ގިނަ މެމްބަރުންގެ ރޫޙު ހުރީ ޤާނޫނޫއަސާސީ އިޞްލާޙު ނުކޮށް މައްސަލަ ޙައްލުކުރުމަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާއްމުޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނުއަސާސީ އަށް އިސްލާޙު ގެނައުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ކުރިއަށްދާ ބަހުސްގައި ވެސް ގިނަ މެމްބަރުންގެ ޚިޔާލު ހުރީ ޤާނޫނުއަސާސީ އިސްލާޙުނުކޮށް މައްސަލަ ޙައްލު ކުރުމަށެވެ.

ބައެއް މެމްބަރުން ވިދާޅުވީ މިއަދު މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި ކައުންސިލް އިންތިޚާބާ ބެހޭ ސަންސެޓް ޤާނޫނުން ވެސް މައްސަލަ ޙައްލު ކުރެވިދާނެކަމަށެވެ. ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނެސްގެން ކައުންސިލްގެ މުއްދަތު ދައްމާލި ކަމުގައި ވިއަސް ކައުންސިލްތަކުގައި ތިބި މެމްބަރުންނަކީ އިންތިޚާބު ކޮށްފައިވާ ބަޔަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ރައީސް އައްޔަން ކޮށްފައި ތިއްބަވާ މެމްބަރުން ތަކެއްގެ ގޮތުގައި އެ މެމްބަރުން ބޭތިއްބި ދާނެކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ މިހާރު މިއޮތީ މުޅި ދުނިޔެއަށް ވެސް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެފައި ކަމަށެވެ. އެފަދަ ޙާލަތެއްގައި ރާއްޖޭގައި ވެސް މިއޮތީ ކުއްލި ނުރައްކަލުގެ ޙާލަތެއްކަމަށެވެ. ހަމަ އެކަނި ތަފާތަކީ މިކުއްލި ނުރައްކަލުގެ ޙާލަތު، ރައީސުލްޖުމްހޫރިއްޔާ އިޢްލާން ނުކުރައްވައި އޮތް އޮތުން ކަމަށެވެ. އެހެން ކަމުން "ބަނދެވިގެން" ތިބެ ޤާނޫނުއަސާސީއަށް އިސްލާޙު ކުރުމަކީ ކޮށްގެން ވާނެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެން ކައުންސިލްގެ މުއްދަތު ދިގު ދައްމާލިކަމުގައި ވިއަސް ކައުސިލްތަކުގެ މެމްބަރުންނަކީ އިންތިޚާބު ކޮށްފައިވާ ބަޔަކަށް ނުވާނެކަމަށެވެ. ކައުސިލްގައި ތިބި މަމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ މެމްބަރުންގެ ތަކެއްގެ ގޮތުގައި ބޭތިއްބިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ބަހުސްގައި ބައެއް މެމްބަރުން  ވިދާޅުވީ  ކައުސިލްގެ މުއްދަތު ހަމަވުމުން ކައުންސިލްތައް ހިންގުމުގެ ބާރު ކައުސިލްތަކުގައި ތިއްބަވާ ސެކްރެޓަރީ ޖެނެރަލުން ނުވަތަ ޒިންމާދު ވެރިޔާއަށް ވެސް ދެވިދާނެކަމަށެވެ. ނަމަވެސް ސެކްރެޓަރީ ޖެނެރަލް އަށް ޤާނޫނުއަސާސީގައި ކައުންސިލްތަކަށް ދީފައިވާ ބާރުތައް ދެވިގެން ނުވާނެކަމަށެވެ. ބައެއް މެމްބަރުން ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްއަށް ދޭނެ ބާރުތައް ސަންސެޓް ޤާނޫނުގައި ވެސް ބަޔާން ކުރެވިދާނެކަމަށެވެ.

މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރ އަޙްމަދު އާމިރު ވިދާޅުވީ މީހާލަތުގައި ހައްލެއް ހޯއްދެވޭނީ ދައުލަތުގެ ތިން ބާރު ގުޅިގެންކަމަށެވެ. ދިމާވެފައިވާ މައްސަލައިގައި ސްޕްރީމް ކޯޓްގެ ޤާނޫނީ ލަފައަކަށް އެދުމަކީ ރައްޔިތުންގެ މަޖިލީހުނެ ލަދުވެތިވާން ޖެހޭނެކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް އެނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ހެދިކަމުގައިވިއަސް އެޤާނޫނުތައް ތަންފީޒު ކުރުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫންކަމަށް ވެސް މެމްބަރ އާމިރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމައްސަލައިގައި ސްޕްރީމް ކޯޓަށް ދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ފާޅުގައި ދެކޮޅު ކަމެކެވެ. މެމްބަރ އާމިރު ވިދާޅުވީ މިހާލަތު ރައީސުލްޖުމްހޫރިއްޔާ ވެސް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިޞިއްޔަތުން އެއްޗެއް ވިދާޅުވާން ޖެހޭކަމަށެވެ.

ޤާނޫނުއަސާސީ އިސްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނާއިބް އިބްރާހީމް ރިއްފަތު ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުސެލަރ ޖެނެރަލް ވެސް ވަނީ މަޖިލީހުގެ ރައީސަށް ލަފާ އަރުވައިފައެވެ.

ބަންޑާރަ ނާއިބް އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާން ނުކުރައްވާކަމަށެވެ. އެހެންކަމުން މިހާލަތުގައި ޤާނޫނުއަސާސީ އިޞްލާހުކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.

"ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފަ. 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ޤާނޫނުއަސާސީ އިޞްލާޙު ކޮށްގެން" ބަންޑާރަ ނައިބް ވިދާޅުވިއެވެ.

ރިޔާސަތުން ނިންމަވައިފައި ވަނީ މިމައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކުމަށް އެދިވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންނަށް ފުރުޞަތު ދެއްވުމަށެވެ. މިހާރު އެދި ވަޑައިގެން ތިއްބެވީ 12 މެމްބަރުންނެވެ. މިމައްސަލައިގައި މަޖިލީހުން ވޯޓެއް ނުނަންގަވާނެކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.