މާޒީގެ ނަޒަރުން: ލައްކަ ވާހަކަ

ދުނިޔޭގެ "އަނެއް ފަޅީގައި" ހުޅަނގުގެ ޣައިރު މުސްލިމު ގައުމުތަކުގައި އިންސާފާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ މާނަ އަޅުގަނޑުމެން އެކަންކަން މާނަކުރާ ގޮތާ ތަފާތުވެދާނެއެވެ. މިސާލަކަށް ފަލަޞްޠީނުން އިޒުރޭލަށް ގާބުރިއެއް އެއްލިޔަސް އެއީ ހުޅަނގުގެ ނަޒަރުގައި ނިރުބަވެރިކަމުގެ ޢަމަލެކެވެ. ނަމަވެސް ބަރު ހަތިޔާރާއެކު ފަލަޞްޠީނަށް އަރައި އެތަން ސުންނާފަތިކޮށް ރައްޔިތުން ޝަހީދުކުރުމަކީ ޤައުމު ދިފާޢުކުރުމަށްޓަކައި އިސްރާއީލަށް ލިބިފައިވާ ޙައްޤެކެވެ. ޤައުމެއްގެ ތެރޭގައި މުސްލިމުންނަށް އަނިޔާކުރުމަކީ އެއީ އެ ބަޔެއްގެ ދާޚިލީ ކަމެކެވެ. މިއީ ހުޅަނގުގެ އިންސާފެވެ.

ނޫސްވެރިކަމުގެ (މީޑީއާގެ) މިނިވަންކަން ވެސް އޮތީ މިހެންނެވެ. އިސްލާމްދީނަށް ފާޑު ކިޔުމުގެ ފުރުޞަތު ފަހިވި ވަރަކަށް، އެ ކަމަށް ފުރުޞަތު ދިން ވަރަކަށް އެބައިމީހުންގެ ނަޒަރުގައި އެއީ ނޫސްވެރިކަމުގެ މިނިވަންކަން ބޮޑުވަނީއެވެ. އިސްލާމް ދީނާ ޚިލާފަށް ކޮންމެ ވާހަކައެއް ދައްކާން ވެސް އެ ނޫސްވެރިކަމުގައި މިނިވަންކަން އޮންނާނެއެވެ. ރަސޫލާއަށް ކާޓޫނުކުރަހައި ﷲގެ ވޮޑިގެންވުމާމެދު ސުވާލުއުފެއްދުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. މިޔަންމާރާއި އުތުރުކަރައާއި ކަޝްމީރުން ފެންނަނީ އެ މަންޒަރެވެ. އެ ހުރިހައި ލާއިންސާނީ، ޢުދުވާނާއި އަނިޔާއަކީ އެ ޤައުމުގެ ދާޚިލީ ކަންކަމެވެ. ނަމަވެސް އެކަމާ އިދިކޮޅަށް އެއްޗެކޭ ބުނުމަކީ އިސްލާމް ދީން ޕްރޮމޯޓުކުރާން، އިސްލާމްދީން ފަތުރާން، މަސައްކަތްކުރުމަކީ އެ މީހުންގެ ނަޒަރުގައި ނިރުބަވެރިކަމެވެ. ނުވަތަ ނިރުބަވެރިކަމަށް ވާގިވެރިވުމެވެ. މަޝްހޫރު ޕީސްޓީވީ އާއި މުސްލިމް ދާޢީ ޑރ. ޒާކިރު ނައިކަށް ޣައިރު މުސްލިމު ޤައުމުތަކުން ދިމާވަނީ މި މައްސަލަތަކެވެ.

ހުޅަނގުގެ ޑިމޮކްރެސީއަކީ އަދި އިންސާފަކީ އެމީހުންނަށް ބޭނުންވާ ކޮންމެ ގޮތެކެވެ. އިރާގު ގިތްގަޅުވައިލުމަށްޓަކައި ކެމިކަލް ހަތިޔާރޭ ފަޅޮލޭ ކިޔައި އެތަނަށް އަރައި މުޅި ޤައުމު ސުންނާފަތިކޮށްލައި އަގުހުރި މުދާތައް ފޭރިގަތީ މުޅި ދުނިޔޭގެ ލޮލުގެ ކުރިމަތީގައެވެ. އޭރު އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާ މީހުން ތިބީ "ފަސްގަނޑުތެރޭގައި ބޮނދައެވެ." މިއަދު ފަލަޞްޠީނަށް އަރައި އެތައް ހާސް ރައްޔިތުންނެއް މަރައި އެ މީހުން އެ ބުނާ އދ.ގެ ޤާނޫނުތަކާ ޚިލާފަށް ބިންތައް ހިފައި ގެދޮރު އަޅައި މީހުން އާބާދުކުރާއިރު މިހާރު މި ކަންކަން ޚަބަރަށް ނުވާހާ ޢާއްމު ކަންކަމަށް ވެއްޖެއެވެ. މުސްލިމު ކަޝްމީރުގައްޔާއި އުތުރުކަރައިގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ބޭއިންސާފު ޖަރީމާތަކަކީ ވެސް އެވެރީންގެ ނަޒަރުގައި ޑިމޮކްރެސީއެވެ. އެ ޤައުމުގެ ދާޚިލީ ކަންކަމެވެ. ސަބަބަކީ އިޒުރޭލާ ރަޙުމަތްތެރި، އެމެރިކާއާ އެކުވެރި، މުސްލިމުންނާ ދުޝްމަން ބަޔަކަށް އެ ޙަލަމާދޭ "މީހުން" ވާތީއެވެ. މި ޙާލަތުގައި ޞުލްޙަ ޤާއިމުކުރާ މުއައްސަސާތައް އޮނާނީ ވާގި ނެތިފައެވެ. ނުވަތަ އެއްލޯ އަވަރުވެފައެވެ. އިންސާނީޙައްޤުގެ މަންދޫބުންނާއި ސަރަހައްދީ އިމެއް ނެތި އުޅޭ ރިޕޯޓަރުން ވާތަނެއް ވެސް ނޭނގޭނެއެވެ. ޢާލަމީ ފަހެލިކަމުގެ ޖަމުޢިއްޔާ އޮނަނާނީ ނިދައިފައެވެ. އެހެންނަމަވެސް މި ދެންނެވި އަނިޔާވެރިކަމާއި ޢުދުވާނު އަނެއްކޮޅަށް އަމާޒުވި ނަމަ،....... ޢަދުލު އިންސާފާއި ހަމަހަމަކަން ޤާއިމުކޮށް، ކޮރަޕްޝަން ނައްތައިލައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ނަމުގައި ކުރީން މި ދެންނެވި އަޢުވާނުންތައް ހިލިގަންނާނެއެވެ. ހީވާނީ ޤިޔާމަތެއް ޤާއިމުވަނީހެންނެވެ. ދުނިޔޭގައި އިންސާފާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުރި ގޮތަކީ މިހިރީއެވެ.

ކުރުކޮށް ދަންނަވާނަމަ... އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ފުރުޞަތު ފަހިކޮށްދީ ޙިމާޔަތާއި ޢިނާޔަތްތައް ފަހިކޮށްދިނުމަކީ މިއަދު ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އެންމެ އުސް ކުރިބޯއްޓެވެ. މުސްލިމުންނާ އިދިކޮޅަށް ދޭ ޙަމަލާއަކީ ނަފުސު ދިފާޢުކުރުމުގެ ޙައްގުގައި ކުރެވޭ ހަނގުރާމައެވެ. ނަމަވެސް މުސްލިމަކު ޣައިރު މުސްލިމެއްގެ ގަޔަށް ގާބުރިއެއް އެއްލުމަކީ ވެސް އަދި އިސްލާމް ދީނުގެ ޙިމާޔަތުގައި ވާހަކަދެއްކުމަކީ އެ މީހުންގެ ނަޒަރުގައި ނިރުބަވެރިކަމެވެ. މިއަދު އަޅުގަނޑުމެން މި ދިރިއުޅޭ "ދުނިޔެ"އޭ  މި ކިޔާ ބޭއިންސާފު މުޖުތަމަޢުގެ ޙަގީގަތަކީ މިއީއެވެ. މިއީ ލައްކަ ވާހަކައެވެ. "ކޮވިޑް19" އަކީ މި ބޭއިންސާފު ހަގީގަތް އިންސާފަށް ބަދަލުވާނެ ސަބަބެއް ކަމުގައި މާތް ﷲ ލައްވާށިއެވެ!

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.