ލަވަކިޔާ ކުއްޖާ


ނޯޓު: މިއީ އަފްޣާނިސްތާނުގެ ލިޔުންތެރިއެއް ކަމަށްވާ ޢަބްދުލްވަކީލް ސުލަމާލް ޝިންވާރީ ލިޔުއްވައިފައިވާ ކުރު ވާހަކައެއްގެ ތަރުޖަމާ އެކެވެ. ސުލަމާލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1964 ވަނަ އަހަރުއެވެ. އޭނާ ތަޢުލީމު ހާސިލު ކުރެއްވީ އަފްޣާނިސްތާނުންނާއި، ކުރީގެ ސޯވިއެޓް ޔޫނިއަނުންނެވެ. އޭނާ ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވައިގަތީ 1994 ވަނަ އަހަރު ޕާކިސްތާނުގެ ޕިޝާވަރުގައެވެ.

އެއީ “ރައިޓަރސް ޔޫނިއަން އޮފް ފްރީ އަފްޣާނިސްތާން” އަށް ނޫސްވެރިއެއްގެ ގޮތުގައި ލިޔުއްވަން ފެށްޓެވި ހިސާބުންނެވެ. 1995 ވަނަ އަހަރު އެ ވަޒީފާ ދޫކޮށްލެއްވުމަށް ފަހު އޭނާ ސްލޮވަކް ރިޕަބްލިކަށް ހިޖުރަ ކުރެއްވިއެވެ. އަދި އޭގެ ފަހުން އިނގިރޭސި ވިލާތަށް ބަދަލުވެ ވަޑައިގަތެވެ. ސުލަވާލް ވަނީ ވަރަށް ގިނަ ޢިލްމީ ލިޔުންތައް ލިޔުއްވައިފައެވެ. އެ ލިޔުއްވުންތައް އަފްޣާނިސްތާނާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ މަޖައްލާތަކާއި ނޫސްތަކުގައި ވަނީ ޝާއިޢު ކުރެވިފައެވެ. އޭނާ އަކީ ރޫސީ ބަހާއި ސްލޮވަކް ބަހާއި ދާރީ ބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ މާދަރީ ބަހަކީ ޕަޝްތޯ ބަހެވެ. މިހައި ތަނަށް އޭނާ ލިޔުއްވައިފައިވާ ތިން ފޮތެއް ވަނީ ޕަޝްތޯ ބަހުން ޝާއިޢު ކުރެވިފައެވެ. އެއީ ހައްތަހާވެސް ކުރު ވާހަކަ ފޮތެވެ.


އަންހެން ކުއްޖާ ލަވަ ކިޔާން ފަށައިފިއެވެ. އޭނާ ލަވަ ކިޔަމުން ދަނީ އިސްޓޭޖެއްގެ މަތީގައި ހުރެގެންނެވެ. އެއީ ކާވެންޏެއްގެ ރަސްމިއްޔާތެކެވެ. އޭނާ ކިޔާ ލަވައިގެން މާނައަކީ މިއީއެވެ.

“އޭ އަހަރެންގެ ލޯބިވެރިޔާއެވެ. ކަލާގެ ލޯ ވަނީ ރަތް ވެފައެވެ. މިއަދު ކަލާ ވަރަށް ގިނަ އިރު ރޮއިފީމުއެވެ.”

ބޭރުގައި ތިބި ޒުވާން ފިރިހެނުންގެ ހިތުގައި އަނދަމުން ދަނީ ލޯބީގެ އަލިފާނެވެ.

ޖައްބާރް ކުއްލިއަކަށް ބުނެލިއެވެ.“ޔާ ރައްބީ! އެއީ ކާކުބާ؟ ލަވަ ކިޔުންތެރިޔާ ކަމަރް ގުއްލާގެ އަޑުވެސް އެހައި ރީއްޗެއް ނުވާނެ.”

ގުލް މަރްޖާން ފަޚުރުވެރި ކަމާއެކު ބުނެލިއެވެ.“ލަވަކިޔުންތެރިޔާ ބަޚްތު ޒަމީނާގެ އަޑަށްވުރެވެސް އެ ކުއްޖާގެ އަޑު މާ ރީތި.”

އޭނާއަށް ފުރުސަތު ލިބުނީމާ ސަލާމް ހިނިތުން ވެލައިފައި ބުންޏެވެ.“އޭނާގެ އަޑު ނަޣުމާގެ އަޑުހައި ރީތި. އެންމެ ހަރުކަށި ފިރިހެނުންގެ ހިތް މަޑު ކަފަކޮޅަކަށް ހަދައިލާހައި ރީތި އަޑެއް.”

ރާޒް މުޙައްމަދު އޭނާގެ ވާހަކަ މެދު ކަނޑައިލި އެވެ.“ރަޙްމަތްތެރިޔާ! އެ އަޑުގެ ސަބަބުން އަހަރެން މިހާރުވެސް މޮޔަ ވެއްޖެ.”

އެ މީހުން ވާހަކަދައްކަމުން ދަނިކޮށް އެ ކުއްޖާ އެހެން ލަވައެއް ފައްޓައިފިއެވެ.“ޖަންގަލި ތެރޭގައި ރީތި ޖިފުޓިއެއް އަޅަމާ…”

މި ލަވަޔާއެކު ޖައްބާރް ޖާދޫއެއްގައި ޖެހުނު ކަހަލައެވެ.“ޔާ ރައްބީ! ޔާ ރައްބީ! މިއީ ކޮންމެ ފިރިހެނެއްގެ ހިތްވެސް ކަތިލާ ފަދަ ރީތި ލަވައެއް. ކުރީގެ ލަވައަށްވުރެ މި ލަވަ މާ އަސަރު ގަދަ. މާ ފޮނި.”

ދެން އޭނާ ރަޙްމަތްތެރިންނާ ސުވާލު ކޮށްލިއެވެ.“އެއީ ކޮން ކުއްޖެއް؟”

ކަމާލް ބުންޏެވެ.“މާތްކަލާނގެ ދެނެވޮޑިގެން ވާނީ. އެއީ ކާވެންޏަށް އައި މެހުމާނަކަށް ވެސް ވެދާނެ. ހީރަތާއި ޤަންދަހާރްގައި ފިރިހެން ކުއްޖާގެ ގާތް ތިމާގެ މީހުން ވަރަށް ގިނައިން އުޅޭ. މި ޕްރޮވިންސްގައި ވެސް އޭނާގެ ރައްޓެހިން ވަރަށް ގިނަ ވާނެ. ނޫންތަ؟”

ޖަންދާދް އެ ވާހަކައަށް ތާއީދު ކުރިއެވެ. “އާނ! އެމީހުންގެ މައިންބަފައިންނަކީ ކިޔަވައިގެން ތިބި ބައެއް. އަހަރެމެން ކަހަލަ ބައެއް ނޫން. އެ މީހުން ހަރުފަތަކުން ހަރުފަތަކުން ކުރި އަރަމުން އައީ. މުދައްރިސުކަން ކުރި. އޭގެ ފަހުން ކުރި އަރަމުން ގޮސް ސަރުކާރުގެ މަތީ މަގާމުތައް ވެސް އަދާ ކުރި.”

ޖަންދާދް ވެސް ހުރީ އެ ލަވައިގެ ޖާދޫގައި ޖެހިފައެވެ. އޭނާ ކުއްލިއަކަށް ޚިޔާލެއް ހުށަހަޅައިފި އެވެ.“އެ ރީތި އަޑުގެ ވެރިޔާ އަކީ ކޮން ކުއްޖެއްކަން އޮޅުން ފިލުވައިގެން އަންނާން ކެރޭނީ ކާކަށް؟”

ވަލާޖާން ސުވާލު ކޮށްލިއެވެ. “ތިޔަ ކަން ކުރި މީހަކަށް ލިބޭނޭ އިނާމަކީ ކޮބާ؟”

ޖައްބާރް ބުންޏެވެ.  “ޖާނީގެ ދަރިޔާ-! ކަލޭ އެކަންތައް ކޮށްފިއްޔާ އަހަރެން ކަލޭގެ އަޅަކަށް ހުންނާނަން.”

ވަލާޖާން ހީނގެންފައި ބުންޏެވެ.“އަޅަކަށް ވުމުގެ ވާހަކަ ބާއްވާ! އަހަރެން ބުނާ ކަމެއް ކުރަން ވާނެ.”

“ކޮން ކަމެއް؟” ޖައްބާރް ސުވާލު ކޮށްލިއެވެ.

“އެ ލަވަ ކިޔާ ކުއްޖާ އާއި، އަހަރެންގެ އެންގޭޖްމަންޓް ގެ ކަންތަކުގައި އަހަރެންގެ ބަދަލުގައި ކަލޭގެ މަންމަ ބައިވެރި ކުރުވަން ވާނެ.”

ޖައްބާރް ސުވާލު ކޮށްލިއެވެ. “އެއީ ވަރަށް ހުތުރު ކުއްޖަކަށް ވެއްޖެއްޔާޔޯ؟”

ވަލާޖާން ބުންޏެވެ. “އެއީ ހާމުންޑިއަކަށް ވިޔަސް އެންމެ ރަނގަޅު. އަހަރެން އެ ކުއްޖާގެ ރީތި ކަމަކަށް ނުބަލާނަން. އަހަރެން މަސްތު ކުރުވަނީ އެ ކުއްޖާގެ އަޑުން.”

ޖައްބާރް ބުންޏެވެ.“އަޑު އެހައި ރީތި ވެފައި އެ ކުއްޖާ ވަރަށް ރީތި ކުއްޖަކަށް ވެއްޖެއްޔާ ކަލެއަށް އެތައް ޢީދެއް އެއް ފަހަރާ އައީތާ؟”

ވަލާޖާން ބުންޏެވެ.“އެންމެ ރަނގަޅު. ހިތްވަރެއް ހުރީ ވިއްޔާ ކަލޭ ގޮސް ބަލާފައި އާދޭ. އޭރުން އެންގޭޖްމަންޓް ޕާޓީގައި އަހަރެން ކަލޭގެ ގާތުގައި ހުންނާނަން.”

ޖައްބާރް ހީނގަތެވެ.“ރަޙްމަތްތެރިޔާ! އަހަންނަކަށް ނުކެރޭނެ. އަހަންނަކީ އެހައި ހިތްވަރު ގަދަ މީހަކީމެއް ނޫން. އެ މީހުން އަހަރެން ތަޅައި މަރައިފާނެ.”

އެ މީހުން ވާހަކަ ދައްކަން ތިއްބައި މުޙައްމަދު ކިޔައިފިއެވެ. “ވަލާޖާން! ކަލޭ ތިޔައީ ހޯނަކަށް ވުރެ ހަލުވި މީހެއް. އެހެރަ ގަހަށް އަރައި ބަލައިލާ! އެ ކުއްޖާ ވެސް ފެނިދާނެ. ދެން ތިބި ކުދިންވެސް ފެނިދާނެ.”

އޭނާ މިހެން ބުނީމާ ވަލާޖާން، ގޯތީގެ އެއް ފަރާތު ފާރު ކައިރީގައި ހުރި ބޮޑު ގަހަކާ ދިމާއަށް ދުއްވައިގެންފިއެވެ. އެ ދިޔަ ގޮތަށް ގޮސް ހަލުވި ކަމާއެކު އެ ގަހަށް އަރައިފި އެވެ. އޭރު އެ އަންހެން ކުއްޖާ އެހެން ލަވައެއް ފައްޓަނީއެވެ. “އަހަރެންގެ ބަނޑިޔާގެ އަނގަމަތި ހުރީ ރަތް ކުލައިގައެވެ. އެކަމަކު އަހަރެންގެ ހެދުމުގެ ކުލަ ހުދެވެ. ނޫން ހެއްޔެވެ؟ އަހަރެންގެ ކަރުގިލޭގެ އަޑު ކަލާއަކަށް ނީވޭ ހެއްޔެވެ؟”

ވަލާޖާން އެތާނގައި ތިބި އަންހެން ކުދިންނާ ދިމާއަށް ބަލާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާއަށް އެ ކުއްޖާ ފާހަގަ ކުރެވިއްޖެއެވެ. “ޔާ ރައްބީ! އެއީ ޚޮބާނާ!” އޭނާއަށް ބުނެލެވުނެވެ.

އޭނާ އެހެން ކުދިންނާ ދިމާއަށް ވެސް ހިތް ފުރެންދެން ބަލާފައި ގަހުން ފައިބައިފި އެވެ.

އޭނާ އެނބުރި ރަޙްމަތްތެރިން ގާތަށް އައީމާ ޖައްބާރް ސުވާލު ކޮށްލި އެވެ. “ކޮބާ ކިހިނެއް؟ އެ ކުއްޖާގެ އަޑުހައި ބުރުސޫރަވެސް ރީތިތަ؟”

ވަލާޖާން އަނގަޔަކުން ނުބުނެއެވެ. އެހެންނަމަވެސް ޙައިރާންވާފަދަ އާދަޔާ ޚިލާފު ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިވެއްޖެއެވެ.

ޖައްބާރް ސުވާލު ކޮށްލިއެވެ.“ކަލޭ ހިނިތުން ވަނީ ކީއް ވެގެން؟ ފެނުނު މަންޒަރުން ހިތް ހަމަ ޖެހޭ ވަރު ނުވީތަ؟ ލަވަ ކިޔަނީ މެހުމާނެއްތަ؟”

ޖައްބާރްގެ އިތުރުން ދެން ތިބި ރަޙްމަތްތެރިން ވެސް އޭނާޔާ ސުވާލު ކުރަން ފަށައިފިއެވެ. “އެއީ ކޮން ކުއްޖެއް؟ ވަރަށް ރީތި ކުއްޖެއްތަ؟”

“އެ ކުއްޖާ ނުއެއް ނަށާތަ؟”

“އެއީ ދޮން ކުއްޖެއްތަ؟ ކަޅު ކުއްޖެއްތަ؟ ސިފަ ކިޔައި ދީބަލަ؟”

ވަލާޖާނަކަށް ހިމޭނަކުން ނުހުރެވުނެވެ. އެންމެ ފަހުން ޖައްބާރާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. “އަހަރެން މިހެން ބުނީމާ ކަލޭ ދެރަ ވެދާނެ. އެކަމަކު އެއީ އަހަރެންގެ ކޮއްކޮއެއް ކަހަލަ ކުއްޖެއް.”

ވަލާޖާންގެ ވާހަކައަކުން ޖައްބާރްގެ ހިތެއް ހަމައެއް ނުޖެހުނެވެ. “ތިޔަ ކިޔަނީ ކީކޭ؟ މާ ދުރުދުރުން ތިޔަ ގެންދަނީ ކީއް ވެގެން؟ އެއީ ކާކު؟ ކޮންމެ މީހެއްގެ ކޮއްކޮ އަކަށް ވިޔަސް ކަލޭ ލަދު ގަންނާނެ ކަމެއް ނެތެއްނު؟”

ވަލާޖާން ވަރަށް މަޑުމަޑުން ބުނެލިއެވެ. “އެއީ ކަލޭގެ ކޮއްކޮ ޚޮބާނާ!”

ޚޮބާނާގެ ނަން އިވުމާއެކު ޖައްބާރް ރުޅި އައިސް ރަތް ވެއްޖެއެވެ. ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.“އޭނާގެ ހަތަރެސްފައި ބިންދާލާފައި ނޫނީ އަހަރެން ނޭވައެއް ނުލާނަން.” އޭނާ ކާވެނި ޕާޓީ އޮތް ތަނަށް ދާން ހިނގައިގެންފި އެވެ.

ވަލާޖާން އޭނާގެ ގައިގައި އޮޅުލައިގެންފައި ބުންޏެވެ. “މައިތިރިވޭ! އެއީ އަވަށު ކުއްޖެއްގެ ކާވެނި ޕާޓީއެއް. ޕާޓީގައި އަހަރެންގެ މަންމަޔާއި ކަލޭގެ ކޮއްކޮއާ ލަވަ ނުކިޔައި، ދެން ލަވަ ކިޔާނީ ވަކި ކާކު؟”

ޖައްބާރް ރުޅި އައިސްފައި ބުންޏެވެ.“އެއީ އަހަރެންގެ ކާވެނިތަ؟ ނޫނީ އަހަރެންގެ ބައްޕަގެ ކާވެނިތަ؟ އެއީ ބޭރު ބައެއްގެ ކާވެންޏެއް. އަހަރެންގެ ކޮއްކޮއަށް ވެސް އެކަން އެނގޭނެ.”

ކަމާލް ބުންޏެވެ. “މާ ކަންތައްގަނޑު ބޮޑު ކުރަން ނޫޅޭ! މިއީ އަހަރެމެންގެ އަވަށް. އަވަށުގެ އެންމެންނަކީ އަޚުންނާއި އުޚުތުން.”

އެކަމަކު އެމީހުން ދެއްކި ވާހަކައެއް އޭނާ އަޑެއް ނޭހިއެވެ. ވަލާޖާން ފޮޅުވައިލައިފައި ހިނގައިގެންފިއެވެ. އައިސްފައި ހުރި ރުޅީގެ ސަބަބުން އޭނާގެ ލޯ ހުރީ ރަތް ވެފައެވެ.

(ނިމުނީ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.