ރޯދަވެރިޔާއަށް މަކުރޫހަ ކަންތައް

ދީނުގައި މަކްރޫހަ ކަންކަމަކީ އެކަންކަމުގެ ސަބަބުން އަޅުކަން މުޅިން ބާޠިލު ނުވި ނަމަވެސް އޭގެ ފުރިހަމަކަމަށް ކޮންމެވެސް ވަރެއްގެ އުނިކަމެއް އަންނަ، އޭގެ ސަބަބުން ފާފަވެރި ނުވިޔަސް އަޅުކަން ކުރާ މީހާ އެކަން ކުރުމަށް ވުރެ ނުކުރުން ރަގަޅު ކަންކަމެވެ. ރޯދައިގެ ތެރޭގައި ވެސް މިފަދަ ކަންކަން ހިމެނެއެވެ.

ޗުވިންގަމް ހެފުމަށްފަހު އޭގެ ރަހަ ނުދިރުވިޔަސް ޗުވިންގަމް ހެފުމަކީ މަކުރޫހަ ކަމެކެވެ. މިހާރު މިހުންނަ އެކި ވައްތަރުގެ މީރު ރަހަ އެކުލެވިގެންވާ ޗުވިންގަމް ހެފުމަށް ފަހު އޭގެ ރަހަ އެކުލެވިގެންވާ ކުޅު ދިރުވުމުން ރޯދަ ގެއްލޭނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ޙަދީޘުގައްޔާއި ކުރީގެ ޢިލްމުވެރިންގެ ބަސްފުޅުތަކުގައި އައިސްފައިވާ علك އަކީ އެއްވެސް ރަހައެއް އޭގައި އެކުލެވިގެން ނުވާ ކިރުގަނޑެކެވެ. ނަމަވެސް މިހާރު މިގެންގުޅޭ ޗުވިންގަމަކީ އޭގައި މީރު ރަހައާއި ވަސް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ޗުވިންގަމް ހެފުމަކީ ރޯދައަށް އަސަރުކޮށްފާނެ ކަމެކެވެ. ކުރިން ދެންނެވުނު ކިރުގަނޑާއި ޚިލާފަށެވެ.

އަލްއިމާމު އައްޝާފިޢީ ދެކެވަޑައިގަންނަވާ ގޮތުގައި މެންދުރު ފަހުން މިސްވާކު ބޭނުންކޮށްގެން ދަތްއުނގުޅުމަކީވެސް ރޯދަވެރިޔާއަށް މަކުރޫހަ ވެގެންވާ ކަމެކެވެ. އެކަލޭގެފާނު މިކަމަށް ދަލީލު ނަންގަވަނީ އަންނަނިވި ޙަދީޘުންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަލްބުޚާރީ ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. والذي نفسي بيده لخلوف فم الصائم أطيب عند الله من ريح المسك (ތިމަންކަލޭގެފާނުގެ ނަފުސު އެކަލާނގެ ޤުދްރަތްތެރިކަމުގެ ދަށުގައިވާ ރަސްކަލާނގެ ގަންދެއްވަމެވެ. ކީރިތި ﷲގެ ޙަޟްރަތުގައި ރޯދަވެރިޔާގެ އަނގައިގެ ވަސް ގޮމަކަސްތޫރީގެ ވަހަށްވުރެ ރަނގަޅުވެގެން ވެއެވެ.) އެކަލޭފާނު ވިދާޅުވަނީ ރޯދަވެރިޔާގެ އަނގައިގެ ވަސް ﷲގެ ޙަޟްރަތުގައި މިހާ މަތިވެރިވެގެން ވާއިރު އެވަސް ކަނޑުވާލަން މަސައްކަތް ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެން މަޒްހަބުތަކުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދަވެރިޔާ ކޮންމެ ވަގުތަކު މިސްވާކުން ދަތް އުނގުޅި ނަމަވެސް މައްސަލައެއް ނެތެވެ. މިސްވާކަކީ އޭގައި އެއްވެސް ރަހައެއް އެކުލެވިގެން ނުވާ، ދަނޑިކޮޅެކެވެ. ދަތް އުނގުޅާ ބޭހުން ދަތް އުނގުޅުން މިސްވާކާއި ތާފާތު ވެއެވެ. ސަބަބަކީ ދަތްއުނގުޅާ ބޭހަކީ އޭގައި އިތުރު ރަހަތަކެއް އެކުލެވޭ، އޭގެ އަސަރު ވަރަށް ފަސޭހައިން ކަރުތެރެއަށް ފޯރާފަދަ އެއްޗަކަށް ވުމެވެ. މިހެންކަމުން ރޯދައަށް ހުރެ ކޮންމެ ވަގުތަކުވެސް ދަތް އުނގުޅާ ބޭހުން ދަތް އުނގުޅާނަމަ ކަރުތެރެއަށް ބޭހުގެ އަސަރު ހިނގައިދާނެކަމަށްޓަކައި އެކަމަށް ރައްކާތެރިވާން ޖެހެއެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި ދަތް އުނގުޅާ ބޭސް ދިރުވާލެވިއްޖެނަމަ ރޯދަ ގެއްލިދާނެއެވެ.

ރޯދަމަހުގައި ކާބޯތަކެތި ތައްޔާރުކުރާ މީހުންނަށް ކަރުތެރެއަށް އަސަރުނުކުރާ ގޮތަށް ކާތަކެތީގެ ރަހަ ހެޔޮވަރުކުރުމުގެ ގޮތުން ރަހަބެލިދާނެއެވެ. އެކަމަކުވެސް މަކްރޫހަކަމާއި އެކުގައެވެ. އަލްއިމާމު އައްޝާފިޢީ އަދި ގިނަ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ މިގޮތަށެވެ.

އެއް ރޯދަ ނުވީއްލާ ގޮސް އަނެއް ރޯދަ ހިފުމަކީ ނުވަތަ ދެރޯދަ އެއްކޮށް ގުޅުވައިގެން ހިފުމަކީވެސް މަކުރޫހަ ކަމެކެވެ. ރަސޫލުﷲ صلى الله عليه وسلم ވަނީ މިކަން ނުކުރުމަށް އަންގަވާފައެވެ.

މީގެއިތުރުން ވެސް ޢިލްމުވެރިން ރޯދަވެރިޔާ ކުރުން މަކުރޫހަކަންކަމުގެ ތެރޭގައި ހިމަނުއްވާފައިވާ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި ދުވާލު ގިނަ ވަގުތު ނިދަން އޮތުން، ރޯދައަށް ހުރެ އަނބިމީހާއަށް ބޮސްދިނުން، އަނގައަށާއި ނޭފަތަށް ފެންލާއިރު މާގިނައިން ލުން އަދި ކުޅު އަނގައިގައި ގިނައިރު ބަހައްޓައިގެން ގިނަ ކުރުމަށްފަހު ކުޅު ދިރުވުންފަދަ ކަންކަން ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.