ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ލިބޭ ބާރުތައް ރިޔާސީ ކޮމިޝަނަށް ލިބޭގޮތަށް ބިލަށް އިޞްލާޙު ގެނެސްފި

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ (ރައްޔިތުންގެ މަޖިލިސް)

ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ޖިނާއީ އިޖްރާތުގެ ޤާނޫނުގައި ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަނަށް ލިބޭގޮތަށް ބިލަށް އިޞްލާޙު ގެނެސްފިއެވެ.

މިހާރު ކުރިއަށްދާ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ އެފަދަ ބާރުތަކެއް ނެތި ރިޔާސީ ކޮމިޝަންތަކަށް މަސައްކަތް ކުރުމަކީ ދަތިކަމަކަށް ވާނެކަމުގައެވެ. މިގެނެވުނު އިޞްލާހާއެކު ތަޙްޤީޤު ކުރުމުގެ ބާރުގެ އިތުރުން، ކޯޓް އަމުރަށް ވެސް އެދުމުގެ ބާރު ރިޔާސީ ކޮމިޝަނަށް ލިބިގެންދާނެއެވެ.

ކޯޓް އަމުރުތައް ތަންފީޒު ކުރުމަށް ފުލުހުންގެ އެހީތެރިކަން ލިބޭގޮތަށް ބިލްގައި ބަޔާން ކުރަންޖެހޭކަމަށް، ބައެއް މެމްބަރު ވިދާޅުވިއެވެ. ކެންދޫ ދާއިރާގެ މެމްބަރ ޢަލީ ޙުސައިން ވިދާޅުވީ ހަމައެކަނި ފުލުހުންނަށް އޮންނަ ބާރަކަށް އެކަން ދޫކޮށްލުމުގެ އިތުރުން ބިލްގައި ތަފްސީލްކޮށް އެ ބާރު ބަޔާންކޮށްފައި އޮތުން މުހިންމުކަމުގައެވެ. އެހެން ކަމުން އެފަދަ އަމުރުތައް ތަންފީޒުކުރުމަށް ހުރިހާ މުއައްސަސާތަކުގެ އެހީތެރިކަން ލިބެން ޖެހޭނެކަމަށް ބިލްގައި ސާފުކޮށް ބަޔާން ކުރަންޖެހޭނެކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލްގެ ބަހުސްގައި އެކޮމިޝަނަށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބޭގޮތަށް އޮތުމުން އިދިކޮޅު ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ކޮމެޓީ މަރުޙަލާގައި އެކަމަށް ރިޢާޔަތް ކުރެއްވުމަށް އެމޭރުމުން ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ބިލް ދިރާސާ ކުރުމަށް ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ އެފަދަ ކޮމިޝަންތައް އުފައްދަން ޖެހެނީ ތަޙްޤީޤީ އިދާރާތަކަށް މަސައްކަތްތަކެއް ނުކުރެވި ނުވަތަ އެފަދަ އިދާރާތަކާމެދު އޮންނަ އިތުބާރު ގެއްލުމުން ކަމަށްވާއިރު ޖިނާޢީ މައްސަލަތައްވެސް ތަޙްޤީޤު ކުރުމުގެ ފުރިހަމަ ބާރު އެކޮމިޝަނަށް ލިބެންޖެހޭކަމުގައެވެ. އަދި އެއީ ޤާނޫނު އަސާސީއާ ތަޢާރަޒު ވާނެކަމެއް ނޫންކަމަށް ކޮމެޓީގައި މިމައްސަލައިގައި ވާހަކަދެއްކެވި މެމްބަރުން ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލަކީ ކޮރަޕްޝަން މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަޤީޤަތް ހޯދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ދެކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.