މުޞީބާތުން ލިބޭ ފައިދާ

އިންސާނާއަށް ކުރިމަތިވާ މުޞީބާތްތަކުން އޭނާއަށް ކުރިމަތިވަނީ ގެއްލުމާއި، ހިތާމައާއި، ހަލާކެވެ. އެއިން އޭނާގެ އުފާވެރި ދިރިއުޅުން ހިތާމަވެރިވެގެން ދަނީއެވެ. އޭނާގެ ފާގަތިކަން ނިކަމެތިކަމަށް ބަދަލުވެގެން ދަނީއެވެ. މިއީ މުޞީބާތާމެދު އާއްމުކޮށް މީހުން ދެކޭގޮތެެވެ.

އެެެހެންކަމުން، މުޞީބާތުން ފައިދާ ލިބޭ ވާހަަކަ ދެއްކުން އެއީ ސުވާލު އުފެދޭނޭ ކަމެވެ. ގިނަ ބަޔަކު ޙައިރާންވާނެ ކަމެކެވެ. ބޮޑެތި ގެއްލުންތަކުގެ ސަބަބަކަށްވީ ކަމަކުން ފައިދާ ލިބެނީ ކިހިނަކުން ހެއްޔެވެ؟

އެހެނަސް، މުޞީބާތްތަކުގެ ހަގީގަތަށް ބަލައި ވިސްނާލާއިރު، ލިބިގަނެވޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ މުޞީބާތްތަަކުން މާތް ﷲ އިރާދަކުރައްވާ ވަކި ބަޔަކަށް ފައިދާ ލިބޭ ކަމެވެ. އެބައިމީހުންނަށް ވެސް މާއްދީ ގެއްލުންތަކެއް ލިބި، ހިތާމަތަކެއް ޖެހުނު ނަަމަވެސް އާޚިރުގައި އެމީހުންނަށް މުޞީބާތުން މަންފާކުރާ ކަމެވެ.

މުޞީބާތް ޖެހުމުން އެ މުޞީބާތަށް ކެތްތެރިވެ މާތް ﷲއަށް ވަކީލުކުރާ މީހުންނަށް ލިބޭ ފައިދާ ވަރަށްވެސް ބޮޑެވެ. މިކަން މާތް ﷲގެ ވަޙީބަސްފުޅުން ހާމަވެގެން ދެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَ‌ٰلِ وَٱلْأَنفُسِ وَٱلثَّمَرَ‌ٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ * ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَ‌ٰجِعُونَ * أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَ‌ٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ﴾ (ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! * އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. * އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ. (އަލްބަޤަރާ: 155-157)

އިސްވެދިޔަ އާޔަތްތަކަށް ވިސްނުންތެރިކަމާއެކު ބަލައިފިނަމަ، މުޞީބާތުގެ މައްޗަށް ކެތްތެރިވެ މާތް ﷲއަށް ވަކީލުކުރާ މުއުމިނުންނަށް ލިބޭ ތިން ފައިދާއެެއް ފާހަގަވެގެން ދާނެއެވެ. ފުރަތަމަ ކަމަކީ، މާތް ﷲގެ ފާފަފުއްސެވުން އެބައިމީހުންނަށް ލިބުމެވެ. ދެވަނަ ކަމަކީ މާތް އެބައިމީހުންގެ މައްޗަށް ރަޙްމަތްލެއްވުމެވެ. ތިންވަނަ ކަމަކީ އެބައިމީހުންނީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައި މާތް ﷲ ލެއްވެވުމެވެ. އެެހެންކަމުން، މުޞީބާތުން މުއުމިނުންނަށް މާއްްދީ ބޮޑެތި ގެއްލުންތަކެއް ލިބުމުން އެލިބުނު ގެއްލުމުގެ މައްޗަށް އެބައިމީހުން ރުހިގެންވާ ހިތަކާއެކު، ޝަކުވާކުރުމެއް ނެތި ކެތްކޮށްފިނަމަ މާތް ﷲ އެބައިމީހުންނަށް އަގުނުކުރެވޭ ރޫޙާނީ ފައިދާތަކެއް ދެއްވައެވެ.

މުޞީީބާތްތަކާއެކު މުއުމިނުންނަށް ލިބޭ އެންމެ އުފާވެރި ޚަބަރަކީ މުއުމިނާގެ އީމާންކަން ވަރުގަދަވެ، މާތް ﷲ ޙަޟްރަތުގައި އޭނާގެ ދަރަޖަ މަތިވެރިވާ ވަރަކަށް މާތް ﷲ އޭނާއަށް ޖައްސަވާ މުޞީބާތް ވަރުގަދަވެފައި ބޮޑުވުމެވެ. އެހެންކަމުން، ދުނިޔެ މަތީގައި ބޮޑެތި ހިތާމައާއި، މުޞީބާތާއި ކުރިމަތިލުމުގައި ސާބިތުވެ ހުންނަ މުއުމިނާ ޔަގީންކުރަންވީ، މާތް ﷲ އޭނާ މުޞީބާތުގައި ޖައްސަވަނީ އެ މުޞީބާތުން އޭނާއަށް މަތިވެރި ފައިދާ ދެއްވުމަށް ކަމެވެ. މިކަން ކީރިތި ރަސޫލާގެ އަންނަނިވި ޙަދީޘުން ސާބިތުވެއެވެ. عن سَعْدِ بْنِ أَبِي وَقَّاصٍ قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ ‏ "‏ الأَنْبِيَاءُ ثُمَّ الأَمْثَلُ فَالأَمْثَلُ يُبْتَلَى الْعَبْدُ عَلَى حَسَبِ دِينِهِ فَإِنْ كَانَ فِي دِينِهِ صُلْبًا اشْتَدَّ بَلاَؤُهُ وَإِنْ كَانَ فِي دِينِهِ رِقَّةٌ ابْتُلِيَ عَلَى حَسَبِ دِينِهِ ‏"‏.‏ (ސަޢުދު ބިން އަބީވައްޤާޞްގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެެވެ. ތިމަން ދެންނެވީމެވެ. މާތް ﷲގެ ރަސޫލާ އެވެ. މާތް ﷲ އެންމެ ވަރުގަދައަށް އިމްތިޙާނުކުރައްވަނީ ކޮން ބައެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެެވެ. ނަބީބޭކަލުންނެވެ. ދެން އެންމެ ހެޔޮކަން ބޮޑު މީހުންނެވެ. ދެން އެއާޖެހިގެން ހެޔޮކަން ބޮޑު މީހުންނެވެ. އަޅާ އިމްތިހާނުކުރައްވަނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުންނެވެ. އޭނާއީ ދީނުގައި ވަރުގަަދަ މީހެއްނަމަ އޭނާ ކުރައްވާ އިމްތިޙާނު ވަރުގަދައެވެ. އޭނާގެ ދީނުގައި ބަލިކަށިކަމެއް ވާނަމަ، އޭނާ ކުރައްވާ އިމްތިޙާނު ކުރައްވާނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުންނެވެ.) (ސުނަނު އިބްނުމާޖާ، ޙަދީޘު: 4023)

ވީއިރު، މުޞީބާތަކީ މުއުމިނުންނަށް އެއިން ކިތަންމެ ބޮޑު މާއްދީ ގެއްލުމެއް ލިބޭ ކަމަކަށް ވިޔަސް އެއީ، އޭނާއަށް ހުރި ފައިދާއެކެވެ. މުޞީބާތުން އޭނާގެ ދަަރަޖު އުފުއްލެވުމަށް މާތް ﷲ އޭނާގެ ފާފަތައް ފުއްސަވައި ދެއްވާތީއެވެ. عَنِ عَبْدِ اللَّهِ بْنُ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مَرَضٌ فَمَا سِوَاهُ إِلاَّ حَطَّ اللَّهُ لَهُ سَيِّئَاتِهِ كَمَا تَحُطُّ الشَّجَرَةُ وَرَقَهَا ‏"‏‏.‏ (ޢަބްދުﷲ ބިން މަސްޢޫދުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. "ގަސްތަކުން ފަތް ފައިބައިގެންދާ ފައިދައިން މާތް ﷲ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވާ ގޮތަށް މެނުވީ މުސްލިމަކަށް ބައްޔެއް ނުވަތަ އެފަދަ އެެހެން ގެއްލުމެއް ދިމާނުވާނެއެވެ.) (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 5660)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.