މަތީތަޢުލީމަށް ދޫކުރާ ލޯންގެ އިންޓަރެސްޓް ރޭޓް އެއް އިންސައްތަ އަށް ދަށްކުރަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަތީތަޢުލީމަށް ދޫކުރާ ލޯންގެ އިންޓަރެސްޓް ރޭޓް އެއް އިންސައްތަ އަށް ދަށްކުރުމަށް ދިވެހިރާއްޖޭގެ މަތީތަޢުލީމުގެ ބިލުގައި ކަނޑައަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ. މިބިލްގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަށްޓަވައިފައެވެ.

ދިވެހިރާއްޖޭގެ މަތީތަޢުލީމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފިޤެވެ. ބިލްގެ ބަހުސް ގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙްމޫދު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ޙާޞިލްވެފައިވާ ވަޢުދަކީ ރާއްޖޭގެ މަތީ ތަޢުލީމާބެހޭ ވަޢުދުތައް ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަސް ހާހަށް ވުރެގިނަ ދަރިވަރުންނަށް ހޯދައި ދެވިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދުމަށް ދަރިވަރުންނަށް ދޫކުރާ ލޯނުގެ ދަށުން ހަތަރު ހާހަށްވުރެ ގިނަ ކުދިންނަށް ލޯނު ދޫކުރައްވައިފައިވާކަން ފާހަގަ ކުރެއްވިއެވެ. އެ ލޯންގެ އިންޓަރެސްޓް ރޭޓް ހަ އިންސައްތައިގައި ވަނިކޮށް މިސަރުކާރުން ތިން އިންސައްތައަށް ދަށްކޮށްފައިވާކަން ވެސް އޭނާ ވިދާޅުވިއެވެ. މިއަދު މަޖިލީހުގައި ބަހުސް ފެށި މަތީ ތަޢުލީމުގެ ބިލްގެ ތެރެއިން މަތީ ތަޢުލީމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް އެއް އިންސައްތައަށް ދައްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އެއީ އެޖެންޑާ19 ގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ވެސް ޖިހާން ފާހަގަ ކުރެއްވިއެވެ.

ދަރިންނަށް މަތީ ތަޢުލީމު ހޯދައި ދިނުމަށް ގޯތި ގެދޮރު މޯގޭޖްކޮށް ބޭންކުތަކުން ބޮޑު އިންޓަރެސްޓްގައި މައިންބަފައން ލޯނުތައް ނަގައިފައިވާކަން ޖީހާން ފާހަގަ ކުރެވިއެވެ. ކުއްޖާ މަތީތަޢުލީމު ޙާޞިލްކޮށްގެން އަންނައިރު މުޅިޢުމުރަށް މަސައްކަތްކުރި ކަމުގައިވެސް ނުދެއްކޭވަރު ބޮޑު ދަރަންޏެއް ޮބލުގައި އެޅިފައި އޮންނަކަން  ފާހަގަ ކުރެއްވިއެވެ. އެމްޑީޕީގެ ބައެއް އެހެން މެމްބަރުންވެސް ވަނީ މިކަންކަން ފާހަގަ ކުރައްވައި ވާހަކަ ފުޅު ދައްކަވައިފައެވެ.

ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙަމޫދު ވިދާޅުވީ މިސަރު އެންމެ ފުރަތަ ކުރެއްވި އެއްކަމަކީ ނެޝަނަލް ޓްރޭނިން ނީޑްސް އެނަލިސިސެއް ނުވަތަ ތަޢުލީމާއި ތަމްރީނު ބޭނުންވަނީ ކޮން ދާއިރާތަކަކަށްތޯ ދެނެގަތުން ކަމަށެވެ. މަތީ ތަޢުލީމުގެ ބިލް އެކުލަވާ ލެވިފައިވަނީ އެދިރާސާގެ މައްޗަށްކަމަށް ފާހަގަ ކުރެއްވިއެވެ.

މިދިޔަ ސަރުކާރުން ނިގުޅައިގަތް ޙައްޤުތަކުގެ ތެރޭގައި އުގެނުމާއި މަތީ ތަޢުލީމުގެ ޙައްޤު ވެސް ހިމެނޭކަން ހިންނަވަރުގެ ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. އިޖްތިމާޢީ ދާއިރާއިން ތަމްރީނު ދޭނެ ފަރާތްތައް ތަމްރީނު ކުރުމަށް މިދިޔަ ސަރުކާރުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް ފާހަގަ ކުރެއްވިއެވެ. ކުރީ ސަރުކާރުގެ ތަޢުލީމީ ސިޔާސަސަތަށް އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑް ވިދާޅުވެފައެވެ. އަދި ކޮމަންވެލްތް އިން ވަކިވުމުގެ ސަބަބުން މަތީ ތައޫލީމުގެ ގިނަ ފުރުޞަތުތަކެއް ގެއްލިގެން ދިޔަކަންވެސް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.