ކޮރޯނާ ވައިރަސް ބަލި (ކޮވިޑް)ގެ ނުރައްކާތެރިކަން ރާއްޖޭގައި ބޮޑުވެ އޭގެ ބާނި އުފުލެމުން ދަނީ ހިތާމަވުން އެކަށީގެންވާ މިންވަރަކަށެވެ. ފެންނަ ފެނުމުގައި އަދި[ބައެއް ބޭފުޅުން] ވިދާޅުވެފައިވާ ގޮތުގައި ކޮވިޑްނަވާރައަކީ ހަމަ އެކަނި ޞިއްޙީ ކާރިސާއެކެވެ. މިއީ ދުނިޔެއަށް އައިސްގެން އުޅޭ އިޤްތިޞާދީ ކާރިސާއެއް ނޫޅެއެވެ. މި ޙާލަތާ ގުޅިގެން ޞިއްޙީ މާހިރުންގެ ފިޔަވައި އެހެން ބަޔެއްގެ މަޝްވަރާއެއް ބޭނުމެއްނޫނެވެ. [އެބޭފުޅުންގެ] ނަޒަރުގައި މިއީ އޭގެ ސަބަބުން މަޢީޝަތުގެ އެހެން ދާއިރާއަކަށް އަސަރުފޯރާނެ ކަމެއް ނޫނެވެ.
ނަމަވެސް ހަގީގަތަކީ ކޮވިޑްގެ ސަބަބުން ލިބޭ ޞިއްޙީ ގެއްލުމަށްވުރެ، މި ބައްޔާ ގުޅިގެން މާލީ ގޮތުންނާއި އިޤުތިޞާދީ ރޮނގުން ލިބޭ ގެއްލުން އެތައް ގުނައެއް އިތުރުކަމެވެ. މި ބަލީގެ ނުރައްކަލެއް ނެތް އެތައް ބަޔަކު މިއަދު ތިބީ އަތްމަތި ހުސްވެ މާޔޫސްވެފައެވެ. އަނެއް ބަޔަކު ތިބީ މީޑިއާއިން ފެންނަ ޢަދަދުތަކާއި އިވޭ ޚަބަރުތަކުން ބިރާސްވެ މާޔޫސްވުމުގެ ސަބަބުން ނަފުސާނީ ބަލި މީހުންނަށް ނުވަތަ ސިކުނޑީގެ ބަލި މީހުންނަށް ވެފައެވެ. އެހެންވީމާ ހަގީގަތަކީ ކޮވިޑްގެ ސަބަބުން ލިބުނު އަދި ލިބޭނެ ޞިއްޙީ ގެއްލުމަށްވުރެ އިޖުތިމާޢީ ގޮތުން، އިޖުތިމާޢީ ތަފާތު ދާއިރާތަކުން، މުޅި މުޖުތަމަޢާއި ވަކިވަކި ފަރުދުންނަށް ލިބޭ އަދި ލިބެމުންދާ ގެއްލުންތައް މާ ގިނައެވެ. ކޮރޯނާ ވައިރަހުގެ އަސަރު ނުފޯރިޔަސް [ކޮވިޑް19]ގެ ސަބަބުން އެމީހެއްގެ މަޢީޝަތަށް ނުވަތަ ދިރިއުޅުމުގެ ޙާލަތަށް ނޭދެވޭ އަސަރު ނުފޯރާ ހަމަ އެކަކު ވެސް މިއަދަކު ހަމަގައިމު ވެސް މި ދިވެހި ފަސްގަނޑަކު ނުހުންނާނެއެވެ.
މި ވަގުތަކީ، ދިވެހިރާއްޖެއަށް [ކޮރޯނާވައިރަސް] އައީ ވަކި ބަޔެއްގެ އިހުމާލުންނޭބުނެ ފާޑުކިޔާންވީ ވަގުތެއްނޫނެވެ. މި ކަމުގައި މިވެނި ބަޔަކު ޒިންމާވާންޖެހޭނެ ކަމަށް ބުނެ ބަހުސްކުރާންވީ ވަގުތެއްނޫނެވެ. މާލެއަށް [ޖަމާއަތީ ފެތުރުން] ތަޖުރިބާކުރެވުނީ ފުރަބަންދުގައި އޮއްވައި ވެސް ވަކި ބަޔަކު ރާއްޖެގެނަސް ދޫކޮށްލުމުގެ ސަބަބުންނޭ ކިޔައި އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުކިޔާންވީ ވަގުތެއްވެސް ނޫނެވެ. ބަޔަކު ކުށެއް ކުރި ކަމަށް ވާނަމަ، އެކަމެއް ބެލުމުގެ އަހުލިއްޔަތު ނުވަތަ އިޚުތިޞާޞް އޮތް މީހަކު ނުވަތަ ބަޔަކު އެކަމެއް ބަލާންވީމާ ބަލާނެތާއެވެ. ބަލާންޖެހުނު އިރަކުންނެވެ. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް މަސްއޫލިއްޔަތެއް ވެސް ނޫނެވެ. ބަޔަކު އަދާކުރާންޖެހޭ މަސްއޫލިއްޔަތެއް އަދާ ނުކޮށްގެން ނުވަތަ އުފުލާންޖެހޭ ޒިންމާއެއް ނޫފުލައިގެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކުން ނުރެކެވޭނެއެވެ.
ކޮވިޑްގެ ބިރުވެރިކަން އޮތީ ހަމައެކަނި މާލޭގަޔޭ ހީކޮށް، އެކި ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ހަމައެކަކު ވެސް ޢާއްމު ޙާލަތުގައި އުޅޭ ގޮތަށް މިއަދު އުޅެގެންވާކަށް ނެތެވެ. ރަށަށް ބަލި އައި ގޮތް ނޭނގި ފައްސިވާ މީހުން ބައެއް ރަށްރަށުން އެބަ ފެނެއެވެ. ކޮންމެވެސް ބަލި މީހަކާ އެއްތާވި މީހުން ހޯދާއިރު ފައްސިވާ މީހުންގެ ޢަދަދު، ސިއްސައިގެންދާ ވަރަށް އެބަ އިތުރުވެއެވެ. ކޮންމެ ދުވަހަކު ވެސް ނައްސިވާ މީހުންނަށް ވުރެ ފައްސިވާ މީހުން އެތައް ގުނައަކަށް އިތުރުވެއެވެ.
މިއަދު މިވަނީ މި ޙަގީޤަތާ ކުރިމަތިލާންޖެހިފައެވެ. މި ވަބާއިން ސަލާމަތްވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ހަމަ ކޮންމެ މީހަކު ވެސް ވަރަށް ސީރިއަސްކަމާއެކު ކުރުމުގެ ވަގުތު މިއަދު މިވަނީ އައިސްފައެވެ. މި ޙާލަތުގައި ވެސް، ޢަމަލީ މައިދާނުގައި ޚިދުމަތްކުރައްވާ ޞިއްޙީ ޚިދުމަތްތެރީން ވަރަށް ބުރަކޮށް މަސައްކަތްއެބަކުރައްވައެވެ. ފުލުހުންނާއި ސިފައިން އެ ބޭފުޅުންގެ ޖިންމާ އެބަ އަދާކުރައްވައެވެ. މިހާ ވަރަކުން ނުފުދެއެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާކުރާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ މަސްއޫލުވެރިއެކެވެ.
ﷲގެ ރަޙުމަތުން އަދި މިހާތަނަށް ކޮވިޑްގެ ޢަލާމާތެއް ނުފެނުނަސް އެއްވެސް ރަށަކީ ބަލީން ސަލާމަތްވެފައިވާ ރަށެއްކަމަށް ބަލައިގެން ރަށުތެރޭގައި ފިނިބުރުޖަހާން ނުނިކުންނާންވީއެވެ. މި ބަލިޖެހިފައިވާ ގިނަ މީހުންނަކީ ބަލީގެ ޢަލާމަތެއް ނުފެންނަ މީހުންކަމަށް ޑަކުޓަރުން ވިދާޅުވާ އިރު، އަޅުގަނޑުމެން މި ކަމަށް ސަމާލުކަން ނުދީ އެއްތާވާ މީހެއްގެ ފުށުން ކޮވިޑް ހިފައިގެން ގެޔަށް އައިސް ލޯބިވާ މައިންބަފައިން ނާއި އަނބިދަރީންނަށް ހަދިޔާކުރާ މީހަކަށް އަޅުގަނޑުމެން ނުވާން ޢަޒުމުކަނޑައަޅާން އެބަޖެހެއެވެ. ކައުންސިލުން ނުވަތަ ވަކި ފަރާތަކުން މަނާ ނުކުރިޔަސް ބޭނުމެއް ނެތި އަޅުގަނޑުމެން އެކަކު ވެސް މަގުމައްޗަށް ނުނިކުންނާން އެބަ ވިސްނާންޖެހެއެވެ. ފޫހިނުވެ ގޭގައި ތިބޭން އެބަ ފަރިތަކުރާން ޖެހެއެވެ. ތާކުން އެއްޗެއް ގެނައި ނަމަ، އެ އެއްޗެއް ދޮވެގެން ނޫނީ ބޭނުންނުކުރާން އެބަ އާދަކުރާންޖެހެއެވެ. ސައިބޯނި ލައިގެން ރަނގަޅަށް އަތުގެ ދެފަރާތާއި އިނގިލިތަކުގެ ވަށައިގެން ދޮވެގެންނޫނީ ނުކާން ދަސްކުރާން އެބަޖެހެއެވެ. ބަލިޖެހިފައިވާ މީހަކާ އެއްތާ ނުވާށާއި އިޖުތިމާޢީ ގައިދުރުކަން އިސްކުރާން އެބަޖެހެއެވެ. އަދި މި ކަންކަން މި ގޮތަށް ކުރާން ތިމާގެ ޒިންމާގައި ތިބޭ އެންމެންނަށް އަންގައި ޢަމަލުކުރުވާން އެބަޖެހެއެވެ. އަދި އެ މީހުން އެ ގޮތަށް އަމަލުކުރޭތޯ ބަލާން އެބަޖެހެއެވެ. މި ކަންކަން މި މަގަށް ކުރުމާއެކު ކޮންމެ ނަމާދެއްގެ ފަހުގައި ހަމަ ކޮންމެ މީހަކު ވެސް ﷲއަށް ދުޢާކުރާން އެބަޖެހެއެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން ﷲ އަށް ދުޢާކުރާން އެބަޖެހެއެވެ. ސަބަބުތަކުގައި ހިފައި، ﷲއަށް އިޢުތިމާދުކޮށްގެން ތިބެ ވަކީލުކުރާން އެބަޖެހެއެވެ. އިސްލާމް ދީނުގައި އަންގަވައިފައިވާ ފަދއިންނެވެ. ސައްޔިދުނާ އިބްރާހީމްގެފާނުގެ ބަސްފުޅުތައް ކީރިތި ޤުރުއާނުގައި މާތް ﷲ ޒިކުރުކުރައްވައިފައިވެއެވެ. {وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ. وَإِذَا مَرِضْتُ فَهُوَ يَشْفِينِ.} ([އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ. އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ.]) (سورة الشعراء:79-80)
އާދޭހެވެ! އަޅުގަނޑުގަނޑުމެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އުފުއްލާންވީއެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ޒިންމާ އަދާކުރާންވީއެވެ. އެހެން މީހަކު މަސްއޫލިއްޔަތު އަދާނުކުރިޔަސް ތިމާ އެ މަސްއޫލިއްޔަތު އަދާނުކުރާން ބަހަނާ ނުދައްކާށެވެ! އެއީ އެކަމުން ބަރީއަވާން ލިބޭ ލައިސަންސެއް ނޫނެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްއޫލިއްޔަތުގައި ވާ ކަންކަމާ ޒިންމާވާން ޖެހޭނެއެވެ. ރަސޫލާ ޙަދީޘްކުރައްވައިފައިވާ { كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ، فَالإِمَامُ الَّذِي عَلَى النَّاسِ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالمَرْأَةُ رَاعِيَةٌ عَلَى أَهْلِ بَيْتِ زَوْجِهَا، وَوَلَدِهِ وَهِيَ مَسْئُولَةٌ عَنْهُمْ، وَعَبْدُ الرَّجُلِ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ عَنْهُ، أَلاَ فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ } ([ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކާ ވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކާމެދު ސުވާލުކުރެވޭހުއްޓެވެ. މީސްތަކުންގެ ވެރިޔަކަށް ހުންނަ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އޭނާގެ ބެލުމުގެ ދަށުގައި ވާހައި ބަޔެއްގެ ކަންތަކާ އޭނާއާ ސުވާލުކުރެވޭހުއްޓެވެ. ފިރިހެނާއަކީ އެމީހެއްގެ ގޭގެ އަހުލުވެރީންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާއާ އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާމެދު ސުވާލުކުރެވޭނެއެވެ. އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގެއާއި އޭނާގެ ކުދީންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާއާ އެކަންކަމާ ބެހޭގޮތުން ސުވާލުވެވޭހުއްޓެވެ. މީހެއްގެ ޚާދިމަކީ އޭނާގެ ސާހިބުމީހާގެ މުދަލުގެ ބެލެހެއްޓުންތެރިޔާއެވެ. އެތަކެއްޗާމެދު އޭނާއާ ސުވާލުކުރެވޭނެއެވެ. ދަންނާށެވެ! ތިޔައިގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. ކޮންމެ މީހަކާ ވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކާމެދު ސުވާލުވެވޭހުއްޓެވެ.]) މި ޙަދީޘްގައިވާ ފަދައިންނެވެ.
ވީމާ ކޮވިޑްގެ ބާނި ތިރިކުރުމަށްޓަކައި ހަމަ ކޮންމެ މީހަކު ވެސް އެ މީހެއްގެ ދިންމާ އުފުއްލާންވީއެވެ. މަސްއޫލިއްޔަތު އަދާކުރާންވީއެވެ. އަޅުގަނޑުމެންގެ ބާރު ނުފޯރާ ކަންކަމާމެދު ވިސްނައި ބަހުސްކުރާން ވަގުތު ބޭކާރު ނުކުރާންވީއެވެ. އަޅުގަނޑުމެން ކޮންމެ މީހަކާއި އެ މީހެއްގެ ޢާއިލާގެ އެންމެން މި ގޮތަށް ޢަމަލުކޮށް، ކޮވިޑްގެ ބާނި ތިރިކުރާން އެންމެން މަސައްކަތް ކޮށްފި ނަމަ، ކޮވިޑްގެ ބާނި ތިރިކޮށް މުޅިން މުޅި މި ބަލިމަޑުކަން ހިންދައިލުމަކީ ވެސް ﷲގެ ވާގިފުޅާއެކު އުނދަގޫކަމަކަށް ނުވާނެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ކާމިޔާބުދެއްވާށިއެވެ!