ނަރުދޫގައި ޕޮޒިޓިވްވެފައިވާ މީހުން ދޮނަކުޅި ރިސޯޓަށް ބަދަލު ކުރަނީ

ށ، ނަރުދޫ އިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ދޮނަކުޅި ރިސޯޓަށް ބަދަލުކުރުމަށް ހަމަޖައްސަވައިފައިވާ ކަމަށް އެންއީއޯސީ އިން ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު  ވިދާޅުވީ ނަރުދޫގައި ޕޮޒިޓިވްވި އަށް މީހުންގެ އިތުރުން މިލަންދޫއިން ޕޮޒިޓިވް މީހާވެސް ދޮނަކުޅި ރިސޯޓަށް ގެންދެވޭނެކަމަށެވެ. ދޮނަކުޅިއަށް ގެންދެވެން ދެކަށް ވެސް ޕޮޒިޓިވް މީހުން ބޭއްތިއްބިފައި ތިބޭނީ އައިސޮލޭޝަންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓާ ގުޅުން ހުރި 118 މީހަކު ހޯއްދިފައިވާކަމަށެވެ. އޭގެތެރެއި 36  މީހުންނަކީ ހައި ރިސްކް މީހުން ކަމަށެވެ. އަދި 13 މީހުންގެ ފަރާތުން އަލާމާތްތައް ފެންނަމުންދާކަމަށެވެ. އަމާޒު ބޯޓާ ގުޅިގެން ރ. އަތޮޅު އިނގުރައިދޫ ވަނީ އަލަށް މޮނިޓަރިންނަށް ގެނެސްފައި ކަމަށް ވެސް ޑރ އަފަޒަލް ވިދާޅުވިއެވެ.  

އަމާޒު ބޯޓުން ފުރަތަމަ ފެނުނު ޕޮޒިޓިވް ކޭހަކީ އެ ބޯޓްގެ ކެޕްޓަނެވެ. އެއީ ށ. ނަރުދޫ ބޯޓެކެވެ. އެ ބޯޓު މާލެއިން ފުރީ މާލެ ލޮކްޑައުންނަށް ގެނައި ދުވަސް ކަމަށްވާ، އޭޕްރީލް 15 ވަނަ ދުވަހުގެ ތިނެއް ޖެހި އިރުއެވެ. އެ ބޯޓްގައި 98 މީހަކު ދަތުރުކޮށްފައި ވެއެއެވެ. އެ ބޯޓް މާލެއިން ފުރައިގެން 13 ރަށަކަށް ދަތުރުކޮށްފައި ވެއެވެ. އެރަށްތައް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.