ޢީދު ބަންދަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ކުރިން ވީހާވެސް ގިނަ މަސައްކަތްތަކެއް ނިންމުމަށް ރިޔާސަތުން ބޭނުންވޭ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ ޢީދުގެ ޗުއްޓީ އަށް މެމްބަރުން ވަޑައިގަންނަވާއިރު މަޖިލީހުގެ މަސައްކަތްތައް ތޮއްޖެހިފައި ބާއްވަން ބޭނުން ނުވާކަމުގައި ރައްޔަތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް އެމް.ޑީ.ޕީ. ގެ ރައިސް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޟީދު މިހެން ވިދާޅުވީ ރައްޔަތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އިބްތިދާއީ ބަހުސް ފަށަން އޮތް ބިލްތަކާއި އަދި ކޮމިޓީ ތަކުން ނިންމާފައިހުރި ގިނަ މައްސަލަތައް ހުރިއިރު އަންނަ ހަފުތާގައި ޢަޟްހާ ޢީދުގެ ބަންދާ ދިމާވާތީ ވީހާވެސް ގިނަ މަސައްކަތްތަކެއް ނިންމުމަށް އެމަނިކުފާނު ބޭނުންވާ ކަމަށެވެ. މިގޮތުން މިރޭ 9 ޖަހާއިރު ޖަލްސާއެއް ބޭއްވުމަށް ގަސްދުކުރައްވާ ކަމުގައެވެ.

މަޖިލީހުގައި ކުރިން އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ރޭގަޑުގައި ޖަލްސާ ބާއްވަނީ ނުނިމި ހުންނަ މަސައްކަތްތައް ނިންމުމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން އާންމުކޮށް ޖަލްސާ ތައް ބާއްވަނީ ހޯމަ އަންގާރަ ބުދަ މި3 ދުވަހުގައެވެ. ނަމަވެސް އެޖެންޑާގައި ހުރި ކަންކަން ނުނިންމޭ ކަމަށްވާނަމަ ކުރިއަށް އޮތް 3 ރޭ ވެސް ޖަލްސާތައް ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް 13 މައްސަލަ އެއް އެޖެންޑާ ކޮށްފައިވާ އިރު އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް މެމްބަރުން އައްޔަން ކުރުމާއި މަސްވެރިކަމުގެ ބިލް ގެ މައްސަލަ، ބައެއް ގަރާރުތަކާއި ގާނޫނުތައް އިސްލާހު ކުރުމުގެ ބިލްތަކުގެ މައްސަލަ ހިމެނެއެވެ.

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.