މާބަނޑުމީހާއާއި ކިރުމައިމީހާގެ ރޯދަ

އިސްލާމްދީނުގައި ރޯދަދޫކޮށްލުން ހުއްދަކުރައްވާފައިވާ މީހުންގެ ތެރޭގައި މާބަނޑުމީހާއާއި ތުއްތު ދަރިފުޅަށް ގާތުން ކިރުދޭ މައިމީހާވެސް ހިމެނެއެވެ. މިދެމީހުންގެ ރޯދަ ހިފުމާއި ރޯދަ ދޫކުރުމުގެ ޙުކުމްތަކުގެ މައްޗަށް ބަލައިލާއިރު، އިލްމުވެރިން ވިދާޅުވަނީ މާބަނޑުމީހާއަށްވެސް އަދި ކިރުމައިމީހާއަށްވެސް ނުވަތަ އެދެމީހުންގެ ދަރިންނަށްވެސް އެދެމީހުން ރޯދަހިފުމުގެ ސަބަބުން ގެއްލުމެއް ނެތް ނަމަ އެދެމީހުން ރޯދަ ދޫކޮށްލައިގެން ނުވާނެކަމުގައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސު ބްނު މާލިކްގެ އަރިއަހުން އައްނަސާއީއާއި އައްތިރްމިޛީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ރަސޫލުﷲ صلى الله عليه وسلم ގެ އަރިއަހަށް އެއްދުވަހު އައިއިރު އެކަލޭފާނު އިންނެވީ ފަރީއްކުޅުއްވާށެވެ. އެހިނދު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ادن فكل (ކައިރިއަށް ޖެހި ކާންފަށާށެވެ.) ތިމަން ދެންނެވީމެވެ. ތިމަން މިހިރީ ރޯދައަށެވެ. އެހިނދު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ادن أحدثك عن الصوم أو الصيام ، إن الله تعالى وضع عن المسافر الصوم وشطر الصلاة ، وعن الحامل أو المرضع الصوم أو الصيام (ކައިރިއަށް އަންނާށެވެ. ތިމަންކަލޭގެފާނު ރޯދައިގެވާހަކަ ބުނެދެއްވާހުށީމެވެ. ހަމަކަށަވަރުން ކީރިތި ﷲ ވަނީ ދަތުރުވެރިޔާގެ ކިބައިން ރޯދައާއި، ނަމާދުގެ ދެބައިކުޅަ އެއްބައި ލުއިކޮށް ދެއްވާފައެވެ. އަދި މާބަނޑުމީހާއާއި ކިރުމައިމީހާއަށް ރޯދަ ދޫކޮށްލުން ހުއްދަކުރައްވާފައެވެ.)

 މާބަނޑު އަންހެނުންގެ ތެރެއިން ރޯދަ ހިފުމުގެ ސަބަބުން ތިމާއަށް ނުވަތަ ތިމާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބިދާފަދަ މީހުންނަށް ނުވަތަ ކިރުދޭ މައިންގެ ތެރެއިންވެސް ތިމާއަށް ގެއްލުމެއް ލިބިދާފަދަ ނުވަތަ ތިމާ ކިރު މަދުވުމުގެ ސަބަބުން ތިމާ ކިރުދޭ ތުއްތު ކުއްޖާގެ ޞިއްޙަތަށް ގެއްލުންވެދާފަދަ މީހުން ރޯދަ ދޫކޮށްލުން ހުއްދަވާނެއެވެ. ގެއްލުމެއް ލިބިދާނެތޯ ނިންމާނީ އިތުބާރުހިފޭ، ކަމުގެ ޚާއްސަ ޑޮކްޓަރެކެވެ. ގެއްލުމެއް ނުވާ މީހުން ރޯދަހިފަން ޖެހޭނެއެވެ.

 މިފަދަމީހުން ދޫކޮށްލާ ރޯދައާއި މެދު ޢަމަލުކުރަންޖެހޭ ގޮތާ ބެހޭގޮތުން ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ވިދާޅުވެފައި ވެއެވެ. ޝާފިއީ މަޒްހަބާއި ޙަންބަލީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި މާބަނޑުމީހާވެސް އަދި ކިރުދޭ މައިމީހާވެސް  ދޫކޮށްލާ ރޯދަ ޤަޟާކުރުމާއެކު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭންވާނެއެވެ. ނަމަވެސް ޖުމްހޫރު (ގިނަ) ޢިލްމުވެރިން މިމައްސަލައިގައި ތަފާތު ގޮތަކަށް ވިދާޅުވެފައެވެ. އެބޭފުޅުން ވަނީ ދެމީހުންވެސް ރޯދަ ދޫކޮށްލަން ޖެހޭ ޙާލަތަށް ބައްލަވާފައި ޙުކުމް ތަފާތުކުރައްވާފައެވެ.

 މިގޮތުން ރޯދަ ދޫކޮށްލަން ޖެހެނީ ތިމާ އަމިއްލަ ނަފުސަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމުގައި ވަނީނަމަ މިއެންމެ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި ގެއްލުނު ރޯދަ ޤަޟާކުރުމުން ފުދޭނެއެވެ. އެއީ މިފަދަ ޙާލަތުގައި މާބަނޑު މީހާވެސް އަދި ކިރުދޭ މައިމީހާވެސް ހިމެނޭނީ ބަލިމީހުންގެ ގޮތުގައި ކަމަށް ވާތީއެވެ.

 ރޯދަ ދޫކޮށްލަން ޖެހެނީ ބަނޑުގައިވާ ދަރިފުޅަށް ނުވަތަ ކިރުބޯ ކުއްޖާއަށް ގެއްލުމެއް ލިބިދާނެތީކަމުގައި ވަނީނަމަ، މީގެތެރެއިން ގިނަ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ ހަމައެކަނި ގެއްލުނު ރޯދަ ޤަޟާކުރުމުން ފުދޭނެ ކަމުގައްޔާއި ކައްފާރާއެއް ދޭން ނުޖެހޭނެކަމުގައެވެ. ސަބަބަކީ ރޯދަދޫކޮށްލަނީ ޝަރުއީ އުޒުރަކަށްޓަކައި ކަމަށްވެފައި، ކައްފާރާ ދޭންޖެހެނީ ކޮންމެވެސް އަދަބެއްގެ ގޮތުން ކަމުގައި ވާތީއެވެ. މިގޮތަށް ބުރަވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި މަޝްހޫރު ތާބިއީ ބޭކަލުންކަމުގައިވާ ޢަޠާއު، އައްޒުހުރީ، ސަޢީދު ބްނު ޖުބައިރު، އަލްހަސަން އަލްބަޞްރީ އަދި އަންނަޚަޢީ ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ މިފަދަ ޙާލަތުގައި ރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދޭންޖެހޭނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.