މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދާ މީހުން ދެ ހަފްތާއަށް ކަރަންޓީން ވާންޖެހޭ

  މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދާ މީހުން ދެ ހަފަތާގެ ކަރަންޓީން ވާންޖެހޭނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބަލިކް ހެލްތް މައިމޫނާ އަބޫބަކުރު އަމުރުކުރައްވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ކުރެއްވި އަމުރުގައި ވަނީ މިމަހު 15 ދުވަހުން ފެށިގެން މާލެ ސަރަޙައްދުން ރާއްޖޭގެ އެހެން ރަށަކަށްދާ މީހަކުވެސް އެމީހަކު އެރަށަކަށްދާ ދުވަހުން ފެށިގެން އުޅޭ ތަނެއްގައި ނުވަތަ އެހެން ތަނެއްގައި ނަވަމެސް 14 ދުވަސް ވަންދެން އެކަހެރިވެ ހުންނަން ޖެހޭނެކަމަށެވެ. މާލެ ސަރަޙައްދުގެ ގޮތުގައި ހިމެނެނީ މާލެ އިތުރުން ހުޅުމާލެ، ވިލިނމާލެ އަދި ގުޅީފަޅެވެ.

ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުން ވިޔަސް މާލެ ސަރަޙައްދަށް މުދާ ބޭލުމަށް ނުވަތަ އެރުވުމަށް ފޭބުމަށް ފަހު އެނބުރި އެމީހަކު ދިރި އުޅޭ ރަށަކަށް ދިއުމަށް ފަހުވެސް 14 ދުވަހަށް އެމީހަކު އުޅޭ ތަނެއްގައި ނުވަތަ އެހެންތަނެއްގައި ވިއަސް އެކަހެރިވެ ހުންނަން ޖެހެ އެވެ. މިފަދަ ފަރާތްތަކުން ކޮވީޑުން ރައްކާތެރިވުމަށް ޞިއްޙަތު ސަލާމަތް ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އަންގަވައިފައެވެ.

ޑިރެކްޓަރ ޖެނެރަލްގެ އެންގުން ރައްދުވާ ފަރާތްތަކުން، އެންގުމުގައިވާ ގޮތަށް ޢަމަލު ކުރޭތޯ، ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް ވެސް ޑިރެކްޓަރ ޖެނެރަލް ވަނީ އަމުރުކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.