ބޮޑެތި ޢަދަދުތަކުން ފީތައް ނެގެމުންދާއިރު ޢަދަދު ކަނޑައެޅޭ ގޮތެއް ސާފެއް ނުވޭ: ކޮމެޓީ ރިޕޯޓު

ބޮޑެތި ޢަދަދުތަކުން ފީތައް ނެގެމުންދާއިރު އެ ފީތަކުގެ ޢަދަދު ކަނޑައެޅޭ ގޮތެއް ސާފު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައިފައި ވަނީ، ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަމުންގެންދާ ޤަވާއިދުތަކުގެ ދަށުން ފީ އަދި ޖޫރިމަނާ ނެގެމުންދާ ޤަވާއިދުތައްބަލައި، އެފީތައް ނަގަމުން ދަނީ ޤާނޫނާ އެއްގޮތަށްތޯ ބަލައިދިނުމަށްއެދި ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ، ޤަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ. ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އެ ރިޕޯރޓު ފާސްކުރައްވައިފައެވެ.  އިއްޔެގެ ޖަލްސާގައި މި ރިޕޯޓު ފާސްކުރެއްވީ 49 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

މިމައްސަލަ ދިރާސާކުރުމުގައި ޤަވާޢިދު ކޮމެޓީން ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ޢަމަލު ކުރަމުންދާ ޤަވާޢިދުތަކުގެ ދަށުން ނަގަމުންދާ ފީތަކާބެހޭ މަޢުލޫމާތު ސާފުކޮށްފައެވެ. މި އިދާރާތަކުން ޢަމަލުކުރަމުންދާ ޤަވާޢިދުތަކުގެ ދަށުން ބޮޑެތި ޢަދަދުތަކުން ޖުރިމަނާ ނަގަމުންދާކަށް ޤަވާޢިދު ކޮމެޓީގެ ރިޕޯޓުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. ބައެއް ޖުރިމަނާ ތަކަކީ ކިހިނެއް ނެގޭ ޖުރިމަނާތަކެއްކަން އެނގެން ނެތުމުން އެކަންކަން ރިވިއުކުރުން މުހިންމު ކަމަށް ކޮމެޓީގެ ރިޕޯޓުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ފީތައް ކަނޑައެޅުމުގައި ހަރުދަނާ އުޞޫލެއް ކަނޑައެޅުން މުހިންމުކަމަށްވެސް ފާހަގަ ކުރައްވައިފައި ވެއެވެ.

ޓޫރިޒަމް ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަކީ ވަރަށް ކުރީގެ ޤަވާޢިދު ތަކަކަށްވާތީ އެޤަވާޢިދު މުރާޖާ ކުރުމުގެ މުހިންމުކަމާއި ޓޫރިޒަމް މިނިސްޓްރީގެ ޤަވާޢިދުތައް މުރާޖާކޮށް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް  ރިޕޯރޓްގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

ބައެއ ޖޫރިމަނާތަކާއި ފީތަކަކީ އެންމެ އެކަށޭނަ ގޮތަށް ނެގެމުންދާ ފީތަކެއްނޫންކަން،  ކޮމެޓީގެ މުޤައްރަރު ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ރިޕޯޓު ހުށަހަޅަމުން ވަނީ ވިދާޅުވެފައެވެ. ޖުރިމަނާތަކާއި ފީތައް ނެގެމުންދާ ގޮތާމެދު ގިނަ ޝަކުވާތަކެއް ލިބިފައިވާކަން ކޮމެޓީ ރިޕޯޓު ހުށަހަޅުއްވަމުން މުޤައްރިރު ފާހަގަކުރެއްވިއެވެ. އެންމެބޮޑު ޝަކުވާއަކަށް ވެފައިވަނީ ޓްރެފިކްގެ މައްސަލައިގައި ނެގޭ ޖުރިމަނާކަމާއި ޖުރިމަނާ ކުރުމުގައި ތަފާތު ކުރުން ގެންގުޅުމަކީ އެންމެ ބޮޑު ޝަކުވާއެއްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޓޫރިޒަމްގެ ޖުރިމަނާގެ ޝަކުވާތަކާއި މީރާގެ ބައެއް ޖުރިމަނާތަކުގެ ޝަކުވާ ތައް ލިބިފައިވާކަންވެސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު މެންއެންމެންނަށް ވެސް އެބަ ފާހަގަކުރެވޭ. ޖޫރިމަނާ ނެގުމުގައި ކުރިން ނޫ ޤާނޫނުއަސާސީގެ ދަށުން ޢަމަލުކުރަމުންދިޔަ އުސޫލަކީ، މިހާރު މި ފެހި ޤާނޫނުއަސާސީގެ ދަށުން އޭގެ ރޫހަށް ފެތޭ އުސޫލުތަކަކަށް ނުވުމަކީ ހަމަގައިމު ވެސް އެކަށީގެންވާ ކަމެއްކަން" މުޤައްރިރު ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަމުންގެންދާ ޤަވާއިދުތަކުގެ ދަށުން ފީ އަދި ޖޫރިމަނާ ނެގެމުންދާ ޤަވާއިދުތައްބަލައި، އެފީތައް ނަގަމުން ދަނީ ޤާނޫނާ އެއްގޮތަށްތޯ ބަލައިދިނުމަށްއެދި ޤަވާއިދު ކޮމެޓީއަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.