އެޑިޓޯރިއަލް: ބަހަނާ ނުދައްކައި ރައްކާތެރިވޭ!

ފޮޓޯ: އަލްޖަޒީރާ

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަންގާ އެންގުންތަކަށް ރައްޔިތުން ސަމާލުކަން ދިނުން ވަރަށް ކުޑަކަމަށް ދެކެވޭ ވާހަކަ ހައްތަހާ ދަނީ ގިނަ ވަމުންނެވެ. ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ކާފިއު ހިންގައިފައި އޮންނަ ވަގުތުކޮޅުގެ ތެރޭގައި އެންމެން ތިބެނީ ގޭގައެވެ. އަށެއް ޖެހުމާއެކު ވައިސޫރިތަކެއްހެން ނުކުމެގެން ދުއްވައިގަންނަނީއެވެ. ދަނީ ކޮން ތަނަކަށް ކަމެއް އެ ދާ މީހާއަށްވެސް ގިނަ ފަހަރަކަށް ނޭނގެއެވެ.

މި ދެންނެވި ގޮތަށް ނުކުމެގެން ދުއްވައިގަންނަ މީހުން ވަރަށް ގިނައެވެ. އެކަމަކު ކޮންމެހެން ނުކުންނާން ޖެހިގެން ނުކުންނަ މީހުންވެސް މަދެއް ނޫނެވެ. ވަޒީފާއަދާ ކުރާ މީސްމީހުން އަށެއް ޖެހީމާ މަސައްކަތު ނުކުންނާން ޖެހެއެވެ. އެމީހުން ނުނުކުތިއްޔާ ވަޒީފާ ގެއްލޭނެއެވެ. އަދި ރައްޔިތުންނަށް މި ވަގުތު ލިބެމުންދާ ބައެއް ޚިދުމަތްތައް މެދުކެނޑޭނެވެސް މެއެވެ.

ސަބަބުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ރައްކާތެރިވާން އަންގާ އެނގުމަށް އަމަލު ކުރުމަކީ ކުރާން ޖެހޭ ކަމެއް ކޮންމެ މީހަކުވެސް ގަބޫލު ކުރާން ޖެހެއެވެ.

ކޮރޯނާ ވައިރަހަކީ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އައިސް ޖެހޭނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެއީ ފަސޭހައިން ރެކި ގަނެވޭ އެއްޗެއް ނަމަ ދުނިޔޭގައި ލެއްވިހައި ވަސީލަތަކާއި ފައިސާއެއް ޖަމާކޮށްގެން ތިބި މީސްމީހުންނަށް ރެކިގަނެވުނީހެވެ. އެފަދަ ގައުމުތައް ސަލާމަތް ވީހެވެ. ހަލުވިކަމާއެކު މި ބަލި ފެތުރިގެން ދަނީ އެނގި ފެނިގެންނެއް ނޫނެވެ. އެހެންވީމާ އޮތް ހަމައެކަނި ގޮތަކީ ރައްކާތެރިވުމެވެ. ގައިގޯޅިނުވުމެވެ.

ބަލީގެ އަލާމަތްތައް ފެންނަ މީހެއްގެ ވާހަކަ ދެކެވުމާއެކު އެމީހެއްގެ ފަރާތުން އެ އަލާމާތެއް ފެނުނީ ކޮންމެވެސް ޑަކްޓަރެއްގެ ނުވަތަ ކޮންމެވެސް އިދާރާއެއްގެ އިހުމާލުން ކަމަށް ދެކެވޭ ވާހަކަތައް ގިނަވެއެވެ. އެހެން ހެދިނަމަ މިހެން ވީހޭ މިހެން ހެދިނަމަ އެހެންވީހޭ ކިޔައި އަޑުގަދަކޮށްގަތުމަކީ އަޅުގަނޑުމެންގެ އާދައަކަށް ދަނީ ވަމުންނެވެ.

އެކަމަކު ގަބޫލުކުރާން ޖެހޭ ހަގީގަތަކީ މީހެއްގެ ގައިން ވައިރަހުގެ އަސަރު ފެނިއްޖެ ނަމަ އެއީ އެމީހެއްގެ ފަރުވާކުޑަކަމުގެ ނުވަތަ ބެލުން ކުޑަކަމުގެ ނަތީޖާ ކަމަށް އެންމެ ފުރަތަމަ ގަބޫލު ކުރުމެވެ. ވައިރަހުގެ އަސަރު ފެނުނީއަކީ އެމީހާ ޓެސްޓުކުރި މީހާގެ ކިބަޔަކުންނެއް ނޫނެވެ. ޓެސްޓު ހެދި އިދާރާގެ މީހެއްގެ ކިބަޔަކުންނެއް ނޫނެވެ. އެހެންވީމާ އެންމެ ފުރަތަމަ ބަލިމީހާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކަމެއް ނުވަތަ ނޭނގުމުގެ ތެރޭގައި ނަމަވެސް އެޅުނު ކަތި ފިޔަވަޅެއް އޮތް ކަމަށް ގަބޫލު ކުރާން ޖެހެއެވެ. މިއިން އެއްވެސް ކަމެއް ގަބޫލު ކުރާން ހިތްހަމަ ނުޖެހޭނަމަ އެއީ އެއްވެސް މީހެއްގެ އިހުމާލެއް ނޫންކަމާއި ނޭނގި ޖެހުނު ބައްޔެއް ކަމަށް ގަބޫލު ކުރާންވީއެވެ. އެންމެ ކުޑަމިނުން އެވަރު ކުރެވެން ވާނެއެއް ނޫންތޯއެވެ؟

އެކި މީސްމީހުންގެ ބޮލުގައި އިލްޒާމު އަޅުވަމުން އަންގާ އެންގުންތަކަށް ފަރުވާކުޑަ ކުރަމުން ދުވުމަކީ ނުރައްކާތެރި ކަމެކެވެ. ބަލި ޖެހޭނީ ފެނިގެންނެއް ނޫނެވެ. ބުނެފައެއް ނޫނެވެ. އެހެންވީމާ ގެއިން ކޮންމެހެން ނުކުންނާން ޖެހިގެން ނޫނީ ނުނުކުމެ ތިބޭންވީއެވެ. އެހެން ނޫނީ ސަލާމަތެއް ނެތެވެ. ގޭގައި ތިބެގެން ދުޢާ ކުރާންވީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.