ޢީދު ހަދިޔާ: އަބުރު

ސަމީނާގެ ޙާލު ފެނިފައި ބޮޑުދައިތަ ގެ މޫނު ދިޔައީ ރަތްވެގެންނެވެ. ގަތްލަދުންނެވެ.

ކާވެނީގެ ފޯރީގައި ރޭ ހަތަރުދަމު ހޭލާ ތިބެފައި ނިދުނީމާ ގޭގެ އެކަކުވެސް އަދި ނުތެދުވެއެވެ. އެއީވެސް ނަސީބެކެވެ. ބޮޑުދައިތައަކީ ފަތިހު ތެދުވަން އާދަވެފައިވާ މީހަކަށްވާތީ ހޭލެވުނީއެވެ. ފަތިސް ނަމާދު ކޮށް ނިމިގެން ސަމީނާގެ ޚަބަރު ބަލައިލާނީއޭ ހިތައި އައީއެވެ.

މިއީ އާދަޔާ ޚިލާފު ކަމެއް ނޫނެވެ. އާ ކާވެނީގެ ފުރަތަމަ ރޭ ފިިރިހެން މީހާއެއް ނުނިދާނެއެވެ. ނިދިނަމަވެސް އިރު އެރުމުގެ ކުރިން ތެދުވާނެއެވެ. ފިރިހެނަކަށްވާއިރުވެސް އެންމެންނަށްވުރެ މާ އަވަހަށް ތެދުވެ ކޮންމެވެސް ތާކުންތާކު ނުޖެހޭ ކަމެއް ކުރާނީއެވެ. އަނބިމީހާޔާ ތޮޅޭނެއެވެ. މައާފަށް އެދޭނެއެވެ. ސައިދޭށޭ ގޮވާނެއެވެ. ރޭގަނޑު ހަތަރު ދަމު ކުރި އުނދަގުލުން ޖެހުނު ލައްތައް ފިލުވުމަކީ އެއްބޭނުމެވެ. އަނެއް ބޭނުމަކީ ދެވަނަރޭ އަންނަން ވާއިރަށް އަނބިމީހާ ހައްލައިލުމެވެ.

ޖެހިގެން ހުރި ކޮޓަރީގައި ނިދާ ބޮޑު ދައިތައަށް ކާޝިފް ހޭލައިފިކަން އެނގުނީ މި ސަކަރާތްގަނޑުގެ އަޑު އިވުނީމައެވެ. އޭނާ ތެދުވެ ވުޟޫކޮށްގެން އައިސް ފަތިސް ނަމާދު ކޮށްލިއެވެ. ކޮޓަރީގެ ދޮރު އާދަޔާ ޚިލާފަށް ބާރަށް ހުޅުވައިލާފައި ބޭރަށް ނުކުމެ ހަމަ އެހައި ބާރަށް ލައްޕައިލިއެވެ. އެއީ ކާޝިފަށް އަންގައިލަން ވެގެންނެވެ. މިއަޑު އިވިފައި ކާޝިފް މަޑުމަޑުން ކޮޓަރިންނުކުމެ ބޮޑުދައިތައާ ދިމާއަށް ބަލައިވެސް ނުލައި މިދަނީ ފިނިކޮށްލާށޭ ބުނެފައި ނުކުމެގެން ހިނގައްޖެއެވެ.

ބޮޑުދައިތަ ހިނިތުންވެލައިފައި ގޮސް ކާޝިފްގެ ކޮޓަރިއަށް ވަދެއްޖެއެވެ. ސަމީނާ ޔާ ވާހަކަދައްކައިލުމުގެ ބޭނުމުގައެވެ.

"ކޮއިފުޅާ. ސަމީނާ..."

ބޮޑުދައިތަގެ ބަސް ހުއްޓިއްޖެއެވެ. ލަދުންގޮސް މޫނު ދިޔައީ ރަތްވެގެންނެވެ.

ސަމީނާއަށްވެސް ލަދުން ހަދާނޭ ގޮތެއް ނޭނގުނެވެ. ބިންގަނޑު ފަޅައިލައިފައި އަޑިއަށް ދާނޭ ނަމައޭ ހިތަށް އެރިއެވެ. ކުރެވުނުހައިވެސް ކަމަކީ ގައިމަތީގައި އޮތް ފޮތިގަނޑު އަދިވެސް ބޮޑަށް ބޮނޑިކޮށްލެވުނީއެވެ.

"ސަމީނާ. ކަލޭ ހެދުންތައްކޮބާ؟"

ސަމީނާ ޖަވާބެއް ނުދިނެވެ.

"ރޭ ލައިގެން އުޅުނު ހަރުވާޅާއި، ކުރުތާވީ ކޮންތާކު؟"

"އެ... އެ... ބޮޑުދައިތާ... އެ..."

"ކޮން އެއެއް ތިޔަ ކިޔަނީ ދަރިފުޅާ؟" ބޮޑުދައިތަ ހިނިތުންވެލިއެވެ. "އަހަންނަށް އެންމެ ފުރަތަމަ އާދެވުނުކަން ރަނގަޅު. އެކަމަކު އެންމެ ކުޑަމިނުން..." ބުނާނީ ކީކޭ ބާވައެވެ؟

"ބޮޑުދައިތާ. އެތަނުން ހެދުމެއް ދެއްވާ." ސަމީނާ ހިނިތުންވެލައިފައި އަލަމާރިއާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.

"އަލަމާރިން އާ ހެދުމެއް ނަގަނީ ކީއްކުރަން؟ ކާވެނީގެ ހެދުމަށް ވީ ކީއް؟ ހައިރާންވެދާނެ؟ އަދި ތިޔަ އޮތީ ފެންވެސް ނުވަރާ. އަނެއްކާ އަނެއްހެދުން ނަޖިސް ކުރަންވީތަ؟"

ސަމީނާ އަނގައިން ނުބުނެ އެނދުކައިރީ ބިންމަތީގައި ހުރި ފޮތި ބޮނޑިއަކަށް އިޝާރާތް ކޮށްލިއެވެ.

ބޮޑު ދައިތަ ގުދުވެފައި އެތަނުން ކުރުތާއެކޭ ހީވި ފޮތިކޮޅު ނަގައިފިއެވެ. ކުރުތާ އޮތީ ދެކުރުތާއަށް ވެފައެވެ. ހަރުވާޅު އޮތީ ދެ ހަރުވާޅަށް ވެފައެވެ.

"އަސްތާ މިއޮތީ ދޭތި ހަތަރެއްޗަށް ވެފައެއްނު؟"

ސަމީނާ ލަދުން އިސްޖަހައިލިއެވެ. އެކަންތައް ހިނގިގޮތް ނުބުނިނަމަވެސް އޭނާގެ މޫނުމަތިން ފާޅުވޭވެ ހުއްޓެވެ.

"ބޮޑުދައިތާ އަޅުގަނޑު އޭނާ ހުއްޓުވޭތޯ އުޅުނިން. އެކަމަކު..." މިއީ ސަމީނާގެ ދުލުން ބޭރުނުކޮށް ބޮޑުދައިތަގެ ކަންފަތަށް ފޯރި ހިސާބެވެ.

"އަޖާއިބުވާވަރުވޭ- އުމުުރުން މިހައި ދުވަސްވީއިރު އަހަރެން ދުވަހަކުވެސް މިވަރުގެ ކަމެއް ނުދެކެން. ދެން އެންމެ ރަނގަޅު. އަވަހަށް ތެދުވެގެން ގޮސް ފާޚާނާއަށް ވަދޭ. މިގޭގައި އެއުޅޭ އަންހެންވެރިން ހޭލައިގެން..." ލަދުގަތް ނަމަވެސް ބޮޑުދައިތަގެ ގާތަށް ހިނިވެސް އެބައާދެއެވެ. "ކާޝިފްގެ ކަންތަކާ ހެދި ޙައިރާންވެއްޖައިން..."

* * *

އެއީ ކާޝިފްގެ އާދައެވެ.

ވާފިރަކީ މުއްސަނދި މީހެކެވެ. އެހެން ނަމަވެސް މާމޮޅަށް ކިޔަވައިގެން ހުރި މީހެއްނޫނެވެ. ކާޝިފަށް މޮޅަށް ކިޔަވައި ދިނީ އެހެން ވެގެން ކަންނޭނގެއެވެ. އޭނާއަށް ލިބިފައި ވަނީ ބައްޕަގެ ސިފަތަކެވެ.

ކާޝިފް އެންމެ ކާހިތްވަނީ ކުކުޅު ބިރިޔާނީއެވެ. ރައްޓެއްސެއްގެ ގޭގައި އޮތް ޕާޓީއެއްގައި ކައްކައިފައި ހުރި ބިރިޔާނީ މީރުކަމުން ގޮސް ކެއްކި ކުއްޖާޔާ ހިތައިވެސް ވެއްޖެއެވެ. ޕާޓީއަށް އައި އެންމެން ކާވަރަށް ބިރިޔާނީ ކެއްކީ އެހައި ރީތި، ހިކި ކުއްޖަކަށް ވީތީ ތާރީފު ނުކޮށެއްވެސް ނުހުރެވުނެވެ.

އެދުވަހު ސަމީނާ އެހެން ހުރިހާ ދުވަހަކަށް ވުރެ ރީއްޗެވެ. އެއީ މާ ބޮޑަށް ނަލަ ހެދިގެން ހުރީމާ ކަމަށްވެސް ވެދާނެއެވެ.

ސަމީނާ ފެނުނީމާ ކާޝިފް ހައިރާންވީ ވަރުން އަނގަ ހުޅުވުނެވެ. "ކިޔަވާށޭ ކިޔާފައިގޮސް އެހެން ރަށެއްގައި އުޅެވުނީ އަހަރެންގެ މޮޔަކަމުން." އޭނާ އަމިއްލަ ނަފްސަށް މަލާމާތް ކުރިއެވެ.

"އޭތް. ރީނދޫ ޕަރީ. ޒުމައްދަރު ޕަރީ." ބޭރުން ކިޔެވިނަމަވެސް ހިތުގައި އޮތް އެއްޗެއް ފާޅުކުރާކަށް ކާޝިފް ޖެހިލުމެއް ނުވެއެވެ.

ސަމީނާ އެނބުރި ބަލައިލިއެވެ. "އަޅުގަނޑާ ވާހަކަ ދެައްކެވިންތޯ؟"

"އާނ. އާނ. މި ގޮވަނީ ހަމަ ކަމަނާއަށް. ޒުމައްދަރު ޕަރީ. ލައިގެން ތިޔަހަރަ ރީނދޫ ލިބާސް އިސާހިތަކު ރަތްވެދާނެ." ކާޝިފް މޭގައި އަތް ޖައްސައިލިއެވެ.

"ޔާރައްބީ. ތިޔަކިޔުއްވާ އެއްޗެއް އަޅުގަނޑަކަށް ނޭނގޭ. ސަމީނާ ބިރުންހުރެ ބުނެލިއެވެ.

"މި ކިޔައިދެނީ. ތިޔަ ތޫނު ލޮލުން ފޮނުވާލި ތީރު އަހަރެންގެ ހިތް ފޫ އަޅުވައިލާފައި ބުރަކަށިން ނުކުމެގެން ހިނގައްޖެ. މި ދައްކަނީ އެ ވާހަކަ. އަހަރެން ރޮލާ ކަތިލީ ވާހަކަ. އަހަރެންގެ ލެއިން ކަޅިވެ ކަލޭގެ ތިޔަ ރީނދޫ ލިބާސް ރަތްވާނެ ވާހަކަ. ވިސްނިއްޖެތަ؟"

"އަމައްޔާތް. ނޫޅެން..." ސަމީނާއަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

"ނޫޅެމޭ ކިޔާނެ ކަމެއްނެތް. ހަމަ މިހާރު ގާޒީއަކު ގެނެސްގެން މި ހަމަޖައްސައިލަނީ. އޭރުން ނޫޅެއެއް ފަރަކު ނުޖެހޭނެ."

ސަމީނާ ބިރުން ދުވެފައި އޭނާގެ މަންމަގެ ގާތަށް ހިނގައްޖެއެވެ.

އެހެންނަމަވެސް މާގިނަ ދުވަސް ތަކެއްނުވެ ސަމީނާއަށް ޖެހުނީ ކާޝިފުގެ މިލްކަކަށް ވާށެވެ.

ކާޝިފަކީ މަތީ އާއިލާއަކުން އައިސްހުރި މީހަކަށް ވިޔަސް ބޮޑާކަމުގެ އެއްވެސް އަސަރެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ. އަބަދުވެސް އުޅެނީ އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއްގެ ބޭނުން ކޮށްގެންނެވެ. މަތީ ތައުލީމު ހާސިލުކޮށްގެން ހުރި މީހަކަށް ވަޒީފާއެއް ހޯދުންވެސް އުނދަގޫ ކަމަކަށް ނުވިއެވެ.

ކާވެނީގެ ކަންތައްވެސް ހަމަޖެހިގެން ދިޔައީ ވަރަށް އަވަހަށެވެ. އެއްވެސް މީހެއްގެ ނުރުހުމެއް މެދުވެރި ނުވެއެވެ. ކާޝިފްގެ މުޅި ހިތް އެކީގައި ސަމީނާއަށް ދީ ނިންމީ ހަމަ އެންމެ ދުވަހަކުންނެވެ. ލޯތްބަކީ އެކަހަލަ އެއްޗެކެވެ.

އެހައި ލޯބިވާ އަނތްބަކު ލިބުނީމާ ވާނޭ ގޮތްވީއެވެ. ހެދުން ހަތަރު ފަޅިނުވެ، ދެފަޅިވިކަންވެސް ރަނގަޅެވެ.

* * *

އާއިލާގެ އެންމެންގެ ތެރެއަށް ދޭތި ހަތަރެއްޗަށް ވީ ވާހަކަ ފެތުރިގެން ހިނގައްޖެއެވެ. ދެތިން އަންހެނަކު އެއްތަން ވާއިރަށް އޭނާޔާ ދިމާކުރަން ފަށައެވެ.

"ބުނެބަލަ ސަމީނާ. އެރޭ ކިހިނެއްތަވީ؟"

"ހަމަ އާ ހެދުމެއް ފަޅައިލީތަ؟"

"ކަލޭ ހަމަ އަޅާވެސް ނުލާ އިނީތަ؟"

"ކުރާނީ ވަކި ކީއްތަ؟ ކޮންމެވެސް އެކައްޗެއް ހަލާކުވާނެތާ!"

އެޔާއެކު އެންމެން އެކީގައި ބާރަށް ހީނގަނެއެވެ.

ސަމީނާ އެމީހުންނަށް ފިލަން ވަރަށް މަސައްކަތްކުރެއެވެ. އެހެން ނަމަވެސް ކާމިޔާބު ވާގޮތެއް ނުވެއެވެ.

ވާހަކައިގެ މެދުތެރެއިން ބައެއް ފަހަރަށް ކާޝިފު އައިސް ބައިވެރިވެއެވެ. އޭނާ ބައިވެރިވީމާ ޖެއްސުން ކުރުން ހައްތަހާ ދަނީ މައްޗަށެވެ. އޭނާ މޭގައި އަތްއަޅައިގެން ހުރެ ބުނެއެވެ. "އަހަންނަށް ދެއްވައިފައި މި އޮންނަނީ އެންމެ ހިތަކާއި، އެންމެ ދެލޯ. އެއްހާސް ހިތާއި، އެއްހާސް ލޯ ލިބޭނެނަމަ ކިހާ ރަނގަޅު. އަހަރެންގެ ޒުމައްދަރު ޕަރީ ދެކެ ލޯބިވާން އެވަރުވެސް އަދި މަދު..."

އަންހެން ކުދިންގެ މޫނުގެ ކުލަވަރު ބަދަލުވެގެންދެއެވެ. ހަސަދަވެރި ވަނީއެވެ. ސަމީނާއަށް އެހައި ލޯބިވާ ފިރިއަކު ލިބުނީތީއެވެ.

ﷲގެ ރަޙްމަތުން މި ލޯބި އިތުރުވާނޭ ގޮތެއްވެސް މެދުވެރި ކުރައްވައިފިއެވެ. ކާވެންޏަށް އެއް އަހަރު ވީތަނާ ދަރިޔަކު ލިބިއްޖެއެވެ.

"މި ސޮރުގެ ނަސީބުވެސް ހާދަހާ ގަދައޭ." ސަމީނާ ކުޑަ ދަރިފުޅު އުރައިލާ، މޭގައި ޖައްސައިލުމުން ކާޝިފް ބުނެއެވެ. "އަހަރެންގެ ނަސީބުވެސް މިހާރު މިއޮތީ މިސޮރަށް ލިބިފައި."

"ޔާރައްބީ." ސަމީނާ ލަދުން ބުނެލައެވެ. "މަޑުން ވާހަކަ ދައްކަވާ. މީހަކަށް އިވިދާނެ."

"ތިޔައީ ވަރަށް ބޯދާ ވާހަކައެއް. މީހަކަށް އަޑު އިވުނިއްޔާ ވާނީ ކީއް؟ މުސްކުޅިއަކަށް އަޑުއިވިއްޖިއްޔާ ޒުވާން ވެދާނެ. ކުޑަކުއްޖަކަށް އިވިއްޖިއްޔާ ބާރުލާފައި ދުވެގޮސް އަވަހަށް އަހަރެންވެސް މީހަކާ ދެވާށޭ މަންމަ ގާތުބުނާނެ. ނޫންތަ؟"

* * *

ކާޝިފަށް ވަޒީފާގެ ކުރިއެރުން ލިބިއްޖެއެވެ. ދެވަނަ ކުއްޖަކުވެސް ލިބިއްޖެއެވެ. މިފަހަރުވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. އެކަމަކުވެސް ދެމަފިރިންގެ ލޯތްބަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. ދުވަހެއް ދުވަހަކަށް ދިޔައީ އިތުރު ވަމުންނެވެ.

މުސާރައިގެ އިތުރުން އަމިއްލަ ވިޔަފާރިންވެސް އަރާމުގައި އުޅެވޭވަރަށް ފައިސާ ލިބެއެވެ.

ކާޝިފްގެ ކާރުގެ ބަރުގޮނުގެ އަޑު އިވޭއިރަށް ސަމީނާ ބޭރަށް ނުކުމެއެވެ. އޭނާވެސް ވަނީ ކާޝިފްގެ ލޯބީގައި ދީވާނާވެފައެެވެ. ކުދިން އާޔާއާ ހަވާލުކޮށްފައި ނުކުމެ ކާޝިފަށް މަރުހަބާ ކިޔައެވެ.

ސަމީނާ ނުކުތް އިރު ކާޝިފް ކާރުން ފައިބަނީއެވެ.

"މިއަދު ހާދަހާ ރީތި ދުވަހެކޭ. ނިކަން ކައިރިއަށް އައިސްބަލަ." ކާޝިފް ލާނެތް ރާގަކަށް ބުނެލިއެވެ.

"ނޫޅެން. ތިޔަހައި ލަދުކުޑަ ވާހަކަ ދައްކަންޏަކާ ނުދާނަން." ސަމީނާ ލަދު ގަތެވެ.

"އެއީ ލަދުުކުޑަ ވާހަކައެއްތަ؟ ނުލާހިކު ސާފުތާހިރު ކުރު ޖުމުލައެއް. ކައިރިއަށް އައިސްބަލާށޭ. ސަމީނާގެ ވިސްނުން ހުތުރުވީމާ ވާހަކަވެސް ހުތުރުވީ. އެކަމުގައި އަހަރެން ކުރާނޭ ކަމެއް އެބައޮތްތަ؟" ކާޝިފް ވަރަށް ބާރަށް ހީނގަތެވެ.

"މުސްކުޅިވާ ވަރަކަށް ކާޝިފުގެ ސިކުނޑި ދަނީ ތަޣައްޔަރުވަމުން."

"މުސްކުޅިވާން ވީމާ މުސްކުޅި ވާނެ. އެކަމެއް ނުހުއްޓުވޭނެ. އެކަމަކު އަހަރެން މުސްކުޅިވުމުގެ ކުރިން އަންހެން ދަރިއެއް ވިހާ. ސަމީނާ ކަހަލަ... ދޮންދޮން... ވަށްވަށް... ހަމަ ޒުމައްދަރު ޕަރީއެއް. އަންހެން ކުއްޖަކު ލިބުނީމާ އަހަރެން އަމިއްލައަށް މުސްކުޅި ވެގަންނާނަން."

އެކަމަކު ކާޝިފަށް އަވަހަށް މުސްކުޅި ވެވޭގޮތެއް ނުވިއެވެ. ތިންވަނައަށް ލިބުނީވެސް ފިިރިހެން ކުއްޖެކެވެ. ވުމާއެކު ކާޝިފާއި، ސަމީނާގެ ޒުވާން ކަމެއް ނުކެނޑުނެވެ. ވަގުތު ދިޔައީ ހަލުވި ކަމާއެކު ހިނގަމުންނެވެ. މީހެއްގެ އުއްމީދަކަށް ބެލުމެއް ނެތިއެވެ.

ކާޝިފްގެ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާގެ ކުރިމަތީގައި ސަމީނާ މުސްކުޅިއެއް ނުވިއެވެ. ސަމީނާ މުސްކުޅިވީހެން ހިއެއްވެސް ނުވެއެވެ. ތިންކުދިން ވިހެއި އިރުވެސް ހަށިގަނޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޮލުގައި ނުރަ ޖެހީމާ އޭނާ ހީނާފަތްއެޅީއެވެ. މިހާރު ރަތާއި، ކަޅު ކުލައިގެ އިސްތަށިގަނޑެއްގެ ތެރެއިން މޫނު ފެންނައިރު އިހަށްވުރެ މާރީއްޗެވެ. ހަށިގަނޑު ޒުވާންކަންމަތީ ދެމެހެއްޓުމުގެ ހުނަރު އޭނާއަށް ފިސާރި ރަނގަޅަށް ލިބިފައިވެއެވެ. ކާޝިފަކީ މިހާރު މިނިސްޓަރެއްގެ ނާއިބެކެވެ. ވުމާއެކު ގެއަށް އަންނަ މެހުމާނުންވެސް ގިނަވާން ފަށައިފިއެވެ. ބައެއް މީހުން ސަމީނާއަކީ ކާޝިފުގެ ދަރިއެއްކަމަށްވެސް ހީކުރެއެވެ. އެކަމަކުވެސް ކާޝިފް މުސްކުޅި ވީކަމަކަށް ގަބޫލެއް ނުކުރެއެވެ. އަދި ސަމީނާ މުސްކުޅި ވީކަމަކަށްވެސް ނުދެކެއެވެ.

* * *

މިއަދަކީ ޗުއްޓީ ދުވަހެކެވެ.

ކާޝިފް ހަވީރު ބޭރަށް ނުކުންނަން އަރަން ވެގެން އޭނާގެ ހުދު ބޫޓު ހޯދަހޯދާ ނުފެނުނެވެ. ހޯދަމުން ދަނިކޮށް ފެނުނީ ދޮށީ ދަރި އިމްތިޔާޒު އަރައިގެން ހުއްޓައެވެ. އޭނާ ހައިރާން ވެފައި އިމްތިޔާޒުގެ ފަޔާ ދިމާއަށް ބަލާލިއެވެ. އޭނާގެ އުމުރުން ވަރަށް ގިނަ ދުވަސް ވެއްޖެ ކަމުގައި ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނީ އެ ދުވަހުއެވެ.

ފިރިހެނުންނަކީ އެހެން ޒާތެއްގެ ބައެއްކެވެ. ދަރިން ބޮޑެތިވެ އަތްނުފޯރާ ހިސާބަށް އިސްކޮޅުން ދިގުވާއިރުވެސް މުސްކުޅިވީ ކަމަށް އެއްބަސްވާކަށް ނުކެރެއެވެ. ކާޝިފްގެ ޚިޔާލު އެނބުރި ގޮސް ހުއްޓުނީ ސަމީނާއަށެވެ. "ސަމީނާ. ނިކަން ބަލާބަލަ. ސަމީނާގެ ދަރިން ބޮޑެތިވެއްޖެ. މިހާރު އަހަރެންގެ ބޫޓު ހެޔޮވަރު ވާވަރު ވެއްޖެ."

ސަމީނާ އޭނާގެ ދަރިން ގޮވައިގެން ޕާޓީތަކަށް ދާ ހިތްވެއެވެ. އެއީ، އޭނާގެ ޒުވާންކަމުގެ ދިރިތިބި ހެކިތަކެކެވެ. އެހެނީ ޕާޓީ ތަކުގަޔާއި، ގޭގައި ބޭއްވޭ ބައްދަލުވުންތަކުގައި ދަރިން ތައާރަފުކޮށް ދެވުމާއެކު މީހުން ބުނެއެވެ. "މިއީ ހަމަ ސަމީނާގެ ކުދިންތޯ؟  ގަބޫލު ކުރަން ވަރަށްދަތި. މިއީ އަނެއްކާ ކޮއްކޮއިންނެއް ނޫންތޯ؟"

އެވާހަކަތައް އިވުނީމާ ސަމީނާ ވަރަށް ބޮޑަށް އުފާވެއެވެ. އަންހެނުންނަކީ ތާއަބަދު ޒުވާންކަންމަތީ ތިބޭހިތްވާ ބައެކެވެ. ސަމީނާއަށް ވަނީ ދެއުފާ އެކީގައި ލިބިފައެވެ. އެއީ ޒުވާންކަންމަތީ ދެމިހުރުމުގެ އުފަލާއި ދަރިން ބޮޑެތިވުމުގެ އުފަލެވެ.

މިބާވަތުގެ ވާހަކަތައް ދެކެވުމުން ކާޝިފް ހަމައެކަނި ހިނިތުންވެލަނީއެވެ. އޭނާ މިހާރުވަނީ އިހަށްވުރެ ފަލަވެފައެވެ. ބޮލުގެ އިސްތަށިން ބޮޑުބައެއް ހުދުވެފައެވެ. ވުމާއެކު ތިންކުދިންގެ ބައްޕައަކީ ކާޝިފް ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.

ސަމީނާއަށް ކާޝިފް އޭނާ ދެކެ ލޯބިވާ މިންވަރަށް އުނިކަން އަންނަ ކަމުގައި އިހުސާސް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ ވިސްނީ އެއީ، ވަގުތާއި، އުމުރަށް އަންނަ ބަދަލުގެ ނަތީޖާ ކަމަށެވެ. ލޯބީގެ ދައުރު މިހާރު ފާއިތުވެ ހިނގައްޖެކަމަށް އޭނާ ގަބޫލު ކުރެއެވެ. މިހާރު މުސްކުޅި ވެއްޖެއެވެ. ދަރިން ބޮޑެތިވެ މީހުނާ އިންނަވަރު ވެއްޖެއެވެ.

އެހެންނަމަވެސް ސަމީނާއަކީ މޮޔައެކެވެ. އިސްކޫލުން ކިތަންމެ މަތީ ދަރަޖަައަކުން ފާސްވިޔަސް ގެއާއި، ގެވެހި ކަންތައްތަކުން މަތީ ވަނައެއް ލިބުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އޭނާ ވިސްނާ ގޮތާއި، ހަގީގަތާ އުޑާ ބިމާހައި ތަފާތެވެ.

ކާޝިފަށް ސަމީނާ މުސްކުޅި ވެއްޖެ ކަމުުގެ އިހުސާސް ކުރެވުނީ ކުއްލިއަކަށެވެ. ކިތަންމެ ޒުވާންކޮށް ފެނުނު ނަމަވެސް ކާޝިފަކަށް އޮޅުވައެއް ނުލެވޭނެއެވެ. އިސްތަށިގަނޑުގައި ކުލަޖައްސާތަނާއި، ތުންފަތުގަޔާއި، މޫނުގައި އެކި ވައްތަރުގެ ލޯޝަނާއި، ކިރިމް އުނގުޅާތަން އޭނާއަށް ފެނެއެވެ. ބޮޑު ކެކުރިއާއި، ބަދަނާއި، މާމުއިން ބާވަތް ބާވަތުގެ ބޭސް ހަދައިގެން ބޭނުން ކުރަނީ އޭނާގެ ކުރިމަތީގައެވެ.

ކޮންމެ ގޮތެއްވިޔަސް ވަކި އެނދެއްގައި ނިދާ ހިސާބަކަށް އަދި ނުދެއެވެ. ޒުވާން ދުވަސްވަރުގެ ޖެއްސުންކުރުމާއި، ސަމާސާކުރުން މިހާރަކު ނޯވެއެވެ. އޭރު އާދަކޮށް ކާޝިފް ބުނާ ވާހަކައެއް އޮވެއެވެ.

"ސަމީނާ. އަދި ނުނިދާތި. އަހަރެން ފަހުން ސައިތަށްޓެއް ބޭނުން ވާނެ."

އެ ސައިތައްޓަކީ ކޮބައިކަން ސަމީނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވުމާއެކު ހިނިތުން ވެލައިފައި ބުނެއެވެ. "އަޅުގަނޑުވެސް ސައި ބޭނުންވޭ- އެހެންނަމަވެސް ބުނެގެން ހޯދުމުގެ އިޚުތިޔާރު ދެއްވާފައި ވަނީ ހަމައެކަނި ފިރިހެނުންނަށްކަން ނޭނގޭ. އަންހެނުންނަށް ލަދު ކަނޑައިލައިފައި ތިޔަ ކަހަލަ ވާހަކަ ދައްކާކަށް ނުކެރޭނެ."

މި ކަހަލަ ސައި ތަށްޓެއްގެ ބޭނުން ކާޝިފަށް މަދުވެގެން ހަފްތާއަކު ދެތިން ފަހަރު ޖެހެއެވެ. ސަމީނާ މިހާރު ނިދަނީ ވަކި އެނދެއްގައެވެ. ބައެއް ދުވަސްދުވަހު ވަރަށް އުފާވެރި، މަޖާ ކާޝިފެއް ފެނެއެވެ. އަނެއްބައި ދުވަސްދުވަހު ރުޅިއައިސްގެން އޮފީހަަކަށްވެސް ނުދެއެވެ. ގޭތެރޭގައި ދެކޮޅަށް ހިނގައިލަ ހިނގައިލާ ހުންނަނީއެވެ. މެއްސެއް އުދުހިލާ ގޮތުންވެސް ރުޅި އަައިސްގެން ހަތްބިމު ވެލި އެއްތަން ކޮށްފާނެއެވެ.

* * *

ކާޝިފާ އެއް ހައިސިއްޔަތުގެ ރަހުމަތްތެރިންނަކީވެސް މިނިވަން ޚިޔާލުގެ މީހުންނެވެ. މުއްސަނދި، މި ޒަމާނުގެ ތަހުޒީބަށް ލޯބިކުރާ މީހުންނެވެ. ބުރުގާއެޅުމާއި، އަންހެނުން ގޭތެރޭގައި ތިބުންފަދަ ކަންތައްތަކަކީ ބޯދާ ކަންތައްތައް ކަމަށް ދެކޭ މީހުންނެވެ.

ކާޝިފްގެ ރަހުމަތްތެރިއެއްކަމަށްވާ ޢަބްދުލްކަރީމްގެ ގެއަށް އައިސްގޮސް ވާތާ މިހާރު ހައެއްކަ ދުވަސް ވެއްޖެއެވެ. މި އައިސް ގޮސް ވުން ވަރަށް ގިނަވެސް ވާން ފަށައިފިއެވެ. ޢަބްދުލްކަރީމަކީ އަބުރުވެރި އެކެވެ. އެހެންނަމަވެސް ރަށުތެރޭޭގައި ވާހަކަ ދެކެވޭ ގޮތުގައި ޢަބްދުލްކަރީމް އޭނާގެ އަންހެން ދަރިފުޅަށް އިރުޝާދު ދީފައިވަނީ ވަރަށް ފައިސާވެރި ފިރިހެނަކު ދަލުގައި ޖައްސާށެވެ. މުއްސަނދި މީހަކާ ނޫނީ ނީންނާށެވެ.

ގޭގައި ބޭއްވޭ ޕާޓީތަކަށް ޢަބްދުލްކަރީމާއި، އޭނާގެ އާއިލާއަށް ދައުވަތު ދޭން ކާޝިފް އުޅުނީމާ ސަމީނާ ފުރަތަމަ ދެކޮޅުހެދިއެވެ. އެހެންނަމަވެސް ފިރިމީހާ ދޫނުކުރީމާ އެންމެ ފަހުން އެއްބަސްވަނީއެވެ.

ޒޭބާއަކީ އެންމެ މި ޒަމާނުގެ ތަހުޒީބުން ޖަރީވެފައިވާ ކުއްޖެކެވެ. ގިނައިން ލާ އުޅެނީ ޓީ-ޝާޓާއި ޖީންސެވެ. ހެދުމެއް ލިޔަސް އޭގައި އަތެއް ހުރެގެން ކަމަކު ނުދެއެވެ. ވާހަކަ ދައްކަނީ އިނގިރޭސި ބަހާއި، އަމިއްލަ ބަހާ މަސްހުނިކޮށްގެންނެވެ.

ޒޭބާ އެގެއަށް އައިސް ކާޝިފާ މާބޮޑަށް ގައިގޯޅިވެގެން އުޅޭތަން ސަމީނާއަށް ފެނެއެވެ. މަޑުމަޑުން ގޮސް ފިރިމީހާގެ ފައި މަގުން ކައްސާލައިފިކަން ސަމީނާއަށް އެނގިއްޖެއެވެ. މިހާރަކަށް އައިސް އޮފީހުން ނިމިގެން ދަނީވެސް ޒޭބާގެ ގެއަށެވެ. އެގެއިން ކައިބޮއިވެސް ހަދަން ފަށައިފިއެވެ. ގެއަށް އާދެވޭ އިރު ހުންނަނީ މެންދަން ވާން ކައިރިވެފައެވެ.

މިހުރިހާކަމެއް ހިނގަން ފެށީ ކާޝިފުގެ ބައްޕަ މަރުވެ ހުރިހާ މުދަލެއްގެ ވެރިއަކަށް ކާޝިފް ވުމާވެސް އެކުގައެވެ.

ދެއްކުނު ވާހަކައެއްގެ ތެރޭގައި ކާޝިފަށް އޭނާގެ މުއްސަނދިކަމުގެ ވާހަކަ ބުނެވުނީކަން ނޭނގެއެވެ. ޢަބްދުލްކަރީމްގެ ދެބަފައިން ދާ ފަތުރައިލީ އެހެން ވެގެން ކަމަށް ވެދާނެއެވެ.

ކާޝިފް، ޒޭބާއާ އިންނަން ޚިޔާލު ކުރާކަން އެނގެއެވެ. ބައެއް ފަހަރަށް ވާހަކައިގެ ތެރޭގައި ވަަރަށްގިނަ ފިރިހެނުން ދެމީހުން، ތިންމީހުންނާ އިނދެގެން އުޅޭ ވާހަކަ ދައްކައެވެ.

މީހަކާ ނީނދެހުރެ އެމީހެއްގެ އިއްފަތްތެރިކަމާ ކުޅުމަކީ ކާޝިފް ރުހޭކަމެއް ނޫނެވެ. ހިލޭ އަންހެނުންގެ ގާތަށްގޮސް ޖިންސީ ހައިހޫނުކަންފިލުވުމަކީ އޭނާދެކޭ ގޮތުގައި ވަހުޝީ އަމަލެކެވެ. ޒޭބާ، ކާޝިފްގެ ގައިގައި ތަތްކޮށްލަން ވަރަށް މަސައްކަތް ކުރެއެވެ. ކާޝިފް ކޮންމެވެސް ބަހަނާއެއް ދައްކައިފައި ސަލާމަތްވަނީއެވެ.

ކާޝިފް ބުނެއެވެ. "ޒޭބާ. ތިޔަހައި ބޮޑަށް ކައިރިނުވޭ."

"ކިހިނެއްވީ؟ އަހަރެންގެ ގައިގައި ކަރަންޓު ހުރީތޯ؟"

"ނޫނޭ... އެހެން ވެގެންނެއް ނޫން... އެއީ... އެއީ..."

އޭނާގެ ހިތަށް އަރައެވެ. މިހައި މިނިވަން ޚިޔާލުގެ އަންހެންކުއްޖަކަށް ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ އެއީ ދީނުގެ ހަމަތަކާ ޚިލާފު ކަމެކޭ ބުނީމާ ވިސްނޭނެބާވައެވެ؟ ދީނުގެ ހަމަތަކާ ޚިލާފުނުވެ ކުރެވެން އޮތް ކަމެއް ބޮޑު ފާފައަކަށް ހެދުމުގެ ބޭނުމެއް ނެތެވެ. އެއްވެސްކަމަކާ ނުލައި ﷲގެ ކޯފާއަށް ވެައްޓިގަތުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ޒޭބާ ވެސް ވިސްނައެވެ. މިއީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ ޒުވާން އަންހެން ކުއްޖަކު އަތުގައި ހިފައިލީމާވެސް ގަންނަނީ ލަދެވެ.

* * *

އަންހެނުން އެމީހުންގެ ފިރިން ދެކެ އިންތިހާއަށް ލޯބިވެއެވެ. އެލޯބީގައި ތިމާގެ އަމިއްލަ ވުޖޫދު ހަނދާން ނައްތައިލައެވެ. މި ލޯތްބާއެކު ފިރިމީހާދެކެ އެހައި ބޮޑަށް ބިރުވެސް ގަނޭމެއެވެ. ފިރިމީހާގެ ރުޅީގެ ސަބަބުން އޭނާގެ އުފާވެރި ހަޔާތް އަނދިރިވެގެން ހިނގައިދާނެތީއެވެ. ވުމާއެކު ފިރިމީހާ ރުއްސައިގެން، ހިނގާ ކުދިކުދި ނުބައި ކަންތައްތައް ހަނދާން ނައްތާލައިގެން އުޅުމަކީ އަންހެނުންގެ އާދައެކެވެ. އެހެން ނަމަވެސް ވަގުތު އައުމާއެކު އަންހެނުންގެ ހިތްވަރު އާލާވެ، ފިރިމީހާގެ ރުޅިއަކަށް ބެލުމެއްނެތި، ތިމާގެ ހަޔާތް ބަރުބާދުވެގެން ހިނގައިދާނެތީ ގަންނަ ބިރު ހިތުން ފޮހެލައި ތެދުވެއެވެ.

ސަމީނާ އެދުވަހު ކާޝިފާ ކުރި ސުވާލެއްގެ ސަބަބުން އޭނާގެ އަނގަ ހުޅުވުނު ގޮތަށް ހުޅުވިފައި ހުރެއްޖެއެވެ. ހައިރާންވީ ވަރުން ބުނާނޭ އެކައްޗެއްވެސް ނޭނގުނެވެ.

"ޒޭބާއާ ކާވެނި ކުރައްވަނީ ކޮންދުވަހަކުންތޯ؟" ކާޝިފް ބޮޑަށް ހައިރާންވީ ސަމީނާގެ މޫނުމަތިން އެއްވެސް ކަހަލަ އަަސަރެއް ފެންނަން ނެތީމައެވެ.

ކާޝިފް އިރުކޮޅެއްވާންދެން އަނގައިން ނުބުނެ ހުރީއެވެ. މިއީ ވަަރަށް ނާޒުކު ވަގުތުކޮޅެކެވެ. ތިމަން މީހަކާ އިންނާކަށް ނޫޅެމޭ ބުނެފިނަމަ ހުރިހާ ކަމެއް ފަނުފުލުން ދާނެއެވެ. އިންނާނަމޭ ބުނެފިނަމަ...

އޭނާ ބުއްދީގެ ބޭނުން ކޮށްގެން ހިތްވަރާއެކު ޖަވާބުދިނެވެ. "ކާވެނި އޮތީ ހަމަޖެހިފައި. އަދި ވަކި ދުވަހެއް ކަނޑައެއް ނާޅަން." އޭނާ ބޭއިޚުތިޔާރުގައި އިނގިލިން ކަށި ގޮއްވަން ފަށައިފިއެވެ. ހިތަށް އެރިއެވެ. ކޮންފަދަ ހިތްވަރުގަދަ އަންހެނެއް ހެއްޔެވެ؟ އެއްގޮތަކަށް ވެސް ރުޅިއެއް ނާދެއެވެ. މޫނުމަތީގެ ކުލަވަރަކަށްވެސް ބަދަލެއްނާދެއެވެ.

"މި އަންނަ ހަފްތާ ހަމަޖައްސަވަންވީ ނޫންތޯ؟"

"އޭނ..." ކާޝިފް ދިޔައީ ސިއްސައިގެންނެވެ. "ތިޔަ ވާހަކަ ދައްކަނީ ހަމަ ސަމީނާތަ؟"

"ކިހިނެއްވީތޯ؟ މިއަންނަ ހަފްތާ ރަނގަޅުވާނެ. އޭރުން ތައްޔާރުވާން ވަގުތުވެސް ލިބޭނެ." ކާޝިފަށް ފުރުސަތެއް ނުދީ ސަމީނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މިއަންނަ ހަފްތާގެ ހުކުރު ދުވަސް ނޫނީ ހުކުރުވިލޭރޭ ރަނގަޅުވާނެ. އަޅުގަނޑު ކުޑަ ޕާޓީއެއްވެސް ބާއްވާނަން. ކާވެނީގެ އުފަލުގައި ކޮންމެވެސް ކަމެއް އޮންނަން ވާނެނޫންތޯ؟ ފަންސާހަކަށް މީހުން ރަނގަޅުވާނެތޯ؟" އޭނާ އިޚްލާސްތެރިކަމާއެކު އަހައިލިއެވެ.

ކާޝިފްގެ ހިތަށް އެރިއެވެ. މިއީ ރަނުގެ ފުރުސަތެކެވެ. ބޭނުން ނުކުރެވިއްޖެނަމަ ކީހައި ޅެން ފަރިއްސަށް ވާނެއެވެ. އޭނާ ވިސްނައިލާފައި ޖަވާބު ދިނެވެ.

"ރަނގަޅުވާނެ."

* * *

މުޅި ގެ ވަނީ ޒީނަތްތެރި ކުރެވިފައެވެ. ކުލަބޮކި ތަކާއި، މީރުވަސްދުވާ ބާވަތް ބާވަތުގެ މާމެލާމެލިންނެވެ. ގޭތެރޭގައި ހިނގަމުންދަނީ މީރު ކެއުމާއި، ސަރުބަތުގެ ދައުރެކެވެ.

ޒޭބާ މިއަދު ލައިގެން ހުރި ހެދުމަކީ އެހެން ހުރިހާ ދުވަހަކަށްވުރެ ނިވައިކަން ކުޑަ ހެދުމެކެވެ. ހީވަނީ ހަށިގަނޑު ހެދުން ދޫކޮށް ނުކުމެދާން އުޅޭހެންނެވެ.

ހުރިހާ އެންމެން ހަމަވެ ކާތަކެއްޗަށް އިންސާފުކުރަން ފެށުމާއެކު ސަމީނާ އެންމެންގެ މެދަށް ނުކުމެ ބާރަށް ވާހަކަ ދައްކަން ފަށައިފިއެވެ.

"މިރޭގެ ޕާޓީއަކީ ކޮން އުފަލެއްގައި ބާއްވާ ޕާޓީއެއްކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟"

އިންކާރު ކުރުމުގެ ގޮތުން އެންމެން ބޯ ހޫރާލިއެވެ.

"މިރޭގެ ޕާޓީއަކީ އަޅުގަނޑު ކާޝިފް ގާތުން ވަރިވާތީ ބާއްވާ ޕާރޓީއެއް."

އެންމެން އެކީގައި ވާހަކަ ދައްކަން ފަށައިފިއެވެ. ބައެއް މީހުންގެ މޫނުމަތިން ހައިރާންކަމުގެ އަސަރު، އަނެއް ބައެއްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެންނަން ފަށައިފިއެވެ.

ސަމީނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ދަންނަވަންތޯ؟ ކާޝިފްގެ ބައްޕަ ނިޔާވީ ސާދަ މިލިއަން ރުފިޔާގެ މުދާ ދޫކޮށްފައި. އެހުރިހައި މުދަލެއް ލިބުނީ ކާޝިފަށް. އޭނާގެ ފަހުން ލިބޭނީ އަޅުގަނޑުގެ ތިން ދަރިންނަށް. އަޅުގަނޑު އައީ ފެށުނީއްސުރެ އޭނާއަށް މަކަރު ހަދަމުން. އެކަމަކު ދެނެއް ނުހަދާނަން."

އެންމެންގެ ކަންފަތް ކޮޅަށް ޖެހުނެވެ.

"ކާޝިފްގެ މުދަލުގެ ވާރުތަވެރިންނަށް ވާން ޖެހޭނީ އޭނާގެ ދަރިން. އަޅުގަނޑު ވިހައިފައި ވަނީ އޭނާގެ ތިން ދަރިންނެއްނޫން!"

އެތައް ބައެއްގެ އަތުން ތަށި ދޫވެގެން ވެއްޓިއްޖެއެވެ. ކާޝިފް ރުޅިއައިސް ރަތްވެފައި ހަޅޭއްލަވައިގަތެވެ. "ސަމީނާ ތިޔަކިޔަނީ ކީކޭ؟"

"މިކިޔަނީ މިހެން. ކުދިން ހޯދުމުގެ ގާބިލިއްޔަތު ކީއްކުރައްތޯ އަންހެނެއްގެ ގާތުގައި ރޭކުރުމުގެ ބާރެއްވެސް ކާޝިފަކަށް ލިބިފައެއް ނެތް."

ޒޭބާ ރުޅިވެރި މޫނަކާއެކު ކާޝިފާ ދިމާއަށް ބަލަން ފަށައިފިއެވެ. "އަންހެންދުޅާ... އަހަަރެން ކައިރިވީމާވެސް ދުރަށް ދަނީ އެހެންވެގެންތާ!"

އެއްވެފައި ތިބި މީހުން ހަތަރު ބަޔަކަށް ބެހިއްޖެއެވެ. ސަމީނާއަށް ހަމްދަރުދީ ވާ ބަޔަކާއި، ނަފްރަތު ކުރާ ބައެކެވެ. ކާޝިފަށް ހަމްދަރުދީވާ ބަޔަކާއި، ނަފްރަތުކުރާ ބައެކެވެ.

ސަމީނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ދޮގު ހެދުމަލުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް- އަޅުގަނޑުގެ ތިން ކުދިންނަކީ ވަކި ތިން ފިރިހެނެއްގެ ތިން ދަރިން. ތިޔަ ބޭފުޅުން ބެއްލެވީމާ އެނގިވަޑައިގަންނަވާނެ. ތިންކުދިން އެއްވައްތަރެއް ނުވާނެ." ސަމީނާ ހިތާހިތުން ހިނިތުންވެލިއެވެ. ތިންކުދިންވެސް ވައްތަރީ އެކުދިންގެ ބައްޕަ ކާޝިފާއެވެ. އެކަމަކު މީހުންގެ ހިތުގައި ޝައްކު އުފެދުމުން ވައްތަރު ކަމެއް ނޭނގޭނެއެވެ.

އެންމެން ކާޝިފާ ދިމާއަށް ބަލަން ފަށައިފިއެވެ.

"ދަރިން އެމީހުންގެ މައިންބަފައިންނާ ވައްތަރުވާނެ." ސަމީނާގެ ވާހަކައަކަށް ހުއްޓުމެއް ނާދެއެވެ. "ހަތަރު މީހުނާ އިނުމަކީ ފިރިހެނުންނަށް ހުއްދަ ކަމެއް. އެެހެންވީމާ ކާޝިފް އެެހެން މީހަކާ އިނުމަކީ އަޅުގަނޑު ދެކޮޅުހަދާ ކަމެއް ނޫން. އެކަމަކު އޭނާގެ މުދަލާއި، ފައިސާ ހަރާން ދަރިންނަށް ލިބުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން. މިހައި ދުވަސް ވާންދެން އެކުދިން ބެލީ އޭނާ. ޚަރަދުކުރީ އޭނާ. އެވަރުން ފުދޭ."

އެތަނުން އަންހެނަކު ނުރުހިފައި އަހައިލިއެވެ. "ލަދެއް ހަޔާތެއް ނެތި އަމިއްލަ އައިބުތައް ހާމަކުރާއިރު ފިރިމީހާގެ މަތިން ހަނދާނެއް ނެތްތަ؟"

ސަމީނާ މައުސޫމު ރާގަކަށް ބުނެލިއެވެ. "އަހަރެން ވޭތުވެދިޔަ އެތައް އަހަރެއް ފާފަކުރުމުގައި ހޭދަކޮށްލީ ފިރިމީހާގެ އައިބުތައް ފޮރުވާކަށްނު؟ އޭނާގެ ޖިންސީ ނުކުޅެދުންތެރިކަން ފޮރުވާކަށްނޫންތަ؟" އޭނާގެ ތުންފަތް މައްޗަށްވިހަ ހިނިތުންވުމެއް ވެރިވިއެވެ. "އެކަހަލަ ފިރިހެނުން އެ މީހުންގެ އައިބުތައް ފޮރުވަން ކުރާ ކަމަކީ ދެ އަނތްބަށް މީހުނާ އިނުން."

ޕާޓީން ނުކުމެގެން އެންމެ ފުރަތަމަ ދިޔައީ ޒޭބާއެވެ. ކާޝިފްގެ ކައިރިން ލާފައި ދަމުން ބިންމައްޗަށް ކުޅެއް ޖަހައިފައި އޭނާ ބުންޏެވެ. "ނަޖިސް... މުޑުދާރު... މިރަށުގައި ފައިސާވެރިން މަދެއް ނޫން."

ހުރިހައި މެހްމާނުން ގޮސް ނިމިއްޖެއެވެ. މިހާރު ތިބީ ކާޝިފާއި، ސަމީނާޔާ ދެމީހުންނެވެ.

ސަމީނާ މަޑުމަޑުން ހިނގައިފައި އައިސް ކާޝިފްގެ ކައިރިއަށް ހުއްޓިއްޖެއެވެ.

"ކާޝިފާއެކީ އަަހަރެންވެސް މުޅި ރަށަށް ބަދުނާމު ވެގަތް ސަބަބު އެނގޭތަ؟ އެއީ، ރުޅިއައިސްގެން އަަހަރެން ވަރިކުރޭތޯ. މުޅި އުމުރުދުވަސް ލޯބީގައި ހޭދަކުރި ދެމަފިރިއަކު ވަރިވާން ޖެހުނީމާ ކުރާ އަސަރު އެނގޭނީ އޭރުން. އަހަރެން ދޫކޮށްލާފައި އެހެން މީހެއްގެ އުރަށް ވަންނަން ކާޝިފް ޚިޔާލުކުރީތީ އަހަރެން ހައިރާންވެސްވި. އަހަންނަކީވެސް އަންހެނެއް. ހެޔޮވާންވެސް ދަންނަން. ނުލަފާވާންވެސް ދަންނަން. ދެން ކާޝިފް ކިތަންމެ ގިނަ ބަޔަކާ އިނަސް ޒޭބާއަކާ ނީނދެވޭނެ. އޭނައެއް ނީންނާނެ."

ކާޝިފް ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އޭނާގެ ބޯ އަނބުރަން ފަށައިފިއެވެ.

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.