އިތުރު ދިވެއްސަކު މާލޭއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މިބައްޔަށް މާލެއިން ޕޮޒިޓިވްވި 9 ވަނަ މީހާއެވެ.
އެޗުޕީއޭއިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ކޭސް 27 އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ. ކޭސް 27 އަކީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 7 ވަނަ މީހާ އެވެ. މި މީހާ ޕޮޒިޓިވް ވުމުން މާލެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 11 އަށް އޭރީއެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 29 އަށް އެރީއެވެ. އެއީ 14 ދިވެހީންނާއި 15 ބިދޭސީންނެވެ. އޭގެ ތެރެއިން 16 މީހަކަށް ވަނީ ބަލިން ޝިފާ ލިބިފައެވެ.
މި ބަލި ކޮންޓްރޯލް ނުކުރެވި މިދާ ގޮތަކަށް ދާކަމަށްވާނަމަ އެއްލައްކަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ. އަދި އެ ޙާލަތުގައި ދެހާސް މީހުން ރާއްޖެއިން މަރުވެދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ބަލި މީހުން ގިނަވެ ފަރުނުދެވި އެންމެފަހުން އެމީހަކު ދޫކޮށްލުން ނޫން ގޮތެއް ނޯންނާނެ ހިސާބަށް ވެސް ރާއްޖޭގެ ޙާލަތު ހިނގައިދާނެ ކަމަށެވެ. އެހެން ކަމުން މި ބަލިން ސަލާމަތްވުމަށް މިހާރުން ފެށިގެން ގައިދުރުކުރުމާއި ގޭގައި މަޑުކުރުމަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.