ދުނިޔޭގައި ކޮވިޑް- 19 ޖެހިގެން މަރުވިކަމަށް ރަސްމީކޮށް ހާމަކޮށްފައިވާ އަދަދުތަކަަށްވުރެ ހަގީގަތުގައި މި ބަލިޖެހިގެން މަރުވި މީހުންގެ އަދަދު %60 އިތުރުވާނެކަމަށް ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފިއެވެ. އެ ނޫހުން މިހެން ބުނެފައި ވަނީ 14 ގައުމަކުން ހާމަކޮށްފައިވާ، ކޮވިޑް- 19 ގައި މަރުވި މީހުންގެ ތަފާަސް ހިސާބުތަކަށް ބެލުމަށް ފަހުއެެވެ.
ކޮވިޑް- 19 ޖެހިގެން ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު ޔަގީންކުރުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އެކި ގައުމުތަކުގައި މައުލޫމާތު އެއްކުރާ ގޮތް ތަފާތުވުމާއި، ނެގޭ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.
އޭއެފްޕީން އެއްކުރި މައުލޫމާތުން ދައްކާ ގޮތުގައި ކޮވިޑް- 19 ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ %85 މަރުވެފައި ވަނީ ޔޫރަޕާއި އެމެރިކާގައެވެ.
ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ ކޮވިޑް- 19 ޖެހިގެން ޔޫރަޕުގައި މީހުން މަރުވާން ފެށި ހިސާބުން ފެށިގެން މިހާތަނަށް 14 ގައުމަކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެހެން އަހަރުތަކުގެ އެ ދުވަސްވަރު އެ ގައުމުތަކުން އެވްރެޖްކޮށް މަރުވާ މީހުންނަށްވުރެ އިތުރަށް 1 ލައްކަ 22 ހާސް މީހުން އެ ގައުމުތަކުން މަރުވެފައި ވެއެވެ. އެހެންނަމަވެސް، ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުތަކުން ކޮވިޑް- 19 ޖެހިގެން މަރުވެފައި ވަނީ 77 ހާސް މީހުންނެވެ.
ފައިނޭންޝަން ޓައިމްސްއިން ލަފާކުރާ ގޮތުގައި، ދުނިޔޭގެ އެހެން ގައުމުގެ ތަފާސް ހިސާބުތަކުގައިވެސް މިވަރަށް ތަފާތު ހުންނާނެ ކަމަށް ބަލައިފިނަމަ، ނޫހުގެ ދިރާސާ ހެދި ވަގުތާއި ހަމައަށް ދުނިޔޭގައި ކޮވިޑް- 19 ޖެހިގެން މަރުވި ކަމަށް ރަސްމީ ހިސާބުތަކުން ދައްކާ 2 ލައްކަ 1 ހާސް މީހުންގެ ބަދަލުގައި ހަގީގަތުގައި 3 ލައްކަ 18 މީހުން އެ ބަލީގައި މަރުވެފައި ވާނެއެވެ.
ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، ރަސްމީ އަދަދުތަކާއި، ދިރާސާއިން ދައްކާ އަދަދުގައި ވަރަށް ބޮޑަށް ތަފާތުވެފައި ވެއެވެ. މިސާލަކަށް، އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއިން ކޮވިޑް- 19 ޖެހިގެން މަރުވިކަމަށް ރަސްމީ ހިސާބުތަކުން ދައްކަނީ 90 މީހުންނެވެ. އެހެންނަމަވެސް، އެހެން އަހަރުތަކުގެ މި ދުވަސްވަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެހެން އަަހަރުތަކުގެ މި ދުވަސްވަރުގައި މަރުވި މީހުންގެ އެވްރެޖް އަދަަދަށް ވުރެ 1400 މީހުން އިތުރަށް މަރުވެފައި ވެެއެވެ. މިއީ ކޮވިޑް- 19 ޖެހިގެން މަރުވި މީހުންގެ އަދަދަށްވުރެ 15 ގުނަ އިތުރު އަދަދެކެވެ.
ކޮވިޑް- 19 ޖެހިގެން މަރުވާ މީހުުންގެ އަދަދު އެކި ގައުމުތަކުގައި ގުނަނީ ތަފާތުކޮށެވެ. ޖަރުމަނު، ލަގްޒެމްބާގް، ދެކުނު ކޮރެޔާ އަދި ސްޕޭންގައި، ކޮވިޑް- 19 ޕޮޒިޓިވް ވުމަށް ފަހު ދެން މަރުވާ އެންމެން ހިމަނަނީ އެބަލީގައި މަރުވި މީހުންގެ ގޮތުގައެވެ. އެއީ ހޮސްޕިޓަލަށް މަރުވާ މީހުންނާއި ގޭގައި މަރުވާ މީހުންެވެސް ހިމަނައިގެންނެވެ. ބެލްޖިިއަމްގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރަށް އެބަލީގެ އަލާމާތްތައް ފެނުމަށް ފަހު މަރުވާ މީހުންވެސް ހިމަނަނީ ކޮވިޑް- 19 ޖެހިގެން މަރުވި މީހުންގެ ތެރޭގައެވެ.
ޗައިނާއާއި އީރާނުގައި ކޮވިޑް- 19 ޖެހިގެން މަރުވި ކަމަށް ބަލަނީ އެެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ހޮސްޕިޓަލުގައި މަރުވާ މީހުންނެވެ. އިނގިރޭސިވިލާތުގައި ވެސް ހަދަނީ މިހެންނެވެ.