މާޒީގެ ނަޒަރުން: "ހާލީގައި އޮވެ ފީކުކުޅެއް ހަޅޭއްލެވިޔަސް އައްޔެއް ނުވިލޭނެ"ތާ!

ދިވެހިރާއްޖޭގައި ލައްކަ އާކަންތައް އެބަ ހިނގައެވެ. ހިނގާނެއެވެ. އެއީ ޠަބަޢީ ޤާނޫނެވެ. ދުނިޔެއަށް އަލިވިލޭ ކޮންމެ ދުވަހަކު މުޅިން އާ ކަންތައްތައް ދުނިޔެ ތަޖުރިބާކުރާނެއެވެ. ދާދި ފަހުން ވެސް ވަނީ އެ ބާވަތުގެ ކަމެއް، ކަންތައްތަކެއް، ހިނގައިފައެވެ. އެ ވެސް އާ ތަޖުރިބާއެކެވެ. ދިރި ތިބީންނަށް ހައްތާ ވެސް ޢިބްރަތެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ދަށުން އިންތިޚާބުކޮށްފައިވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މުއްދަތު، ކުރީން އޮތް ގޮތުން، 2020 ޖޫންމަހު 3 އަށް ހަމަވެއެވެ. ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ "ކުއްލި ނުރައްކަލުގެ ޙާލަތު"ގެ ސަބަބުންނާއި ކޮރޯނާ ޖާއިހާގެ ސަބަބުން މުއްދަތު ހަމަވުމުގެ ކުރީން، އާ ކައުންސިލްތައް، އިންތިޚާބު ނުކުރެވި، ދިވެހިރާއްޖޭގެ ރަށްރަށުގެ އިދާރީ ނިޒާމު ޤާނޫނީ ހުސްކަމަކަށް ހިނގައިދާނެތީ އުފެދުނު "ހާސްކަމާއި" އެކަން ޙައްލުކުރާން އެޅުނު ފިޔަވަޅުތަކެވެ. މިހާރު މި ކަން އޮތީ، "ބޭނުންފުޅުވާ ގޮތަކަށް" ކުރައްވައި ނިންމަވައިފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ [އިސްތިޝާރީ ލަފާ] ބޭނުންފުޅުކުރައްވައިގެން ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ "އިޞްލާޙު ކުރައްވައިގެން" އެ މައްސަލައަށް އޮތީ "ޙައްލު ހޯއްދަވައިފައެވެ."

މައްސަލަ ވަރަށް ސާފެވެ. ސުޕްރީމް ކޯޓްގެ ނިންމެވުމަކީ ޤާނޫނީ އެންމެ ފަހުގެ ނިންމެވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ޤާނޫނެއް ވެސް، އެ ޤާނޫނަކީ ބާޠިލު ޤާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑަ ނާޅުއްވާހާ ހިނދަކު އެއީ ހަމަ ޤާނޫނެކެވެ. ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ މައްޗަށް އެ ޤާނޫނު "ހިނގާނެއެވެ."

އަޅުގަނޑު މި ވާހަތައް މި ލިޔަނީ މި ހުރިހާކަމެއް ޤަބޫލުކޮށްގެން އެ ހުރިހާ ކަމަކަށް އިޙުތިރާމްކުރުމާއެކީގައެވެ. ޝަރުޢީ އެ "ލަފާފުޅާއި" ޤާނޫނީ އެ "ނިންމެވުމަށް" ފާޑުކިޔުމުގެ ޙައްޤެއް ހަމަ އެކަކަށް ވެސް ނޯންނާނެއެވެ. އެކަމާ އަޅުގަނޑު އިޢުތިރާޟެއް ނުކުރަމެވެ. ނުވެސްކުރެވޭނެއެވެ. އެކަމުގެ ޝަރުޢިއްތަތެއް ނުވަތަ އަހުލިއްޔަތެއް ނުވަތަ ހައިސިއްޔަތެއް ވެސް އަޅުގަނޑަކަށް ނޯންނާނެއެވެ. ނަމަވެސް މި ދެންނެވި ޤާނޫނުއަސާސީއިން އަޅުގަނޑަސް ވެސް ވަރަށް ގިނަ ޙައްޤުތަކެއް ލިބިދީފައިވެއެވެ. މި ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު، އެއް ޙައްޤަކީ އެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ"ކަމަށް އޮންނަ ޙައްޤެވެ. އަޅުގަނޑު މި އުޅެނީ މި ޙައްޤުގެ ބޭނުންކޮށްލާށެވެ! ޝަރުޢީ ގޮތުން ނުވަތަ ޤާނޫނީ ގޮތުން އެއްޗެއް ދަންނަވާކަށް ނޫނެވެ. މަންޠިޤީ ގޮތުންނާއި ފެންނާންހުރި ހެކިތަކުގެ އަލީގައި އެއްޗެއް ދަންނަވައިލެވޭތޯއެވެ.

މި ދެންނެވި ޤާނޫނީ މައްސަލައާ ގުޅިގެން ޢަމަލުކުރެވޭން އޮންނާނެ ހަމައެކަނި ގޮތުގެ މައްޗަށް މިދިޔަ އޭޕްރީލްމަހު 9 ވަނަ ދުވަހު އަޅުގަނޑު ޚިޔާލު ފާޅުކޮށްފައިވާނެއެވެ. ނަމަވެސް "ރީތި ނަލަ އަޑުން ހާލެއް" ނުގޮތާތީ "އައްޔެއް ނުވިލޭނެ"ތާއެވެ.

އާދޭހެވެ! ޤާނޫނުއަސާސީ "އިޞްލާޙުކުރައްވައިގެން" އެ އޮތީ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވައިފައެވެ. ދަރުމަހުއްޓެވެ! ތަހުނިޔާއެވެ! ނަމަވެސް މި ކަމާ ގުޅިގެން ހިނގި އަރައިރުންތަކާއި ޒުވާބުތަކާއި ބަހުސްތަކާއި "މާރާމާރީ"ތަކަކީ އަޅުގަނޑުމެން އަމިއްލައަށް ލިބިގަތް ކަންތައްތަކެކެވެ. އެއްވެސް ހަމަނުޖެހުމަކަށް ނުގޮސް އޮމާންކަމާއެކު ޙައްލުކުރެވޭން އޮތް މައްސަލައެއް، މައްސަލަގަނޑެއްގެ ތެރެއަށް، ޝައްކުތަކެއްގެ ތެރެއަށް، ބަހުސްތަކެއްގެ ތެރެއަށް ވައްޓައިލެވުނީއެވެ.

ތެދުފުޅެކެވެ! ސުޕްރީމް ކޯޓްގެ "ލަފާ" ހޯއްދަވައިގެން ޤާނޫނުއަސާސީ އިޞްލާހުކުރައްވައިފިއެވެ. "ރީތި ނަލަ އަޑުފުޅުން ހާލެއް ގޮވީމާ" އަލިވިލޭނެތާއެވެ. އެހެންނަމަވެސް ޤާނޫނީ އެއްވެސް ސުވާލެއް ނޫފެދި ޙައްލުކުރެވެން އޮތް ކަމެއް، ޤާނޫނީ ބޮޑު ސުވާލުގަނޑެއްގެ ތެރެއަށް ވައްޓަވައިލައްވައިގެންނެވެ. މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ކުރެއްވޭނެ ކަމެއް ކަމަށް ޤަބޫލުނުކުރާ އެތައް ހާސް ރައްޔިތުންނެއް އެބަ ތިއްބެވެ. ސަބަބަކީ ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގެ ސަބަބުން މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ޤާނޫނީ ހަމައެއް އޮންނާނެ ކަމަށް އެ ފަރާތްތަކުން ޤަބޫލުނުކުރާތީއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިސްތިޝާރީ ލަފާދެއްވައިފައިވަނީ މިއީ ޤާނޫނުއަސާސީގައި އެ ބުނާ ޙާލަތު ނޫންކަމަށެވެ. މި ގޮތަށް މާނަކުރެއްވީ މިވެނިހެންނޭ ވިދާޅުވެ ހަރުދަނާ ހެތްކެއް ދެއްކެވިފައެއް ނެތެވެ. އެހެނީ ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙުކުރުން މަނާކުރައްވައިފައި އޮތީ އެއްވެސް އިސްތިސްނާއެއް ނެތިއެވެ. ކޮންމެ ގޮތަކުން ނަމަވެސް ރާއްޖޭގައި އޮތީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައިފައެވެ. ދިވެހިރާއްޖޭގައި ކުއްލި ނުރައްކާތެރި ޙަލަތު އިޢުލާންކުރާން ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ދީފައި އޮންނަ އިޚުތިޔާރާ ޚިލާފު ނުވާ ގޮތުގެ މަތީންނެވެ. މިކަން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރާނެއެވެ. ޤާނޫނު އަސާސީއިން ބާރުލިބިގެން ހަދާ ޤާނޫނުތަކުގެ ތެރެއިން އެއް ޤާނޫނަކީ ޤާނޫނު ނަންބަރު: 2012/7 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އެވެ. މި ޤާނޫނުގެ ހަވަނަ ބަޔަކީ ވެސް "ކުއްލި ނުރައްކަލުގެ ޙާލަތު" ކަމަށް ބަޔާންކޮށްފައި އެބަ އޮތެވެ. މި ޤާނޫނުގައި މި ޢުންވާނުގެ ދަށުން ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ވަނީ "ވަކި ތަނެއްގައި ވަކި ދުވަހަކު، ޢާއްމު ޞިއްޙަތަށް ނުރައްކާވާފަދަ ކުއްލި ޙާލަތެއް ދިމާވެއްޖެ ކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެކަން ރަނގަޅުކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ޢާއްމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެ ކަމުގެ އިޢުލާނުކުރުމަށާއި، އެ އިޢުލާނުކުރާ ސަރަޙައްދަކީ ކޮބައިކަން ކަނޑައަޅައި، އިޢުލާނުކުރުމަށް ވަޒީރަށް ލަފާދެވިދާނެ]ކަމަށެވެ. މިއީ ވެސް ދުސްތޫރީ އިޚުތިޔާރެކެވެ. އެހެނީ ދުސްތޫރާ ޚިލާފަށް އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ. ވަޒީރަކީ ރައީސުލްޖުމްހޫރިއްޔާ އިސްކޮށް ވަކިކުރައްވާ މަޤާމަކަށް ވެފައި، އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރައްވާ ބަޔަކަށް ވާތީ ވަޒީރުން ކުރައްވާ ކޮންމެ ކަމަކީ އެ ކަމަށް ރައީސް ދެކޮޅު ނަހައްދަވާ ނަމަ، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެއް ކަމަށް ބެލެވޭނެއެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ ސިޔާސަތާ ޚިލާފަށް މި ބޭފުޅުން ޢަމަލުކުރައްވައިފި ނަމަ މަޤާމުން ވަކި ނުކުރައްވައި ބަހައްޓަވާނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ ޚިލާފަށް ވަޒީރަކު ކުރައްވާ އެއްވެސް ޢަމަލަކީ ޤާނޫނީ ޢަމަލަކަށް ވެސް ނުވާނެއެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވީ ކޮންމެ ބޭފުޅެއްގެ ބަޔާނަކުން ނުވަތަ ދޫފުޅުން ކަމަށް ވިޔަސް އެއީ ޤާނޫނީ އެއްޗަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާގެ ރުހިވަޑައިގަތުމާއި އެ މަނިކުފާނުގެ ސިޔާސަތުގެ ދަށުން ކުރެއްވި ކަމަކަށްވާނަމައެވެ. ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.

ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ށ) ގައި ވަނީ "ޤާނޫނުއަސާސީގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްޢު މާނައިގައްޔާއި ޖަމްޢުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމުޢު މާނައިގައި ބޭނުންކުރެވޭނެ" ކަމަށެވެ. ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި އޮތީ، "ކުއްލި ނުރައްކަލުގެ ޙާލަތު"ގެ ވާހަކައެވެ. އެ ލަފުޒު އެ އޮތީ މުފްރަދުކޮށް ވެސް ނުވަތަ ޖަމްޢުކޮށެއް ވެސް ނޫނެވެ. ޢާއްމު މާނައިގައެވެ. "ޙާލަތު" މި ލަފުޒުގެ މުފްރަދަކީ "ޙާލަތެއް" ކަމަށް ވާއިރު ޖަމްޢަކީ "ޙާލަތުތައް" ކަން އެނގެއެވެ. ދިވެހިބަހުގައި ނަމެއް ޢާއްމު ޙާލަތުގައި އޮންނަ އިރު، މުފްރަދުކޮށް ވެސް ޖަމްޢުކޮށް ވެސް ބޭނުންކުރެވެއެވެ. މީސާލަކަށް: މީހަކު މި ދަނީ މަސް ގަންނާށޭ ބުނީމާ އެ ބުނަނީ އެންމެ މަހެއް ގަންނާންދާ ވާހަކައެއް ނޫނެވެ. އެ ޙާލަތުގައި "މަސް" އެ އޮތީ ޖަމްޢުކޮށެވެ. މީހަކު މަހެއް ހިފައިގެން ހުއްޓައި ތިޔަ  "މަސް" ގަތީ ކިހާ ވަރަކަށްހޭ އެހީމާ އެ ޙާލަތުގައި "މަސް" އެ އޮތީ މުފްރަދުކޮށެވެ. ވީމާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި އޮންނަ "ކުއްލި ނުރައްކަލުގެ ޙާލަތު" އެއީ ހަމަ ކުއްލި ނުރައްކަލުގެ ޙާލަތެވެ. އެއީ މުފުރަދު ލަފުޒެއްތޯ ނޫންތޯ ބަހުސްކުރުމުގެ މާނައެއް ނެތެވެ. ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގެ ނައްޞަށް ބަލާއިރު ޞަރީޙަކޮށް މުޠުލަޤަށް ފެންނާން އޮތީ "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެނެއް ނުވާނެ" ކަމަށެވެ.

އަނެއްކޮޅުން ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައިވާ "ކުއްލި ނުރައްކަލުގެ ޙާލަތު" ބޭނުންހާ ގޮތަކަށް މާނަކުރެއްވުމުގެ ދުސްތޫރީ ބާރެއް ހަމަ އެކަކަށް ވެސް ޤާނޫނުއަސާސީ ލިބިދީފައެއް ނެތެވެ. އެހެނީ ޤާނޫނުއަސާސީގައިވާ އެއްވެސް ޙައްޤަކަށް އުނިކަން އަންނާނޭ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކުރުމަކީ ހަމަ އެއްވެސް ފަރާތަކަށް ޤާނޫނުއަސާސީ ލިބިދޭ ޤާނޫނީ ބާރެއް ނޫނެވެ. ކުރީން ވެސް ދެންނެވި ފަދައިން ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި އޮތީ "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެނެއް ނުވާނެ" ކަމަށެވެ. މިހާރު މި އޮތީ ރައްޔިތުންގެ އެތައް ޙައްޤުތަކެއް ހިފެހެއްޓިފައިވާ ނުވަތަ ވަގުތީ ގޮތުން (ނަމަވެސް) ނިގުޅައިގަނެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތެވެ.

ވީމާ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ޚިލާފަށް ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން އަންނާނޭ ގޮތަކަށް ޤާނޫނުއަސާސީގެ ހަމަ އެއްވެސް މާއްދާއެއް މާނަކުރުމަކީ ޤާނޫނުއަސާސީ ހަރުކަށި ޢީބާރާތުން މަނާކުރާކަމެކެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ޙަޤީޤަތަކީ މި ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅުގަނޑުމެން ރައްޔިތުންގެ ކިތަންމެ ޙައްޤެއް ހިފެހެއްޓިފައިވާކަމެވެ. އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤެވެ. ހަޅުތާލުކުރުމުގެ ޙައްޤެވެ. ދަތުރުފަތުރުކުރުމުގެ ޙައްޤެވެ. ޢާއިލީ ދިރިއުޅުމުގެ ޙައްޤެވެ. ސަގާފީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ހައްގެވެ. މި ފަދަ ކިތަންމެ ޙައްޤެއް ވަނީ ހިފެހެއްޓިފައެވެ. މިއީ ޤާނޫނުއަސާސީ "ދަންނަ" ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހިފެހެއްޓިފައިވަ ޙައްޤުތަކެކެވެ. ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫނުއަސާސީ ނުދަންނަ ހަމައަކުން މި ފަދަ ޙައްޤެއް ނިހިފެހެއްޓޭނެއެވެ. އެހެންވީމާ، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ޤާނޫނުއަސާސީ ދަންނަ، ދުސްތޫރީ ހަމައެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ބާރު އޮންނަ ފަރާތަކުން ވަކި ގޮތަކަށް ވަކިކަމެއް ކުރުމަކީ އަދި އެހެން ކަމެކެވެ.

އަޅުގަނޑު ކުރީން އިޝާރާތްކުރި (އޭޕްރީން 9 ގައި އާފަތިހުގައި އަޅުގަނޑު ޝާއިޢުކުރި) ލިޔުމުގައި ވެސް ދަންނަވައިފައިވާނޭ ފަދައިން މި ކަމުގެ ޙައްލަކީ ވަރަށް ވަސޭހަ ޙައްލެކެވެ. މައްސަލަތައް ކުޑަ، ދުސްތޫރީ ޙައްލެކެވެ. ޒުވާބުކޮށް މާރާމާރީ ހިންގާން ނުޖެހި ހޯދޭނެ ޤާނޫނީ ޙައްލެކެވެ. މި ބޮޑު ދުސްތޫރީ މައްސަލައިގެ ޙަޤީޤީ ޤާނޫނީ ޙައްލު އޮތީ ޟަރޫރީ ޙާލަތުގައި ޢަމަލުކުރައްވާން ޖެހޭ އުޞޫލުގައެވެ. ޟަރޫރީ ޙާލަތެއް ކުރިމަތިވުމުން، ނުވަތަ ޤާނޫނީ ބަހުރުވައިން ނަމަ ޙާލަތުއްޟަރޫރާގެ ދަށުން ޢަމަލުކުރެވޭ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކުގައެވެ. ދުސްތޫރާ ޚިލާފު ނޫން ޙައްލެއް ހޯއްދަވައިދެއްވުނީހީ އެ އުޞޫލުތަކުގެ ތެރެއިންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިކަން ހަނދުމަފުޅު ނައްތަވައިލައްވައި ނުވަތަ ވަންހަނާ ކުރައްވައި ޚިޔާރުކުރެއްވީ ވަރަށް ނުރައްކާތެރި މަގެކެވެ.

ޙާލަތުއްޟަރޫރާގެ ދަށުން ދުސްތޫރީ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ސުޕުރީ ކޯޓުން ކުރައްވައިފައިވާ ކަމެކެވެ. ޤާއިމުކުރައްވައިފައިވާ ޕްރެސީޑެންޓެކެވެ. މިއީ ޤާނޫނުއަސާސީއާ ބީރައްޓެހި އުޞޫލެއް ވެސް ނޫނެވެ. ޤާނޫނުއަސާސީގެ 80 ވަނަ މާއަދާއިން މިކަމުގެ ޢިއްލަތު ފެންނާން އެބައޮތެވެ. އެ މާއްދާއަށް ރިޢާޔަތްކޮށް މި ފަދަ ޙާލަތްތަކުގައި އެ އުޞޫލު ތަޠުބީޤުކުރެވިދާނެއެވެ. މި ކަންކަން އަޅުގަނޑަށްވުރެ ބޮޑަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. ނަމަވެސް ބާރު އޮތް ފަރާތެއް ބާރަށް ބިރުފުޅުން ނުވަތަ އެ ފަރާތެއްގެ ރުހިވަޑައިގަތުން އެދިވަޑައިގެން ވަކި ގޮތަކަށް ވަކިކަމެއް ކުރައްވާ ކަމަށް ރައްޔިތުންނަށް މާނަކުރެވޭ ގޮތަކަށް ކަންކަން ހިނގުމަކީ މައްސަލައެވެ. އެހެނީ "މުކައްލަފަށް އުފުލުން ނުކުޅަދާނަ ވަރުގެ ބުރައެއް ކުރިމަތި ވުމުން، ލުއި ލިބިދެވޭނެ" ކަމާއި "ޟަރޫރަތަކީ މަނާ ކަންކަން ހުއްދަ ކޮށްފަނިވި ކަމެއް" ކަމަށާއި،  އަދި އެއީ  "އަނެކާގެ ޙައްޤުތައް ބާޠިލު ކުރާ ކަމެއް ނޫން" ކަމާއި، "ޟަރޫރީ ޙާލަތެއްގައި ވެސް ޝަރުޢީ ޙުކުމް ދޫކޮށްލެވޭނެ މިންވަރަކީ، އެ ޟަރޫރަތެއްގެ މިންވަރު" ކަމަށް ބަޔާންކޮށްފައި ހުންނަ ފިޤުހީ މިފަދަ ހުރިހާ ޤާއިދާއެއް ވެސް އަޅުގަނޑަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވާނީ ޢިއްޒަތްރި ފަނޑިޔާރުންނަށެވެ.

ޤާނޫނުއަސާސީ އިސްލާޙުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް މިހާރު ދީފައި އޮންނަ ބާރަކަށް ވިޔަސް ޤައުމަށް ދިމާވާ ކޮންމެ ކަމެއް ޙައްލުކުރާން ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ކޮންފަދަ ނުރައްކާތެރި ކަމެއްކަން ވެސް އަޅުގަނޑަށްވުރެ ބޮޑަށް ދެނެވަޑައިގަންނަވާނީ ވެސް ފަނޑިޔާރުންކަން ޤަބޫލުކުރަމެވެ. އޭރުން ޤާނޫނުއަސާސީގެ ހައިބަތާއި ޤަދަރާއި ބޭނުން ވެސް ކެނޑެނީއެވެ. އޮފީހަކުން ހަދާ ގަވާއިދެއް އިސްލާހުކުރާ ވަރަށް ވުރެ ގިނަގިނައިން އިރުއިރުކޮޅާ އިޞްލާހުކުރާ އެއްޗަކަށް ޤާނޫނުއަސާސީ ވެއްޖެ ނަމަ، ޤާނޫނުއަސާސީއަށް ކޮންމެވެސް އެހެން ނަމެއް ކިޔުން މާ ރަނގަޅުނުވާނެބާވައެވެ. ވީމާ، ކުރީއްސުރެ، އަޅުގަނޑުމެން ފަދަ ކިތަންމެ ބަޔަކު މި ކަމާ ކަންބޮޑުވެ، ޚިޔާލުތައް ފާޅުކުރަމުން ގެންދިޔައިރު، އެއީ "ފީކުކުޅުގެ ހަޅޭއްލެވުން" ކަމަށް ބައްލަވައި "އަޑު ރީތި ހާލެއް ގޮވައިލާ" ކޮންމެ ފަހަރަކު، އަލިވިލިއްޖެ ކަމަށް ޤާނޫނީ ދުސްތޫރީ ބޭފުޅުން ގަބޫލުކުރައްވާ ނަމަ، ދިވެހިރާއްޖޭގެ ކުރިމަގު އޮތީ އަންދާޒާކުރާން ވެސް ނޭނގޭ ފަދަ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭފަދަ ޙާލަތެއްގައިކަމަށް ގަބޫލުކުރެވެއެވެ.

މި ކަންކަން މިހެން އޮތް އިރު، ޤާނޫނުއަސާސީގައި ނުކުރެވޭނެ ކަމަށް އޮތް ކަމެއް، މާނަނުކުރެވޭ ގޮތަކަށް މާނަކުރައްވައިގެން، ކުރީން ކަން ހިނގައިފައިވާ ގޮތަށް ބައްލަވައި، އެކަން ކުރީން ކޮށްފައި އޮތް ގޮތަކަށް ނުކުރައްވާން، "ބާރުވެރިކަމަށް" ބިރު ފުޅުން، ނުވަތަ "ވަކިބަޔެއްގެ ރުހުން އޮތުމަށް" އެދިވަޑައިގެން ނެރުއްވި ޢިލްމީ ގޮތުން ބުރަދަނެއް ނެތް ލަފާފުޅެއްގެ "ޤާނޫނީ" ބާރުގައި ކައުންސިލްތަކުގެ މައްސަލަ "ހައްލުވީ" ކަމަށް ހީކުރެވުނަސް ޢިމާރާތެއްގެ ތެރެއިން ހިނގައިފައި ދާއިރު ކުރިމައްޗަށް ދިމާވާ ކޮންމެ ތަނބެއް ތަޅައިލަމުން ކުރިޔަށްދާ ނަމަ، އެ ޢިމާތާރް ނުރޫޅި ދެމިހުންނާނީ ކިހާ ދުވަހަކުތޯ ވިސްނާންޖެހެއެވެ.

މިއީ އެންމެންގެ ޤައުމެކެވެ. ބާރު އޮންނަ ބަޔަކު ހިތުހުރި ގޮތަކަށް ބާރުގެ ބޭނުން ހިފުމަކީ، ރައްޔިތުން ޢަމަލުކުރާންޖެހޭ ޤާނޫނީ އަދި ދުސްތޫރި ހަމައަށް ވެއްޖެ ނަމަ، ދުސްތޫރަކީ އަދި ޑިމޮކްރެސީއަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައި ހުންނަ ދެއްޔަކަށްވެ، ޑިމޮކްރެސީގެ ހަމަތަކާއި ޤާނޫނީ ޙައްޤުތަކުން ރައްޔިތުން މަޙުރޫމު ވެދާނެއެވެ. ލީބިޔާގެ ކުރީގެ ލީޑަރު ކާރނަލް މުޢައްމަރުލްޤައްޛާފީ(ރަޙިމަހުﷲ) އޭގެ ފެހިފޮތުގައި ވިދާޅުވެފައިވާ ފަދައިން ޤާނޫނަކީ މަކުނުވާގަނޑެއްކަމުގައި ވެގެން ހިނގައިދާނެއެވެ. އޭގައި ބެދި ހަފުސްވާނީ ކުދިކުދި ފަނިފަކުސަތަކެވެ. ބިޔަ ބޮޑެތި ޖަނަވާރުތަކުގެ ފައިދަށުވެ ޤާނޫނު ހަފުސްވެދާނެއެވެ. ވީމާ، ކޮންމެ ވަގުތަކު އަޑު ރީތި ހާލެއް ގޮވިޔަސް ފަތިސްވީކަމަކަށް ބަލައިގެން ވެސް ނުވާނެތާއެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

1 ޚިޔާލު

  1. އަޒީއެވެ! މިބަސް ކިޔަނީ 'ހަޅޭއްލެވިޔަސް' ހެއްޔެވެ. ހަޅޭލެވިޔަސް ނޫންތޯއެވެ؟ އެހެންވިއްޔާ ތެލުލިމަހެއް ނޫނެވެ. ތެއްލިމަހެވެ. ސައުވީހެއް ނޫނެވެ ސައްވީހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.