މެމްބަރުން ޗުއްޓީއަށް ވަޑައިނުގެން މަސައްކަތް ކުރެއްވުމާ މެދު މިއަދު ގޮތެއް ނިންމަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިނުގެން، މަޖިލީހުގެ މަސައްކަތް ކުރެއްވުމާ މެދު މިއަދުގެ ޖަލްސާ ގައި ގޮތެއް ނިންމަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މޭމަހުގެ ނިޔަލަށް ކުރިއަށް ގެންދެވުމާމެދު ގޮތެއް ނިންމެވުމަށް މިއަދުގެ ވޯޓްގެ ވަގުތުގައި ވޯޓަށް އައްސަވާނެކަމަށެވެ. މެމްބަރުން އެގޮތަށް ނިންމަވައިފިނަމަ ފުރަތަމަ ދައުރުގެ ޗުއްޓީ މެމްބަރުންނަށް ލިބިވަޑައެއް ނުގަންނަވާނެކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މެމްބަރުން ތިއްބަން ޖެހޭނީ ޖަލްސާއަކަށް ދަންނަވައިފިނަމަ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ދެމިގެންދާނީ ފެބުރުއަރީން ފެށިގެން  އޭޕްރީލްގެ ނިޔަލަށެވެ. އެހެންކަމުން މޭމަހަކީ މެމްބަރުންގެ ޗުއްޓީ މަހެވެ.

ގިނަ މަސައްކަތްތަކެއް މަޖިލީހުގެ އެޖެންޑާގައި މިހާރުވެސް ވަނީ ހިމަނައިފައެވެ. އޭގެތެރޭގައި ކޮވިޑާ ގުޅިގެން ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް މަޖިލީހުން ދެއްވާ ލަފަޔާ ގުޅޭގޮތުން ކޮމެޓީތަކުން ތައްޔާރު ކުރެއްވި ރޮޕޯރޓްތަކާއި ލޯކަލް ކައުންސިލްތަކާ ގުޅޭ ބިލެއްވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.