ކުރުވާހަކަ: އަދަބީ އުކުޅު

ބުރުސޫރައަށް ބަލާ އިރު އެއީ އެހައި ޚާއްޞަ މީހެކޭ އެއް ގޮތަކަށްވެސް ހިއެއް ނުވެއެވެ. އެއީ އިސްކޮޅުން ކުރު މީހެކެވެ. ހިކި މީހެކެވެ. މޫނުމަތީންވެސް އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ފެންނާކަށް ނެތެވެ. އޭނާ އަކީ އެ ރީތި އޮފީހުގައި ޖެހިފައިވާ ހުތުރު ލައްގަނޑެކޭ ހީވެއެވެ. ފުރަތަމަ ފެންނަ މީހަކަށް ހީވާނީ އޭނާއަކީ އޮފީހުގެ މަސައްކަތު މީހާ ކަމުގައެވެ. އަދި ބޭރުން އަންނަ މީހުންނަށް ދެއްކޭން ވެގެން ވެރި މީހާގެ ގޮނޑިއަށް އަރައި އިނީ ކަމުގައެވެ. އޭނާގެ އޮފީހުގެ ބޭރުގައި ހުރި ކޮޅުފިލާގޮނޑީގައި އިށީނދެގެން އިން ޕިޔޯނަކީވެސް އޭނާ އަށް ވުރެ ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރިއެކެވެ. އެކަމަކު އޭނާގެ ކުޑަކުޑަ ބޮލުގައި އޮތް ސިކުނޑިއަކީ އާދަޔާ ޚިލާފަށް މޮޅު ސިކުނޑި އެކެވެ. އޭނާ އަކީ ނޫސް މަޖައްލާ ފަދަ ތަކެތި ޝާއިޢު ކުރާ އިދާރާއެއްގެ ވެރިއެކެވެ. އޭނާގެ ބެލުމުގެ ދަށުން ތިން މަޖައްލާއެއް ވަރަށް ކާމިޔާބު ކަމާ އެކު ނުކުމެއެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ކުއްލިއަކަށް ފެނުނީ އެންމެ މި ޒަމާނުގެ ވަކީލަކު އައިސް އޭނާގެ ކޮޓަރިއަށް ވަން ތަނެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ކޯޓެކެވެ. އަތުގައި އަތްމަތީފޮށްޓެއް އޮތެވެ. އަރައިގެން ހުރި ކަޅު ބޫޓުން ހުރީ އޮފު އަރައަރައެވެ. އޭނާގެ ޙަރަކާތާއި ހިނގުމުން އެއީ ވަރަށް މޮޅު މީހެއްކަން އެނގޭހައި ވެއެވެ. ފެންނަ މީހަކަށް އަސަރު ނުކޮށް ނުހުންނާނޭކަން ކަށަވަރެވެ.

"އަޅުގަނޑު މިއައީ އަނދިރި މަޖައްލާގެ އެޑިޓަރާ ބައްދަލު ކޮށްލަން." އޭނާ ބުންޏެވެ. "ޕަބްލިޝަރ އަދި ޗީފް އެޑިޓަރ ޙަސަން ސަޢީދާ ބައްދަލު ކޮށްލަން."

"އަވަހަށް ވިދާޅުވޭ. އަޅުގަނޑަށް ކޮށް ދެވޭނީ ކޮން ކަމެއްތޯ؟"

"އެންމެ ފުރަތަމަ އަޅުގަނޑާ ޙަސަން ސަޢީދާ ބައްދަކުކޮށް ދެއްވާ." ވަކީލު ބުންޏެވެ. "އެ ވަރުން ފުދޭނެ."

"އަޅުގަނޑަށް ހީވަނީ މިއަށްވުރެ ވަކީން ރަނގަޅަކަށް ބައްދަލެއް ނުކުރެއްވޭނެހެން. ޙަސަން ސަޢީދަކީ އަޅުގަނޑު. އަވަހަށް ވިދާޅުވޭ. އަޅުގަނޑު ކޮށްދޭންވީ ކަމަކީ ކޮބައިތޯ؟"

އޭނާގެ ވާހަކަ ވެގެން ދިޔައީ ވަކީލު ވަރަށް ބޮޑަށް ޙައިރާން ކުރުވި ވާހަކަ އަކަށެވެ. އެކަމަކު ހަމަ އެކަނި މައާފަށް އެދިފައި ފުއްދައިލީއެވެ.

"އަޅުގަނޑުގެ ނަމަކީ ފަރުމާން." އޭނާ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. "ވަރަށް ހިތާމަޔާ އެކު ދަންނަވާން ޖެހެނީ އަޅުގަނޑު މި އައީ އުފާވެރި ޚަބަރަކާއިގެންނެއް ނޫނޭ."

ޙަސަން ސަޢީދުގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ހިނގައްޖެއެވެ.

ފަރުމާން އޭނާގެ އަތްމަތީ ފޮށި ހުޅުވައިލިއެވެ. އަދި އެ ފޮށިން ނެގި ހުދު ކުލައިގެ ސިޓީ އުރައެއް ޙަސަން ސަޢީދުގެ ކުރިމަތީގައި ބާއްވައިލިއެވެ.

އިތުރު މަޢުލޫމާތު ދިނުމުގެ ގޮތުން އޭނާ ބުނެލިއެވެ. "ޤާާނޫނީ ބަހުރުވައިން ދަންނަވާ ނަމަ މިއީ ޚަރަދު ހޯދުމުގެ ނޯޓިސް. ނަުަވަތަ ބަދަލު ލިބިގަތުމުގެ ނޯޓިސް. ޙަސަން ސަޢީދުގެ މަޖައްލާގެ ސެޕްޓެމްބަރު މަހުގެ ޢަދަދުގައި ދުވަހުގެ އަނިޔާ ގެ ނަމުގައި ކޮލަމެއް ޝާއިޢު ކޮށްފައި އެބައޮތް. އެ ކޮލަމުގައި އޮތް ލިޔުން ލިޔެފައި ވަނީ އަޅުގަނޑުގެ މުވައްކިލު އެމް. އޭ. ރަޤީބް ގެ ނަމުގައި. އެކަމަކު އެއީ ބޮޑު ކުށެއް. ދޮގެއް. ރަޤީބް ވިދާޅުވާ ގޮތުގައި އެއީ އޭނާ ލިޔުއްވި ލިޔުމެއް ނޫން. ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ މަޖައްލާގައި އޭނާގެ ނަމުގައި ތިން ލިޔުން ޝާއިޢު ކޮށްފައި އެބައޮތް. އެހެންވީމާ ޙަސަން ސަޢީދު އަޅުގަނޑުގެ މުވައްކިލް ރަޤީބްގެ ޢިލްމީ އަދި އަދަބީ މަޝްހޫރު ކަމުގެ ނާޖާއިޒު ފައިދާ ނަންގަވަނީ ކަން ވަރަށް ރަނގަޅަށް އެބަ އެނގޭ. އެއް ނަން ކިޔާ އެތައް ބަޔަކު އުޅޭނެ. ރަޤީބޭ ނަމަކަށް ކިޔާ އެހެން މީހަކު ލިޔަނީ ކަމަށް ބެލެވިދާނެ. އެކަމަކު އެންމެ ފަހުގެ ޢަދަދުގައި ރަޤީބް ގެ ފޮޓޯއެއްވެސް ޖަހާފައި އެބަހުރި. އަނދިރި މަޖައްލާ ގައި ޖައްސަވައިފައިވާ ލިޔުންތަކުގެ ސަބަބުން ރަޤީބްގެ އަގު ވެއްޓޭ ގޮތް އެބަ ދިމާވޭ. އެއީ އެ ލިޔުންތަކުގައި ހުރި ޚިޔާލު ތަކާއި ރަޤީބްގެ ޚިޔާލާ އެއްވެސް ކަހަލަ ގުޅުމެއް ނެތީމާ."

ޙަސަން ސަޢީދު އޭނާގެ ކުރިމަތީގައި އޮތް ސިޓީ އުރައަށް އިޝާރާތް ކޮށްލިއެވެ. "މި ލިޔުމުގައި ވެސް ހުންނާނީ ދެންމެ ތިޔަ ދެއްކެވި ވާހަކަތައް... އެހެން ނޫންތޯ؟"

ވަކީލު ބޯ ޖަހައިލިއެވެ. "އާދެ. އަދި އިތުރު ވާހަކަވެސް ހުންނާނެ. ޙަސަން ސަޢީދު ގަސްތު ކުރައްވަނީ އެ ނަމުގައި ކޮލަމެއް ކުރިއަށް ގެންދަވަން. އެހެންވީމާ މީގެ ފަހުން އެ ނަމުގައި ކޮލަމެއް ޖައްސަވައިގެން ނުވާނޭ ކަމަށްވެސް އޮންނާނެ. އަދި ކުރިން ޝާއިޢު ކުރެއްވި ލިޔުންތަކުގެ ސަބަބުން ރަޤީބަށް ލިބިވަޑައިގަތް ގެއްލުމުގެ އަގުވެސް ދެއްވާން ވާނޭ ކަމަށް އޮންނާނެ. އަޅުގަނޑަށް މި ނޯޓިސް ޕޯސްޓުންވެސް ފޮނުވިއްޖައީސް. އެކަމަކު އަޅުގަނޑަށް ފެނުނީ ސީދާ އައިސް ވާހަކަ ދައްކައިލުން ރަނގަޅު ވާނެ ކަމަށް."

"ގެއްލުމުގެ އަގޭ ތިޔަ ވިދާޅުވަނީ ކޮން ކަހަލަ އަގަކަށްތޯ؟"

"ރަޤީބް އެދިވަޑައިގަންނަވަނީ ފަންސާސް ހާސް ރުފިޔާ އަށް. އެ ރުފިޔާއާ ޙަވާލު ވުމުގެ ހުއްދަ އޭނާ ވަނީ އަޅުގަނޑަށް ދެއްވައިފައި."

"އަޅުގަނޑާ ސަމާސާ ކުރައްވަނީތޯ؟" ޙަސަން ސަޢީދު ފަރުވާ ކުޑަ ގޮތަކަށް އަހައިލިއެވެ. "މި ރާއްޖޭގައި މަޒްމޫނުގެ އަގަކަށް އެހައި ބޮޑު އެއްޗެއް ނުލިބޭކަން އެނގިވަޑައިގެންފައި ނެތީތޯ؟ މޮޅު ލިޔުމެއް ލިޔާ މީހަކަށް އެއްވެސް އެއްޗެއް ނުލިބެއޭ ދެންނެވުންވެސް ދޮގަކަށް ނުވާނެ."

"ތިޔަ ވިދާޅު ވެވުނީ އިދިކޮޅަށް ހެން ހީވޭ." ވަކީލު ބުންޏެވެ. "ވިދާޅުވާން އުޅުއްވީ ބޮޑު އަގު ލިބެނީ މޮޅު ލިޔުންތެރިންނަށޭ. އެހެން ނޫންތޯ؟"

"ނޫން. އަޅުގަނޑު މި ދެންނެވީ ހަމަ ރަނގަޅަށް." ޙަސަން ސަޢީދު ބުންޏެވެ. "މޮޅު ލިޔުންތެރިން ލިޔަނީ ވަރަށް މޮޅު ލިޔުން. އެ ލިޔުންތައް ގިނަ ފަހަރަށް ޢާއްމުންގެ ބޮލަކަށް ނުވަދޭ. އެނގެނީ ދެތިން ހަތަރު މީހަކަށް. އެ ފެންވަރުގެ މީހުން އެހައިވެސް މަދު. އެ ފެންވަރުގެ މީހުން ދިވެހި ބަހުން ހުންނަ އެއްޗެއް ކިޔާކަށް ބޭނުމެއް ނުވޭ. އެ މީހުން ކިޔާނީ އިނގިރޭސި ބަހުން ނޫނީ ޢަރަބި ބަހުން ހުންނަ ލިޔުންތައް. ނޫނީ އެހެން ކޮންމެވެސް ބަހަކުން ލިޔެފައި ހުންނަ ލިޔުންތައް. އެހެންވީމާ އަޅުގަނޑުމެން ލިޔަން މި ޖެހެނީ އާދައިގެ މީހުން ކިޔާ ކަހަލަ އެއްޗެހި."

"ދެން ހެޔޮ." ވަކީލު އަތް އުފުލައިލިއެވެ. "ތިޔަ ވިދާޅުވާ އެއްޗެއް އަޅުގަނޑަށް ވިސްނިއްޖެ. އެކަމަކު ތިޔައީ މި ކަމަކާ ގުޅޭ ވާހަކައެއް ނޫން. އަޅުގަނޑު މި ދައްކަނީ އަގުގެ ވާހަކަ. ބަދަލުގެ ވާހަކަ." އެއަށް ފަހު ތަންކޮޅެއް ސިއްރުވެރި ގޮތަކަށް ބުނެލި އެވެ. "ތިޔައީ ރަނގަޅު ބޭކަލެއް ހެން އަޅުގަނޑަށް ހީވޭ. މި މައްސަލަ ތަންކޮޅެއް ކުޑަ ޚަރަދަކުން ވެސް ނިންމައިލެވިދާނެ. ރަޤީބަކީ ވަރަށް ބާރުގަދަ މީހެއްކަން ޙަސަން ސަޢީދަށް އެނގިވަޑައިގަންނަވާނެ. ވަރަށް ބޮޑެތި ބޭފުޅުންނާ އޭނާޔާ ގުޅުން އޮންނާނެ. ދާދި ފަހުން ބޭއްވުނު އަދަބީ މަހާސިންތާއެއްގައި ވެސް އޭނާ އިންނެވީ އިސްޓޭޖުގައި. މަޖައްލާގެ ރަޖިސްޓަރީ ބާޠިލު ވާ ގޮތް ވުމަކީ ވެސް ދުރު ކަމެއް ނޫން."

ޙަސަން ސަޢީދު އެ ވާހަކައަށް މާ ބޮޑު ސަމާލު ކަމެއް ނުދީ ބުނެލިއެވެ. "އަޅުގަނޑަށް ހީވަނީ ޝަރީޢަތަށް ދިއުމުގެ ޙައްޤު ކޮންމެ މީހަކަށް ވެސް އޮންނާނެހެން."

ވަކީލުގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުން ވުމެއް ވެރި ވިއެވެ. "ދަންނަވަންތޯ؟ އަޅުގަނޑު ޝަރުއީ ދާއިރާގައި އުޅޭތާ ފަނަރަ އަހަރު ދުވަސް ވެއްޖެ. އެހެންވީމާ ޝަރީޢަތަށް ދިއުމާއެކު މައްސަލަ ނިމޭނީ ރަޤީބަށް ކާމިޔާބު ލިބިގެންކަން އަޅުގަނޑަށް ޔަޤީން. އެ ލިޔުންތައް ލިޔުއްވީ ރަޤީބް ކަމަށް ދެއްކެވޭނޭ އެއްވެސް ހެއްކެއް ޙަސަން ސަޢީދަކަށް ނުހޯއްދެވޭނެ. އަޅުގަނޑު މި ދަންނަވާ އެއްޗެއް ވިސްނިވަޑައިގެންފި ކަމަށް ހީކުރަން."

"ވަރަށް ރަނގަޅަށް ވިސްނިއްޖެ. އެކަމަކު އަޅުގަނޑު ތިޔަ ވާހަކަ އަކަށް ތާއީދެއް ނުކުރަން. ތިޔަ ޔަޤީން ކަމުގެ އަގު ދެއްވަން ކެރިވަޑައިގެން ހުންނެވިއްޔާ ޝަރީޢަތަށް ދިއުން މާ ބުއްދިވެރި ކަމަށް އަޅުގަނޑަށް ފެނޭ."

"ޔަޤީން ކަމުގެ އަގޭތޯ؟"

"އާދެ. ތިޔަ ވިދާޅުވަނީ މައްސަލަ ނިމޭނީ ރަޤީބްގެ ކޮޅަށޭ. އަޅުގަނޑު ދަންނަވާނީ މައްސަލަ ނިމޭނީ އަޅުގަނޑުގެ ކޮޅަށޭ. ކެރިވަޑައިގަންނަވާ ނަމަ ފަސް ހާސް ނުވަތަ ދިހަ ހާސް ރުފިޔާ ބަހައްޓަވާ."

"ދިހަ ހާސް ރުފިޔާ އަށް އަޅުގަނޑު ތައްޔާރު." ވަކީލު މޭޒުމަތީގައި އަތުން ޖަހައިލިއެވެ.

ޙަސަން ސަޢީދު އަތް ދިއްކޮށްލިއެވެ. "އަޅުގަނޑުވެސް ތައްޔާރު. އެހެންވީމާ ޖުމްލަ ވިހި ހާސް ރުފިޔާ. އެހެން ނޫންތޯ؟"

"އާދެ." ވަކީލު އަނެއްކާވެސް މޭޒުމަތީގައި ޖަހައިލިއެވެ. "ދެން ބައްދަލު ވާނީ ކޯޓުން. ޝަރީޢަތުގެ މަޖިލީހުގައި. އަޅުގަނޑު ޙަސަން ސަޢީދަށް އިތުބާރު ކުރަން. އެކަމަކު ރަނގަޅު ވާނީ އަޅުގަނޑުގެ ދިހަ ހާސް ރުފިޔާ އާއި ޙަސަން ސަޢީދުގެ ދިހަ ހާސް ރުފިޔާ އިތުބާރު ކުރެވޭ އެހެން މީހެއްގެ އަތުގައި ބެހެއްޓިއްޔާ. ކުރި ލިބޭ މީހަކާ ވިހި ހާސް ރުފިޔާ ޙަވާލު ކުރާނީ އެ މީހަކު."

"ތިޔައީ ވަރަށް މޮޅު ބުއްދިއެއް." ޙަސަން ސަޢީދު ބުންޏެވެ.

ދެ މީހުން ހިމޭނުން ތިބެގެން ވިސްނަމުން ދިޔައީ އިތުބާރު ކުރެވޭ އެހެން މީހަކު ހޯދާނޭ ގޮތަކާ މެދުގައެވެ.

* * *

އެ ދެ މީހުން ދެވަނަ ފަހަރަށް ބައްދަލުވީ ކޯޓުންނެވެ.

ހައެއްކަ ރިޕޯޓަރުންގެ އިތުރަށް ކޯޓުގައި ތިބީ ދެ މީހުންނެވެ. އެކަކީ މުޅި ރާއްޖެއަށް މަޝްހޫރު ލިޔުންތެރިއެއް ކަމަށް ވާ ރަޤީބެވެ. ދެވަނަ މީހަކީ ވަރަށް ހިމަތޮޅިކޮށް ހުރި އިސްކޮޅުން ކުރު މީހެކެވެ. ޙަސަން ސަޢީދުގެ ފަރާތުން ވަކީލަކު ނާދެއެވެ. އޭނާގެ ދިފާޢުގައި ވާހަކަ ދައްކާނީ ޚުދު އޭނާއެވެ.

ޝަރީޢަތް ފެށިއްޖެއެވެ. ވަކީލު ވަރަށް ހުނަރުވެރި ކަމާއެކު އޭނާގެ މައްސަލަ ހުށަހަޅައިފިއެވެ. އަދި ހެކީގެ ގޮތުގައި އަނދިރި މަޖައްލާގެ ދެތިން ޢަދަދުވެސް ހުށަހަޅައިފިއެވެ. އޭގެ ފަހުން އޮތީ ރަޤީބް ގެ ބަޔާނެވެ. އަނދިރި މަޖައްލާގައި ޝާއިޢު ކޮށްފައިވާ ލިޔުން ތަކަކީ އޭނާ ލިޔުނު ލިޔުން ތަކެއް ނޫން ކަމަށް ރަޤީބްގެ ބަޔާނުގައި އޭނާ ބުންޏެވެ. އަދި އެއީ އޭނާގެ މަޝްހޫރު ކަމުގެ ނާޖާއިޒު ފައިދާ ލިބިގަތުމުގެ ބޭނުމުގައި ޙަސަން ސަޢީދު ކުޅަ ކަމެއް ކަމަށް ވެސް ބުންޏެވެ. އޭނާ އެދުނީ އޭގެ ސަބަބުން އޭނާގެ ނަމަށް އެރި ހުތުރުގެ ބަދަލު ލިބިގަތުމަށެވެ.

އޭ. އެމް. ރަޤީބް ގެ ބަޔާން ނިމުމަށް ފަހު އޮތީ އަނދިރި މަޖައްލާ ގެ ޕަބްލިޝަރ އަދި ޗީފް އެޑިޓަރ ޙަސަން ސަޢިދުގެ ބަޔާނެވެ. އޭނާ ކޮށިގަނޑުގައި ހުރެގެން ދެއްކި ވާހަކައިގައި ރަޤީބްގެ ވާހަކަޔާ ކަނޑައެޅިގެން ދެކޮޅު ހެދިއެވެ.

ފަނޑިޔާރު މަޖައްލާގައި ލިޔުން ޖަހައިފައި އޮތް ޞަފްޙާ އޭނާ އަށް ދައްކަވައިފައި ސުވާލު ކުރެއްވި އެވެ. "ތިޔަ ވިދާޅު ވަނީ މި ލިޔުން ލިޔެފައިވާ އޭ. އެމް. ރަޤީބަކީ އެހެން މީހެއް ކަމަށްތޯ؟"

"ނޫން. އަޅުގަނޑު މި ދަންނަވަނީ އެހެންނެއް ނޫން." ޙަސަން ސަޢީދު ބުންޏެވެ. އެއަށް ފަހު ރަޤީބާ ދިމާއަށް އިޝާރާތް ކޮށްފައި ބުނެލިއެވެ. "މި އިންނެވި އޭ. އެމް. ރަޤީބް ނޫން އެހެން އޭ. އެމް. ރަޤީބެއް އަޅުގަނޑު ނުދަންނަން."

ވަކީލު ފަރްމާން ގެ މޫނު މަތީން ހިތްހަމަ ޖެހުމުގެ އަސަރު ފާޅު ވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ބުނެލިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު. މިހާރު ޝައްކަކަށް އެއްވެސް ޖާގައެއް ނެތެއް ނޫންތޯ؟ ޙަސަން ސަޢީދު އަމިއްލައަށް އިޢުތިރާފް ވެވަޑައިގެންފި. އެހެންވީމާ ދެން އޮތް ކަމަކީ ޙުކުމް ކުރެއްވުން."

ފަނޑިޔާރު ގަލަން ނެންގެވިއެވެ. އަދި ލިޔުއްވަން އުޅުއްވައިފައި ކުއްލިއަކަށް ޙަސަން ސަޢިދާ ދިމާއަށް ބައްލަވައި ލެއްވިއެވެ. "ދިފާޢުގައި އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންފުޅުތޯ؟"

"ހެއްކަކު ހުށަހަޅަން އަޅުގަނޑު ބޭނުން."

ވަކީލު އިޢުތިރާޒު ކުރިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު. ޙަސަން ސަޢީދު އެ އުޅުއްވަނީ ވަގުތު ނަންގަވައިލައްވާން. މިހާރަކު ހެއްކެއްގެ ބޭނުމެއް ނެތް."

ފަނޑިޔާރު ވަކީލުގެ ވާހަކަ އަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެއްވިއެވެ. "އަވަހަށް ހުށަހަޅުއްވާ."

ޙަސަން ސަޢީދު އިޝާރާތް ކޮށްލީ ކޯޓުގައި އިން ހިމަތޮޅި މީހާ އަށެވެ. އެ މީހާގެ ނަމެއް ކަމަށް ޙަސަން ސަޢިދު ބުނީ ސިރާޖެވެ.

"ޢިއްޒަތްތެރި ފަނޑިޔާރު މަނިކުފާނު." ސިރާޖް ވާހަކަ ދައްކާން ފެށިއެވެ. "އަޅުގަނޑަކީ ޅެމާއި ލަވަ ހަދާ މީހަކީން. ލިޔުންތެރިއަކަށް އަޅުގަނޑު ހެއްދެވީ ޙަސަން ސަޢީދު."

"ކަލޭގެ ޒާތީ ކަންތައްތަކުގެ ވާހަކަ އަކީ މި ކޯޓަކަށް ބޭނުން ވާހަކައެއް ނޫން." ވަކީލު ބުނެލިއެވެ. "މި މައްސަލަ އާ ބެހޭ ގޮތުން އެނގި ހުރި ވާހަކައެއް ދައްކާ."

"މި ކަމެއް ފެށުނީ މީގެ ހައެއްކަ މަސް ދުވަސް ކުރިން." ސިރާޖް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަޅުގަނޑު އެއް ދުވަހަކު މި ކޯޓުގައި މި އިންނެވި މުޙްތަރަމް ރަޤީބް ގެ އަރިހަށް ދިޔައިން."

ރަޤީބް ސިއްސައިގެން ގޮސްފައި ސިރާޖާ ދިމާއަށް ބަލައިލިއެވެ. އަދި ވިސްނާން ފެށިއެވެ.

ސިރާޖް ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. "އަޅުގަނޑު އެ ދުވަހު ވަރަށް ރީތި ޝެފަރ ގަލަން ސެޓެއް ރަޤީބަށް ވެދުމަކަށް އެރުވިން."

"ތިޔަ ކަމާ މި މައްސަލަޔާ ހުރީ ކޮން ގުޅުމެއް؟" ވަކީލު ދެކޮޅު ހެދުމުގެ ރާގެއްގައި އަހައިލިއެވެ.

ފަނޑިޔާރު އެ ސުވާލުގެ އަޑެއް ނާއްސަވައެވެ. އަދި އެއީ ތެދެއްތޯ ރަޤީބާ ސުވާލު ކުރެއްވިއެވެ.

"އެއީ ތެދެއް." ރަޤީބް ބުންޏެވެ. "އޭނާ އަޅުގަނޑަށް ޝެފަރ ގަލަން ސެޓެއް ދިން."

ސިރާޖް ޖީބުން ވަރަށް ދުވަސް ވެފައި އޮތް ބައު ގަލަމެއް ނަގައި ދައްކައިލިއެވެ. "މިއީ ރަޤީބް އަޅުގަނޑުގެ އެދުމުގެ މަތީން އަޅުގަނޑަށް ދެއްވި ގަލަމެއް. މިއީ ރަޤީބް ލިޔުއްވާން ގެންގުޅުއްވި ގަލަމެއް" އޭނާ ރަޤީބާ ދިމާއަށް ބަލައިލިއެވެ. "ހަނދުމަފުޅު އެބަހުރިތޯ؟ މި ގަލަމުގައި ރަޤީބްގެ ނަންފުޅުވެސް ކަނޑައި ނަގައިފައި އެބަ އޮތް."

އޭ. އެމް. ރަޤީބް އެ ގަލަން އަތުލައިގެން ބަލައިފައި އެއީ ތެދެއް ކަމަށް ބުނެފިއެވެ. ޙަސަން ސަޢީދު އެ ގަލަން އަތުލައިގެން ގޮސް ފަނޑިޔާރުގެ އަތްޕުޅަށް އަރުވައިފިއެވެ.

"ޢިއްޒަތްތެރި ފަނޑިޔާރު." ޙަސަން ސަޢީދު ވާހަކަ ދައްކާން ފެށިއެވެ. "ދުވަހުގެ އަނިޔާގެ ނަމުގައި ލިޔުނު ލިޔުންތައް ލިޔެފައި ވަނީ ތިޔަ ގަލަމުން."

"އެއީ ހައްތަހާވެސް މަކަރު." ވާން އުޅޭ ގޮތް ވިސްނުނީމާ ވަކީލު ރުޅި އައިސްގެން ވަރަށް ބާރަށް ބުންޏެވެ.

ޙަސަން ސަޢީދު ބުނެލިއެވެ. "މިއީ މަކަރެއް ނޫން. އެއިން އެއްވެސް ލިޔުމެއްގައި އެއީ އޭ. އެމް. ރަޤީބް ލިޔުއްވައިފައިވާ ލިޔުމެކޭ ޖަހައިފައެއް ނޯންނާނެ."

"ތިޔަ ވިދާޅުވާ އެއްޗެއް ތަންކޮޅެއް ތަފްސީލުކޮށް ވިދާޅުވޭ."

"ޢިޒްޒަތްތެރި ފަނޑިޔާރު. ލިޔުމުގެ މަތީގައި ޖަހާފައި އޮންނާނީ އޭ. އެމް. ރަޤީބް ގެ ގަލަމުން... މިހެން. އެ ލިޔުންތައް ލިޔެފައި ވަނީ އޭ. އެމް. ރަޤީބްގެ ގަލަމުން ކަމާ މެދަކު އެއްވެސް ޝައްކެއް ނެތް. އަޅުގަނޑު މި އައީ އެ ލިޔުންތަކުގެ އަސްލުވެސް ހިފައިގެން. ލިޔުންތައް ލިޔުނީ ސިރާޖް. ބޭނުން ފުޅިއްޔާ މި ގަލަމުން ލިޔުއްވައިފައި އެ މަޒްމޫނުގެ ލިޔުމާ އެއްގޮތްތޯ ބެއްލެވިދާނެ."

ވަކީލު އެތައް ވާހަކައެއް ދެއްކުމާ އެކުވެސް ފަސް މިނިޓުގެ ތެރޭގައި މައްސަލަ މުޅީން ނިމިއްޖެއެވެ. ނިމުނީ ޙަސަން ސަޢީދުގެ ކޮޅަށެވެ.

ފަރުމާން އިސް ދަށަށް ޖަހައިލިއެވެ. އަދި އޭނާގެ އަތްމަތީ ފޮށްޓަށް ކަރުދާސްތައް އަޅައިގެން ކޯޓުން ނުކުމެއްޖެއެވެ. ޙަސަން ސަޢީދާއި އޭނާގެ ވިހި ހާސް ރުފިޔާ ހިފައިގެން އިންތިޒާރުގައި ހުރި މީހާޔާ ދިމާއަށް ބަލައިވެސް ނުލައި އޭނާ ހިނގައްޖެއެވެ.

ޙަސަން ސަޢީދު އޭ. އެމް. ރަޤީބުގެ ގާތަށް ގޮސް މަޑު މަޑުން ބުނެލިއެވެ. "ރަޤީބް އެ ގަލަން ބައްލަވައިގަންނަވަން ބޭނުންފުޅިއްޔާ އަޅުގަނޑު ސިރާޖާ ވާހަކަ ދައްކައިގެން ހަމަޖައްސަފާނަން."

"ކޮން ވިޔާނުދާ އަނގައެއް..." ރަޤީބް ރުޅި އައިސްފައި ބުނެލިއެވެ. އެކަމަކު ކުޑަކޮށް ވިސްނައިލައިފައި އަހައިލިއެވެ. "ވިއްކާނީ ކިހައި ވަރަކަށް؟"

"ދުވަހުގެ އަނިޔާގެ ދަށުން ތިން ލިޔުން ލިޔުއްވައި ދެއްވާ." ޙަސަން ސަޢީދު މާނައިން ފުރިފައިވާ ގޮތަކަށް އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އޭގެ ފަހުން އެ ގަލަން ގެންދަވާ."

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.