މާލެ ސިޓީގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތުގެ ތެރެއިން، މިހާތަނަށް 5،365 ތަނެއް ބަލައި ފާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޔުނިޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަސައްކަތް ކުރިއަށް ގޮސްފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިނގާ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ އަދި ވިލިމާލޭގެ މަދިރި އުފެދޭ ގޮތަށް ހުރި 21 ތަނަކަށާއި 55 މަގަކަށް މި މުއްދަތުގެ ތެރޭގައި ވަނީ ފޮގް ކޮށްފައެވެ.
ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން މަދިރި އުފެދޭ ގޮތަށް ހުރި 1،056 ތަކެތި ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން 80 ގެއަކުން މަދިރި ފަނި ފެނިފައިވާއިރު، ފަނި އުފެދިފައި ހުރި ފެން ހަރުލާ ޒާތުގެ 165 ތަކެތި ވަނީ ފެނިފައެވެ.
މީގެ އިތުރުން، މަދިރި ފަނި އާލާ ނުވާނެހެން އިސްލާހު ކުރުމަށް 438 ތަކެތި ފާހަގަކުރެވިފައިވާއިރު، މަދިރި އުފެދުމުގެ މައްސަލަ މިހާރުވެސް ހުރި 391 ތަނެއް ވަނީ ފާހަގަކުރެވިފައެވެ. އަދި މަދިރި އިތުރަށް އާލާވިޔަ ނުދިނުމަށްޓަކައި 298 ތަނަކަށް މިހާތަނަށް ބޭސް އަޅާފައިވާ ކަމަށްވެސް ޕެސްޓް ކޮންޓްރޯލް ޔުނިޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މަދިރި އާލާ ނުވާނެ ފަދަ ގޮތަކަށް މާލެ ސިޓީގެ ހުރިހާ ރައްޔިތުންވެސް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން އަންނަނީ މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި މެދުކެނޑުމެއް ނެތި މިފަދަ މަސައްކަތްތައް ކުރަމުން ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

