ފިޔާ، ބިސް، އަލުވި ހިމެނޭ އިތުރުޝިޕްމެންޓެއް މާލެ ގެންނަން އެސްޓޯއޯއިން ނިންމަވައިފިއެވެ.
އެކުންފުނީން ވިދާޅުވީ އެ ޝިޕްމެންޓް މާލެ ގެނެވޭނެ ކަމަށް ބެލެވެނީ އަންނަ އާދިއްތަދުވަހު ކަމަށެވެ. މިއީ ރޯދަމަހަށް ޚާއްސަ ކޮށްގެން ގެންނަ ޝިޕްމެންޓެކެވެ. އިއްޔެވެސް އެކުންފުނިން ވަނީ ޝިޕްމެންޓެއް ގެނެސްފައެވެ.
ކޮވިޑް-19 ގެ ސަބަބުން ކާބޯތަކެއްޗަށް ދަތިވިޔަ ނުދެއްވާނެ ކަމަށް އެސްޓީއޯއިން އެންމެ ކުރިން ފެށިގެން އަންނަނީ ވިދާޅުވަމުންނެވެ. އެ ކުންފުނީން އާއްމުކޮށް މިފަދަ ސާމާނު ގެންނަނީ އިންޑިއާއިންނެވެ. އިއްޔެ ގެނައި ޝިޕްމެންޓަކީ ވެސް އިންޑިއާއިން ގެނައި ޝިޕްމެންޓެކެވެ.
އެސްޓީއޯއިން މިހާރު އަލުވި ބިސް ފިޔާ ވިއްކަނީ ވަރަށްބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ. އެހެންނަމަވެސް އިތުރު ޝިޕްމެންޓާއެކު މި ކޮންޓްރޯލަށް ކޮންމެވެސް ވަރެއްގެ ލުޔެއް އަންނާނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.
ކޮންޓްރޯލްކުރީ އަގުހެޔޮކޮށް އެންމެނަށް ވެސް ވިއްކުމުގެ ބޭނުމުގައި ކަމަށް އެކުންފުނީން ކުރީން ވިދާޅުވެފައިވެއެވެ. އެސްޓީއޯއިން އަލަށް ގެނައި ޝިޕްމެންޓުގެ ދަށުން ބިސް ކޭހެއް ވިއްކަނީ 290 ރުފިޔާއަށެވެ. ބިހެއް ވިއްކަނީ 1.5 ރުފިޔާއަށެވެ. ފިޔާ ބަސްތާއެއް ވިއްކަނީ 325 ރުފިޔާއަށެވެ. ކިލޯއެއް ވިއްކަނީ 15 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާއަށެވެ. ކިލޯއެއް ވިއްކަނީ 12 ރުފިޔާއަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރީނދޫ މުގާއި، ބިހާއި ފިޔައާއި އަލުވީގެ އަގު ކޮންޓްރޯލް ކުރައްވައިފައެވެ. އެކަމާ ބެހޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެފައިވަނީ އަގު ކޮންޓްރޯލް ކުރުމަކީ އިކޮނޮމިކް މިނިސްޓްރީގެ ކަމެއް ކަމަށެވެ.
އެތަކެތި ވިއްކޭނެ އެންމެ ބޮޑުއަގު އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅީ އެތަކެތީގެ އަގުބޮޑުވެދާނެ ކަމަށް ބަލައިގެންނެވެ. މިނިސްޓްރީން އެގޮތަށް ނިންމެވީ މާލެއާއި ރަށްރަށުގައި އެތަކެތި ވަކި އަގަކަށްވުރެ ބޮޑުނޫން އަގެއްގައި ވިއްކޭނެކަން ޔަގީން ކުރުމަށް ކަމަށް ވެސް ޢަމްރު ވަނީ ވިދާޅުވެފައެވެ.