ނަފްސާނީ މައްސަލަތަކުގައި މިދިޔަ މަހު ޑޮކްޓަރަށް ދެއްކި މީހުންގެ ޢަދަދު ދެގުނަ އިތުރު ވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ނަފާސާނީ ބަލިތަކާބެހޭ ޑޮކްޓަރ އާރިފް ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ޑޮކްޓްރ އާރިފް ވިދާޅުވީ ނަފްސާނީ މައްސަލަތަކުގައި މިދިޔަމަހު 615 މީހުން ޑޮކްޓްރަށް ދައްކައިފައިވާކަމަށެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެއްކަމަށް ޑރ އާރިފް ވިދާޅުވިއެވެ.
ނަފްސާނީ މައްސަލަ ތަކަކީ ވަކި އަލާމާތެއް ފެންނަން ދެން ނުހުރެ އެކަމުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމެއްކަމަށް ޑރ އާރިފް ވިދާޅުވިއެވެ. ނަފްސާނީ މައްސަލަ ތަކަކީ މީހުންނަށް ބަލައިގަންނަން އުދަނގޫ ކަންކަމަށް އަދިވެސް ފާހަގަ ކުރެއްވޭ ކަމަށް ޑރ އާރިފް ވިދާޅުވިއެވެ. މިހާބޮޑު ކަންތައްތަކެއް ވަމުންދާ އިރު ނަފަސާނީ ގޮތުން އަސަރު ނުކުރަންޏާ ވެސް އެއީ މައްސަލައެއް ކަމަށް ޑޮކްޓަރ ފާހަގަ ކިރެއްވިއެވެ. މީހެއްގެ ނަފްސާނީ މައްސަލައެއް ހުރުން އެއީ އެމީހަކު ނިކަމެތިވެ ދަރަކޮށްލެވޭ ކަމެއްނޫން ކަމަށް ޑޮކްޓަރ އާރީފް ވިދާޅުވިއެވެ. އެހެންކަމުން ނަފްސާނީ ގޮތުން އުދަނގޫތަކެއް ކުރިމަތިވާނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމުގައި އަވަހަށް އެހީތެރިކަން ހޯދުން ކަމަށްވިދާޅުވިއެވެ.
ޑރ އާރިފް ވިދާޅުވީ މިހާރު އެންމެވެސް މިތިބީ ވަރަށް އާދަޔާ ޚިލާފަ ޙާލަތެއްގައި ކަމަށެވެ. މިކަހަ ޙާލަތެއްގައި ތިބޭއިރު އެންމެ ރަނގަޅު ނޫންގޮތްގޮތަށް ވެސް ޢަމަލުތައް ބެހެއްޓޭކަމަށެވެ. އަމިއްލަ ކޮންޓްރޯލް ނުކުރެވޭ ކަންކަމާމެދު ވިސްނުމަށްވުރެ ކޮންޓްރޯލް ކުރެވޭ ކަންކަމަށް ފޯކަސް އެކަން ކަން ކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނިދުމާ ކެއުމާއި ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަންކަމަށް ވިދާޅުވިއެވެ. އަދި ރަމަޟާން މަސްކަމަށްވުމުން އަޅުކަމުގައި ސާބިތުވެ ތިބުމަކީ ވެސް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. ކޮވިޑާ ގުޅޭ ވާހަކަތައް އަބަދު އަޑު އެހުމުން ވެސް ހާސްކަން އިތުރުވެ ނަފްސާނީ މައްސަލަތައް ކުރިމަތި ވުމަށް މަގު ފަހިވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މީޑިއާތަކުން ވެސް އެކަމަށް ސާމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ސްކޫލަށް ނުދެވި ގޭގައި ތިބެން ޖެހުމުން ކުޑަކުދިންނަށް ވެސް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމަށް ޑރ އާރިފފާހަގަ ކުރެއްވިއެވެ. އެގޮތުން ކުދިންނަށް ކުރާ އަސަރުތައް ފެންނާނީ އެކި ގޮތްތަށް ކަމަށް ވިދާޅުވިއެވެ. ނިދަން އުދަނގޫ ވުމާއި އުޅުމަށް އަންނަ ބަދަލުތައް ހުންނާނެކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކުދިންނާ ވާހަކަ ދައްކާ ކަންކަމުގައި ބައިވެރުކުރަން ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ. ދޮށީ ޢުމުރުގެ މީހުންނަށް ކުރާ އަސަރު ވަކިން ބޮޑުވާނެކަން ފާހަގަ ކުރެއްވިއެވެ. ނަފްސާނީ ގޮތުން ކުރާ އަސަރުގެ އިތުރުން ޖިސްމާނީ ގޮތުންވެސް ތަފާތު މައްސަލަތައް ދޮށީ ޢުރުމުގެ މީހުންނަށް ދިމާވަމުން ދާނެކަން ފާހަގަ ކުރެއްވިއެވެ. ހާސްކަން ބޮޑުވެ އާއިލާގެ އެހީތެރިކަން ބޭނުންވާ ދަނޑިވަޅުގައި ބާކީ ކުރާގޮތް ވެސް ދިމާވާކަން ޑރ އާރިފް ފާހަގަ ކުރެއްވިއެވެ. އެގޮތަށް ކަންތައް ވުމުން ނަފްސާނީ ގޮތުން އަސަރުކުރާ މިންވަރު އިތުރުވާކަމަށް ވެސް ޑރ އާރިފް ވިދާޅުވިއެވެ.
ކަރަންޓީންފެސިލީތަކާއި އައިސޮލޭޝަންގައި ތިބި މީހުންގެ ތެރެއިން ސައިކޯސޯޝަލް ސަޕޯރޓް ހޯދާ މީހުންގެ ތެރެއިން ޕްރޮފެޝަނަލް މެންޓަލް ކެއަރ ހޯދަން ޖެހޭ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީ އެމްއެޗްގައެވެ. އެގޮތުން 55 މީހަކަށް އިތުރު ފަރުވާ ދެވިފައިވާ އައިޖީއެމްއެޗްގެ ނަފަސާނީ ބަލިތަކާ ބެހޭ ޑޮކްޓަރ އާރިފް ވިދާޅުވިއެވެ. ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ސައިކޯސޯޝަލް ސަޕޯރ ފޯރުކޮށް ދެމުން ދަނީ ދިވެހި ރެޑް ކްރޮސެންޓުންނެވެ.