ފިސްކަލް ހަމަތަކާއެއްގޮތަށް ޢަމަލު ކުރުން އެއް އަހަރު ދުވަހަށް އިސްތިސްނާކޮށް ދިނުމަށް އެދިއްޖެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ޚަރަދަށް ޒިނަމާ ވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފިސްކަލް ހަމަތަކާއެއްގޮތަށް ޢަމަލު ކުރުން އެއް އަހަރު ދުވަހަށް އިސްތިސްނާކޮށް ދިނުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މިކަމަށް އެދި ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ.

ދައުލަތުގެ ޚަރަދަށް ޒިނަމާ ވުމުގެ ޤާނޫނުގެ ފިސްކަލް ހަމަތަކަކީ އެއަށް ފިނޭންސް މިނިސްޓްރީ ޢަމަލުކުރުން ލާޒިމް ހަމަތަކެއްކަމުގައި ވިއަސް މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަސް ގެ ސަބަބުން އިޤްތިޞާދީ އަދި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ޤާނޫނުގައި ބުނާ ފިސްކަލް ހަމަތަކާ އެއްގޮތަށް ޢަމަލު ކުރުމަކީ އިޤްތިޞާދީ ގޮތުން ކުރެވޭނެކަމެއް ނޫން ކަމަށެވެ. އަދި ހަމަ އެފިސްކަލް ހަމަތަކަށް ޢަމަލު ކުރަން އުޅެފިނަމަ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމަށާއި ދައުލަތުގެ ހިންގުމަށް ވަރަށްބޮޑު ގޮންޖެހުމާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.

ޤާނޫނުގައިވާ އިސްތިސްނާ ޙާލަތަށް ރިޢާޔަތްކުރާއިރު މިހާރު މިވަނީ ޤާނޫނުގައި ބުނާފަދަ ޤުދުރަތީ ކާރިސާއެއް ކުރިމަތިވެފައިކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އެކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ލޮޅުން އަރައި ވަޒީފާ ގެއްލޭ މީހުންގެ ނިސްބަތް އިތުރުވެ ވިޔަފާރިތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަން ފާހަގަ ކުރައްވައިފައިވެއެވެ. އެހެންކަމުން ޤާނޫނުގައި ބުނާ އިސްތިސްނާ ޙާލަތަށް ރިޢާޔަތް ކުރައްވައި ޤާނޫނުގައި ބުނާ ފިސްކަލް ހަމަތަކާއެއްގޮތަށް ޢަމަލު ކުރުން އެއް އަހަރު ދުވަހަށް އިސްތިސްނާކޮށް ދިނުމަށް އެދިވަޑައި ގަންނަވާކަމަށެވެ.

މިކަމަށް އެދި ފިނޭންސް މިނިސްޓަރ ފޮނުއްވައިފައިވާ ސިޓީއާއެކު ޤާނޫނުގައި ބުނާ ފިސްކަލް ހަމަތަކާއެއްގޮތަށް ޢަމަލު ކުރުން އެއް އަހަރު ދުވަހަށް އިސްތިސްނާކޮށް ދިނުމަށް އެދިވަޑައިގެންނެވި ސަބަބު ބަޔާންކޮށް ވަނީ ކަރުދާހެއް ހުށަހަޅުއްވައިފައެވެ. އަދި ކޮވިޑް 19 ގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާ ގުޅޭގޮތުން އެކުލަވާލައްވައިފައިވާ ކަރުދާހެއް ވެސް ފިނޭންސް މިނިސްޓަރ ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. މިމައްސަލައިގެ ބަހުސް ކުރިއަށް ގެންދަވަން ނިންމެވީ މާދަމާގެ ޖަލްސާގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.