ކެތްތެރިކަމާއި އެއްބައިވަންތަކާއެކު މަސައްކަތް ކޮށްފިނަމަ މި ހާލަތުން އަރައިގަނެވޭނެ: ރައީސުލްޖުމްހޫރިއްޔާ

ފޮޓޯ: ރައީސް އޮފީސް

ބޭހެއް އަދި ވެކްސިނެއް ނެތް މި ބަލިން ސަލާމަތްވާން ކުރެވޭން އޮތް އެންމެ މުހިއްމު ކަމަކީ ސިއްހީ ދާއިރާގެ ބޭފުޅުން އަންގަވާ އެންގެވުން ތަކަށް އަމަލުކޮށް ކެތްތެރިކަމާއެކު ތިއްބެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާލެއިން ކޮވިޑަށް ޕޮސިޓިވް ވި މީހާއާ ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް ނަގައިފި ޓެސްޓް ކުރަމުންދާ ކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މާލެއިން ދިވެއްސަކު ކޮވިޑަށް ޕޮސިޓިވް ވުމާ ގުޅިގެހް މިއަދު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑަށް މާލެއިން ޕޮސިޓިވް މީހާއަށް ބަލިޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ކަމާބެހޭ ފަރާތްތަކުން ކުރަމުންދާކަމަށެވެ. މިހާތަނަށް އެނގިފައިވާ މަޢުލޫމާތުން، އެއީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށާއ އަދި މި ބައްޔަށް ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވިކަމަށްވެސް އެނގިފައެއް ނެތް، މީހެއްކަމަށެވެ. މާލެއިން ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އެހެން މީހަކު ކާށިދުއަށް ދަތުރުކޮށްފައިވާތީ، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރުމަށްޓަކައި، ކާށިދޫވެސް މިހާރުވާނީ މޮނިޓަރިންގގެ ޙާލަތަށް ގެނެވިފައިކަން ރައީސް ޞާލީޙް ފާހަގަ ކުރެއްވިއެވެ.

" އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އެހެންކަމުން، މިވަގުތު އޭނާއާ ސީދާ ބައްދަލުވި މީހުންވަނީ ދެނެގަނެވިފައި. އަދި އޭގެ އިތުރުންވެސް، އެކިއެކި ގޮތްގޮތުން އޭނާއާ ބައްދަލުވި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އަދި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެޗް.ޕީ.އޭ.އިން ލަފާ ދީފައިވާ 11 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފައި." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތެއް، ކޯވިޑް 19 އަށް ޕޮޒިޓިވްވި ޚަބަރު ލިބިވަޑައިގެންނެވީ މިއަދު ހެނދުނުކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. މާލޭގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް، އޭނާ ފަރުވާ ހޯދުމަށް ދިޔައީ، ރޯގާ ޖެހިފައި ހުރުމުން، އިއްޔެގެ ވަގުތެއްގައެވެ.  އޭނާގެ ކިބައިން ކޯވިޑް 19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރުމުން، ކޯވިޑް 19 އަށް ޓެސްޓުކުރީ އިއްޔެގެ ވަގުތެއްގައެވެ. ޓެސްޓުގެ ނަތީޖާ މިއަދު ލިބުމާއެކު، ބައްޔަށް ޕޮޒިޓިވްވާ ހުރިހާ މީހުންނާމެދުވެސް ޢަމަލުކުރާ އުސޫލުން، އެމީހާއާމެދު ވެސް ކަންކަން ކޮށްފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ޚަބަރު ލިބުމާއެކު، އަޅުގަނޑު މިއަދު ހެނދުނު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރިން. އަދި ދައުލަތުގެ މުހިއްމު އިދާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރިން. އެގޮތުން، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި، ދައުލަތުގެ އިސް ވެރިންގެ ލަފަޔާއެކު، އެޗް.ޕީ.އޭ.އިން މިހާރުވަނީ، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ނިމެންދެން، 24 ގަޑިއިރަށް މާލެ ވަގުތީގޮތުން ލޮކްޑައުން ކޮށްފައި. އަދި މިކަން އެޗް.ޕީ.އޭ.އިން މިހާރުވާނީ އިޢުލާނުކޮށްފައި." ރައީސް ޞާލީޙް ޤައުމާ މިޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.