-
ޢާޝޫރާ ދުވަހަކީ ކޮން ދުވަހެއް؟
-
ޢާޝޫރާ ދުވަސް ފާހަގަ ކުރާނީ ކިހިނެއް؟
-
ޢާޝޫރާ ދުވަހާ ބެހޭ ގޮތުން ދެކެވޭ ފުލޯކު ވާހަކަތަކަކީ ކޮބާ؟
ފެށުން
މާތް ﷲ މި ދުނިޔެއާ ދުނިޔޭގައި ވާހައި އެއްޗެއް ހެއްދެވުމާއެކު ޚާއްޞަ ދުވަސްތަކެއް ލެއްވިއެވެ. ލައިލަތعލް ޤަދްރި ވިލޭރެއާއި، ޢަރަފާތު ދުވަހާއި، ދެ ޢީދު ދެ ދުވަހާއި ، ހުކުރު ދުވަހާއި ޢާޝޫރާ ދުވަސް ފަދަ ދުވަސްތަކެވެ. ﷲގެ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއިން ޢިބްރަތް ޙާޞިލު ކުރުމަށް ޓަކައެވެ. އެކަލާނގެ ނިޢުމަތްތަކުގެ މަތިން ހަނދުމަ ކުރުމަށް ޓަކައެވެ. މި ނިޢުމަތްކަށް ޝުކްރު އަދާކުރުމަށް ޓަކައެވެ. އެކަލާނގެ މަންހަޖަށް ތަބާވުމަށް ޓަކައެވެ.އެކަލާނގެ ހިދާޔަތުގެ މަތީގައި ދެމިތިބުމަށް ޓަކައެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. " وَذَكِّرهُم بِأَيّىٰمِ اللَّـهِ إِنَّ فى ذٰلِكَ لَـٔايـٰتٍ لِكُلِّ صَبّارٍ شَكورٍ [1] - މާނައީ : އަދި އެއުރެންނަށް اللَّه ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكر ވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއް ވާކަން ކަށަވަރެވެ. "
އެކަލާނގެ ޒާތުފުޅަށް ނިސްބަތް ކުރެއްވުން
އެކަލާނގެ މަތިވެރި ޒާތުފުޅަށް މި ދުވަސްތައް ނިސްބަތް ކުރައްވައިފައިވަނީ ކީއްވެގެންހެއްޔެވެ؟ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެ ދުވަސްތައް އެކަލާނގެ ޒާތުފުޅަށް ނިސްބަތް ކުރައްވާފައި ވަނީ އެ ދުވަސްތަކުގެ މުހިއްމުކަމުންނެވެ. އެ ދުވަސްތަކުގެ ޝަރަފުވެރިކަމާއި މާތްކަމުންނެވެ.
ދެން އޮތް ސުވާލަކީ ﷲގެ ދުވަސްތަކަކީ ކޮބައިހެއްޔެވެ؟ މި ކަމާ ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔުތައް ތަފާތެވެ.
- ފުރަތަމަ ރައުޔު : އެއީ މުހިއްމު ހާދިސާތަކެއް ހިނގައިފައިވާ ދުވަސްތަކެވެ. މި ދުވަސްތައް އެއީ މުސްލިމުންނަށް ނަޞްރު ދެއްވި ދުވަސްތަކެއް ކަމުގައި ވެދާނެއެވެ. އެއީ މުއުމިނުން އިމްތިޙާނު ކުރެއްވުމަށް ޓަކައި ކުރިމަތި ކުރެއްވި ހާދިސާތަކެއް ހިނގި ދުވަސްތަކެއް ކަމުގައި ވެސް ވެދާނެއެވެ. މިސާލަކަށް ބަދްރު ހަނގުރާމައަކީ މުސްލިމުންނަށް ވަރަށް މަތިވެރި ކާމިޔާބީއެއް ލިބުނު ދުވަހެކެވެ. އުޙުދު ހަނގުރާމައަކީ ވަރަށް ބޮޑު އިމްތިޙާނެއް މުސްލިމުންނާ ކުރިމަތި ކުރެއްވި ދުވަހެކެވެ. އިސްވެ ދިޔަ އާޔަތުގައިވާ ފަދައިންނެވެ. " إِنَّ فى ذٰلِكَ لَـٔايـٰتٍ لِكُلِّ صَبّارٍ شَكورٍ [2] - މާނައީ : ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكر ވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ. "
- ދެވަނަ ރައުޔު : ﷲގެ ދުވަސްތަކަކީ އެ ދުވަސްތަކުގައި މުއުމިނުންނަށް ޢިއްޒަތާއި ނަޞްރާއި ކާމިޔާބު ދެއްވާނެކަމަށް ވަޢުދު ކުރެއްވި ދުވަސްތަކެވެ. އެ ދުވަސްތަކުގެ ތެރޭގައި ޤިޔާމަތް ދުވަސް ހިމެނޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެނީ އެ ދުވަހަކީ މުއުމިނުންނަށް ކާމިޔާބާއި ޢިއްޒަތް ލިބޭނެ ދުވަހެވެ. އެއީ ކާފިރުން ނިކަމެތިވެ ބަލިކަށިވެގެންދާނެ ދުވަހެވެ.
- ތިންވަނަ ރައުޔު : ﷲގެ ދުވަސްތަކަކީ މާތް ﷲ އެކަލާނގެއަށް އަޅުކަންކުރުމަށް އަންގަވައިފައިވާ ޚާއްޞަ ދުވަސްތަކެވެ. މިސާލަކަށް ރަމަޟާން މަސް.
ޢާޝޫރާ ދުވަސް
މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި ، ޛިކްރާތަކާއި، ޢިބްރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ތަފްސީރު ފޮތްތައް ބުނާގޮތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ އާދަމުގެފާނުގެ ތައުބާ ޤަބޫލު ކުރެއްވީ ޢާޝޫރާ ދުވަހުގައެވެ.
ނޫޙުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ޠޫފާނުން ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހުގައެވެ. ޠޫފާނު މަޑުވެ ، ދުނިޔެއަށް އަމާންކަން ލިބި ނޫޙުގެފާނު އެކަލޭގެފާނުގެ ނައުކޮޅުން ބިމަށް ފައިބައިވަޑައިގަތީ ޢާޝޫރާ ދުވަހުގައެވެ.
އިބްރާހީމުގެފާނު އަންދައިލާން ވެގެން ލަޢުނަތް ލެއްވި ނަމްރޫދު ރޯ ކުރި އަލިފާންގަނޑުން އެކަލޭގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހުގައެވެ.
ޔޫސުފުގެފާނުގެ އަޚުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށް ފަހު އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނާ އަލުން ބައްދަލުވެވަޑައިގަތީ ޢާޝޫރާ ދުވަހުގައެވެ.
ޔޫނުސުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަ ނުދިނުމުން ކޯފާވެ ، ﷲގެ އިޒްނަފުޅާ ނުލައި އެ ޤައުމުން ބޭރަށް ވަޑައިގަތުމުން މަހެއްގެ ބަނޑުތެރޭގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ. މި މަހުގެ ބަނޑު ތެރެއިން ޔޫނުސްގެފާނު ސަލާމަތްވެ ވަޑައިގަތީ ޢާޝޫރާ ދުވަހުގައެވެ.
އައްޔޫބުގެފާނު އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް ޖެއްސެވި ދިގު ބޮޑު އާލާސްކަންފުޅުން، އެކަލޭގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހުގައެވެ. [3]
ޢާޝޫރާ ދުވަހަކީ ފިރްޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކޮށް ދެއްވި ދުވަހެވެ. ފިރްޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ. ފިރްޢައުނާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރައްވަނީ " ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ ، فَأَكْثَرُوا۟ فِيهَا ٱلْفَسَادَ ، فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ [4] - އެއުރެންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ. ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ގެ ބާވަތްތައް އޮއްސެވިއެވެ." ފިރްޢައުނު ބޮޑާވެ ޙައްދު ފަހަނަޅައި ގޮސް ކަލާނގެ ވަންތަކަމަށް ދަޢުވާކުރިއެވެ. އެކަލޭގެ ފޮނިކަމާއި ކިބްރުވެރިކަމާއެކު ބުންޏެވެ. " أَنَا۠ رَبُّكُمُ ٱلْأَعْلَى [5] - ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ." މޫސާގެފާނު ދީނަށް ގޮވައިލެއްވުމުގައި ދެމި ހުންނެވި ނަމަވެސް ފިރްޢައުނުގެ ބޮޑާކަމާއި ޖައްބާރުކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން، މާތްﷲ މޫސާގެފާނަށް ބަނީ އިސްރާއީލު ބާގައިގެ މީހުން ގޮވައިގެން މިޞްރުން ފައިބައިވަޑައިގަތުމަށް އެންގެވިއެވެ. ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި ނުކުތުމުން ފިރްޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅިން ނައްތައިލުމަށް ނުކުތެވެ. ފިރްޢައުނާއެކު މިޞްރުގެ ބޮޑުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު ނުކުތެވެ.އޭނާއަށް ދެވުނީ އިރު އަރަނިކޮށްނެވެ. މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ފިރްޢައުނުގެ ބޮޑު ލަޝްކަރު ފެނުމުން ބުންޏެވެ." إِنَّا لَمُدْرَكُونَ [6] -ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ." އެހިނދު ވަރަށް އިތުބާރާއެކު މޫސާގެފާނު ވިދާޅުވިއެވެ. " كَلَّآ إِنَّ مَعِىَ رَبِّى سَيَهْدِينِ [7] - ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ. " ފިރްޢައުނުގެ ލަޝްކަރު މޫސާގެފާނާ ވަރަށް ކައިރި ވުމުން، މާތްﷲ އެކަލޭގެފާނަށް ވަޙީ ކުރެއްވީ އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ. އެހިނދު ﷲގެ އަމުރުފުޅަށް " فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ [8] - ދެން ބާރަ ބަޔަށް އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިން ވިއެވެ." މާތްﷲ ކަނޑު ހިއްކަވައި ދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަ ކުރެއްވިގެންވާ މަގުން ލައިފައި ކަނޑު ހުރަސްކޮށް ސީނާއަށް ދިޔައެވެ.އެމީހުން ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް ޔަހޫދީން ހަމަ ސީނާއަށް އެރުމާއެކު މާތްﷲ އެ ކަނޑު ކުރީގެ ގޮތަށް ބަދަލު ކުރެއްވައިފިއެވެ.މާތްﷲ ވަޙީ ކުރައްވަނީ " وَأَزْلَفْنَا ثَمَّ ٱلآخَرِينَ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ ، ثُمَّ أَغْرَقْنَا ٱلآخَرِينَ [9] - ތިމަންރަސްކަލާނގެ فرعون އާއި އޭނާގެ ޤައުމުގެ މީހުން އެތަނަށް ކައިރި ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (ޣަރަޤުން) ސަލާމަތް ކުރެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފިރު ން) ޣަރަޤު ކުރެއްވީމެވެ. "
މި ފަދަ ޙާދިސާތަކުގައި ގިނަގުނަވެގެންވާ އިބްރަތްތަކާއި ދަރްސުތައް ވެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބަތްތަކުންނާއި ބަލާތަކުން ސަލާމަތް ކުރައްވާ ގޮތް އެނގި އީމާންކަން ހަރުދަނާ ކުރުމަށް ޓަކައެވެ. މާތްﷲ ވަޙީ ކުރައްވަނީ " ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُوا۟ كَذَٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ [10] - ދެން ތިމަންރަސްކަލާނގެ رسولންނާއި، إيمان ވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމައެފަދައިން، مؤمن ން ދިންނަވައި ސަލާމަތް ކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް حق އެކެވެ."
މި ފަދަ ޙާދިސާތަކުން އެނގެނީ މި ފަދަ މުޞީބަތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމުކަމުން ކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީ ކަމެވެ. މިއިން އެނގެނީ ﷲއަށް އިތުބާރުކޮށް އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެގެން މެނުވީ އެއްވެސް ދުނިޔެއެއްގައި ސަލާމަތެއް ނެތްކަމެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. " فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ [11] - ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خالص ކުރާ حال، އެކަލާނގެއަށް دعاء ކޮށް އަޅުކަން ކުރާށެވެ!"
މި ޙާދިސާއިން އެނގެނީ މާތް ﷲ އެކަލާނގެއަށް ކާފިރުވެ ، ދުނިޔެ ފަސާދަކުރަން އުޅޭމީހުންނަށް ގަދަފަދަ ޢަޛާބުން ޢަޛާބު ދެއްވައި ނެތިކުރައްވާނޭ ކަމެވެ. ފިރްޢައުނު ނިމިގެން ދިޔަ ގޮތް ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ. " وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ ، فَأَخَذْنَـٰهُ وَجُنُودُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ ، وَجَعَلْنَـٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ وَيَوْمَ ٱلْقِيَـٰمَةِ لَا يُنصَرُونَ ، وَأَتْبَعْنَـٰهُمْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً وَيَوْمَ ٱلْقِيَـٰمَةِ هُم مِّنَ ٱلْمَقْبُوحِينَ [12] - އަދި އޭނާއާއި، އޭނާގެ ލަޝްކަރު ޙައްޤަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި ނަރަކަޔަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ ޒަޢީމުން ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި قيامة ދުވަހުން އެއުރެންނަކަށް ނަޞްރެއް ނުލިބޭނެތެވެ. އަދި ތިމަންރަސްކަލާނގެ މިދުނިޔެމަތީގައިވެސް، އެއުރެންނަށް ލަޢުނަތް ލެއްވީމެވެ. އަދި ޤިޔާމަތް ދުވަހުގައި، އެއުރެންނީ (اللَّه ގެ ރަޙްމަތު ން) ދުރުކުރައްވާފައިވާ ބަޔެކެވެ."
އަނެއް ކޮޅުން ﷲއަށް އީމަންވާ މީހުންނަށް މާތް ﷲ އާޚިރުގައި ކާމިޔާބު ދެއްވައި އެމީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި ޝަރަފާއި ޤަދަރު ދެއްވާނެއެވެ.މާތް ﷲ ވަޙީ ކުރައްވަނީ " وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ [13] - އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نعمة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إمام ން ކަމުގައި ލެއްވުމަށެވެ. އަދި (فرعون ގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ. އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި فرعون އާއި، هامان އާއި، އެ ދެމީހުންގެ ލަޝްކަރަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައެވެ."
އާޝޫރާ ދުވަހުގެ ރޯދަ
މާތް ﷲ ވަޙީ ކުރެއްވިއެވެ. " إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ [14] - ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ!"
މާތް ﷲ ރުއްސުންލެއްވި އަބޫ ބަކްރަތުގެ އަރިހުން އަލްބުޚާރީއާއި މުސްލިމު ރިވާކުރެއްވިއެވެ. " السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ – އަހަރުގައި އޮތީ ބާރަ މަހެވެ.އޭގެތެރޭގައި ޙުރްމަތްތެރިވެގެންވާ ހަތަރު މަސް ވެއެވެ. ވިދިވިދިގެން އަންނަ ތިން މަހެވެ. އެއީ ޛުލްޤަޢްދާއާއި ، ޛުލްޙިއްޖާއާއި އަލްމުޙައްރަމެވެ. ދެން ޖުމާދާއާއި ޝަޢުބާނާ ދެމެދުގައި އޮންނަ މުޟަރުގެ ރަޖަބު މަހެވެ. "
މުޙައްރަމު މަހުގައި ރޯދަ ހިފުން ގިނަކުރުން ސުންނަތް ވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. " أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ [15] – ރަމަޟާން މަހަށް ފަހު ހިފޭ އެންމެ މާތް ރޯދައަކީ ﷲގެ މައްސަރު މުޙައްރަމު މަހުގައި ހިފޭ ރޯދައެވެ."
ރަސޫލުﷲގެފާނު ޢާޝޫރާ ދުވަހުގައި ރޯދަ ހިފުން ވަނީ ސުންނަތެއް ކަމުގައި ލައްވައިފައެވެ.މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން ފިރްޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދެއްވި ކަމަށް ޓަކައި ޝުކްވެރިވުމުގެ ގޮތުން ރޯދަހިފަމުން އަންނާތީއެވެ. ރަސޫލުﷲ صلى الله عليه وسلم މަދީނާއަށް ހިޖްރަ ކުރެއްވި އިރު އެރަށުގެ ޔަހޫދީން ޢާޝޫރާ ދުވަހުގައި ރޯދަ ހިފާތީ އެމީހުންނާ ސުވާލު ކުރެއްވިއެވެ. އެމީހުން ރޯދަ ހިފަނީ އެ ދުވަހުގައި މާތްﷲ މޫސާގެފާނު ސަލާމަތް ކުރެއްވާފައި ވާތީ ކަމަށް ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "فَأنَا أحَقُّ بمُوْسَى مِنْكُمْ [16] - ތިޔަބައިމީހުންނަށް ވުރެ މޫސާގެފާނަށް ޓަކައި ރޯދަ ހިފުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ. " މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސުގެފާނު - رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. " حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ރަސޫލުﷲ صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދަފުޅު ހިއްޕަވައި އެ ދުވަހު ރޯދަ ހިފުމަށް އެ ކަލޭގެފާނު އަމުރު ކުރެއްވިއެވެ.އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއޭވެ! ހަމަކަށަވަރުން އެއީ ޔަހޫދީންނާއި ނަޞާރާއިން މާތްކުރާ ދުވަހެކެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. މާތްﷲ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އަހުރެމެން ނުވަވަނަ ދުވަހު ވެސް ރޯދަހިފާނޫއެވެ. އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ފަހެ އަނެއް އަހަރު އައުމުގެ ކުރިން ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންފިއެވެ. " [17]
މި ދުވަހުގައި ރޯދަ ހިފުމުގެ ސަވާބު ބަޔާންކޮށް ދެއްވަމުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " صيَامُ يَوْمِ عَاشُوْرَاءَ أحْتَسِبُ عَلَى اللهِ أَنْ يُكفِّرَ السَّنةَ التِيْ قَبْلَهُ [18] - ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ." ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އޭގެ ކުރީ ދުވަހު ( އެ ބަހީ ނުވަވަނަ ދުވަހު) ނުވަތަ އެ ދުވަހާ ޖެހިގެން އަންނަ ދުވަހު ( އެބަހީ އެގާރަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެކެވެ.ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "لئِنْ بَقِيْتُ إِلَى قَابِلٍ لَأَصُوْمَنَّ التَاسِعَ [19] - މިއަންނަ އަހަރުގެ މި ދުވަހާ ޖެހެން ދެން ތިމަންކަލޭގެފާނު ދުނިޔޭގައި ލަހައްޓަވައިފި ނަމަ ހަމަކަށަވަރުން ނުވަވަނަ ދުވަހުގައި ވެސް ރޯދަފުޅު ހިއްޕަވާ ހުށީމެވެ!"
މުޙައްރަމު މަހުގެ ދިހަވަނަ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ބުޚާރީއާއި މުސްލިމު ރިވާކުރެއްވިއެވެ. " އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ރަމަޟާން މަސް ފިޔަވައި އެހެން މަހެއްގެ ދުވަހެއްގައި ރޯދަފުޅު ހިއްޕެވުމަށް ރަސޫލާ صلى الله عليه وسلم އެންމެ ސަމާލުކަން ދެއްވި ދުވަހަކީ ޢާޝޫރާ ދުވަހެވެ. "
ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވާޖިބުކަމެއް ނޫނެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢުމަރުގެ އަރިހުން މުސްލިމު ރިވާކުރެއްވިއެވެ. " إِنَّ عَاشُورَاءَ يَوْمٌ مِنْ أَيَّامِ اللَّهِ فَمَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَهُ – ހަމަކަށަވަރުން ޢާޝޫރާ ދުވަހަކީ ﷲގެ ދުވަސްތަކުން ދުވަހެކެވެ. ފަހެ ބޭނުން މީހަކު އެ ދުވަހު ރޯދަ ހިފާށެވެ! އަދި ބޭނުން މީހަކު އެ ދުވަހު ރޯދަ ނުހފާށެވެ!" މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން މުސްލިމު ރިވާކުރެއްވިއެވެ. " أَنَّ قُرَيْشًا كَانَتْ تَصُومُ عَاشُورَاءَ فِي الْجَاهِلِيَّةِ ثُمَّ أَمَرَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِصِيَامِهِ حَتَّى فُرِضَ رَمَضَانُ فَقَالَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ شَاءَ فَلْيَصُمْهُ وَمَنْ شَاءَ فَلْيُفْطِرْهُ – ހަމަކަށަވަރުން ޤުރައިޝުން ޖާހިލީ ޒަމާނުގައި ޢާޝޫރާ ދުވަހު ރޯދަ ހިފޫއެވެ.އެއަށްފަހު ރަމަޟާން މަހު ރޯދަހިފުން ފަރްޟު ކުރައްވައިފުމަށް ދާންދެން، ރަސޫލާ صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދަހިފުމަށް އަމުރު ކުރެއްވިއެވެ. ފަހެ ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ފަހެ ބޭނުން މީހަކު އެ ދުވަހު ރޯދަހިފާށެވެ! އަދި ބޭނުން މީހަކު އެ ދުވަހު ރޯދަ ނުހިފާށެވެ.!"
މާތް ﷲ ރަޙްމަތް ލެއްވި އިބްނުލް ޤައްޔިމު ވިދާޅުވާ ގޮތުގައި ޢާޝޫރާ ދުވަހު ތިން ގޮތަކަށް ރޯދަ ހިފިދާނެއެވެ. އެންމެ ފުރިހަމަ ގޮތަކީ މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި ދިހަވަނަ ދުވަހާއި އެގާރަވަނަ ދުވަހު ރޯދަ ހިފުމެވެ. ދެވަނަ ގޮތަކީ މުޙައްރަމު މަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުމެވެ. ރަސޫލާ صلى الله عليه وسلم ގެ ގިނަ ބަސްފުޅުތައް އޮތީ މި ގޮތަށެވެ. ތިންވަނަ ގޮތަކީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހު އެކަނި ރޯދަ ހިފުމެވެ. " [20]
ޢާޝޫރާ ދުވަހާ ބެހޭގޮތުން ދެކެވޭ އަސާސެއް ނެތް ވާހަކަތައް
މުޙައްރަމު މަހުގެ ތާސޫޢާ ދުވަހާއި ޢާޝޫރާ ދުވަހުގައި ﷲގެ ވަޖްހުފުޅު އަދައިގެން ރޯދަހިފުން ނޫން ދެވަނަ އިތުރު ކަމެއް ކުރާކަށް ﷲ އަންގަވައިފައެއް ނެތެވެ. ޢާޝޫރާ ދުވަހު ކަނދި ކެއްކުމާއި ، ކަންޖާ އަޅައި ކުޑަކުދިން ކިރުމާއި ، ޢާޝޫރާ ވިލޭރޭގައި " ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި އެ ރެއާއި އެ ދުވަހުގައި ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރްޢު ކުރައްވައިފައެއް ނެތެވެ. ޢާޝޫރާ ރޭގައި ޢާޝޫރާ ދުޢާ ކީ މީހަކު އެ އަހަރު މަރު ނުވާނެ ކަމަށާއި ، އެރޭ އަޅުކަން ކުރާ އިރު މޫސާގެފާނުގެ ވާހަކަ އައިސްފައިވާ ޤުރްއާނުގެ ސޫރަތްތައް ކިޔެވުމާ ބެހޭ ގޮތުން ލޮބުވެތި ރަސޫލާ ގެ އެއްވެސް ބަސްފުޅެއް ނެތެވެ. މިއީ ދީނުގައި ނެތް ބިދްޢަތަކެކެވެ. ޢާޝޫރާ ދުވަހު ފެންވަރައި އަނދުން އެޅި މީހާ އެ އަހަރުގެ ތެރޭގައި ލޮލު ރޯގާއެއް ނުޖެހޭނެކަމަށް ބުނާ ވާހަކައަކީ އެއްވެސް އަޞްލެއް ނެތް ވާހަކައެކެވެ. އެ ދުވަހު ހީނާފަތް އެޅުމާއި އެ ދުވަހު ބައްދަލުވާހައި ބަޔަކާ ސަލާންގަލާން ކުރުމުގެ މާތްކަމާ ބެހޭގޮތުން އެއްވެސް ޞައްޙަ ޙަދީސްފުޅެއް ނެތެވެ. [21] މާތް الله ރަޙްމަތް ލެއްވި އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި " ޢާޝޫރާ ވިލޭރެއަކީ އެއްވެސް ޚާޢްޞަކަމެއް ލިބިގެންވާ ރެއެއް ނޫނެވެ. އެ ރޭގައި ވަކި ނަމާދެއް ކުރަން އަންގަވައިފައެއް ނެތެވެ." [22]
އިބްނު ތައިމިއްޔާ ލިޔުއްވާފައި ވެއެވެ." މާތް الله ރުއްސުން ލެއްވި ޙުސައިނުގެފާނު ޝަހީދުވުމާ ވިދިގެން މީސްތަކުން ބިދްޢަތަކެއް އީޖާދު ކުރިއެވެ. އެއީ ޢާޝޫރާ ދުވަހުގައި ރޮއި ހިތާމަކުރުމާއި، ގައިގައި ތަޅައި އަމިއްލަ ނަފްސަށް އަނިޔާކުރުމާއި، ފެން ނުބޮއި ކަރުހިއްކުން މަތީގައި ހުރުމެވެ. މީހަކު މަރުވުމުން އެކަމާ މެދު ހިތާމަކުރުމުގެ ގޮތުން މިފަދަ ކަމެއް ކުރުމަކީ ލޮބުވެތި ރަސޫލާ صلى الله عليه وسلم ނަހީ ކުރައްވާފައިވާ ކަމެކެވެ." [23] މީގެ ތެރެއިން ގިނަ ކަންތައްތަކަކީ ޝީޢީންނާއި ރާފިޟީންނާއި މި ދީނުގެ ދުޝްމަނުން މި ދީނުގެ އަޞްލު އުޞޫލުތައް އޮޅުވައިލުމަށް ޓަކައި ދީނީ ކަންކަންކަމަށް ހަދައިގެން މުސްލިމުންގެ ތެރެއަށް ތަޢާރުފުކޮށްފައިވާ ކަންތައްތަކެކެވެ. މި ބިދްޢަތަކާ ދުރުހެލިވެގެން މި ދުވަހު ރަސޫލާ صلى الله عليه وسلم އެންގެވި ފަދައިން ރޯދަހިފައި اللهގެ ޙަޟްރަތާ ކުއްތަން ވެވޭތޯ މަސައްކަތް ކުރަމާތޯއެވެ! ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ أَحْدَثَ فِى أَمْرِنَا مَا لَيْسَ مِنْهُ فَهُوَ رَدٌّ) [24] މާނައީ: " މި ދީނުގައި ނުހިމެނޭ ކަމެއް މި ދީނުގެ ތެރެއަށް ވައްދައިފިމީހާ ދަންނާށެވެ. ފަހެ އެކަމެއް އެމީހަކަށް ރައްދު ވެގެންވެއެވެ." [25]
[1] - إبراهيم : 5
[2] - إبراهيم : 5
[3] - މި ވާހަކަތައް الأزرقى ލިޔުއްވާފައިވެއެވެ.
[4] - الفجر: 11،،12 ، 13
[5] - النازعات : 24
[6] - الشعراء : 61
[7] - الشعراء : 62
[8] - الشعراء : 63
[9] - الشعراء : 64-66
[10] - يونس: 103
[11] - غافر: 65
[12] - القصص : 39- 42
[13] - القصص : 5-6
[14] - التوبة : 36
[15] - أخرجه الإمام مسلم في صحيحه عن أبي هريرة رضي الله عنه
[16] - رواه الشيخان
[17] - رواه مسلم
[18] - أخرجه مسلمٌ
[19] - أخرجه مسلمٌ
[20] - زاد المعاد 2/75
[21] - الفتاوى 4/512
[22] - مطالب أولي النهى 1/581
[23] - منهاج السنة (4/544)
[24] - متفق عليه