މާޒީގެ ނަޒަރުން: "ރައްޔިތުންނަށް އޮންނަ ހަމައެކަނި ހައްގަކީ ވޯޓުލުމެވެ."

ލީބިޔާގެ ތަރައްޤީގެ ބާނީ އަދި އެ ޤައުމުގައި އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލެވުނު، އެ ޤައުމުގެ ކުރީގެ ޒަޢީމު ކާނަލް މުޢައްމަރުލްޤައްޛާފީ އޭނާގެ ފެހި ފޮތް (ގްރީން ބުކް)ގައި ލިޔުއްވައިފައިވެއެވެ. "މި ޒަމާނުގެ ޑިމޮކްރެސީގައި ރައްޔިތުންނަށް އޮންނަ ހަމައެކަނި ޙައްޤަކީ ދިގު ކިޔޫއެއްގައި ތިބެގެން ވޯޓުފޮއްޓަށް ވޯޓުކަރުދާސްކޮޅު ވައްޓައިލުމެވެ." އެ ހިސާބުން އޭނާގެ ހުރިހާ ބާރެއް ކެނޑުނީއެވެ. އާރާއި ބާރު ލިބެނީ އެހެން ބަޔަކަށެވެ. ރައްޔިތުންނަށް އޮންނަ ބާރެއް އޭގެ ފަހަކުން ނޯވެއެވެ. އަނެއްކާ ވެސް ފަސް އަހަރުވަންދެން ތުންފިއްތަންޏާ ފިއްތަފިއްތައި ތިބޭންޖެހެނީ އިންތިޒާރުގައެވެ.

ކާނަލް ޤައްޛާފީގެ އެ ވިދާޅުވުމުގެ ތެދުކަން މިއަދު ރައްޔިތުންނަށް ސާބިތުވާނެއެވެ. ދުނިޔޭގައި ބިޔަ ބޮޑެތި ޑިމޮކްރެސީތަކުން ފެށިގެން ތަރައްޤީ ވެފައިވާ، އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާނޫނީ ޙުކޫމަތްތަކަށް ނަޒަރު ހިންގައިލައިފި ނަމަ، ކޮންމެ ދިމާއަކުން ވެސް އަޅުގަނޑުމެންނަށް ފެންނަނީ މި ހަގީގަތެވެ. ހުރިހާ ބާރެއް އޮންނަނީ އެއްކަލަ ވޯޓުތަކުން ބާރު ލިބިވަޑައިގަތް ބޭފުޅުންނަށެވެ. ރައްޔިތުންނަށް ދެން ކުރެވޭނެ ކަމެއް ނޯންނާނެކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވައެވެ. ރައްޔިތުންގެ މަންދޫބުންކަމަށް ދަޢުވާކުރައްވާ ބޭފުޅުން ވެސް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވަނީ ވޯޓުގެ ނަތީޖާ އިޢުލާންކުރެވެންދެންނެވެ. އޭގެ ފަހުން އެ "މަންދޫބުން"ނަކީ ރައްޔިތުންގެ ފިކުރާ ޚިޔާލަށް ވިސްނައިވަޑައިގަންނަވާން ވެސް "ޖެހިވަޑައިނުގަންނަވާ"  ޢިއްޒަތްތެރީންނެވެ. އެ ޢިއްޒަތްތެރީންނަށް އޮންނަނީ އަމިއްލަ ޖާހާއި މާލާއި އާރާއި ބާރުގެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ގޮތްގޮތަށް މަސައްކަތްޕުޅުކުކުރެއްވުމެވެ. އަބަދު ވެސް ފިކުރުކުރައްވަނީ އަމިއްލަ ޕާޓީ ރުއްސައިގެން ގާތްތިމާގެ މީހުންނަށާއި އެކުވެރީންނަށް ވެސް ކަންފުޅެއް ވޭތޯ ވިސްނަވާށެވެ.

ސަރުކާރުތޯއެވެ! މައިގަނޑު މަސައްކަތަކަށް ވަނީ ސަރުކާރުން ކުރާ ނޭދެވޭ ކަންކަމާ ފާޑުކިޔައިފާނެ ހުރިހާ މަގުތަކެއް ބަންދުކުރެވޭތޯ މަސައްކަތްކުރުމެވެ. ސިޔާސީ ގޮތުން ނުރައްކަލަކަށް ވެދާނެ ކަމަށް ހީވާ ކޮންމެ މީހަކަށް، އަމިއްލައަށް މައްސަލަތައް އުފައްދައިގެން ނަމަވެސް، ޙުކުމެއް ކޮށް ޢުޤޫބާތެއް ދެވޭނެ ގޮތްކާމެދު ފިކުރު ހިންގައި އެކަމަށް މަގު ފަހިކުރުމެވެ. ފަނޑިޔާރުން ވިޔަސް ވިސްނައިވަޑައިގަންނަވަނީ އެ ބޭފުޅުންނަށް ބާރުފޯރުވޭ މުއައްސަސާތައް ބުނާހާ ގޮތަކަށް ޙުކުމްކޮށްގެން ނަމަވެސް މަޤާމުގައި ދެމި ތިބެވޭތޯއެވެ.

ބިޔަ ޤައުމެއްގެ ކައިރީގައި ކުޑަ ޤައުމެއް އޮވެގެން ތަރައްޤީވާ ތަން ދުށުމަކީ ބޮޑެތި ޤައުމުތަކަށް ދެކެން ފަސޭހަ މަންޒަރެއް ނޫނެވެ. އެހެންކަމުން އަމިއްލަ އެދުމަށް މަސައްކަތްކުރާ ސަރުކާރުތަކުގެ އަމިއްލަ ޤައުމިއްޔަތުގެ އަގުވަޒަންކުރާން ނުދަންނަ ބާރުވެރީންނަށް މާލީ ގޮތުން އެހީވެދީގެންނާއި ވެރިކަމުގައި ދެމި ތިބެވޭނެ މަކަރުތައް ދަސްކޮށްދީގެން އެ ފަދަ ސަރުކާރުތައް ބިޔަ ގައުމުތަކުގެ މުށުތެރެއަށް ލައެވެ. ގޮނޑިކޮއްކޮއަކަށް ނުވަތަ ޕަޕެޓަކަށް ހަދައިލައެވެ. އިޤްތިޞާދީ ބިރުދައްކައިގެންނެވެ. އަސްކަރީ ގޮތުން "ހެޔޮއެދިގެން" އެހީތެރިވެ ދިނުމުގެ ނަމުގައި އެ ޤައުމެއްގައި ހަން ފަތުރައިގެންނެވެ.

މި ޙާލަތަށް އެ ޤައުމެއް ވެއްޓޭއިރު ވެސް ޑިމޮކްރެސީގެ ގިރިޓީލައި ވިދުވައިލައިފައި ހުންނަ، ހުރިހާ މުއައްސާތަކެއް ފެންނާން ހުންނާނެއެވެ. ނަމަވެސް މިއިން އެއްވެސް މުއައްސާއަކުން ޤައުމު ހެވަތަށް ވިސްނާކަށް ފުރުޞަތެއް ވެސް ނޯންނާނެއެވެ. ހަމަ އެކަނި ވިސްނާންޖެހޭނީ ތިމާމެންގެ މަޤާމު ދިފާޢުކުރުމަށްޓަކައި ސަރުކާރު ރުއްސޭތޯއެވެ. ނުވަތަ ބަރުލަމާނުގެ ތާއީދު ދެމެހެއްޓޭތޯއެވެ.

މި ދެންނެވި ފަދަ ޑިމޮކްރެސީގައި އޮންނަނީ ތިންބާރު ވަކިވެފައިވާ ރައްޔިތުންގެ ވެރިކަމެއްކަމަށް ދަޢުވާކުރާނެއެވެ. ވެރިކަން ފެށިގެން އަންނަނީ އަދި އެ ވެރިކަން ދެމިއޮންނާނީ ވެސް ރައްޔިތުންގެ ބާރުގައޭ ބުނާނެއެވެ. މި ފަދަ ކިތަންމެ ވާހަކަތަކެއް ދުސްތޫރުގައި ލިޔެފައި ވެސް ހުންނާނެއެވެ. ނަމަވެސް ޢަމަލީ ގޮތުން ތިން ބާރެއް ނޯންނާނެއެވެ. ހުރިހާ ބާރެއް ޖަމާވެފައިވާނީ އެކެއްގެ މުށުތެރޭގައެވެ. ސަރުކާރުގެ ވިސްނުމާ ދެކޮޅަށް އެއްވެސް މުއައްސަސާއަކުން ޙައްޤާއި ޙަޤީޤަތާ އެއް ގޮތަށް ހިރިލިޔަސް ބަހެއް އިއްވިޔަސް ސުލޫކީ މައްސަލައިގެ ހަތިޔާރުން އެ ބަޔަކު ހަންމަތަކޮށްލާނެއެވެ. ބޮލުގައި އަޅައި ފިއްތައިލާނެއެވެ. ނުވަތަ ބުރުއްސައިލާނެއެވެ. މި ގޮތަށް ހުސްވާ ޖާގަތަކަށް ސަރުކާރުގެ އެޖެންޓުންނާއި ގާތްތިމާގެ ވަފާދާރުން ޢައްޔަންކޮށް އެ މުއައްސަސާއެއްގެ މައްޗަށް އޮންނަ ކޮންޓްރޯލް އިތުރުކުރާނެއެވެ.

ނަތީޖާއެއްގެ ގޮތުން މި ފަދަ ޤައުމުތަކަށް ތަރައްޤީގެ މައިދާނުގައި ފިޔަވަޅެއް ނޭޅޭނެއެވެ. އެ ދައުލަތަކަށް ލިބޭ އާމްދަނީ ބެހިގެންދާނީ ވަކި ބަޔެއްގެ ޖީބުތަކަށް ފަސާދައިގެ ގޮތުގައެވެ. މި ފަދަ ޤައުމުތައް މި ގޮތުގައި ދަމަހައްޓާން ކައިރީގައި އޮންނަ ބާރުވެރި ޤައުމުތަކުން އެހީތެރިވެދޭނެއެވެ. ނުމިޔެ ނުދިރި އޮންނަ ޙާލަތެއްގައި ބާއްވާން "ހެޔޮ އެދުމުގެނަމުގައި" އެހީވާނެއެވެ. އަދި ބިޔަ ބޮޑެތި ގައުމުތަކުން އެބައިމީހުންގެ އަތްދަށަށް ކުދި ގައުމުތައް ގެންދެވޭތޯ ކެނޑިނޭޅި މަސައްކަތްކުރުމަކީ އެ ފަދަ ބޮޑެތި ޤައުމުތަކުގެ ސަރުކާރުތަކުން ކުރާ އެންމެ މުހިއްމު މަސައްކަތް ވެސްމެއެވެ. ނަމުގައި މިނިވަންކަމުގައި "ހަގީގީ އަޅުވެތިކަމުގައި" ބާއްވައިގެން ނުވަތަ ހަމަ ފުރިހަމައަށް އަޅުވެތިކޮށްގެންނެވެ. މީގެ މިސާލުތައް އަޅުގަނޑުމެންނާ ދާދި ގާތުން ފެންނާން އެބަ ހުއްޓެވެ. މި ދެވައްތަރުގެ އެންމެ ރީތި ދެ މިސާލު ފެނިވަޑައިގަންނަވާނީ ކުރީން ވަރަށް މުއްސަނދި ރަސްކަމެއް އޮތް "ސިއްކިމް"އަށް ވީ ގޮތާއި ހިމާލިއާ ސަރަހައްދުގައި މިހާރު ވެސް "އަމިއްލަ" ރަސްކަމެއް އޮންނަ "މިނިވަން" ބޫޓާނުގެ ހާލަތަށް ނަޒަރު ހިންގަވައިލެއްވުމުންނެއެވެ. ސިއްކިމްއަކީ  ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ވެސް މިނިވަން ރަސްކަމެއްގެ ގޮތުގައި އޮތް ޤައުމެކެވެ. ނަމަވެސް ބޮޑުންނަށް ރިޝްވަތު ދީގެން ޤާނޫނުތަކަށް ބަދަލު ގެނެސްގެން، އެ ޤައުމުގައި ހަންފަތުރަމުން، އަމަން ބެލެހެއްޓުމުގެ ނަމުގައި ހަތިޔާރާއި ސިފައިން "އިންދައިގެން" އެއީ "އެހެން ގައުމެއްގެ" ސްޓޭޓެއްކަމުގައި ހަދައިލެވުނެވެ. އެއޮއް މުއްސަނދި "ސިއްކިމް"ގެ މިއަދުގެ ޙާލު ތިޔަ ބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ދެން ޙިމާލިޔާގެ ބިމުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެއްކަމަށްވާ ބޫޓާނަށް ބައްލަވާށެވެ! އެ ޤައުމުގެ ދިފާޢީ ހުރިހާ ބާރަކާއި ޚާރިޖީ ކަންކަމުގެ ބާރު މި ދެންނެވި "ހެޔޮއެދޭ" ގައުމުގެ  ބާރުގެ ދަށަށް ގެނެސް ނުސީދާ ގޮތެއްގައި ބޫޓާނަކީ "ނަމުގައި މިނިވަން، ހަގީގީ އަޅުވެތި" ގައުމެއްކަމުގައި ހަދައިލެވުނެވެ. ސީދާ ގޮތެއްގައި އަޅުވެތިކޮށްލުމަށް ވުރެ މި ގޮތުގައި އެ ބަޔަކަށް މާ ފައިދާ ބޮޑެވެ. އެހެނީ އެ ޤައުމެއްގެ ތަރައްޤީއަށް އަދި ރައްޔިތުންގެ ކަމަކަށް ވިސްނާކަށް ނުޖެހެއެވެ. ނަމަވެސް ބައިނަލްއަޤުވާމީ މައިދާނުގައި "މިނިވަން ގައުމެއްގެ ގޮތުގައި" ހަމައެކަނި ބަސްބުނެވޭނީ މި ދެންނެވި ބާރު ގަދަ ގައުމު އެދޭ ގޮތަކަށް އެކަންޏެވެ.

މި ދެންނެވި ކަންކަން މިހެން ހިނގައި ޤައުމުތައް އަޅުވެތި ކުރަނީ ރައްޔިތުން ރުހިގެންތޯއެވެ؟ ނޫނެކެވެ. ރައްޔިތުން އެކަމާ ދެކޮޅެވެ. ނަމަވެސް ޑިމޮކްރެސީގައި "ވޯޓުލުން" ނޫން ހައްގެއް ހަގީގަތުގައި ރައްޔިތުންނަށް ނޯންނަނީއެވެ. މިއީ އޮޅިގެން ނަމަވެސް ޤައުމީ ވިސްނުމެއް ނެތް ބަޔަކަށް އެ މީހުންގެ ހުސް ވަޢުދުތައް އަހައިގެން ރައްޔިތުންގެ ބާރު ކަމުގައިވާ "ވޯޓް" ދިނީމާ ވާ ގޮތެވެ.

މިއަދު ދުނިޔޭގެ "ޖުޣުރާފީ ސިޔާސިއްޔަތަށް" ނަޒަރެއް ދޭ އިރު، މި ސަރަހައްދުގައި އެންމެ ނުރައްކާ ފޯރާނެ އެއް ގައުމަކީ ދިވެހިރާއްޖެކަމުގައި ވެދާނެއެވެ. އެހެނީ ދިވެހި ޤައުމު އޮތީ ޖުޣުރާފީ މުހިއްމު ނުކުތާއެއްގައެވެ. މޫސުމީ އަމާންކަމާއި ތިމާވެށީގެ ރީތިކަމުގެ މުއްސަނދިކަން އޮތީ ލިބިފައެވެ. ޤައުމަށް ހެޔޮ އެދޭ ޤައުމީ ތަރައްޤީގެ ތަޞައްވުރެއް ގެންގުޅުއްވާ ވެރިޔަކަށް، ޤައުމު ހިންގައިލައްވާން ލިބިވަޑައިގެންފި ނަމަ، މި ޤައުމަށް ލޯއަޅައިގެންތިބި ބާރުތަކަށް ހައިރާންކަން ލިބޭހާ އަވަހަށް ދިވެހިރާއްޖެ ކުރިއަރައިގެންދާނެއެވެ. މެލޭޝިއާގެ ބަނޑުދޮށުގައި ސިންގަޕޫރެއް އުފެދުނު ގޮތަށް އެހެން ޤައުމެއްގެ ބަނޑުދޮށުގައި އޮވެ އެހެން "ސިންގަޕޫރެއް" އުފެދުމަކީ، "ހެޔޮއެދޭ މިތުރުން"ނަށް ކެތްވާ ވަރުގެ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓާ ސަފާރާތަކުގެ ބަޖެޓުން ޚަރަދުކޮށްގެން ނަމަވެސް މީޑިއާއާއި ވޯޓުތައް ގަނެލުމުގެ މަސައްކަތްފަށާނެއެވެ. ބޭނުމަކީ، ގޮނޑިކޮއްކޮ ސަރުކާރެއްގެ ގޮތުގައި، ނުމިޔެ ނުދިރި އޮންނަ ޤައުމެއްގެ ގޮތުގައި، "ހެޔޮއެދޭ މީހުންނަށް" ބަރޯސާވާ ގައުމެއްގެ ގޮތުގައި، ނަމުގައި މިނިވަން ޤައުމެއްގެ ގޮތުގައި އަބަދުގެ އަބަދަށް އަޅުވެތިކޮށްފައިބޭއްވުމެވެ.

މިއީ މިއަދު އިންސާނީ ޙައްޤޭ ޑިމޮކްރެސީއޭ ކިޔައިގެން ދުނިޔޭގައި ހިނގާ "ޖުޣުރާފީ ސިޔާސިއްޔަތު"ގެ ހަގީގަތެވެ. އަޅުގަނޑުމެންނަކީ ވެސް މިއަދުގެ ދުނިޔޭގައި އޮތް މުޖުތަމަޢަކަށް ވާތީ، މި ނުރައްކާތެރި ކުޅިބައިގެ ކުޅިއަކަށް ނޫނީ ދިވެހިރާއްޖެ ވެސް ނުވާނެއެވެ. މި ކަމުން ސަލާމާތްވާން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން ހޭލުންތެރިވުމެވެ. ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލާ މެދު ހަމަ ކޮންމެ ރައްޔިތަކުމެ، ވިސްނައިވަޑައިގަތެމެވެ. ވޯޓު ގަނެވިއްކުމުގެ އަވައިގައި ޖެހިވަޑައިނުގަތުމެވެ. ތާކުންތާކުނުޖެހޭ ހުސް ވަޢުދުތަކުގެ އަވައިގައި ވެސް ޖެހިވަޑައިނުގަތުމެވެ. ދީނާއި ޤައުމަށް ޚިޔާނާތްތެރި ނުވާނޭ މީހުންނަށް ވޯޓުދެއްވުމެވެ. މި ކަން ދެނެވަޑައިގަންނަވާނީ ކެންޑިޑޭޓުންގެ "ޓްރެކްރެކޯޑް" ބައްލަވައިގެންނެވެ. ސިޔާސީވުންކަމަށް ބަލައިގެން އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކާ މީހެއް ނަމަ، އެއީ ހަރުދަނާކަމެއް ނެތް މަކަރުވެރިއެކެވެ. އެހެނީ ޑިމޮކްރެސީއަކީ ވެސް އޮޅުވައިލުމާއި މަކަރުވެރިކަމަށް ކިޔާ ނަމެއް ނޫނެވެ. ދޮގު ވަޢުދުވާ ނަމަ، ނުވަތަ ދޮގުހެދުމަކީ އާދައެއް ކަމުގައި ހަދައިފި ނަމަ، އެއީ މުނާފިޤެއްކަމަށް ވެދާނެ މީހެކެވެ. މީހަކު ވަޢުދެއް ވެއްޖެ ނަމަ، އެއީ ފުއްދޭނެ ވަޢުދެއްތޯ ވިސްނައިވަޑައިގަންނަވާށެވެ! ހުސް ހޮޅި ވަޢުދަށް ހެއްލިވަޑައިނުގަންނަވާށެވެ! އެ ވަޢުދު ފުއްދާނެ ގޮތާއި އެ ކަން ކުރާން ރާވައިފައިވާ ޕްލޭން ހާމަކުރާން އެދިވަޑައިގަންނަވާށެވެ! މީގެ ކުރީން ޢަމަލީ މައިދާނުގައި އެމީހަކު ދައްކައިފައިވާ ޢަމަލީ ނަތީޖާއަށް ރިޢާޔަތްކުރައްވާށެވެ! އެ މީހެއްގެ ތަޢުލީމީ ފެންވަރަށް ވިސްނާށެވެ! ނަމަވެސް ތަޢުލީމީ ފެންވަރު ހަމައެކަނި ބަލާ މިންގަނޑަކީ ހޯދައިފައިވާ ކަރުދާސްތައް އެކަނި ނޫންކަން ވެސް ދެނެވަޑައިގަންނަވާށެވެ! އެއީ ވެސް ތަޢުލީމީ ފެންވަރު ވަޒަންކުރާ މިންގަނޑެކެވެ. ނަމަވެސް މީހެއްގެ ތަޢުލީމީ ފެންވަރު ވަޒަންކުރާން އެންމެ ރަނގަޅު އާލާތަކީ އޭނާގެ ޢަމަލާއި ބަހެވެ. މާޒީގައި އޭނާ ކޮށްދީފައިވާ ޚިދުމަތާއި ޙާޞިލުކޮށްފައިވާ ނަތީޖާއެވެ. އޭނާގެ ޚިދުމަތުގެ ފުންމިނާއި ފުޅާމިނެވެ. މީހަކު މަޤާމަކަށް ހޮވާން ވޯޓުދޭ އިރު މި ކަންކަމަށް ވިސްނައިވަޑައިގަންނަވާށެވެ! މި ކަންކަމަށް ވިސްނައިވަޑައިނުގެން ހަމައެކަނި ދިއްކޮށްލާ މާލީ އެހީއެއްގެ އަވައިގައި ޖެހިވަޑައިގެން، ޤައުމީ ވިސްނުމެއް ނެތް ޖާހިލުންނަށް ވޯޓު ދެއްވައިފި ނަމަ، އަޅުގަނޑުމެންގެ މުސްތަޤުބަލު އެ ހަލާކުކޮށްލެވެނީ އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުންނެވެ. ޖާހިލުންނޭ މި ދެންނެވީ ހަމައެކަނި ތަންދޮރު ނުދަންނަ މީހުންގެ ވާހަކައެއް ނޫނެވެ. ޖާހިލުންނޭ މި ދެންނެވީ ހަމައެކަނި ޢާލިމްގެ އިދިކޮޅު މާނައިގައެއް ވެސް ނޫނެވެ. ގޮތެއްފޮތެއް ނެތްކަމުގެ މާނައިގައެވެ. ރީތި އަޚުލާޤީ، ސުލޫކީ މަދަނީ ސިފަތައްނެތުމުގެ މާނައިގައެވެ. އަދަބެއް ސަދަބެއް ނެތުމުގެ މާނައިގައެވެ. ޙިލްމެއް ނެތުމުގެ މާނައިގައެވެ. ޙިލްމުގެ ލަފުޒީ މާނައަކީ ރުޅިމަޑުކަމާއި ރުޅި ކޮންޓްރޯލްކުރުމުގެ ބާރު ހުރުން ކަމަށް ވިޔަސް ރުޅި ކޮންޓްރޯލްކުރެވޭނީ ރީތި އަޚުލާޤާއި މަތިވެރި ސުލޫކާއި މަދަނިއްޔަތުގެ ސިފަ ލިބިފައި މީހުންނަށް ކަމަށް ވާތީ ޙިލްމުގެ މާނައިގެ ތެރޭގައި މި ސިފަތައް ހުރުން ވެސް ހިމެނެއެވެ. ދިވެހީން "ޢިލްމެއް ހުއްޓަސް ޙިލްމެއް ނެތިއްޔާ މީހުންގެ ތެރެއަކު ނޫޅެވޭނެޔޭ" ބުނަނީ މި މާނައިގައެވެ.

ވީމާ އަޅުގަނޑުމެންގެ ކަންކަން ނިންމާން އަޅުގަނޑުމެން ވޯޓުދޭ މީހުންނަނީ މި ދެންނެވި އެއްވެސް މާނައެއްގައި ޖާހިލުންގެ ގިންތީގައި ހިމެނޭ ބަޔަކަށް ނަހަދާންވީއެވެ. ކުރިއަށް އޮތް ލޯކަލްކައުންސިލުގެ އިންތިޚާބުގައި ވެސް އަދި ދެން ކުރިއަށް ހުންނަ އެހެން އިންތިޚާބުތަކުގައި ވެސް ރައްޔިތުން މި އުޞޫލުން ބައްލަވައިގެން ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފި ނަމަ، އަދި އަޅުގަނޑުމެންގެ މުސްތަޤުބަލު އަދި ސަލާމަތްކުރެވިދާނެއެވެ. އެހެނީ ކާނަލް ގައްޛާފީ ވިދާޅުވާ ގޮތުން "ޑިމޮކްރެސީގައި ރައްޔިތުންނަށް އޮންނަ ހަމައެކަނި ހައްގަކީ ވޯޓުލުން" ކަމަށްވާތީ އެވެ. އެ ޙައްޤުގެ ބޭނުން އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ނުހިފިއްޖެ ނަމަ، ޑިމޮކްރެސީ ވެސް، އަޅުގަނޑުމެންގެ ކުރިމަގު ވެސް، އެ ވައްޓައިލެވެނީ ފުންމިން ނޭނގޭ އަނދަވަޅަކަށެވެ. މިއީ ވަރަށް ވާހަކައެވެ. "މާޒީ"ގެ ނަޒަރުންނެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.