ކޮވިޑް-19 އާ ގުޅިގެން ސޯޝަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ކަމާބެހޭ މިނިސްޓްރީގައި އެދެނީ

ކޮވިޑް-19 ގުޅިގެން ދިމާވާ އިޖްތިމާއީ ނުރަނގަޅު އަސަރުތައް ދެނެގަތުމަށް ނުވަތަ ސޯޝަލް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ޖެންޑަރ މިނިސްޓްރީގައި އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނިންމައިފިއެވެ. އެކޮމެޓީން ރޭ ބެއްވި ބައްދަލުވުމުގައި މިގޮތަށް ނިންމައިފައި ވަނީ ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢިއްތިފާޤުންނެވެ.

ކޮމެޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙަމޫދު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ހެލްތް އިމްޕެކްޓް އެސެސްމަންޓެއް ހަދައިފައިވާކަމަށެވެ. އެދާއިރާގެ މަސައްކަތްތައް ރާވައި ހިންގަމުން ގެންދަވަނީ އެ ސެސްމެންޓަށް ބިނާކޮށް ކަމަށް ވިދާޅުވިއެވެ. ހަމަ އެގޮތަށް އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓެއް ވެސް ހަދައިފައިވާކަން ފާހަގަ ކުރެއްވިއެވެ. ސްޓިމިއުލަސް ޕެކޭޖް ތަޢާރަފްކޮށް އިޤްތިޞާދީ ފިޔަވަޅުތަކެއްއެޅި އެމަސައްކަތް ކުރެވެމުން ދަނީ އެ އެސެސްމެންޓަށް ބައްލަވައިގެންކަމަށް މުޤައްރިރު ފާހަގަ ކުރެއްވިއެވެ. ހަމަ އެކަނި ނެތީ ސޯޝަލް އިމްޕެކްޓް އެސެސް މެންޓެއް ކަމަށް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުޤައްރިރު ފާހަގަ ކުރެއްވިއެވެ. އެދާއިރާއިން ކުރާނެ މަސައްކަތެއް ކަނޑައެޅޭނީވެސް ޙާލަތު ދެނެގަނެވިގެންކަމަށް މެމްބަރ ޖީހާންފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތެއް، މެންޑޭޓް ފުރިހަމައަށް އަދައެއް ނުކުރެވޭނެ އެ އެސެސްމެންޓް ނެތިއެއް. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަދި އިންސާނީ ޙައްޤުތައް ދަމަހަށްޓައި، ނެގެހެއްޓުމަށްޓަކައި ފޯކަސް ކުރަންވީ އޭރިޔާ، މަސައްކަތް ކުރަންވީ އޭރިޔާތައް، ޚާއްޞަކޮށް ސްޕެސިފިކް އިޝޫ އަޅުގަނޑުމެންނަށް އެނގޭނީ އޭރަށް" އެސެސްމެންޓްގެ މުހިންމުކަން ފާހަގަ ކުރައްވާ ޖީހާން ވިދާޅުވިއެވެ.

ބައެއް މެމްބަރުން ވިދާޅުވީ މިޙާލަތުގައި ވަކި މުއްދަތެއް ދީ ކަންކަން ނިންމުމަށް ބުނުމުން މުއައްސަސާތަކަށް ކުރިމަތި ވެދާނެ ގޮންޖެހުންތަކަށް ވެސް ރިޢާޔަތް ކުރަން ޖެހޭނެކަމަށެވެ. އަދި ނިންމާ ނިންމުމަކުން ދައުލަތަށް ބުރައެއް އުފުލަންޖެހުންވެސް އެއީ މިދަނޑި ވަޅުގައި އެންމެ ރަނގަޅު ގޮތަކަށް ނުވާނެކަމަށެވެ.

ސަރުކާރުން ތަޢާރަފަކޮށްފައިވާ އިޤްތިޞާދީ ޕެކޭޖާ ބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމުމުގައި އެކޮމެޓީން ނިންމަންޖެހޭ ކަންކަމާ ގުޅޭ ގޮތުން ރޭ ބެއްވި ބައްދަލުވުމުގައި އިތުރު ތިން ނިންމުމެއް ވެސް ވަނީ ނިންމަވައިފައެވެ.

ކޮމެޓީގެ މެންޑޭޓްގައި ހިމެނޭ މުއައްސަސާތަކުން ކޮވިޑް 19 އާ ގުޅިގެން ކުރައްވަމުންގެންދާ މަސައްކަތްތަކާއި ފިޔަޅުތައް ކޮމެޓީއާ ހިއްސާކޮށްދިނުމަށް އެދި އެމުއައްސަސާ ތަކަށް ސިޓީ ފޮނުވުމަށް ވެސް ކޮމެޓީން ރޭ ވަނީ ނިންމަވައިފައެވެ.

އަދި ކޮމެޓީއާ ޙަވާލުކޮށްފައިވާ މަސައްކަތައް އިސްލާހުކޮށް އިތުރަށް ފުޅާކޮށް ޔޫއެންއިން ކަނޑައަޅާ ގައިޑް ލައިންގައި ހުރި ކަންތައްތަކުގެ ތެރެއިން ރާއްޖެއަށް ޚާއްޞަ ކަންކަމަށް ރިޢާޔާތް ކުރުމަށް ވެސް ކޮމެޓީން ނިންމެވިއެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުގައި ނިންމެވީ ސްޓިމިއުލަސް ޕެކޭޖްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ އެހެން ކޮމެޓީ ތަކުން މަސައްކަތްކުރުމުގައި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރިޔާއަތް ކޮށްދިނުމަށް އެދޭ ކަންކަން، އެކޮމެޓީތަކަށް ހިއްސާ ކުރުމަށެވެ. އެކަން ކުރިއަށް ގެންދެވުމަށް ނިންމީ ކޮމެޓީތަކުގެ މުޤައްރިރުންނާ ވަކިން މަޝްވަރާ ކުރެއްވުމަށްފަހު މެމޯއަކުން ހުށަހެޅުމަށެވެ. އެގޮތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް އިސްކަންދޭ ކުންފުނިތަކާއި ވިޔަފާރިތަކަށް އިސްކަންދިނުމަށެވެ. އަދި އަންހެންމުވައްޒަފުންނާއި އެހެން މުވައްޒަފުންނަށް އިސްކަންދޭ މިންވަރާއި އަދި ކޮވިޑާ ގުޅިގެން ނިކަމެތިވާ އާޢިލާތަކުގެ މުވައްޒަފުންނަށް އިސްކަންދީ އަޅާލާ ކުންފުނިތަކާއި ވިޔަފާރިތަކަށް ސްޓިމިއުލަސް ޕެކޭޖުން އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިސްކަން ދިނުމަށް ލަފާ އެރުވުމަށެވެ.

ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖާ ގުޅޭ ގޮތުން މަޖިލީހުން ނިންމާ ނިންމުންތަކުގެ ތެރެއިން ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މަޖިލީހިގެ ރައީސް ޙަވާލުކުރައްވައިފައިވަނީ ތިން ދާއިރާއަކުން ސަރުކާރަށް ލަފާއަރުވާނެ ކަންކަން ކަނޑައެޅުމަށެވެ. ފުރަތަމަ ކަމަކީ އަންހެނުންގެ ބައިވެރިވުމާއި ކުޑަކުދިންގެ ޙައްޤުތަކާއި އާންމު އިންސާނީ ޙައްޤުތަކަށް ޢަމަލުކުރުމަށް ކަށަވަރުކުރާނެ އިންތިޒާމުތަކެއްގެ ލަފާ ސަރުކާރަށް ދިނުމެވެ.

ދެވަނަ ކަމަކީ އަންހެނުންގެ ބައިވެރިކުރުން ބޮޑުކޮށް އަދި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ކަންކަން ހިންގުމަށް ރާވާ ކުންފުނިތަކަށް ސަރުކާރުން އެހީތެރިވާ މިންވަރު ބެލުމެވެ.

ތިން ވަނަކަމަކަށް ސަރުކާރުންހިންގާ ހަރަކާތްތަކުގައި ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްވާ މިންވަރު ދެނެގަނެ ސަރުކާރުން ހިންގާ ކަންކަން އެގޮތުގެ މަތިން ހިންގާނެ އުޞުލުތަކެއްގެ ލަފާ ސަރުކާރަށް ދިނުމެވެ. މިކަންކަން ނިންމުމަށް އެކޮމެޓީއަށް ދެއްވައިފައި ވަނީ ހަފްތާއެއްގެ މުއްދަތުކަމަށް ރޭގެ ބައްދަލުވުމުގައި އެކޮމެޓީގެ މުޤައްރިރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.