންގެ ލޯބި އެކުއްޖާއަށް ލިބޭތަން ފެނުމުން ބޮޑުދައިތަގެ ހިތް ދިޔައީ އޭނާގެ މައްޗަށް ލެނބެމުންނެވެ. އެކުއްޖާ ހަނދާން ހުންނަން ފެށިއިރު، އޭނާގެ މަންމަގެ ގޮތުގައި ބަލައިއުޅުނު ބޮޑުދައިތައަކީ ހެޔޮއެދޭ، ހެޔޮލަފާ ރަނގަޅު މީހެއްކަމަށް ޤަބޫލުކުރިއެވެ. ކިޔެވުމުގެ ބޭނުން އޮތްލެއް ކިތަންމެ ބޮޑުނަމަވެސް އޭނާގެ ބޮޑުދައިތަގެ ފަރާތުން އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރެއެވެ. އެއީ އޭނާގެ މަންމަ މަރުވެފައިވާކަމާއި ބައްޕައަކީ ގޮތެއް ނެތް ފިރިހެނުންގެ ތެރޭގައި ހިމެނޭ މީހެއްކަން އެނގުމުންނެވެ. އަދި އޭނާއަށް އެހީވި ކަތީބުބޭބެއަށް ޝުކުރުވެރިވުމާއެކު އޭނާ އަންނާނެ ދުވަހަކަށް އުންމީދުކޮށްކޮށް ހުރީއެވެ.

"ކަތީބުބޭ" މައްސަލަތަކުން ސަލާމަތްވީ، ހުރިހައި ކުށްވެރިންނަށް ލިބުނު ޢާންމު މަޢާފެއްގައެވެ. އޭނާ ބޭނުންވީ އެނބުރި ރަށަށް އަންނާކަށެއް ނޫނެވެ. އޭނާއަކީ ކުޅަދާނަ މާލިމީއެއްކަމުން، އަމިއްލަ މީހެއްގެ ބޯޓްގައި ކޮޅުނބަށާއި ކޮޗިނަށާއި މާލެއަށް ދަތުރުކުރަން ފެށިއެވެ. އޭނާގެ އުފަން ރަށުގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އޭނާއަށް ލިބުނު މުސާރައިގެ 10 ގުނަ އޭނާއަށް ލިބުނުނަމަވެސް ހުރީ ރަށަށް ދާހިތުންނެވެ. އެހެންނަމަވެސް ބޯޓްދަތުރުކުރަން ދިޔައީއެވެ. ރަށަށް ދިއުން ހުއްޓުވީ އޭނާގެ އަމިއްލަ ރަށުން އޭނާ ކަރުކަނޑާލި ކުރަފަތްތަކުގެ ކޮށިކަމާއި ގާތްކޮށް އުޅުނު މީހުންގެ ދެފުށް ދެގޮތްކަމާއި ވަޒީފާގެ ތެދުވެރި ޚިދުމަތުގެ އަގު ވަޒަންކުރާނެ މީހަކު އާޚިރަތުގައި ނޫނީ ނުލިބޭނެކަމަށް ވިސްނުމުންނެވެ.

އޭނާ ދަތުރުކުރަން އުޅުނުއިރުވެސް އޭނާ ކިޔަވައިދިން ޝަރީފާ ދީދީގެ ޔަތީމު ދަރިފުޅު މަތީން ހަނދާނެއް ނުނެތެއެވެ. އެ ކުޑަކުޑަ ކުއްޖާގެ މައްޗަށް އޭނާގެ ހިތުގައި އުފެދުނު ލޯބި ސިއްރުކޮށް ބޭއްވިއެވެ. އެހެންކަމުން އޭނާ އުޅުނު ބޯޓްގެ ސަރަނގު ދަތުރު ހުއްޓައިލައި ވިޔަފާރިކުރުމަށް މާލެ ފައިބާން އުޅެން ފެށުމުން ފުދޭވަރެއްގެ ޢަދަދަކަށް ފައިސާ ދީފައި ވަރަށް ބޮޑުކަމަކު އެދުނެވެ. އެއީ މަންމަ މަރުވެފައިވާ، ބައްޕަ އަޅައިނުލާ ކުއްޖަކު މާލެ ގެނެސް، ވެވުނު ވަރަކުން އެ ކުއްޖާއަށް ކިޔަވައިދެވޭތޯ ބެލުމެވެ. މިކަން ކޮށްދިނުމަށް ޢަލީ އެއްބަސްވިއެވެ. އެހެންކަމުން އޭނާ ދަތުރުކުރުން ހުއްޓައިލައި ވިޔަފާރިކުރުމަށް މާލެ ފޭބިތާ 1 އަހަރުގެތެރޭގައި ފާރިޝާ މާލެ ގެނެސްފިއެވެ. ގޭގައި ގެންގުޅޭ ކުއްޖަކަށް ގެނައިނަމަވެސް ވެވުނުވަރަކުން ކިޔަވައިދިނުމަކީ ޢަލީގެވެސް މަޤުޞަދެކެވެ. ފާރިޝާގެ ބޮޑުދައިތައަކަށް ވެސް ފާރިޝާއަކަށް ވެސް ޢަލީ އެރަށަށް ގޮސް، ފާރިޝާ މާލެ ގެނައީ ވަކި މީހެއްގެ އެދުމަކަށް ކަމެއް ނާންގައެވެ. އެއީ އެ ވާހަކަ ބުނުމަކީ ބޭނުންކަމެއްކަމަށް ނުފެނުނީތީއެވެ. އެހެން ނޫނަސް ބޯޓްގެ އެންމެންވެސް ކިޔާ ނަމުންނަމަ "ކަތީބު" އަކީ އެނބުރި ރާއްޖެ ގޮސް ދިރިއުޅުމަކާ ކުރިމަތިލާނެ މީހަކަށް ނުވާނެކަން ޔަޤީނާ ގާތަށް އެނގޭތީއެވެ. މަސްތުވާ ތަކެއްޗަށް އޭނާ އަޅުވެތިވީ އޭނާގެ އަމިއްލަ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރަށްވުރެ ބޮޑަށެވެ. އެހެންނަމަވެސް އެއީ ޒުވާން، ކެރޭ، ދެފުށް ދެގޮތް ނޫން، އޭނާގެ މަސައްކަތް ދަންނަ މާލިމީއެއްކަމުން އެންމެންވެސް އޭނާ ދެކެ ލޯބިވިއެވެ. ޢަލީ ހިތަށް އެރިއެވެ. ދިރިއުޅުމުގައި ދިމާވާ ކަމަކާ ހުރެ ދުނިޔެއާއި ވެރިކަންކުރާ އެންމެންނާ މެދު ޙަސަދަވެރިވުމުގެ ބެނުމަކީ ކޮބައިބާވައެވެ؟ އެހެން ނޫނަސް، ތިމާގެ އެތެރެހަށީގައި އަނދާ އަލިފާނެއް ނިއްވުމަށް މަސްތުވާ ތަކެއްޗަށް އެނބުރިލުމަކީ ޙައްލެއް ބާވައޭ އޭނާ ހިތަށްއަރައެވެ. ދިރިއުޅުމާ ކުރިމަތިލާން ނުކެރުމަކީ ކޮންމެވެސް އެއްޗެއްގެ ނިވަލުގައި ތިމާ ފިލަންޖެހޭ ކަމެކެވެ. ބައެއް މީހުން މަސްތުވާތަކެތީގެ ނިވަލުގައި ފިލާއިރު، އަނެއްބަޔަކު މުނާފިގުކަމުގެ ފަރުދާއާ އޮޅިގަނެގެން އެމީހުންގެ ސިފަ ފޮރުވައެވެ. އަދި އަނެއް ބަޔަކު އެ ދިރިއުޅުމާ ކެރިގެން ކުރިމަތިލާ މީހުންގެ ގޮތުގައި ނޭދެވޭ ފިޔަވަޅުތައް އަޅައި، ޤާނޫނީގޮތުން ހަލާކުވެގެން ދެއެވެ. ކަތީބު އަންތްބެއް ދަރިއެއް ނެތްކަމީ ނަސީބެވެ. އޭނާއަށް ލިބޭ ފައިސާ އޭނާ ޚަރަދުކުރީ ދުނިޔަވީ ފިކުރުތަކުގެ ތެރެއަށް ނައިސް ވޭތޯ ބެލުމަށެވެ. އެކަމަކު އެ ފިކުރުތަކަށް ފިލަންދާނީ ކޮންތާކަށްހެއްޔެވެ؟ ދެވޭނީ އެންމެ ތަނަކަށެވެ. އެއީ ކަށްވަޅެވެ. އެހެން ދުނިޔެއެކެވެ. ހިތާމަވެރި ޚަބަރަކަށް ވީނަމަވެސް ފާރިޝާގެ މައްޗަށް ނޭނގޭ ލޯތްބެއް ވަމުންދިޔަ އިންސާނާ ދިޔައީ އެ ދުނިޔެއަށެވެ. އެނބުރި ރާއްޖެ ނައިސް އޭނާ ދިޔައީ ތާ އަބަދުގެ ދިރިއުޅުމުގެ ގޮވައްޗަށެވެ.

ޢަލީގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ފާރިޝާގެ އެތެރެހަށި ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ކުއްލިއަކަށް އާނއެކޭ ބުނުމަކީ މާ ހަރުދަނާ ސިފައެއް ނޫނޭވެސް ހިތަށްއެރިއެވެ. ކުއްލިއަކަށް ފާރިޝާގެ ހަނދާނަށް އަންނަންފެށީ މަރުޙޫމާ ޙައްވާމަނިކެގެ ހަނދާންތަކެވެ. ޙަޤީޤަތުގައި ފާރިޝާ މީހަކަށް ހަދައިދިނުމަށް ފުރަތަމަ ފިޔަވަޅު އެޅީ އޭނާއެވެ. މަތީރަށަށް ޙައްވާމަނިކެ ކުރި ދަތުރުގައި ވިއްސާރައިގެ ސަބަބުން ފާރިޝާމެންގެ ރަށުގައި ޖައްސައި، ދެދުވަހު ތިބެންޖެހުނެވެ. ކަތީބު ބުނުއްވުމާއެކު ޙައްވާމަނިކެމެންނަށް ކާންދިނުމުގެ ކަންތައްތައް ބެލެހެއްޓީ ފާރިޝާއެވެ. އޭރު އޭނާއަކީ ސާދަ އަހަރަށްދާ ޢުމުރަށްވުރެ އުފެދުމާއި ހަށިގަނޑުގެ ސަމައްތަރު ހެޔޮ ޒުވާން އަންހެނެކެވެ. ޙައްވާމަނިކެ އަށް މި ޒުވާނާގެ ޙަރަކާތްތަކާއި ވާހަކަދެއްކުމުގެ ސާދާކަމާއި ބަސްމަގުގެ ރީތިކަން ފެނިފައި ހަމަ ޙައިރާންވިއެވެ. އަދި މިކަހަލަ ކުއްޖަކު އޭނާގެ ގޭގައި ގެންގުޅެން ލިބޭނެނަމަ ކިހާ ރަނގަޅުހޭ ހިތަށްއެރިއެވެ. މި ކަމަށް ޢަލީ ތައްޔާރުކުރި، މުޅި ދަތުރަކީ ކަތީބުގެ ވަޞީއްޔަތެއް ފުރިހަމަކުރުމަށްޓަކައި ކުރި ދަތުރެކެވެ.  އެކަން އެނގެނީ ހަމައެކަނި ޢަލީއަށެވެ.

މާލޭން އައިސް އުޅޭ ގްރޫޕަށް ކާންހަދައިދީ ހެދުމުގައި، ފާރިޝާ ޚާއްޞަ ސަމާލުކަމެއް ބެހެއްޓި ސަބަބަކީ، ގެއެއްގައި މަސައްކަތްކޮށްދީ އުޅެމުން ވެސް، މާލޭގައިނަމަ އިތުރަށް ކިޔެވުމުގެ ފުރުޞަތު ލިބިދާނޭކަމަށް ހީވެފައި އޮތީމައެވެ. މިމީހުންގެ ތެރޭގައި ވެސް ފާރިޝާ މާލެ ގެންގޮސްފާނެ މީހަކު ހުރެދާނެ ކަމަށެވެ.

ޙައްވާ މަނިކެގެ އެދުމާއި ފާރިޝާގެ ބޭނުމާއި ޢަލީގެ މަޤްޞަދު ޙާޞިލްވީ އެކުއެކީގައެވެ. މާލެ ގޮސް ގެއެއްގައި އުޅެން ކެރިދާނެތޯ އެހުމުން، ކިޔެވެންޏާ ކެރިދާނެއޭ ބުންޏެވެ. އެ ފަހަރު މަތީރަށުން އެނބުރި މާލެ ދަމުން ފާރިޝާގެ ރަށުގައި ޖައްސައި، ފާރިޝާ ގޮވައިގެން ޙައްވާ މަނިކެ މާލެ އައީއެވެ. އެއީ މީހެއްގެ އެދުމަކަށް ޢަލީ ރޭވި ރޭވުމެއްގެ ދަށުން ވާ ކަމެއްކަން ޙައްވާ މަނިކެ ނުދެނަހުއްޓެވެ. ފުރަތަމަކޮޅު މާލެއަކީ އުނދަގޫ ތަނެއްކަމުގައި ފާރިޝާއަށް ފެނުނުނަމަވެސް ކެތްތެރިވެލައިގެން ވީހާ ރަނގަޅަކަށް ގޭގައި މަސައްކަތްކުރަމުން ގެންދިޔައެވެ. ފާރިޝާ ޙައިރާންވި ކަމަކީ މާލެ ދާން ފާރިޝާ އެއްބަސްވި ކަންތައް ޙައްވާ މަނިކެ ހަނދާން ނައްތައިލީމައެވެ. އެއީ ކިޔަވައިދިނުމެވެ. އެހެންނަމަވެސް އަދި އިހަށް ކެތްކޮށްލައިގެން ހުރީއެވެ. އެއީ ޢަލީ އާއި ޙައްވާ މަނިކެގެ ދިރިއުޅުމާމެދުވެސް މާ ހިތްހަމަނުޖެހޭތީ އާއި ޙައްވާ މަނިކެ ކޮންމެވެސް ބައްޔެއްގައި އުޅޭކަމަށް ހީކުރެވިގެންނެވެ.

ކޮންމެއަކަސް މިއަދު މިއޮތީ، ޙައްވާ މަނިކެ އިނދެގެން އުޅުނު މީހާ ފާރިޝާއާ އިންނަން ހުށަހަޅައިފައެވެ. ޢަލީއާ އިނުމަކީ މީހުން ލާނެއްދޭނެ ކަމެއްކަންނޭނެއެވެ. އެއީ ޙައްވާ މަނިކެއަށްޓަކައި ކޮށްދެވޭ ހެޔޮކަމެއްކަމަށް ޤަބޫލުނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟ ކޮންމެ ގޮތެއްގައި ވެސް، ފާރިޝާ އަކީ މާޒީއެއް ނެތްފަދައިން މުސްތަޤުބަލެއް އޮތް މީހެއް ނޫނެވެ. މިތަން ދޫކޮށް ދާނެ ދެވަނަ ތަނެއް ފެނިފައިވާ މީހެއް ވެސް ނުމެ ނޫންމެއެވެ.

ފަތިސްވަމުން ދަނިކޮށް ލޯމެރޭގޮތް ވިއެވެ. ހުވަފެނުގައި ފެންނަނީ، އޭނާގެ މަންމައެވެ. ފާރިޝާއަކަށް އޭނާގެ މަންމަ ހުންނަ ގޮތެއް ނޭނގެއެވެ. ހުވަފެނުގައި ފެނުނު އަންހެންމީހާގެ މޫނުގެ ސިފަވެސް ސާފެއް ނުވެއެވެ. މަންމަގެ އަތުގައި ހިފަހައްޓައިލައިގެން ދިގު މަގެއްގެ އެއްކޮޅުން ފެންނަން ހުރި ހުދުކުލައިގެ ގެއަކާ ދިމާއަށް ހިނގަމުން ދިޔައެވެ. މަންމަ އަހައިލިއެވެ.

"ކިޔެވުން ރަނގަޅުތަ؟"

"މާ ރަނގަޅެއް ނޫން."

"މާ ރަނަގޅެއް ނޫނޭ ތިޔަބުނީ، މަސައްކަތްކުރަން ކަންނެތްކަމުންތަ؟"

"ނޫނޭ މަންމާ."

"ދަރިފުޅާ! ދުނިޔެ އެއްވެސް އިރަކު މާކަ ރަނގަޅެއް ނުވާނެ. ދުނިޔެއަކީ އާޚިރަތަށްޓަކައި ދަތުރުކުރާ ފާލަމެއް. އެކަން ދަންނަމެއްނު ދޯ؟"

"އާން! ދަންނަން!"

"އެހެންވީމާ ދުނިޔޭގައި އުޅެންވާނީ މާދަމާ ވެސް އެ ފާލަމުގެ ކޮޅަށް އާދެވިދާނެ ކަމަށް ބަލައިގެން. ދަރިފުޅު އުޅެންވާނީ، ދަރިފުޅު ހިތްހަމަޖެހޭ ގޮތަކަށް. ނަމަނަމަ ބޭއިންސާފުން މީހެއްގެ ހިތުގައިޖެހޭ ކަހަލަ ކަމެއް ނުކުރާތި."

މަންމަ ނެތީމައި ދެރަވަނީ."

ދަރިފުޅަކީ މި ދުނިޔޭގައި އެކަނި ދިރިއުޅެން އައި މީހެއްކަމަށް ބަލާ. މަންމަ ނެތަސް ބައްޕަ ނެތަސް، ދަރިފުޅުގެ ފިރިޔަކު މަރުވިޔަސް، ދަރިފުޅަށް ލިބޭ ކުދިން މަރުވިޔަސް އެކަމާ މާޔޫސް ނުވާތި. ކެތްކޮށްގެން ތިމާ ބޭނުން ދިރިއުޅުމެއް އުޅޭ. އެކަމަކު ހަމަ އާއި އިންސާފުން އެއްކިބާ ނުވާތި."

"މަންމާ.."

"ކީކޭ؟"

"ކީއްވެތަ. ތިޔަހާ ބޮޑަށް ނަސޭޙަތްދެނީ."

"އެއީ ވަކިވާންޖެހޭތީ. އެހަރަ ގެއާ ހަމައިން ދަރިފުޅާ ވަކިވާންޖެހޭނެ. ކެތްކުރޭ. ހިއްވަރުކުރޭ. އެކަނިވެރިވާނެކަމެއް ނެތް. އަމިއްލަ ފައިމައްޗަށް ތެދުވެގެން އަމިއްލަ ދިރިއުޅުމެއް އުޅޭ."

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.