ރަމަޟާންމަހުގެ ރޯދަ ހުއްދަ އުޒުރެއްގެ ސަބަބުން ދޫކޮށްލުމަށްފަހު، ނުވަތަ ރޯދަހިފަން ނަދުރު ބުނެފައިވާ ދުވަހެއްގައި ރޯދަ ނުހިފުމުގެ ސަބަބުން ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހާ އެރޯދަ ޤަޟާނުކޮށް ހުއްޓައި މަރުވެއްޖެނަމަ ދެން ހަދަންޖެހޭނީ ކިހިނެއްބާވައެވެ؟
ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހާ މަރުވީ އޭނާ އެރޯދަ ދޫކޮށްލަންޖެހުނު އުޒުރު ނުފިލަނީސްކަމުގައި ވަނީނަމަ އޭނާގެ މައްޗަށް ޤަޟާކުރަންޖެހޭ ރޯދައެއް ނުއޮންނާނެއެވެ. މިސާލަކަށް ބައްޔެއްގެ ސަބަބުން، ނުވަތަ މާބަނޑުވުމުގެ ސަބަބުން، ނުވަތަ ދަތުރެއްގެ މަތީގައި ވުމުގެ ސަބަބުން ރޯދަ ދޫކޮށްފައިވާ މީހާ، އޭނާގެ ބަލިން ރަނގަޅުނުވެ، ނުވަތަ ދަތުރު ނުނިމެނީސް މަރުވެއްޖެނަމަ އޭނާގެ މައްޗަކަށް ޤަޟާކުރުމެއް ނެތެވެ. އަދި އޭނާގެ ވާރުތަވެރިންވެސް އޭނާގެ ފަރާތުން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ.
ރޯދަ ޤަޟާކުރަންޖެހިފައިވާ މީހާ މަރުވީ އޭނާ ރޯދަ ދޫކޮށްލަންޖެހުނު އުޒުރު ފިލައިގޮސް އޭނާއަށް ޤަޟާކުރުމަށް ފުރުޞަތު ލިބުމަށްފަހުގައި ކަމަށް ވަނީނަމަ އޭނާގެ މައްޗަށް އެ ޤަޟާ ރޯދައިގެ ދަރަނި އޮންނާނެއެވެ. މިސާލަކަށް ރަމަޟާންމަހުގެ ފަސް ދުވަހު ބަލިވުމުގެ ސަބަބުން ރޯދަ ދުކޮށްލިމީހާ މަރުވީ ރަމަޟާންމަހަށް ފަހު ޢީދުވެސް ނިމި ޝައްވާލުމަހުން އޭނާއަށް ގަދަވެހުރި ޙާލު ފަސް ދުވަސް ލިބުމަށް ފަހުގައި ނަމަ އޭނާގެ މައްޗަށް ޤަޟާކުރުން ވާޖިބުވާނެއެވެ.
އެހެންކަމުން އޭނާ މަރުވިއިރު އެރޯދަ ނުހިފައި ހުރިނަމަ އޭނާގެ ވާރުތަވެރިން އޭނާގެ ފަރާތުން އެރޯދައިގެ ޙައްޤު ފުރިހަމަކުރަން ޖެހޭނެއެވެ. މިމައްސަލައާއި ބެހޭގޮތުން ޖުމްހޫރު (ގިނަ) އިލްމުވެރިން (މިބޭފުޅުންގެ ތެރޭގައި އަލްއިމާމު މާލިކު، އަލްއިމާމު އަބޫޙަނީފާ، އަދި އަލްއިމާމު އައްޝާފިޢީ - އެކަލޭގެފާނުންގެ އެއްބަސްފުޅެއްގައި – ހިމެނިވަޑައިގަންނަވާ) ވިދާޅުވާގޮތުގައި އޭނާގެ ވާރުތަވެރިން ރޯދަ ހިފާކަށް ނުޖެހޭނެއެވެ. ޤަޟާކުރަން ޖެހޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް މުއްދެއްގެ މިންވަރު ދިނުމުން ފުދޭނެއެވެ.
ޝާފިޢީ މަޒްހަބުގައި މަޝްހޫރުގޮތަކީ އޭނާގެ ފަރާތުން ވާރުތަވެރިން ރޯދަހިފުމުން ފުދޭނެއެވެ. އެންމެ މުސްތަޙައްބުކަން ބޮޑީ އެންމެ ތިމާގެ މީހާ ހިފުމެވެ. އޭނާގެ އިޒުނައާއިއެކު ދުރުހިލޭ މީހަކު ހިފިޔަސް ފުދޭނެއެވެ. އަދި ރޯދައިގެ ބަދަލުގައި މިސްކީނަކަށް ކާންދޭކަށް ނުޖެހޭނެއެވެ. މިބޭފުޅުންގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢައްބާސްގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމާއި އައްނަސާއީއާއި އަބޫދާވޫދާއި އިބްނުމާޖާއާއި އަޙްމަދު ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أن رجلاً جاء إلى النبي صلى الله عليه وسلم فقال: يا رسول الله إن أمي ماتت وعليها صيام شهر أفاقضيه عنها؟ فقال: لو كان على أمك دَين أكنت قاضيه؟ قال: نعم. قال: فدين الله أحق أن يقضى (މީހަކު ރަސޫލުﷲ صلى الله عليه وسلمގެ އަރިއަހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މަންމަ އެއްމަސްދުވަހުގެ ރޯދަ ޤަޟާނުކުރެވި ހުއްޓާ މަރުވެއްޖެއެވެ. އަޅުގަނޑު މަންމަގެ ފަރާތުން އެރޯދަތައް ޤަޟާކުރަންތޯއެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ތިބާގެ މަންމަގެ މައްޗަށް ދަރަންޏެއް އޮތްނަމަ ތިބާ އެރަދަނި އަދާކުރާނަންހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އެހެންވެއްޖިއްޔާ ﷲގެ ދަރަނި އަދާކުރުން މާ ޙައްޤުކަން ބޮޑުވެގެން ވެއެވެ.) އަލްއިމާމު އަންނަވަވީ ވިދާޅުވެފައިވަނީ "އަހަރުމެންގެ ތެރެއިން ޙަދީޘާއި ފިޤުހު ތަޙްޤީޤުކޮށް ދިރާސާކުރާ ޢިލްމުވެރިންގެ އަރިއަހުގައި ޞައްޙައީ މިގޮތެވެ."